މާދަމާއިން ފެށީގެން ކޮވިޑް ވެކްސިންގެ 4ވަނަ ޑޯޒް ދޭން ފަށަން ނިންމައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ހަތަރު ވަނަ ޑޯޒުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިން ކަމަށެވެ. ހަތަރުވަނަ ޑޯޒް ދިނުމަށް ފުރަތަމަ އިސްކަން ދޭނީ ކޮވިޑްގެ ނުރައްކާ ބޮޑު ކަމަށް އެޗްޕީއޭއިން ކަނޑައަޅާފައި އޮންނަ ކެޓަގަރީތަކުގައި ހިމެނޭ މީހުންނަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުވެފައިވާ މީހުންނާއި އުމުރުން 18އަހަރުން ފެށިގެން 64 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުންގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ދެރަކުރާ ފަދަ ބޭހެއް ކާ މީހުންނާއި ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނެވެ.
މި ޑޯޒް ޖަހާނީ މީގެ ތެރެއިން ކޮވިޑް-19 ގެ ފުރަތަމަ ބޫސްޓާ 3 ވަނަ ޑޯޒް ޖެހި ފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށާއި ރާްޖެތެރޭގައިތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމު ކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒް ދޭން މި ފަށަނީ ރާއްޖޭގައި ކޮވިޑްޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި އޮތުމަށްފަހު ކުއްލިއަކަށް އިތުރުވަމުން ދާން ފެށުމާ އެކުގައިކަން ފާހަގަކުރެވެއެވެ.