ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް ( އޯޓީޕީ) އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
އޮތެންޓިކޭޓާ އެޕަކީ ސްމާޓް ފޯނާއި ޓެބްލެޓަށް ހާއްސަ އަދި ވަކި ވަގުތެއްގެ ތެރޭގައި ބޭނުންކުރާ ގޮތަށް ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް ބޭނުންކުރެވޭ އެޕްލިކޭޝަނެކެވެ. އޮތެންޓިކޭޓާ އެޕް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭއިރު، ކޮންމެ ކަސްޓަމަރަކަށް ވެސް ހާއްސަވާނެ އެވެ.
އެ ބަދަލާއެކު ޓްރާންސެކްޝަން ހެދުމަށް ބޭނުންވާ އޯޓީޕީ ޖެނެރޭޓް ކުރުމަށް ގޫގުލް އޮތެންޓިކޭޓާ ނުވަތަ މައިކްރޯސޮފްޓް އޮތެންޓިކޭޓާ ފަދަ އެޕް ޑައުންލޯޑްކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެގޮތަށް އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހަދަން އޯޓީޕީ ލިބޭ ޗެނެލްތަކުގެ ތެރޭގައި އޮތެންޓިކޭޓާ ވެސް ހިމެނޭނެ އެވެ.
ރާއްޖޭން ބޭރުގައި ތިބޭ ކަސްޓަމަރުންނަށް އީމެއިލްގެ ބަދަލުގައި އޮތެންޓިކޭޓަ މެދުވެރިކޮށް އޯޓީޕީ ހޯދޭނެ އެވެ.
އޭގެ ސަބަބުން އީމެއިން އައިޑީ ބޭނުންކޮށްގެން ކުރާ ސްކޭމްތަކަށް ހުއްޓުމެއް އަންނާނެ ކަމަށާއި އެއީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ މުހިންމު ފިޔަވަޅެއްކަމަށް ވެސް ގައުމީ ބޭންކުން ބުންޏެވެ.
“ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވޭ. މީގެ ނަތީޖާއަކީ އީމެއިލް އަށް އަންނަ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ލިބިގެން ދިޔުން. އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައިވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ.” ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، ބޭންކުން ވެސް މިދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައްކުރަމުން ކަމަށް ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވިއެވެ. “އަޅުގަނޑުމެން ކަސްޓަމަރުންގެ ކިބައިން އެދެނީ ސްކޭމް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ދެނެގަނެ، އެއްވެސް ޒާތީ މައުލޫމާތެއް އެހެން ފަރާތަކާއި ހިއްސާނުކުރެއްވުން.” އޭނާ ވިދާޅުވިއެވެ.
20 ޑިސެންބަރު 2022 އިން ފެށިގެން ޑިފޯލްޓްކޮށް އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ނަމަވެސް އޯޓީޕީ ލިބޭ ޗެނަލެއްގެ ގޮތުގައި އީމެއިލް ހިމެނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށްފަހު އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތަށް ހަމަޖެއްސޭނެއެވެ.