މަދިރި މަދުކުރުމުގެ 1 އަހަރުދުވަހުގެ ޕްރޮޖެކްޓެއް މާޅޮހުގައި ފަށައިފި

IMG-20200301-WA0004.jpg

ބ. މާޅޮހުގައި ކުރިޔަށްދާ މޮސްކިޓޯ ކޮންޓްރޯލް ޕްރޮޖެކްޓްގެ ތެރެއިން / ފޮޓޯ: މާޅޮހު ކައުންސިލް

ލަނޑާގިރާވަރު ރިސޯޓާ، މާޅޮހު ކައުންސިލް ގުޅިގެން، ބ. މާޅޮހުގައި އުފެދޭ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ.

މިދިޔަ ހަފްތާ ބަންދުތެރޭގައި ފެށި މިޕްރޮޖެކްޓަކީ 1 އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ ހަރަކާތެއްކަމަށް ބ. މާޅޮހު ކައުންސިލުން ބުނެއެވެ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ މި ޕްރޮޖެކްޓްގެ މަގްސަދަކީ މާޅޮހުގައި މަދިރި އުފެދޭގޮތަށް ހުރި ތަންތަން ނައްތާލައި، މަދިރީގެ ޒަރީއާއިން ކުރިމަތިވަމުން އަންނަ ބަލިމަޑުކަމުން ރަށުގެ ރައްޔިތުން ސަލާމަތްކުރުން ކަމަށެވެ.

“އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެތެރޭގައި މަދިރިއުފެދޭ މިންވަރު އިތުރުވެ ބަލިމަޑުކަން އަބަދުވެސް މިއޮންނަނީ ސަލާމަތްނުވާ ހިސާބަށްގޮސްފަ. މިޕްރޮޖެކްޓް 1 އަހަރަށް ކުރިޔަށްދާއިރު މުޅިރަށުގައި ހުރި މަދިރިއުފެދޭ ތަންތަން ނައްތާލައި، އެފަދަ ކަންކަމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރެވޭނެ. ފޯސީޒަން ލަނޑާގިރާވަރުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން މިކަން ކުރިޔަށްމިދަނީ.

ޝުޖާ ވިދާޅުވީ މިޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށްޓަކައި 1 އަހަރު ދުވަހުގެ މުއްދަތަށް ލަނޑާގިރާވަރުގެ މުވައްޒަފަކު މާޅޮހުގައި މަސައްކަތް ކުރާނެކަމަށެވެ. އަދި ކައުންސިލް މުވައްޒަފުންނާއެކު، ކޮންމެ ދުވަހަކުވެސް މިޕްރޮޖެކްޓްގެ ދަށުން ރަށުގައި މަސައްކަތް ކުރެވޭނެކަމަށް ޝުޖާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަހަކު އެއްދުވަހު މުޅިރައްޔިތުން މިޕްރޮޖެކްޓްގެ އަމަލީ މަސައްކަތު ދުވަހެއް ފާހަގަކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ހަސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް މާޅޮހު ކައުންސިލަކީ ކުނި މެނޭޖްކުރުމުގައާއި، އެހެނިހެން ބައެއް މަޝްރޫއުތައް ހިންގުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ކައުންސިލެކެވެ. ޝުޖާއު ވިދާޅުވީ މަދިރި ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ މިއީވެސް ނަމޫނާ މަސައްކަތެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމެއްކަމުގައި ވެގެންދާނޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top