ޑޮލަރަށް ބަރޯސާވުން ކުޑަކޮށް އިމްޕޯޓަށް އެހެން ފައިސާއެއް ބޭނުން ކުރުމަށް މަޝްވަރާ ކުރަނީ.

b_fJpeN4Du3CS8QO6hURFsU4MZz.jpg

ރާއްޖެއަށް މުދާ އިމްޕޯޓު ކުރުމުގައި ޑޮލަރަރަށް ބަރޯސާވުން ކުޑަކޮށް އެހެން ފައިސާއެއް ބޭނުން ކުރުމާމެދު މަޝްވަރާ ކުރެވެމުން ދާކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އިއްޔެ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެމްއެމްއޭއިން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭގޮތުން، ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ޑޮލަރަށް ބަރޯސާނުވެ، އެހެން ފައިސާއެއް އެކްސްޗޭންޖަށް ގެންނަން ވާހަކަ ދެކެވެމުންދާ ކަމަށެވެ.

“މިގޮތުން، އިންޑިއަން ރުޕީޒް ވިޔަސް ޗައިނީޒް ޔުއާން [ރެންމިންބީ] ވިޔަސް، އެ ދޭއްޗަކީ ޑައިރެކްޓްލީ ސްވޮޕް ކުރެވޭގޮތަށް، ރުފިޔާ އަށް ސްވޮޕް ކުރެވޭގޮތަށް އަޅުގަނޑުމެން އެބަ ރާވަން. އެބަ ވާހަކަ ތަކެއް ފައްޓައިގެން ކުރިއަށް އެބަގެންދަން،” ހާޝިމްވިދާޅުވި އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ބެލެންސް އޮފް ޓްރޭޑް ހުރި މިންވަރަކުން، ރުފިޔާ އާއި ރުޕީޒް ނުވަތަ ރެންމިންބީ އެކްސްޗޭންޖު ވެގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އަބަދުވެސް ރާއްޖޭގައި ޓްރޭޑް ޑެފިސިޓެއް އުޅޭ ކަމަށާއި އޭތި ސެޓްލް ކުރާނީ ޑޮލަރުން ކަމަށެވެ.

“އެހެން ކަރަންސީއެއް އެގޮތަށް ޓްރޭޑު ކުރެވޭކަމަށް ވަންޏާ ޑޮލަރު ޕްރެޝަރު ދަށްވާނެ ކަމަށް އަޅުގަނޑުމެންނަށް ފެނޭ،” ގަވަރުނަރު ވިދާޅުވި އެވެ.

އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ދޭދޭ ގައުމުތަކުގެ ތެރެއިން ރާއްޖެއިން އެންމެ ބޮޑަށް ވިޔަފާރި ކުރަނީ ކޮން ގައުމުތަކަކާއެކުތޯ ބަލައި، އެހެން ގައުމުތަކުންވެސް މިހާރު ޕްރެކްޓިސް ކުރަމުން އަންނަހެން އެ ގައުމެއްގެ ފައިސާ އިން އެ ސެޓްލްމެންޓް ހެދޭނެ އިންތިޒާމު ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ޑޮލަރު ލިބޭ ކަމަށެވެ. ނަމަވެސް އެ ހުރިހާ ޑޮލަރަކީ ރާއްޖެއަށް ވަންނަ ޑޮލަރުކަން، ގާނޫނުތަކާއި ގަވާއިދުތައް ހުރިގޮތުން ނުބެލޭ ކަމަށްވެސް ވިދާޅުވިއެވެ. އެގޮޮތުން އެމްއެމްއޭ މެދުވެރިކޮށް ހަމައެކަނި ވަންނަނީ، ލިބޭ ޑޮލަރުގެ 20 ޕަސެންޓް ކަމަށާއި 80 ޕަސެންޓް އޮންނަނީ ފޮރިން ސެކްޓަރުގެ އަތްމަތީގައި ކަމަށްވެސް ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން ޕެރަރަލް މާކެޓުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލި، މުދާ އެތެރެކުރާ ފަރާތްތަކުން ޑޮލަރު ގަންނަން ކުރާ ހޭދަ ބޮޑުވެ، ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު ދަނީ އުފުލެމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top