ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށާއި، ޖަމްޢިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް ދީފި އެވެ.
މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާ އެވެެ. އިނާމުތައް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ފަދަ އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުންދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު، މި އަހަރު ލިބިފައިވަނީ ތިން ބޭފުޅަކަށާއި މަދަނީ ޖަމިއްޔާއަކަށެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތް ބޭފުޅުންނަކީ:
– އަހުމަދު އާމިރު (ފަރެސް އާމިރު) – ދިވެހި އަދަބިއްޔާތުގެ ދާއިރާ: ފަރެސް އާމިރަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ޅެންވެރިކަމުގެ ރޮނގުންނާއި، ދިވެހި ބަހުގެ މަންހަޖު އެކުލަވައިލުމުގެ އިތުރުން މުގައްރަރުތަކާއި ފޮތްތައް ލިޔުއްވުމުގައި އޭނާ ވަނީ 17 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ. އާމިރު ވަނީ ގައުމީ ޔުނިވާސިޓީގެ ޑިގްރީ ކޯސްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން، ސްކޫލް ކުދިންނަށް ހިލޭސާބަހަށް ޅެންވެރިކަމުގެ ތަމްރީނުތައް ފޯރުކޮށްދެއްވައި، މި ދާއިރާއިން އާ ޖީލެއް ބިނާކުރުމަށް ބޮޑު ހިއްސާއެއް ވެވަޑައިގެންފައެވެ.
– އިބްރާހިމް ރަޝީދު – އިމާރާތް ކުރުމާއި އިމާރާތް ޑިޒައިން ކުރުމުގެ ދާއިރާ: އާރުސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދަކީ 1970 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާގެ ދުރުވިސްނޭ މޭސްތިރިކަމުގެ ދަށުން އާރުސީސީ ވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި އެންމެ އިތުބާރުހުރި އަދި ކާމިޔާބު އެއް ކުންފުންޏަށް ހަދާފައެވެ. ގައުމުގެ އުމްރާނީ ތަރައްގީގައި އޭނާގެ ހިއްސާ ނުހަނު ބޮޑެވެ.
– ނަޖުމާ ހުސައިން – ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ: ގ. ނޫރީފެހި، ނަޖުމާ ހުސައިނަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ އެންމެ ފުންނާބު އުސް އެއް ޝަހުސިއްޔަތެވެ. ދިވެހިރާއްޖޭގެ އަޑުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ނަޖުމާއަކީ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ މަޝްހޫރު ޕްރެޒެންޓަރެކެވެ. ރާއްޖޭގެ މީޑިއާގެ ދާއިރާ ކުރިއެރުވުމަށް އޭނާ ކުރެއްވި މަސައްކަތްތައް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބުނު ޖަމިއްޔާއަކީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އެވެ. 1988 ވަނަ އަހަރު އުފެދުނު މި ޖަމިއްޔާއަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި، ހާއްސަކޮށް ތެލެސީމިއާއަށް އާންމުން ހޭލުންތެރިކުރުވުމާއި އާއިލީ ސިއްހަތު ކުރިއެރުވުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.
މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނާއި ދާއިރާތަކަކީ:
– ހައްވާ ލަތީފު (މުޝްތަރީގެ، ގއ. ދާންދޫ): އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ.
– މުހައްމަދު ނަސީރު (ދަނބުގެ، ހދ. ވައިކަރަދޫ): ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ.
– ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު (ހުޅުމާލެ): ދިވެހި ތާރީހުގެ ދާއިރާ.
– މުހައްމަދު އަހުމަދު (ވިނަރެސް 10): ސިއްހީ ދާއިރާ.
– ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާ.
– އަރުޝަދު އަހުމަދު (ފަހިވާ، ހއ. އުލިގަން): މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ.
– އާއިޝަތު ނައުރާ (ހ. ސީޓް): ކުޅިވަރުގެ ދާއިރާ.
– އިސްމާއީލް އަބްދުލްޣަފޫރު (ހ. އަރިހިޔާ): ވިޝުއަލް އާޓްސްގެ ދާއިރާ.
މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ވަނީ ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ނުހަނު ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އަލްމަރުހޫމް އިހްސާން އަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް ވެސް ހިދުމަތުގެ ގައުމީ އިނާމު އަރުވާފައެވެ.
ހިތްވަރު ދިނުމުގެ ގައުމީ އިނާމަކީ ދިވެހި ގައުމާއި މުޖުތަމައުގެ ލާބައަށްޓަކައި، ވަކިވަކި ފަރުދުންނާއި، މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ވިޔަފާރި އިދާރާތަކުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ބަލައިގަނެ، އެކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދައުލަތުން ދެއްވާ އެންމެ މަތީ ޝަރަފެވެ. މި އިނާމު ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމަކީ ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޝަރަފުގެ ތެރޭގައި ހިމެނޭ އިނާމެކެވެ. މި އިނާމު ދިނުމުގެ މަގުސަދަކީ ގައުމުގެ ތަރައްގީއާއި މުޖުތަމައުގެ ލާބައަށްޓަކައި ދިގު މުއްދަތަކަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކުގެ ހިދުމަތް ބަލައިގަނެ، އެކަން ފާހަގަކުރުމެވެ.






