އަރަބި އަދި ތާނަ ލިޔުމަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ކުދިންނަށް މަޖުބޫރު ދެ މާއްދާގެ ގޮތުގައި ހަދައިފި އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު “މިހާރު” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކުދިން އެންމެ ތުއްތު އިރުން ފެށިގެން އިސްލާމާއި ދިވެހި މާއްދާ އަށް ލޯބި ޖައްސަން ޖެހޭ ކަމަށެވެ. އެގޮތުން އަރަބި ބަހާއި ދިވެހިން [ތާނައިން] އެންމެ ކުޑަމިނުން އަމިއްލަ ނަން ލިޔަން އެނގެން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ މިސާލެއްގެ ގޮތުގައި ރަޝީދު ދެއްކެވީ ގްރޭޑް 10 ނިންމާ ކުއްޖެއްގެ އަތުލިޔުން އެހެން މީހަކަށް ކިޔަން އުނދަގޫވާ ވަރަށް ހަޑިކޮށް ލިޔާ މައްސަލަ އެވެ.
“ގްރޭޑް 10 ނިންމާ ކުއްޖެއްގެ ދިވެހި އަތުލިޔުމުން ފ، ދ، ލ އަދި ޅ އަކުރު އޮޅުން ނުފިލާނެ. ލާހިކެއް ނޫން ވަކިކުރާކަށް. އެއް ވެފައި ހުންނާނީ. އަރަބިން ލިޔެލަން ނޭނގޭނެ އަމިއްލަ ނަން ވެސް،” ރަޝީދު ވިދާޅުވިި އެވެ.
އެހެންވެ، ދިވެއްސާއި އަރަބި ބަހުން ރީއްޗަށް ލިޔަން ދަސްކޮށްދިނުން ދަށް ގްރޭޑްތަކާ ހިސާބުން ފަށަން ޖެހޭކަން ފާހަގަ ކުރެއްވި އެވެ. އަދި، މި އަހަރުން ފެށިގެން އަރަބި އަދި ތާނައިން ލިޔުން މަޖުބޫރު މާއްދާއަކަށް އަހުމަދިއްޔާގައި ހަދައި، ގްރޭޑް 1 އިން 8 ގެ ކުދިން އެ ނިންމުމަށް އަމަލުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
”އެއީ އަޅުގަނޑުމެންގެ އަމިއްލަ ރީތި ބަސް. އެއްވެސް ކުއްޖަކަށް ނޭނގޭނެ އަރަބިން އެ ކުއްޖެއްގެ އަމިއްލަ ނަން ވެސް ރީތިކޮށް ލިޔެލާކަށް. އަޅުގަނޑުމެން މުސްލިމުން އަރަބިން ނަން އެންމެ ކުޑަމިނުން އެނގެން ވާނެ. ތާނައިން ރީއްޗަށް ލިޔަން އެނގެންވާނެ [އެ ކުއްޖެއްގެ] ނަން،“ އޭނާ ވިދާޅުވި އެވެ.
އެހެންވެ މި އަހަރުން ފެށިގެން އަރަބި ތާނައިން ލިޔުން އެއީ ވަކިން މަޖުބޫރު މާއްދާއެއްގެ ގޮތަށް ހަމަޖައްސައި ރިޕޯޓު ފޮތަށް މާކްސް އަރުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިހާރު 258 ޓީޗަރުން ކިޔަވައިދޭ އަހުމަދިއްޔާ ސްކޫލުގެ ކިޔެވުން މިއަދު ފެށުނު ދިރާސީ އާ އަހަރާއެކު އެއް ދަންފަޅި އަށް ވަނީ ބަދަލުކޮށްފަ އެވެ.





