ނަމަށް ބަލާނެކަމެއް ނެތް. ވޯޓުދޭނީ ރުކަށް :އެމްޕީ ސަލީމް .

0-02-06-83962f781809ލަސތ.jpg

 

އަންނަ އެޕްރީލް މަހުގެ 4ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ނަމަށް ނުބަލައިރުކަށް  ވޯޓު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުކުރުދުވަހުގެ ރޭ އޭދަފުށީގައި ޕީޕީއެމްގެ މެންބަރުންނާއި ބައްދަލުކުރައްވައި އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

އޭދަފުށީގައި ދިރިއުޅޭ ޕީޕީއެމްގެ ގިނަ މެންބަރުން ބައިވެރި މި ބައްދަލުވުމުގައި، ސަލީމު ވިދާޅުވީ ދިވެހި ގައުމާއި އިސްލާމްދީން ހިމާޔަތް ކުރުމަށް އޮތް ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހިއްޕަވައިގެން ޕީޕީއެމް އަށް ވޯޓުދެއްވުށެވެ. އެއީ ގައުމުގައި ހުއްޓިފައިވާ ތަރައްގީއާއި ހުރިހާ ދިމާލަކުން ފެންނަމުންދާ މާޔޫސީ އާއި ކަންބޮޑުވުންތަކުގެ ހަމައެކަނި ހައްލު ކަމުގައެވެ.

“މި ގައުމު ދަތުރު ކުރަމުން މިދަނީ ރަނގަޅު މިސްރާބަކަށް ނޫންކަން އެންމެންވެސް ގަބޫލު ކުރޭ. އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތް ކުރި ޕާޓީތަކަށްވެސް މިހާރު އެބަ އެނގޭ މިއީ ހެދުނު ގޯހެއްކަން. ދެން މި މިސްރާބު ބަދަލު ކޮށް މައިތިރި ކުރެވޭނީ ހަގީގަތުގައި ޕީޕީއެމްއަށް މެޖޯރިޓީ ލިބިގެން. އެހިސާބުން ސަރުކާރަށްވެސް އެނގޭނެ ގޯސް ފިޔަވަޅު ތަކެއް އެޅިއްޖެކަން. ރައްޔިތުން މިހާރު ބަލައިނުގަންނަކަން. ތިމަންނަމެންގެ ސިޔާސަތު ބަދަލު ކުރަން އެބަ ޖެހޭކަން.”ސަލީމް ވިދާޅުވި އެވެ.

“އެހެންވީމާ ވަރަށް އާދޭހާއެކު މިއެދެނީ ރައްޓެއްސަކަށް، ތިމާގެ މީހަކަށް، ގާތް މީހަކަށް ބެލުމެއްނެތި ޕާޓީއަށް ވޯޓުދެއްވާށޭ. އިދިކޮޅުން ތިމަންނައަށް އެއް ވޯޓު ދޭށޭ ބުނާމީހާއަށް ވެސް ވޯޓު ނުދެއްވާށޭ. އަދި ތިމަންނައަށް އެއްވޯޓު ދީފަ ދެން ހުރި މީހުންނަށް ވޯޓު ދޭށޭ ބުނާ މީހުންނަށްވެސް އެކަން ނުކޮށްދީ އަޅުގަނޑުމެންގެ ހަތް މީހުންނަށް، ރުކަށް ވޯޓު ދޭންވާނީ.” ޖޯޝްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން، ބައިވަރު ނަންތަކެއް ވޯޓު ކަރުދާސް ކޮޅުގައި އޮންނާނެކަން ފާހަގަކުރައްވަމުން ވޯޓު ލާއިރު އެކަމަށް ވަރަށް ބޮޑަށް ވިސްނުމަށް ސަލީމް އެދިވަޑައިގެންނެވިއެވެ. އެހެން ނޫނީ ވޯޓު ބާތިލުވެދާނެ ކަމަށާއި ނޫންނަމަ އިދިކޮޅަށް ހިނގައިދާނެކަަމަށް ވިދާޅުވި އެވެ.

“ނަމަށް ބަލާނެކަމެއްނެތް. ހަމަ އެދާގޮތަށް ގޮސް ރުކަށް ވޯޓު ދެއްވާ ! އެގޮތް ފަސޭހާ ވާނީ. ކެމްޕޭނަށް ގޭގެއަށް ދާއިރުވެސް ރުކަށް ވޯޓު ދެއްވަން ވިދާޅުވޭ. އެއީ އެންމެ ފަސޭހަ ގޮތް. އެހެން ނޫނީ ގިނަ ނަންތަކެއް ހުރުމުން ފަހަރުގައި އޮޅިގެން އިދިކޮޅަށްވެސް ވޯޓެއް ދެވިދާނެ. ނޫނީ ބާތިލް ވޯޓަކަށްވެސް ވެދާނެ. ވަރަށް ބޮޑަށް ވިސްނައިގެން ގޮސް އަދަދު ހަމަކުރާނީ. އެންމެ ވޯޓެއްވެސް ބާތިލް ނުވާނެ ގޮތަކަށް.” ސަލީމު އޮޅުންފިލުއްވައި ދެއްވި އެވެ.

ސަލީމުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މި ފަހަރުގެ އިންތިހާބު ޕީޕީއެމަށް ކާމިޔާބުކުރުމަށް ހުރިހާ އެންމެންވެސް އިހުލާސްތެރި މަސައްކަތްތަކެއް ކުރެއްވުމަށް ގޮވާލެއްވި އެވެ. އެކަމުގައި އިސްރަށްވެހިން ނަމޫނާއަކަށް ބެލުމަށް އެދިވަޑައިގެންނެވި އެވެ.

“އަޅުގަނޑުމެންގެ ތެރޭގައި މިތިބަ އިސްރަށްވެހިންގެ އެހުންނަ އެކުވެރިކަމާ ޕާޓީދެކެ އެވާ ލޯތްބާއި ޕާޓީރޫހު، އަޅުގަނޑުމެންގެ ޒުވާނުންނާއި ކައުންސިލަރުންވެސް ހުންނަން ޖެހޭނެ. މި އިސް ރަށްވެހިންނަކީ އަޅުގަނޑުމެންގެ މައިން ބަފައިން. އެމީހުންގެ އެހުންނަ އިހުލާސްތެރިކަން އެންމެންގެ ވެސް ހުންނަނަމަ އަޅުގަނޑުމެން ބައްޔެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް އެނގޭ އެމީހުންގެ ދަރިއަކު ނުވަތަ އަނބިމީހާ ކުރިމަތި ލިޔަސް އެމީހުން އިސްކުރާނީ ޕާޓީކަން. އަޅުގަނޑުމެންގެ ޒުވާނުންގެ ފަރާތުންވެސް އެހިތްވަރު ފެންނަން އެބަޖެހޭ.” އިސް ރަށްވެހިންނަށް އިޝާރާތް ކުރައްވައި ސަލީމު ވިދާޅުވި އެވެ.

 

ހަމައެއާއެކު ޕީޕީއެމްއަކީ ސަތޭކައިން ސައްތަ ޕީޕީއެމްގެ ރަށެއްކަން އެންމެންވެސް ގަނބޫލު ކުރާ ކަމަށާއި މި ފަހަރުގެ ވޯޓުން އެކަން ދެއްކުމަށް އިހުލާސްތެރިކަމާއެކު އެންމެން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އާދޭހާއެކު އެދޭކަމަށް ވިދާޅުވިއެވެ.

“މިކަމުގައި އަޅުގަނޑަށް ކޮށްދެއްވެން ހުރިހާ މަސައްކަތެއް ކުރާނަން. އަޅުގަނޑުގެ އަމިއްލަ އިންތިހާބަށް މަސައްކަތް ކުރިވަރަށް ކުރާނަން. ހާއްސަކޮށް މި ރަށަށް. މިއީ އަޅުގނޑުގެ އުފަން ރަށް .” ނިންމާލަމުން އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top