އިންސާނާ

Allama-Iqbal-2.jpg

ޢައްލާމާ މުޙައްމަދު އިޤްބާލް

އައްލާމާ މުޙައްމަދު އިޤްބާލް

ތަރުޖަމާއާއި ތައުލީގު: ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު

އައްލާމާ އިޤްބާލުގެ ލިއުންތައް ދެބައަކަށް ބަހާލެވެ އެވެ. ޅެން ބަހުރުވައިން ލިޔެވިފައިވާ ލިޔުމާއި ނަސްރުން ލިޔެވިފައިވާ ލިޔުމެވެ. އޭނާގެ ޅެންތައް ލިޔެވިފައިވަނީ އުރުދޫ ބަހުންނާއި އަދި ފާރިސީ ބަހުންނެވެ. އޭނާ ލިޔުއްވި 12000 ޅެންބައިތުގެ ތެރެއިން 7،000 ލިޔުއްވީ ފާރިސީ ބަހުންނެވެ. އަނެއް 5،000 އުރުދޫ ބަހުންނެވެ. އޭނާގެ ޅެންތައް އެކިއެކި ދީވާނު ތަކުގައި އެއްކުރެވި ޖަމާކުރެވިފައިވެއެވެ. ފާރިސީބަހުގެ ޅެންތައް ‘އަސްރާރޭ ޚުދީ’ (ނަފްސުގެ ސިއްރުތައް)، ‘ރުމޫޒޭ ބޭޚުދީ (ބޭ އަނާނިއްޔަތުގެ ރަމްޒުތައް) ‘ޕަޔާމޭ މަޝްރިޤް’ (އިރުމަތީގެ މެސެޖު) ‘ޒަބޫރޭ އަޖަމް’ (ފާރިސީ ދުއާތައް) އަދި “ޖާވީދު ނާމާ” (ޖާވީދުގެ ފޮތް) މި ދީވާނުތަކުގައި ހިމެނެ އެވެ. އަދި، އުރުދޫ ބަހުގެ ޅެންތައް ‘ބާންގޭ ދަރާ’ (ރަނގަބީލުގެ ގޮވުން)، އާއި ބާލޭ ޖިބްރީލް’ (ޖިބްރީލުގެ ފިޔަފުޅު) އާއި ‘އަރްމުޣާނޭ ޙިޖާޒް’ (ޙިޖާޒުކަރައިގެ ހަދިޔާ) ހިމެނިފައި ވެއެވެ. އަދި ނަސްރުން އޭނާ ލިޔުއްވި ދެފޮތް ލިޔުއްވީ އިނގިރޭސި ބަހުންނެވެ. އެއީ އޭނާގެ ދުކްތޫރާ ފާހުގެ (ޕީ.އެޗް.ޑީ ގެ) ރިސާލަތް (ތީސިސް) ކަމަށްވާ ‘ފާރިސްކަރައި ގައި މާވަރާއީ ފިކުރު ތަރައްގީވަމުން އައިގޮތް’ މިފޮތާއި އަދި ‘އިސްލާމީ ދީނީ ފިކުރު އަލުން ބިނާކުރުން’ މި ފޮތެވެ.

އައްލާމާ އިޤްބާލުގެ ލިޔުއްވުންތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވަނީ މުސްލިމުންނަށެވެ. އެލިޔުންތަކުގައި ގޮވާލެވިފައިވަނީ އެމީހުން ކުރިއެރުމަށްޓަކައި މަސައްކަތް ކުރުމަށެވެ. އެމީހުންގެ ދީނީ އަގީދާތަކާއި އުސޫލުތަކުގެ މަތީ ތިބެއެވެ. އޭނާގެ ޅެންތަކުގެ މަގުސަދަކަށްވެފައި އޮތީ މިމަސައްކަތް ކުރުމުގެ އެދުމާއި އަޒުމް، ހިތްވަރާއި ކެރުން، އެމީހުންގެ ހިތްތަކުގައި އުފެއްދުމެވެ. އޭނާގެ ނަސްރުން ލިޔެވުނު އިސްލާމީ ދީނީ ފިކުރު އަލުން ބިނާކުރުމުގައި އިޝާރަތް ކުރެވިފައިވަނީ މިކަން ކުރާނޭ ގޮތަށެވެ.

އަޅުގަނޑު ތަރުޖަމާ ކުރާ މިޅެން ނެގި ފައިވަނީ އޭނާގެ ‘ބާނގޭ ދަރާ’ މި ދީވާނުންނެވެ. މި ދީވާނު ލިޔެވިފައިވަނީ އުރުދޫ ބަހުންނެވެ. އަޅުގަނޑަށް، އުރުދޫ ބަސް، ސީދާ އެބަހުން، އެހެންބަހަކަށް، ތަރުޖަމާ ކުރެވޭ ފެންވަރަކަށް ނޭނގެއެވެ. އެހެންވެ، އަޅުގަނޑު ތަރުޖަމާ ކުރަމުން އަންނަ އައްލާމާ އިޤްބާލުގެ ހޮވާލެވިފައިވާ ޅެންތައް ތަރުޖަމާ ކުރެވެނީ، މިޅެންތަކުގެ އިނގިރޭސި އަދި އަރަބި ތަރުޖަމާގެ އެހީގައެވެ.

ޢައްލާމާ އިޤްބާލުގެ ފުރަތަމަ ޅެމަކަށް ހުށަހަޅާލަން ހޮވާފައި މިއޮތީ ‘އިންސާނާ’ މި ޅެމެވެ. މިޅެމުގައި ބަލާލެވިފައިވަނީ އިންސާނާއަށް ގުދުރަތުން ދެވިފައިވާ ވިސްނުމާއި ފިކުރު ކުރުމުގެ މައްޗަށެވެ. މިކަން އޭނާއަށް ގުދުރަތުން ލިބިފައިވިޔަސް، އޭނާގެ ސިކުނޑިއަކަށް، ހަޔާތުގެ ސިއްރުތައް، މުސްތަގިއްލު ގޮތެއްގައި ހޯދައިގަތުމުގެ އެކަށޭނަކަން ލިބިފައެއް ނުވެއެވެ. އިންސާނާ ދުނިޔެއަށް އައީ ކިހިނެއްކަމާއި ހަޔާތުގެ މާނައަކީ ކޮބައިކަމާއި އަދި އޭނާ ނިމިދަނީ ކޮންތާކަށްކަން ހޯދައިގަތުމުގެ ކުޅަދާނަކަމެއް އޭނާގެ ސިކުނޑިއަކަށް ލިބިފައެއްނުވެ އެވެ.

ދެން، ޅެމުގައި ބަލާލައިފައިވަނީ ގުދުރަތުގެ ބައެއް ޒާހިރާ (ފެނޯމެނަމް) ތަކަށެވެ. ތަބީއީ ބައެއް މަންޒަރު ތަކަށެވެ. ދެމެމުން ދާ ކޯރުތަކެވެ. އެ ކޯރުތަކުގެ ފެންގަނޑު ކަނޑާއި މިލްޖުލްވާ މަންޒަރެވެ. ޖެހެމުންދާ ނަލަ ރޯޅިއާއި މިރޯޅި އުޑުމަތީގައި ހެދިފައިވާ ވިލާތަކަށް ކުރުވާ އަސަރެވެ. ރޯޅީގެ ސަބަބުން ވިލާތައް ދުވާތަނެވެ. މިދުވުން ސިފަކޮށްދެވިފައިވަނީ ރޯޅީގެ ކޮނޑުމަތީ ބަހައްޓައިގެން ވިލާތައް ގެންދާ ގެންދިޔުމެއްގެ ގޮތުގައެވެ. ދެން ތަރިތަކެވެ. ރޭނގަޑު، ފިޔަޖަހާލަޖަހާލަ، އުޑުމަތީގައި ހައްޔަރުވެފައި އެތަރިތައް ހުރެއެވެ. އަދި އިރެވެ. އިރު، އަޅުވެރިއެއް ފަދައިން، ދުވާލުގެ އަލިކަމާއިގެން، ހެދުނާ އައިސް އެންމެން ހޭލައްވައެވެ. އަދި، ދުވާލުގެ ވަގުތު ނިމުމަކަށް އައުމުން، ފަރުބަދައިގެ ބިއްދޮށަށްގޮސް ފިލާދެއެވެ. ދުނިޔޭގެ މައްޗަށް ގަދަ ރަތް ކުލަ އަރުވާލާފައެވެ. މިކަން ސިފަކުރެވިފައިވަނީ އިރު ބޮމުން ދާ ރަތްކުލައިގެ ރާތަށްޓެއްގެ ގޮތުގައެވެ.

އާދެ، ޅެންވެރިޔާގެ ނަޒަރުގައި، ގުދުރަތުން މިފެންނަ ހުރިހާ މަންޒަރުތަކެއްމެ ބުނަނީ، ވުޖޫދުގައިވާ ހުރިހާ އެއްޗެއްމެ، އެއެއްޗެއްގެ ވާޖިބު އަދާކުރުމުގައި އުފަލުގައި ދެމިތިބި ކަމުގައެވެ. ވިސްނާ ފިކުރުމުގެ އެކަށޭނަކަން އެއްޗިއްސަށް ލިބިފައިނެތް ކަމުގައި ވިޔަސް ވެހެވެ. ނަމަވެސް، އިންސާނާއަށް އޮތީ، އޭނާގެ ދުވަސްތައް، ހަޔާތުގެ ސިއްރުތައް ހޯދުމުގައި، ނުކުޅެދި، ހިތްދަތިކަމުގައި ވޭތު ކުރުމެވެ. އާދެ، މިކަމުގެ ހައްލަކީ، އިންސާނާ، އޭނާ، ހެއްދެވިފަރާތައް ރުޖޫއަވުމެވެ. ހަޔާތުގެ ސިއްރުތައް ދެނެގަތުމުގައި، އެކަލާނގެ ހިދާޔަތު ހޯދުމެވެ. ދެން، އިންސާނާ، މިޅެން، އޭގެ ތަރުޖަމާއާއި އެކު ހުށަހަޅާލަމެވެ.

ޤުދްރަތު ކާ އަޖީބް ޔޭ ސިތަމް ހޭ                                                މިއީ ޤުދުރަތުގެ ކިހާ އަނިޔާވެރި އަޖައިބެއް ހެއްޔެވެ.

އިންސާން ކޯ ރާޒް ޖޯ ބަނާޔާ                                                  އިންސާނާއަކީ (އެކި ކަންކަމުގެ) ސިއްރު ހޯދަން މަސައްކަތް ކުރާމީހަކަށް ހެދުމެވެ.

ރާޒް އިސްކީ ނިގާހް މޭން ސޭ ޗުޕާޔާ                                             އެސިއްރުތައް އޭނާއަށް ފެނިދިއުން ފަރުދާ ކުރުމަށް ފަހުގަ އެވެ.

ބޭތާބް ހޭ ޛައުޤު އާގީ ކާ                                                    (އުނގެނުމުގެ މަސައްކަތުގެ) އެދުން، އޭނާ ވަނީ ވަރުބަލިކޮށް (ހިތަށް ހަމަ ޖެހުން ލިބުމުން މަހްރޫމުކޮށް) ލާފައެވެ.

ކުހލްތާ ނެހީ ބޭހދް ޒިންދަގީ ކާ                                                ނަމަވެސް ހަޔާތުގެ ސިއްރުތައް (ހަޔާތަކީ ކޮބައިކަމާއި ހަޔާތުގެ މަގުސަދާއި، ފެށުމާއި ނިމުމާއި މިކަންކަމުގެ ސިއްރުތައް)، އޭނާއަށް، ހޯދޭގޮތެއް ނުވެއެވެ.

ޙައިރަތު އާޣާޒް ވަ އިންތިހާ ހޭ                                               (ހަޔާތުގެ) ފެށުމުގައިވެސް އަދި (ހަޔާތް) ނިމިދިޔުމުގައި ވެސް ވަނީ ހައިރާން ކަމެވެ.

އާއިނެ ކޭ ގަހރްމޭ އައުރު ކިޔާ ހޭ؟                                              ހައިރާން ކުރުވާ ކަންކަން ނޫން ކަމެއް (ހަޔާތުގެ) މިލޯގަނޑުތަކުގެ ގޭގައި ވޭހެއްޔެވެ؟

މިބައިތުގައި ދުނިޔެ ސިފަ ކުރެވިފައިވަނީ ‘ލޯގަނޑުގެ ގެއެއްގެ (އާއިނެ ކޭ ގަހރް) ސިފައިގަ އެވެ. ހުރިހާ ބިތެއްގައި ލޯގަނޑު ޖެހާފައިވާ ގެއެއްގެ ތެރެއަށް ވަދެބަލައިލުމުން ފެންނަ މަންޒަރު ހިތަށް ގެންނަވާށެވެ! ފެށޭ ހިސާބެއް ނިމޭ ހިސާބެއް ކަނޑައަޅާލަކަށް ނޭނގެއެވެ. ހަޔާތުގެ ކަންތައް ސިފަކޮށްދެވިފައިވަނީ މި މިސާލުން ނެވެ. އިންސާނާގެ ސިކުނޑިއަށް އޭގެ ހަގީގަތް ހޯދައި ނުގެނޭވޭނޭ ކަންކަމުގެ ގޮތުގައެވެ.

ހޭ ގަރްމޭ ޚަރާމް މަވްޖޭ ދަރްޔާ                                               ކޯރުގެ ރާޅުތައް ދެމެމުން ދެމެމުން ދެއެވެ.

ދަރްޔާ ސޫޔޭ ބެހެރް ޖަދާ ޕޭމޭ                                                  އަދި އޭގެ މަގުގައި، ކޯރު، ކަނޑާއި (މިލްޖުލް ވުމަށް)، ދެއެވެ.

ބާދަލް ކޯ ހަވާ އުޅާ ރަހީ ހޭ                                                 ވައިރޯޅި އުޑުގެ ވިލާތައް ކަހައިލައިގެން ގެންދެއެވެ.

ޝާނޯނ ޕޭ އުޅާހތޭ ލާ ރަހީ ހޭ                                               ވައިރޯޅީގެ ކޮނޑު މައްޗަށް ލައިގެންނެވެ.

ތާރޭ މަސްތޭ ޝަރާބޭ ތަޤްދީރް                                                 ތަރިތައްވަނީ ތަޤްދީރުގެ ރަލުން މުޅީން މަސްތުވެފަ އެވެ.

ޒިންދާނޭ ފަލަކް މޭނ ޕާ ބާ ޒަންޖީރް                                             އަދި އެ(ތަރިތައް) ވަނީ، އުޑުގެ ޖަލުގައި ކަސްތަޅުއެޅި ހައްޔަރުވެފަ އެވެ.

ޚޫރްޝީދް، ވޯ ޢާބިދް، ސެޙެރް ޚޭޒް                                             އިރު، ކޮންމެ ހެނދުނަކު ހޭލާ އެ އަޅުވެރިޔާ،

ލާނޭ ވާލާ ޕިޔާމޭ ބަރްޚޭޒް                                                   (އަދި) “ހޭލާށެވެ”، މިގޮވުން ގޮވާ (އަޅުވެރިޔާ)

މަޣްރިބް ކީ ޕަހާރިޔޫންމޭނ ޗުޕް ކަރް                                             އެހެރީ ހުޅަނގު ފަރާތުގެ ފަރުބަދަތަކުގެ ބިއްދޮށުގައި (ނިވާވެގެން) ފިލައެވެ.

ޕީތާ ހޭ މަޔޭ ޝަފަޤް ކާ ސާޣަރް                                               ރަތްވިލާގެ ރާ ތަށްޓެއް ބުއިމުގަ އެވެ.

ލައްޒަތު ގީރޭ ވުޖޫދު ހަރްޝޭ                                                 ކޮންމެ އެއްޗެއްމެ ވުޖޫދުގައި ވިޔަތީވެ އުފާ ފާޅުކުރަމުން ދަނީ އެވެ

ސަރް މަސްތޭ މަޔޭ މަޔޫދް ހަރްޝޭ                                             ކޮންމެ އެއްޗެއްމެ ވަނީ ވުޖޫދުގެ ރަލުން (ރާ ބޮއި) މަސްތުވެފަ އެވެ.

ކޮއީ ނަހީނ، ޣަމް ގުސާރޭ އިންސާނ                                            (ނަމަވެސް) އިންސާނާގެ ހިތާމަތައް ފިލުވާލަދޭނެ އެއްވެސް  މީހަކު ނެތެވެ.

ކިޔާ ތަލްޚް ހޭ ރޯޒްގާރޭ އިންސާނ!                                            އިންސާނާގެ ދުވަސްތައް ހާދަހާވާ ހިއްޗެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top