ގޯއްޗަށް އެދި އެތައް އަހަރެއް ވަންދެން އޭދަފުށީގެ އެތައް ބަޔަކު ކުރަމުން އައި އިންތިޒާރު ނިމި އެންމެފަހުން ފަހުން އޭދަފުށިން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓު އޭދަފުށީ ކައުންސިލުން މިއަދު އާއްމު ކޮށްފި އެވެ.
މިކަމާގުޅިގެން ރަށު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނެއްގައިވަނީ އޭދަފުށިން ދޫކުރަން ހަމަޖެހިފައިވާ 183 ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާއްމުކޮށްފައިވާ ކަމުގައެވެ. އެހެންކަމުން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ.
ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 12:30 އާއި ހަމައަށެވެ. މުއްދަތު ހަމަވާ ތާރީޚަކީ ޑިސެމްބަރު 31ވަނަ ދުވަހެވެ.
އީމެއިލް މެދުވެރިކޮށް ނުވަތަ ސިޓީއަކުންވެސް ޝަކުވާ ހުށަހެޅިދާނެއެވެ. އެކަމަކު އީމެއިލް މެދުވެރި ކޮށް ޝަކުވާ ހުށަހަޅުއްވާ ނަމަ ކައުންސިލު އިދާރާއަށް ސިޓީ ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އެހެންނަމަވެސް އަނގަބަހުންނާއި ފޯނުން ހުށަހަޅާ ޝަކުވާ ބަލައި ނުގަންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ޝަކުވާ ސިޓީ ގައި އެފަރާތާއި ގުޅޭނެ ފޯނު ނަންބަރާއި އައިޑީކާޑު ނަންބަރުވެސް އޮންނަން ވާނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އޭދަފުށިން ގޯތި ދޫކުރަން ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިއަހަރުގެ މާޗު މަހު އެވެ. ގޯތިތައް ދޫކުރަނީ ރަށުގެ ފުޓްބޯޅަ ސްޓޭޑިއަމާ ދިމާ އިރުމަތީ ފަރާތުން ހިއްކާފައިވާ ސަރަހައްދުން 100 ގޯއްޗާއި، އިރު ދެކުނު ކުނި ކޮށި ސަރަހައްދުން 83 ގޯއްޗެވެ.