މިއަދު މެންދުރު ފަަހު އޭދަފުށިން ކޮވިޑް-19 އަށް ޕޮޒިޓވް ވެފައިވާ މީހަކު ފެނުނު ފަހުން މިރޭ އިތުރު ދެމީހުން ޕޮޒިޓިވް ވެއްޖެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި3 ވަނަ މީހާއަކީ މިއަދު ޕޮޒިޓިވްވި ފުރަތަމަ މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެކެވެ.
12 ގަޑިއިރުގެ ތެރޭގައި އޭދަފުށިން 3 މީހުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާއިރު ރަށް މިހާރު ވަނީ މޮނިޓަރިން ގައެވެ.
މި ހާލަތުގައި ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުދިޔުމަށާއި، ބަލިން ރައްކާތެރިވުމަށް ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށް، އެޗް.ޕީ.އޭގެ ގައިޑްލައިނަށް ފުރިހަމައަށް އަމަލު ކުރުމަށް ރަށު ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.
މީގެ އިތުރުން ކޮންމެހެން ކުރަންޖެހޭ ދަތުރެއްނޫނީ އެހެނިހެން ދަތުރުތައް މިވަގުތަށް ހުއްޓާލުމަށާއި އަދި ކޮންމެހެން ދަތުރެއް ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން ނޫނީ ދަތުރު ނުފެށުމަށް ވެސް ކައުންސިލުންވަނީ އެދިފައެވެ.
ރޯގާގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކުރައްވާ ބ. އަތޮޅު ހޮސްޕިޓަލުގެ ހޮޓްލައިން 6608309 އާ ގުޅައި އެތަނުގެ ފްލޫ ކްލިނިކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށާ ކުއްލި ހާލަތުގައި 7740374 ނުވަތަ 9998110 ނަންބަރު ފޯނާ ގުޅައި މައުލޫމާތު ހިއްސާ ކުރުމަށްވެސް ކައުންސިލުން އެދެއެވެ.
އޭދަފުށިން މީގެ ކުރިން ވެސް ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވިޔަސް އެއީ މުޅިން ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.ނަމަވެސް މިއަދު މިފެނުނު ތިން ކޭސްއާއި ގުޅިގެން އޭދަފުށި އާއްމުންގެ ތެރޭގައި ބަލި ފެތުރިދާނެކަމަށް މިހާރުވަނީ ބެލެވެން ފަށާފައެވެ.
އޭދަފުށްޓަކީ ބ. އަތޮޅުގެ ރައްޔިތުންނާއި ކައިރި އަތޮޅު ތަކުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތަފާތު ޚިދުމަތްތައް ހޯދުމަށް ޒިޔާރަތް ކުރާ ރަށެކެވެ.