ކޮވިޑް 19ގެ ނުރައްކާ ނެތް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުް ހަދައިގެން ނަމާދު ކުރުމަށް ހުއްދަ ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.
އެކޯލިޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަހަރުގެ ރަމަޟާން މަސް އަލްވަދާއު ކިޔުމާ ގާތްވެފައިވާއިރު، ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ތަރާވީހް ނަމާދު ކުރުމާއި ދަމުނަމާދު ކުރުމަށް ހުރަސް އެޅިފައި ވުމަކީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
“ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ގުނަމުންދާއިރުވެސް ބަލީގެ ނުރައްކާ ނެތް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާވެފައި އޮތުމަކީ ރާއްޖޭގައި ތިބި އިސްލާމްދީނަށް ލޯބިކުރާ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ. އަދި ކޮވިޑުގެ ނުރައްކާ ނެތް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކުރެވޭނެ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރަމެވެ.” ބަޔާނުގައި ބުނެފައިވެ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ ކޮވިޑުގެ ނުރައްކާ ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.