ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް                                         18ޖެނުއަރީއާއި ގުޅޭ

ޘަވާބު

ﷲ ސުބްޙާނަހޫ ވަތަޢާލާ މި ދުނިޔޭގައި ތަނަވަސްކަން ދެއްވާފައިވާ މީހުން އެ މީހުންގެ ދަށުގައި ވަޒީފާ އަދާކުރާ މީހުންނަށާއި، މަސައްކަތް ކޮށްދޭ މީހުންނަށް ދެނީ އެ ވަޒީފާ އަކަށް ނުވަތަ އެ މަސައްކަތަކަށް ކަނޑައެޅިފައިވާ މުސާރައެވެ. އެކަމަކު އެކިއެކި ޖަލްސާތަކަށާއި، ފަންޑު ތަކަށް ވަރަށް ބޮޑެތި ޚަރަދު ކުރެއެވެ. ހިތުން ރުހުމުން އުފަލާއެކުގައެވެ. އެއީ ކީއްވެގެންތޯ އަހައިފިނަމަ ބުނެއެވެ. މުވައްޒަފުންނަށާއި، މަސައްކަތްތެރިންނަށް ދެނީ އެ މީހުންނަށް ކަނޑައެޅިފައިވާ އުޖޫރަ އެވެ. އެއަކުން އަހަންނަކަށް އެއްވެސް ޘަވާބެއް ނުލިބޭނެއެވެ. އެ މީހުން އަހަންނަށް ކަމެއް ކޮށް ދިނީމާ އެ ކަމެއްގެ ބަދަލު ދެނީއެވެ. ދެކޮޅު ހަމަ ހަމަ ވީއެވެ. އެޔާ ޚިލާފަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަންޑުތަކަށް ޚަރަދު ކުރީމާ ޘަވާބު ލިބޭނޭ ކަން ކަށަވަރެވެ.

އެކަމަކު މިއީ ޙަޤީޤީ ސަބަބެއް ނޫނެވެ. ޙަޤީޤީ ސަބަބު ފޮރުވަން ދައްކާ ފުލޯކު ވާހަކަ އެކެވެ.

ޙަޤީޤަތުގައި ކޮންމެ އިންސާނަކުވެސް ބޭނުން ވަނީ އޭނާ ކުރާ ކޮންމެ ކަމެއްގެ ބަދަލު މި ދުނިޔެއިން ހޯދާށެވެ. ފަޤީރު މީހުން އެދެނީ ފައިސާގެ ސިފައިގައި ބަދަލު ހޯދާށެވެ. މުއްސަނދިން ނުވަތަ ބޭނުންވާ ވަރަށް ފައިސާ ލިބިފައި ތިބޭ މީހުން ބޭނުން ވަނީ އޭނާގެ އިޖުތިމާޢީ ޙައިސިއްޔަތު މަތިވެރި ކުރާށެވެ. ހިތުގައި ފޮރުވިފައި ވާ އެދުމަކީ މިއީއެވެ. ފައިސާގެ އެހީވަނީ މި އެދުން ފުރިހަމަ ކުރާށެވެ.

ފަޤީރުންގެ ކިބައިގައި މި ފަދަ ފަންޑު ތަކަށް އެހީވުމުގެ ކުޅަދާނަކަމެއް ނުހުރެއެވެ. އެމީހުންގެ އަތަކު ނޫހެއް ނޯވެއެވެ. އިސްޓޭޖެއް ނުހުރެއެވެ. ބޮޑެތި އުސް ޢިމާރާތްތަކެއް ނުހުރެއެވެ. އިސްތިޤްބާލުގައި ތިބޭނޭ ފައުޖެއް ނޯވެއެވެ.

މުއްސަނދިންނަށް މި ހުރިހާ ކަމެއް ލިބިފައިވެއެވެ. އެމީހުން ބޮޑު މަޝްރޫޢަކަށް އެހީ ވާއިރު އޭގެ ބަދަލުގައި “ބޮޑު އިނާމެއް” ލިބޭނޭ ކަމުގެ އުއްމީދު އޮވެއެވެ. އޭގެ ތެރޭގައި ޖަލްސާތަކުގެ ޝަރަފުވެރި މެހްމާނަކަށް ވުން، ޢާއްމުންގެ މެދުގައި މަޝްހޫރު މީހަކަށްވުން، އިޖްތިމާޢީ ހައިސިއްޔަތު އުފުލުން، ނޫހަށް ނަން އެރުން އަދި ބޮޑެތި މީހުންގެ ސަފުގައި ހުރެވޭ ގޮތް ވުން ފަދަ ކަންކަން ހިމެނެއެވެ.

ޘަވާބަކީ ނިޔަތް އޮތް ގޮތަކުން ލިބޭ އެއްޗެކެވެ. ކުރާ ޚަރަދަކުން ލިބޭ އެއްޗެއް ނޫނެވެ. ޘަވާބު ލިބޭނީ ހަމަ އެކަނި ﷲ ގެ ރުއްސެވުމަށް އެދިގެން ކުރާ ޢަމަލަށެވެ. މީހުންނަށް ނޭނގޭ ގޮތަށް، ސިއްރުން ﷲ ގެ މަގުގައި ހޭދަ ކުރުމަކީ ޘަޥާބު ލިބޭނޭ ކަމެކެވެ. ޘަޥާބު ލިބޭނީ ދުނިޔޭގެ ފައިދާއެއް ލިބެން ނެތް ތަންތަނަށް ޚަރަދު ކުރީމައެވެ. ދުނިޔޭގެ ފައިދާއަށް އެދިގެން ޚަރަދު ކުރާ މީހާ އެ އެދުނު ކަމެއް ދުނިޔޭގައި ފުރިހަމަވެ ނިމުނީމާ އާޚިރަތުގައި ލިބޭނީ ކޮން ފައިދާއެއްތޯއެވެ؟

މީސްތަކުން ޚަރަދު ކުރަނީ ފެންނަން ހުންނަ ފައިދާ ތަކެއް ލިބިގަތުމުގެ އުއްމީދުގައެވެ. އާޚިރަތް ދުވަހުގެ ފައިދާތައް އެމީހުންނަށްޓަކައި ތައްޔާރަށް ހުރިކަން ނޭނގެނީއެވެ. ޘަވާބު ދެއްވަން ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެން ވާކަން ނުދަންނަނީއެވެ.

ދިރިތިބީންގެ ޤަބުރުސްތާނު

އަޅުގަނޑު ހުރީ ހަސްފަތާލެއްގެ ތެރޭގައެވެ. ކުރިމަތިން ފެންނަނީ އެކި ބަލި ބަލި ޖެހިފައިވާ މީހުންނެވެ. އެ އެންމެންގެ މޫނު މަތިންވެސް ފެންނަނީ ވޭނާއި، ހިތާމައާއި، ކެކުޅުމުގެ ޢަލާމާތް ތަކެވެ. އެކެއްގެ އަތުގައި ރިއްސަނީއެވެ. އަނެއްކެއްގެ ފައިގައި ރިއްސަނީއެވެ. އެކެއްގެ ބަނޑުގައި ރިއްސަނީއެވެ. އަނެކެއްގެ މައިބަދަ ބިންދައިގެން ދިޔައީއެވެ. މިއިން ކޮންމެ މީހަކަށް ބަލާލުމުން ފެންނަނީ އިންސާނާގެ ނުކުޅެދުންތެރި ކަމެވެ.

އަޅުގަނޑުގެ ހިތަށް އެރިއެވެ. ހަށިގަނޑުގެ އެންމެ ގުނަވަނަކަށް ލިބޭ ގެއްލުމަކުން އިންސާނާގެ ޙާލު މިހައި ބޮޑު ވެގެން ހިނގައިދެއެވެ. ހުރިހާ ގުނަވަނެއް ހަލާކުވާ ދުވަހު ކިހިނެއް ވާނެ ބާވައެވެ؟ އަމިއްލަ ތަކެތި ކަމަށް ހީކޮށްގެން ހުރި ތަކެތި އަތުލައިގަނެވޭ ދުވަހު ކޮންފަދަ ޙާލެއްގައި އުޅޭނޭ ބާވައެވެ؟

އިހު ޒަމާނުގައި ޢިބްރަތް ހާސިލު ކުރަން މީހުން ގޮސް އުޅެނީ ޤަބުރުސްތާނަށެވެ. މިއަދު ދާން އެންމެ ރަނގަޅު ތަނަކަށް ފެންނަނީ ހަސްފަތާލެވެ. ޤަބުރުސްތާނުގައި “ބަލި މީހުން” ތިބެނީ ބިމުގެ އަޑީގައި ވަޅުލެވިފައެވެ. ހަސްފަތާލުގައި މި ތިބެނީ ބިން މަތީގައި ދިމާއަށް ފެންނާށެވެ. ޤަބުރުސްތާނަށް ގޮސް ޢިބްރަތް ހާސިލު ކުރަން ޖެހެނީ އެމީހުންގެ ޙާލު އަމިއްލައަށް ތަޞައްވަރު ކޮށްގެންނެވެ. ހިތަށް ގެނެސްގެންނެވެ. ހަސްފަތާލުގައި މި އޮންނަނީ ލޮލުގެ ކުރިމަތީގައި ހާމައަށް ފެންނާށެވެ.

މި މަންޒަރުތައް ފެންނާނެ ގޮތް މެދުވެރި ކުރައްވާފައި ވަނީ އިންސާނުން އެއިން ޢިބްރަތް ހާސިލު ކުރުމަށެވެ. އެހެން މީހުނގެ ވޭނުން ޚުދު ތިމާގެ ވޭން ތަޞައްވަރު ކުރެވޭނޭ ގޮތް މެދުވެރި ކުރެއްވުމަށެވެ. ފެންނަ މަންޒަރުތަކުން ތިމާގެ ޙާލަތު ހިތަށް ގެނެވޭނޭ ގޮތް ހެއްދެވުމަށެވެ. ދުނިޔޭގެ ޙާދިސާތަކުން އާޚިރަތުގެ ޙާދިސާތައް ހިތަށް ގެނެވޭނޭ ގޮތް ހެއްދެވުމަށެވެ.

ހަސްފަތާލަކީ ދިރިތިބީންގެ ޤަބުރުސްތާނެއް ކަހަލަ ތަނެކެވެ. ހަސްފަތާލުގެ ދުނިޔެއަކީ ޢިބްރަތުން ފުރިފައިވާ ދުނިޔެއެކެވެ. ބައެއް މީހުން އެތަނަށް ދަނީ ހާދިސާއެއްގެ ޝިކާރައަކަށް ވެގެންނެވެ. ބައެއް މީހުން ބޮޑު ބައްޔެއްގައި ޖެހިގެންނެވެ. ބައެއް މީހުން ހަށިގަނޑުން ކޮންމެވެސް ބައެއް އުނިވެގެން ދަނީއެވެ. ނަތީޖާއެއްގެ ގޮތުން އެކަކު ކުކުރަނީއެވެ. އަނެކަކު އަޑުންއަޑުނަގައި ރޮނީއެވެ. ހަސްފަތާލުގެ ހަފަރާތުންމެ ފެންނަނީ ބަލިކަށިކަމާއި، އާރެއްބާރެއް ނެތްކަމުގެ ޢިބްރަތުން ފުރިފައިވާ މަންޒަރެވެ.

މިކަހަލަ މަންޒަރުތައް ހުރިހާ އެންމެނަށްވެސް ފެނެއެވެ. އެކަމަކު އެއިން ޢިބްރަތް ލިބިގަންނަނީ މަދު މީހެކެވެ. ސަބަބަކީ ޢިބްރަތް ހާސިލު ކުރުމަށްޓަކައި އެހެން މީހަކަށް މެދުވެރިވާ ޙާލަތަކީ ތިމާގެ މައްޗަށް މެދުވެރިވާ ޙާލަތެއް ކަމަށް ތަޞައްވަރު ކުރަންޖެހޭ ކަމެވެ. އަދި ނުހިނގާ ކަމެއް ހަމަ މިހާރު، މި ވަގުތު ހިނގަމުން ދަނީއޭ ހިތަށް އަރުވަން ޖެހޭ ކަމެވެ. އެއީ މިއަދުގެ މަންޒަރުތަކުން މުސްތަޤްބަލުގެ ޙާލަތު ދެނެ ގަތުމެވެ. މިއަދުގެ މަންޒަރުތަކުން މާދަމާ ދެކޭ މީހުން ހާދަހާ ވާ މަދެވެ!

ދުޢާ

“އަޅުގަނޑަށް ބައިސްކަލެއް ހޯއްދަވައި ދެއްވާށެވެ.” ފަޤީރު ޢާއިލާއެއްގެ ފިރިހެންކުއްޖަކު އޭނާގެ ބައްޕައާ މުޚާޠަބުކޮށް ބުނެލިއެވެ. ބައްޕަގެ އަތަކު ބައިސްކަލެއް ގަނެވޭހައި ފައިސާއެއްނެތެވެ. އެހެންވީމާ އިވުނު ކަމަށް ނުހަދާ ދޫކޮށްލީއެވެ. ދަރިފުޅު ދުލެއް ނުކުރިއެވެ. ހަމަ ކިޔަނީއެވެ. އެންމެ ފަހުން ބައްޕަ ރުޅިއައިސްގެން ބުންޏެވެ. “ބައިސްކަލެއް ނުގަނެވޭނެއެވެ. މީގެ ފަހުން ބައިސްކަލެއް ގަނެދޭށޭ ކިޔައިގެން ނުވާނެއެވެ.”

ބައްޕަ މިހެން ބުނީމާ އެކުއްޖާއަށް ރޮވިއްޖެއެވެ. އިރުކޮޅަކު ހިމޭނުން ހުރެއްޖެއެވެ. އެހެން ހުރެފައި ރޮމުން ރޮމުން ބުންޏެވެ. “އަޅުގަނޑުގެ ބައްޕައަކީ ތިޔައީއެވެ. ބައްޕައަށް ނަންނުގަނެ ދާނޭ އެހެން ތަނެއް އެބަހުރިތޯއެވެ؟” މި ޖުމްލަ އަޑުއިވުމާއެކު ބައްޕަގެ ރުޅި މަޑުވެއްޖެއެވެ. ވާހަކަ ދެއްކުމުގެ ރާގު ބަދަލުވެއްޖެއެވެ. “ދަރިފުޅާއެވެ. އެންމެ ރަނގަޅެވެ. ހިތްހަމަޖައްސާލާށެވެ. ބައްޕަ ބައިސްކަލެއް ހޯދައި ދޭނަމެވެ.” މިހެން ބުނި ވަގުތު ބައްޕަގެ ލޮލުންވެސް ކަރުނަ އަތުވެއްޖެއެވެ. އަނެއްދުވަހު ފައިސާ ހޯދައިގެން ދަރިފުޅަށް ބައިސްކަލެއް ގަނެދީފިއެވެ.

ދަރިފުޅު ބުނެލީ އާދައިގެ ޖުމްލައެކެވެ. އެކަމަކު އެ ޖުމްލައަކީ އޭނާގެ ދިރިއުޅުމާ އެއްވަރަށް އަގުހުރި ޖުމްލައެކެވެ. އޭނާ އެ ޖުމްލަ ދުލުން ބޭރު ކުރީ މުޅި ހިތާއި، ހަށިގަނޑު އެކުލަވައިގެން ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާ އެކުގައެވެ. އެޖުމްލައިން އޭނާ ސާބިތުކޮށްދިނީ އޭނާގެ ހުރިހައިވެސް މީހަކީ އޭނާގެ ބައްޕަ ކަމެވެ. އެޖުމްލައިގެ ސަބަބުން އޭނާއަށް އެ ބައިސްކަލު ބޭނުންވާ މިންވަރަށް، ބައްޕަގެ ހިތުގައި ބައިސްކަލް ހޯދައި ދިނުމުގެ އެދުން އުފެދިގަތީއެވެ.

ދެއިންސާނުންގެ މެދުގައި ހިނގި މި ހާދިސާއިން ފެނިގެން އިލާހީ ހާދިސާ އެއްގެ އަސަރެވެ. އިޖާބަކުރައްވާ ދުޢާއަކީ ކޮބައިކަން މި ޙާދިސާއިން އެނގެއެވެ. އިޖާބަ ކުރައްވާ ދުޢާ އަކީ ތިމާގެ މުޅި ހިތާއި، ހަށިގަނޑު ފުރިހަމައަށް އެކުލަވައިގެން ކުރާ އިޚްލާޞްތެރި ދުޢާއެވެ. ތިމާގެ ނުކުޅެދުންތެރިކަން ހެޔޮ ހިތުން ގަބޫލު ކޮށްގެން ހުރެ އިންސާނާ ވައްޓާލާ އެންމެ ކަރުން ތިތްކަކީވެސް އުޑާއި ބިމަށްވެސް އުފުލުން ކުޅަދާނަ އެއްޗަކަށް ނުވާނެއެވެ. އަޅާ އޭނާ ހައްދަވައި ގެންގުޅުއްވާ ﷲ ގެ ޙަޟުރަތުގައި ޚުޝޫޢަތްތެރި ކަމާއެކު ދަންނަވާ ދެންނެވުމަކީ އަނބުރާ ރައްދުކުރެވޭނެ ދެންނެވުމެއް ނޫނެވެ.

މިފަދަ ދަނޑިވަޅުގައި ދުޢާއަކީ ހަމައެކަނި ދުލުން ބޭރުކުރެވޭ ލަފްޒުތަކެއް ނޫނެވެ. އެއީ، މީހެއްގެ ހިތުގެ ރުއިމުގެ އަޑެވެ. އާރެއް ބާރެއްނެތް މީހެއްގެ އާދޭހުގެ އަޑެވެ. އެ އަޑާއެކު ﷲ ގެ ރަޙްމަތުގެ ހޯސްލާފައި އޮހިގަނެއެވެ. އޭނާ ދެންނެވި ދެންނެވުމަކީ އޭނާ ހެއްދެވި ފަރާތް ރުއްސަވާ ދެންނެވުމަކަށް ވެދެއެވެ. އެކަލާނގެ ރުއްސެވުމުގެ ހިޔަލަށް އޭނާއަށް ވަދެވެއެވެ.

ރީތި އަޚުލާޤު

މުޖުތަމަޢުގައި ދިރިއުޅޭ ނިކަމެތިންނަށް އެހީތެރިވުމަކީ ބޮޑު އަޅުކަމެކެވެ. މުސްކުޅި މައިންބަފައިންނާއި، ޔަތީމް ކުދިންނާއި، ޙާލުގައި ޖެހޭ ދަތުރުވެރިންނާއި، މި ނޫންވެސް މިފަދަ އުނދަގޫ ނުވަތަ ދަތި ޙާލަތްތަކުގައި އުޅޭ މީހުންނަށް އެހީތެރިވުމަކީ ﷲ ނުހަނު ބޮޑަށް ރުއްސަވާ، ގިނަގުނަ ސަވާބު ދެއްވާ ކަމެކެވެ. މިފަދަ ޢަމަލުތަކުގެ ހެޔޮކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި، ޙަދީޘުގައި އައިސްފައިވެއެވެ.

މިބާވަތުގެ ޢަމަލުތަކަކީ ހެޔޮ ޢަމަލުތަކަކަށް ވަނީ ކީއްވެގެންބާވައެވެ؟ އޭގެ ސަބަބަކީ އެހީތެރިކަމުގެ ޢަމަލަކީ އިންސާނާ އޭނާގެ ބަލިކަށިކަން ޤަބޫލުކޮށް ކުރެވޭ އިޤްރާރަކަށް އެ ޢަމަލުވާ ކަމެވެ. ކޮންމެ އިންސާނަކީވެސް ﷲ ގެ ޙަޟްރަތުގައި ނުކުޅެދިގެންވާ މީހެކެވެ. އޭނާގެ ތަނަވަސްކަމާއި، މުދަލަކީ ﷲ ދެއްވީމާ ލިބޭ އެއްޗެކެވެ. އެތަކެތި ގެއްލެނީ ﷲ އެތަކެތި ގެންދެވީމައެވެ. މިކަން އެނގުމަށް ކިޔާ ނަމަކީ އީމާންކަމެވެ. އެކަން ތިމާ ޤަބޫލުކުރާކަން ޢަމަލުން ދެއްކުމަށް ކިޔާ ނަމަކީ އަޅުކަމެވެ.

އިންސާނާގެ އީމާންކަމާއި، އަޅުކަމުގެ ތެދުވެރިކަން އެނގެނީ ނިކަމެތިންނާމެދު އޭނާ ޢަމަލުތައް ބަހައްޓާ ގޮތަކުންނެވެ. އޭނާގެ ކުރިމައްޗަށް ނިކަމެތި މީހާ އަންނަނީ އެއްވެސް ގޮތެއް ނެތިގެންނެވެ. ހަތަރު އުދަރެސް ފެނުޖެހިގެންނެވެ. ﷲ ގެ ޙަޟްރަތުގައި ފޯރާމީހާގެ މިސާލަކީވެސް މިއީއެވެ. ނިކަމެތި މީހާއަށް އެހީތެރިވުމަކީ ﷲ ގެ ޙަޟްރަތުން މަދަދަށް އެދިގަތުމެވެ. ތިމަންގެ ގާތަށް މިއައީ ތިމަންނާއަށްވުރެ ނިކަމެތި މީހެކޭ، ތިމަންވަނީ ﷲ ގެ ޙަޟްރަތުގައި ނިކަމެތިވެގެންވާ މީހަކަށޭ ބުނެ އިޢުތިރާފުވުމެވެ.

ނިކަމެތިންނާމެދު ހެޔޮކޮށް ކަންތައް ކުރުމަކީ ތިމާގެ ހައިސިއްޔަތު ދެނެ ގަތުމެވެ. ތިމާގެ ދުޢާގައި ޢަމަލީ ސިފައެއްގައި ﷲ އަށް ދެންނެވުމެވެ. ﷲ ގެ ޙަޟުރަތުގައި ތިމާއަށް ލިބިފައިވާ މަޤާމު ދެނެގަތުމެވެ. ނިކަމެތި މުއުމިނަކު ފެނުމާއެކު އެމީހާޔާއި ތިމާ ނިސްބަތްކޮށް އަޅައިބަލާ ވަގުތު ތިމާޔާއި، ﷲ ނިސްބަތްކޮށް އަޅައި ބަލާނެއެވެ. އެވަގުތު އޭނާގެ ހިތަށް އީމާންކަން ވަދެގެންދާނެއެވެ. ފުރިހަމަ މުއުމިނަކަށްވާނީ މިފަދަ މީހެކެވެ.

ނިކަމެއްޗަކު ފެނުމާއެކު ފުރިހަމަ މުއުމިނެއްގެ ހިތަށް އަސަރު ކުރެއެވެ. ތިމާގެ ހުރިހާ ތަނަވަސް ކަމެއް އެ ނިކަމެތި މީހާގެ މައްޗަށް ހޭދަކޮށްލުމުގެ އެދުން ހިތުގައި ހިނގައިގަނެއެވެ. ﷲ ގެ ޙަޟްރަތުން ތިމާއަށް ހުރި މަތިވެރި ދަރުމައާއި، ސަވާބު ހާސިލުކޮށްގަތުމުގެ އެދުން ބޮޑުވެގަނެއެވެ. ނިކަމެތިންނަށް އެހީތެރިވުމަކީ ﷲ ގެ މަދަދަށް އެދި ތިމާގެ ޢަމަލުން ކުރެވޭ ދުޢާ އެކެވެ.

ދޫންޏާއި އިންސާނުން

ސާލިމް ޢަލީ (87 އަހަރު) އަކީ ދޫނީގެ ދިރިއުޅުން މުޠާލިޢާ ކުރާ ހިތްވާ މީހެކެވެ. އަދި އެ ކަމުގެ މާހިރެއްވެސް މެއެވެ. އޭނާގެ ހިތުގައި މި ޝައުޤުވެރިކަން އުފެދުނީ ޢުމުރުން އެންމެ ދިހަ އަހަރުގައެވެ. އޭނާގެ ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރީ މި ޝައުޤު ފުރިހަމަ ކުރުމުގައެވެ. އަތުގައި އަބަދުވެސް ދުރުމީއެއް އޮވެއެވެ. އެއް ކޮނޑުގައި ކެމެރާއެއް އޮވެއެވެ. އަނެއް ކޮނޑުގައި އޮންނަނީ ބޭނުންވާ ތަކެތި އަޅާފައި އޮންނަ ދަބަހެކެވެ. މި ތަކެތި ހިފައިގެން ވަލުތެރެއަށް ވަދެ، ނުވަތަ ފަރުބަދަ މައްޗަށް އަރާ ދޫނި އުޅޭ ގޮތް ބެލުމަކީ އޭނާގެ އާދައެކެވެ. ބުނެވޭ ގޮތުގައި އޭނާ މި ޝައުޤު ފުރިހަމަ ކުރަން ކޮށްފައިވާ ދަތުރުތައް ޖަވާހަރްލާލް ނެހްރޫގެ ދަތުރުފުޅުތަކަށްވުރެ ދިގެވެ. ނަތީޖާއެއްގެ ގޮތުން މީހުން އޭނާއަށް “ދޫނިމީހާ”  (Birdman) އޭ ކިޔައި ނަން ހަރުކޮށްފިއެވެ. މިކަމުގައި އޭނާ ޙާޞިލު ކޮށްފައިވާ މަތިވެރި މަގާމުގެ ސަބަބުން އޭނާއަށް ޤައުމީ އަދި ބައިނަލްއަޤްވާމީ އެތައް އިނާމެއް ލިބިފައި ވެއެވެ.

އިންޑިއާގައި ދެ ހާހަށްވުރެ ގިނަ ވައްތަރުގެ ދޫނި އުޅެއެވެ. ސާލިމް ޢަލީ އެ ދޫނިތަކުގެ މަޢުލޫމާތު  އެއްކޮށްގެން އެތައް ފޮތެއް ލިޔެފައި ވެއެވެ. އޭގެ ތެރެއިން އެއް ފޮތަކީ “އިންޑިއާގެ ދޫނިތަކުގެ އަތްމަތީ ފޮތް” އެވެ. މި ފޮތް ލިޔެފައިވަނީ 20 އަހަރު ދުވަހުގެ ހޯދުމަށް ފަހުގައެވެ.

ނޫސްވެރިޔަކު އެއްދުވަހަކު ސާލިމްއާ އޭނާގެ ގޭގައި ބައްދަލު ކުރި އެވެ. އޭނާއަށް ފެނުނީ ވަރަށް ތަހުޒީބު، މާތް އަޚުލާޤެއްގެ ވެރި އިންސާނެކެވެ. އޭނާއަށް ފެނުނު ގޮތުގައި ސާލިމްއަށް މި ސިފަތައް ލިބިފައިވަނީ ދޫނި އުޅޭ ނޫޅޭ ގޮތް ބެލުމުގެ ސަބަބުންނެވެ. އޭނާގެ ރިޕޯޓު 25 ސެޕްޓެމްބަރ 1983 ގެ ޓައިމްސް އޮފް އިންޑިއާގައި ޝާއިޢުކޮށްފައި ވެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި އިންސާނުންގެ ކިބައިގައި އިންސާނިއްޔަތުގެ ސިފަ އަށަގަންނުވަން ބޭނުން ނަމަ ދޫނި އުޅޭ ގޮތް ބެލުން ކޮންމެ މީހަކަށް މަޖުބޫރު ކުރަންވީއެވެ.

ދުނިޔޭގައި އެތައް ބާވަތެއްގެ ދޫންޏަކާއި، ޖަނަވާރެއް އުޅެއެވެ. އިހު ޒަމާނުގެ މީހުންނަށް އެ ތަކެތީގެ މަޢުލޫމާތު ލިބިފައި ވަނީ ވަރަށް ކުޑަ ކޮށެވެ. އެހެންނަމަވެސް މިހާރު އެތަކެތީގެ މަޢުލޫމާތު އެއްކޮށް ރައްކާ ކުރެވެމުން ދަނީ ޙައިރާން ވާހައި މޮޅަށެވެ. ޖަނަވާރުގެ ދިރިއުޅުން އިންސާނުންނަށް ދައްކައިދޭން ތަފާތު ގޮތްގޮތް ބޭނުން ކުރެވެއެވެ. ޖަނަވާރާއި، ދޫނި ސޫފާސޫފީގެ ބަގީޗާތައް ހެދުމުގެ މައިގަނޑު އެއް ބޭނުމަކީ މިއީއެވެ. ޔުނިވަރސިޓީ ތަކުގައި ޖަނަވާރާބެހޭ ޢިލްމު އުނގަންނައިދެނީ މި ބޭނުމުގައެވެ. ޖަނަވާރުގެ ކިބައިގައި އިންސާނުން ބަލައިގަންނަންޖެހޭ ސިފަތަކެއް ހުރެއެވެ. ކޮންމެ ޖަނަވާރެއްވެސް ދިރިއުޅެމުން ދަނީ އެ އަށް ކަނޑައެޅިފައިވާ ފިޠުރަތުގެ އުޞޫލު ތަކުގެ މަތިންނެވެ. އިންސާނާ ތަކުރާރުކޮށް ފިޠްރަތުގެ އުޞޫލުން ބޭރުވެގަނެއެވެ. އެކަހަލަ މީހުންނަށް ދޫނީގެ ދިރިއުޅުން ބަލައިގެން އެކަނިވެސް ސަލާމަތުގެ އައްސޭރިއަށް ވާޞިލު ވެވިދާނެއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top