ކިހާދޫ ސްކޫލްގެ ޕީޓީއޭއަށް ފައިސާއަށް ހޯދަން ކޮންމެ އަހަރަކުވެސް އެސްކޫލްގެ ޕީޓީއޭ އިން ބާއްވަމުން އަންނަ ޑިނާ ނައިޓް، ”ދިވެހި ސުފުރާ“ އަށް މި އަހަރު 320،000 ރުފިޔާ ލިބިއްޖެއެވެ.
މި ޑިނަރ ނައިޓް އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ސްކޫލުގައެވެ.
ޓިކެޓް ވިއްކައިގެން ކުރިއަށް ގެންދާ ”ދިވެހި ސުފުރާ“ އަކީ ކިހާދޫގައި ކޮންމެ އަހަރަކު ވެސް މުޅި ރައްޔިތުން ޝާމިލް ވާގޮތަށް ބާއްވަމުން އަންނަ ހަރަކާތެކެވެ. މިކަމަށް ބެލެނިވެރިން ދުރާލައި ތައްޔާރުވެ ގިނަ އަދަދެއްގެ ދިވެހި ކާބޯތަކެތި ތައްޔާރު ކުރެއެވެ. ކުރީ އަހަރުތަކާ ތަފާތުކޮށް މިއަހަރުވަނި އިސްރަށްވެހިންނާއި އެ ސްކޫލުގެ ދަރިވަރުން ވެސް ބައިވެރިވެފަ އެވެ.
ދިވެހި ކާނާއިން މުއްސަނދި ވެފައިވާ މިކެއުންގަނޑުގައި ބައިވެރިވުމަށް އެރަށާއި ކައިރި ރަށްތަކަށާއި ރިސޯޓްތަކަށް ދައުވަތު ވެސް ދެއެވެ. ޓިކެޓެއްގެ އަގަކީ 90 ރުފިޔާ އެވެ. ޚާއްޞަ ޓިކެޓް ވިއްކީ 500 ރުފިޔާއަށެވެ.
ޖުމްލަ 1025 ޓިކެޓް ވިކިފައިވާއިރު އޭގެ ތެރޭގައި ގޯލްޑަން ޓިކެޓްގެ ގޮތުގައި 15 ޓިކެޓް ހިމެނޭ ކަމަށާއި ޚާއްޞަ މަލާފަތުގައި ބައިވެރިވި 10 މީހުންނާއެކު ޖުމްލަ 1035 މީހުން އެ ސުފުރާގައި ބައިވެރިވިކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ.
ދިވެހި ކެއުމުގެ ގިނަ ބާއްވަތްތަކުގެ އިތުރުން، ލުއިކާނާގެ ގޮތުގައި ބޭނުންކުރާ ދިވެހި އެތައް އުފެއްދުންތައް ގަތުމުގެ ފުރުޞަތުު ވެސް އެ ހަރަކާތުގައި ބައިވެރިވާ މީހުންނަށް ލިބެއެވެ.
ކިހާދޫ ސްކޫލުން ބުނީ، ޕީޓީއޭއިން ހޯދި ފައިސާ ޚަރަދު ކުރަނީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު މަތި ކުރުމަށާއި އެ ސްކޫލުގެ މުހިންމު ހަރަކާތްތަކަށެވެ.
މި އަހަރު މުޅިން އަލަށް ތައްޔާރު ކުރި ”މަލާފަތް“ނީލަން ކިޔައިގެންވެސް 8100 ރުފިޔާ ލިބިައިވެއެވެ. މި މަލާފަތުގައި ހިމެނެނީ ދިހަ މީހުންގެ ކެއުމެކެވެ.