ދާއިމީ އުފާތައް ލިބޭހުށީ ފަރްޟުފަސްނަމާދު އަދާކުރާ ބަޔަކަށެވެ

RTRN40O-1024x609.jpg

އިންސާނާ އަކީ މާތްﷲ މި ބިމުގައި ލައްވާފައިވާ ޚަލީފާއެވެ. މާތްﷲ އިންސާނާ ލައްވާފައިވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައެވެ. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަނީ، ( وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ ) (سورة: الذاريات 56) މާނައީ” ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ،ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނުހައްދަވަމެވެ. ”

އެހެންކަމުން އިންސާނުން ހަމައެކަނި އަޅުވެތިވާންވީ، ނެތުމުގެތެރެއިން އިންސާނާ ވުޖޫދަށް ގެނުވި ފަރާތަށެވެ. އެފަރާތަކީ، ދުނިޔެއާއި ދުނިޔޭގައި ވާހައިއެއްޗެއް ހެއްދެވި، އަދި އެހުރިހާއެއްޗެއް މިލްކުވެވޮޑިގެންވާ އެއްކައުވަންތަ ﷲއެވެ. އެއީ ޙައްޤުގޮތުގައި އަޅުކަން ކުރެވޭ ހަމައެކަނި ފަރާތެވެ. ކާންބޯން މަސައްކަތް ކުރުމުން އިންސާނާއަށް ރިޒްޤު ދެއްވަނީ އެކަލާނގެއެވެ. ބަލިވުމުން ބަލިބައްޔަށް ޝިފާ ދެއްވަނީ ހަމަ އެކަލާނގެއެވެ. އަދިމިނޫންވެސް ގުނައި ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކެއް އިންސާނާއަށްޓަކައި މާތްﷲވަނީ މި ދުނިޔޭގައި ލައްވާފައެވެ. އެހެންކަމުން އިންސާނާ ހަމައެކަނި އަޅުވެތިވާންވީ ފަރާތަކީ އެއްކައުވަންތަ، ކުޅަދުންވަންތަ، އަދި ދީލަތިވަންތަ މާތްﷲއެވެ.

އާދެ! އަޅުވެތިވުމަކީ މާތްﷲށް ފުރިހަމައަށް ބޯލަބައި ކިޔަމަންގަތުމެވެ. އެކަލާނގެ ނަހީކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވެ ހުރުމެވެ. އަޅުކަންތައްތަކުގެ ތެރެއިން އެންމެ އިސްކަން ދޭންޖެހޭނެ ކަމަކީ ފަރްޟުފަސްނަމާދެވެ. އެއީ ދީން ހިފަހައްޓައިދިނުމަށް އެންމެ ބާރުލިބިދޭ ކަމަކީ ނަމާދުކަމަށްވާތީއެވެ. ރެއަކާއިދުވާލު ފަރްޟު ފަސްނަމާދު އެ ނަމާދެއްގެ ވަޤުތުގައި އަދާކުރުމަށް، މާތްﷲވަނީ ކޮންމެ މުކައްލަފެއްގެ މައްޗަށް ފަރްޟު ކުރައްވާފައެވެ. އެ އަޅުކަންތައް އެމީހަކު އަމިއްލައަށް ކުރުމުން މެނުވީ އެމީހެއްގެ ކިބައިން ފަރްޟުކަން ކެނޑިގެން ނުދާނެއެވެ. އެއީ ޢައިނިއްޔަފަރްޟެކެވެ.

މާތްﷲ ކީރިތިޤުރްއާނުގައި ވަޙީކުރައްވާފައިވަނީ، ( وَأَقِيمُوا الصَّلاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ ) ( البقرة:43 ) މާނައީ “ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން ރުކޫޢު ކުރާ މީހުންނާއެކު ރުކޫޢު ކުރާށެވެ!”

ކީރިތިރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ، ( الْعَهْدُ الَّذِي بَيْنَنَاوَبَيْنَهُمُ الصَّلَاةُ فَمَنْ تَرَكَهَا فَقَدْ كَفَرَ ) (ރިވާކުރެއްވީ އަލްއިމާމުއްތިރުމިޛީ) މާނައީ، އެއުރެންނާއި އަހަރެމެންނާ (އެބަހީ: މުނާފިޤުންނާއި މުސްލިމުންނާ ) ދެމެދުގައި (ތަފާތުކުރާ) ޢަހްދަކީ، ނަމާދެވެ. ފަހެ، (ނަމާދުގެ ވާޖިބުކަމަށް އިންކާރުކޮށް) ނަމާދު އަޅައިފިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން (އޭނާ) ކާފިރުވެއްޖެއެވެ.”

އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ ޤަޞްދުގައި ނަމާދު އަޅައިފި މީހާއަށް އެ ހުރެވެނީ އިސްލާމްދީންމަތީގައިނޫންކަމެވެ. އެހެންކަމުން ﷲ ށް އަޅުވެތިވުމުގެގޮތުން، ފަރްޟުފަސްނަމާދު، އެ ނަމާދެއްގެ ވަޤުތުގައި އަދާކުރުމަކީ، ކޮންމެހެން ލާޒިމުކަމެކެވެ. ނަމާދުއެޅުމަކީ، އަމިއްލަ ނަފްސަށް ދެވޭ ވަރަށްބޮޑު އަނިޔާއެކެވެ. ފަރްޟުފަސްނަމާދު އެޅުމަކީ، ދުނިޔެމަތީގައި އަމިއްލަ ނަފްސަށް ދެވުނު އަނިޔާއެއްކަން އިޙްސާސްކުރެވޭނީ، ހަމަކަށަވަރުންވެސް އެއީ އަންނާނޭ ދުވަހެއްކަމަށް މާތްﷲ ވަޢުދުވެ ވޮޑިގެންފައިވާ،ޤިޔާމަތްދުވަހުއެވެ. ދުނިޔެމަތީގައި އިންސާނުން ކުޅަ ޢަމަލުތަކަށް ފުރިހަމަ ޖަޒާ ދެއްވޭނޭދުވަހުއެވެ.

ސަލާމާއި ޞަލަވާތްލެއްވި މިއުއްމަތުގެ މާތްނަބިއްޔާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ( މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” ހަމަކަށަވަރުން ޤިޔާމަތްދުވަހުން އަޅާގެ ޢަމަލުތަކުގެތެރެއިން އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާމެދުގައެވެ. ފަހެ، އޭނާގެ ނަމާދު ރަނގަޅުވެއްޖެނަމަ، ( އެބަހީ: އޭނާ ފުރިހަމަގޮތުގައި ރަނގަޅަށް ނަމާދު ކޮށްފައިވާނަމަ) ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވާހުއްޓެވެ. އަދި އެ ނަމާދު  ފާސިދުވެއްޖެނަމަ، ފަހެ ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ އަބާއްޖަވެރިވާހުއްޓެވެ.

ފަހެ، ﷲ ފަރްޟުކުރެއްވި ކަމަކުން އެއްޗެއް އުނިވެފައިވާނަމަ، މަތިވެރިވަންތަ ރައްބު (މަލާއިކަތުންނަށް) ވަޙީކުރައްވާހުއްޓެވެ. ތިމަންރަސްކަލާގެ އަޅާގެ އިތުރު ހެޔޮކަމެއްވޭތޯ (އެބަހީ: ސުންނަތްނަމާދު ކޮށްފައިވޭތޯ) ތިޔަބޭކަލުން ބައްލަވާށެވެ! އަދި ފަރްޟުގެތެރެއިން އުނިވެފައިވާ ތަން، އެއިން ފުރިހަމަކުރައްވާށެވެ! ދެން މިފަދައިން އެހެން ކޮންމެ ޢަމަލަކާމެދުގައިވެސް ބެއްލެވޭހުއްޓެވެ.” )

އިސްވެދިޔަ ބަސްފުޅުން ދޭހަވާގޮތުގައި އުޚްރަވީޙަޔާތުގެ ބާއްޖަވެރިކަން ލިބިގަތުމަށްޓަކައި، އެހެނިހެން ހެޔޮކަންތައްތައް ކުރުމާއެކު، ދުނިޔެމަތީގައި ކުރާންއޮތް އެންމެ މުހިންމު އަޅުކަމަކީ ބަރާބަރަށް ފަރްޟުފަސްނަމާދު އެނަމާދެއްގެ ވަޤުތުގައި އަދާކުރުމެވެ. ނަމާދާމެދު ފަރުވާކުޑަކުރާ މީހަކަށް ޤިޔާމަތްދުވަހުން އެއްވެސް އުފަލެއްނެތެވެ.

ކީރިތިރަސޫލާގެ ސުންނަތުން ސާބިތުވާގޮތުގައި، ނަމާދު އަޅާބަޔަކަށް ޤިޔާމަތްދުވަހުގައި އޮތީ ގެއްލުމާއި ހަލާކެވެ. ނަރަކައިގެ ގަދަފަދަ ޢާޛާބެވެ. ދުނިޔޭގައި ހުންނަ އެންމެހޫނުގެ ހަތްދިހަގުނަ ހޫނުކަން ހުންނަ ނަރަކައިގެ ވޭންދެނިވި ޢަޛާބެވެ. އުޚްރަވީ ޙަޔާތުގެ ދާއިމީ އުފާތައް ލިބޭހުށީ އެހެނިހެން އަޅުކަންތައްތައް އަދާ ކުރުމާއެކުވެސް، ފަރްޟުފަސްނަމާދު ބަރާބަރަށް އަދާކުރާ ބަޔަކަށެވެ. މަޑުމޮޅިކަމާއި ޚުޝޫޢަތްތެރިކަމާއެކު އެ ނަމާދެއްގެ ވަޤުތުގައި އެނަމާދެއް އަދާކުރާ ބަޔަކަށެވެ. ގުނާ ޢަދަދުނުކުރެވޭހާ ގިނަގުނަ، ސުވަރުގޭގެ ދާއިމީ ނިޢުމަތްތައް ލިބޭހުށީ، އީމާންވެ، ޞާލިޙު ޢަމަލުތައްކޮށް އުޅޭ ތަޤްވާވެރި އަޅުތަކުންނަށެވެ.

އަޅަމެން ދިވެހީންނަކީ ހެޔޮބަސް އަހައި ހެޔޮބަސް ޤަބުލުކުރާ ބަޔަކުކަމުގައި ލައްވާށިއެވެ! އާމީން.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top