އެދަފުށިން ކޮވިޑް-19އަށް ޕޮޒިޓިވް މީހަކުފެނުނުތާ 6 ގަޑިއިރުނުވަނީސް އަނެއްކާވެސް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
މި މީހާވެސް ކޮވިޑް އަށް ޕޮޒިޓިވް ވިކަން އެގުނީ ބަލީގެ އަލާމާތްތައް ފެނިގެން ފްލޫކްލިނިކަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ނެގި ސާމްޕަލުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއަދުކޮވިޑްއަށް ޕޮޒިޓިވްވި ދެވަނަ މީހާއަކީ 50 އަހަރުންމަތީގެ ފިރިހެނެކެވެ.
ބ.އަތޮޅު ހޮސްޕިޓަލުން މިހާރު އަންނަނީ ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި މީހުން ހޯދަމުންނެވެ. އަދި ރޯގާގެ އަލާމާތެއް ފާހަގަކުރެވޭ ނަމަ އެކަން ލަސްނުކޮށް ހޮސްޕިޓަލްގެ ހޮޓްލައިން 6608309 އަށް ގުޅައި ހިއްސާކޮށް ދިނުމަށް އެދިފައި ވެ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ކޮވިޑުގެ ބޮޑެތި ކުލަސްޓާތައް އުފެދެމުން އަންނަ އިރު، މިއީ އޭދަފުށިން ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވްވި ދެވަނަ ފަހަރެވެ. އަދި މި ކޭސްއާ ގުޅިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އިން ފެށިގެން ދަށުގެ ގުރޭޑްތަކުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލައިފައެވެ.
އޭދަފުށިން މީގެ ކުރިން ވެސް ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު، އެއީ މުޅިން ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އެހެންނަމަވެސް މިއަދު މިފެނުނު ކޭސްއާއި ގުޅިގެން އޭދަފުށި އާއްމުންގެ ތެރޭގައި ބަލި ފެތުރިދާނެކަމަށް މިހާރުވަނީ ބެލެވެން ފަށާފައެވެ.
ކޮވިޑްގެ މި ހާލަތުގައި ރަށް އޮތީ މޮނިޓަރިންގ ގައި ކަމަށްވާތީ ރަށަށް އަރައި ފޭބުން ވަނީ މަނާ ކޮށްފައެވެ.
އޭދަފުށްޓަކީ ބ. އަތޮޅުގެ ރައްޔިތުންނާއި ކައިރި އަތޮޅު ތަކުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތަފާތު ޚިދުމަތްތައް ހޯދުމަށް ޒިޔާރަތް ކުރާ ރަށެކެވެ.
ކޮވިޑް-19ގެ ކޭސްތައް އަތޮޅުތެރޭގައި އިތުރުވާން ފަށައިފައިވާއިރު އިއްޔެ އަތޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 70 އެވެ.