ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ސަރުކާރުން ދިނުމަށް ހަމަޖައްސާފައިވާ “އިންކަމް ސަޕޯޓް އެލަވަންސް” އަށް އެދުމުގެ ފުރުޞަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 5000ރ އެވެ. މި ފައިސާ ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 1 މާރޗް 2020 ވަނަ ދުވަހާ ހަމައަށް ވަޒީފާގައި ދެމިތިބި ފަރާތްތަކާއި، 1 މާރޗް 2020 ވަނަ ދުވަހާ ހަމައަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތްތަކާއި، އަދި އެހެނިހެން ގޮތްގޮތުން އާމްދަނީ ލިބެމުން އައި ފަރާތްތަކެވެ
އިކޮނޮމިކް މިނިސްޓްރީން ވަނީ އެލަވަންސް އަށް އެދި ހުށަނާޅާ ފަރާތްތަކަށް ސުންގަޑިތަކެއްވެސް ކަނޑައާޅާފަ އެވެ. އެގޮތުން 1 މާރޗް އިން 30 އެޕްރީލްގެ ނިޔަލަށް އާމްދަނީ އަށް ނުރަނގަޅު ކޮށްފައިވާ ފަރާތަތަކުން މެއި މަހުގެ 30 ގެ ކުރިން ފޯމް ހުށައަޅަން ޖެހެއެވެ. 1 މެއި އިން 31 މެއި ގެ ނިޔަލަށް އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ޖޫންމަހުގެ ހަތްވަނަ ދުވަހުގެ ކުރިން ފޯމު ހުށައަޅަން ޖެހެ އެވެ. 1 ޖޫން އިން 30 ޖޫން ގެ ނިޔަލަށް އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް ފޯމު ހުށައަޅަންދީފައިވާ ސުންގަޑި އަކީ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެވެ.
ފައިސާގެ މި އެހީ ދޫކުރުމަށް ސަރުކާރުން ނިންމާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. ވަޒީފާއެއް ހޯދައިދީފި ކަމުގައިވަނީނަމަ ވަޒީފާއަކަށް ދިއުމާއި، ސަރުކާރުން ހިންގާ ތަރައްގީގެ ޕްރޮގުރާމެއްގައި ބައިވެރިވުމަށް މި އެލަވަންސް ލިބޭ ފަރާތްތަކަށް ޝަރުތު ކުރެއެވެ.
މި އެލެވެންސް ދިނުމަށް ހަމަޖެހިފައިވަނީ 01 މާރޗް 2020 ގެ ފަހުން ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއިން ވަކި ކޮށްފައިވާ ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި ނޯޕޭ ލީވްއަށް ފޮނުވާލާފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާ އެވެ. އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް، އުނިކޮށްފައިވާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ 5،000 ރުފިޔާ އިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު އެލެވެންސްގެ ގޮތުގައި ލިބޭނެއެވެ.