ބ. އޭދަފުށީ އިސް ރައްވެހިންގެ ތެރޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ގްރޫޕެއް ކަމުގައިވާ “މުންޑު ކޯލިޝަނުން” ކުޑަރިކިލު ބަނޑިޔާއާއި، ލައިވް މިއުޒިކް ބޭންޑްގެ ޝޯއެއް އޭދަފުށީގައި ބޭއްވުމަށް ނިންމައިފިއެވެ.
މުންޑު ކޯލިޝަނުން މިކަން ނިންމާފައިވާކަން އިޢްލާންކުރީ އެގްރޫޕްގެ “މެންބަރުންނާ”އި، އެކަމަށް ތަރުހީބުދޭ އޭދަފުށީގެ އާންމު ބައެއް ރައްޔިތުންނާއެކު މިދިޔަ ހުކުރު ދުވަހު ދެކުނުފަރާތު އަތިރިމަތީގައި ބޭއްވި ބައްދަލުވުމެއްގައެވެ. މުންޑު ކޯލިޝަންގެ އިސްވެރިއެއްގެ ގޮތުން އެބައްދަލުވުމުގައި ވާހަކަދެއްކި އަބްދުއްސަމަދު ބުނީ މިއީ އޭދަފުށީ ރައްޔިތުން މުނި ފޫހި ފިލުވާލުމުގެ ގޮތުން އެގްރޫޕްގެ ފަރާތުން ކުރިޔަށް ގެންދާ ހަރަކާތެއްކަމަށާ، މިޝޯވއަށް ހަރަދު ކުރަނީ ހެޔޮއެދޭ އޭދަފުށީގެ އަމިއްލަ ފަރާތްތަކުން ކަމަށެވެ.
“އެންމެ ލޯ ލާރިއެއްވެސް އަޅުގަނޑުމެން އަތަކުން ހަރަދެއް ނުކުރާނަން. ސްޓޭޖް ޝޯގެ ހުރިހާ ހަރަދެއްވެސް ހެޔޮއެދޭ ފަރާތްތައް މެދުވެރިކޮށް އަޅުގަނޑުމެން ހަމަޖައްސާނީ. އަޅުގަނޑުމެން ބޭނުންވަނީ އޭދަފުށި ރައްޔިތުން ހިތްހަމަ ޖެހިލައިގެން ކުޑަރިކިލު މީހުން އެޖަހާ ބަނޑިޔަލާ، ލައިވް މިއުޒިކް އޭދަފުށީ ރައްޔިތުން ބަލާލުމުގެ ފުރުަތު ހޯދައިދޭން .ހަމަ އެކަނި މުނި ފޫހި ފިލުވާލުމަށް ކުރާކަމެއް މިއީ” އޭދަފުށީ ރައްޔިތުން ހިލޭސާބަހަށް މީގެކުރިން ކޮށްފައިވާ ތަރައްޤީގެ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރި ސަމަދު ބުންޏެވެ.
ސަމަދު ބުނީ ޝޯ އޮންނާނީ އޮކްޓޯބަރ 6 ވާ ހުކުރު ދުވަހުގެ ރޭ އޭދަފުށީ ދެކުނުފަރާތު ހުސްބިމުގައި ކަމަށާ، އެތަން ތައްޔާރުކޮށް ސްޓޭޖް އެޅުމަށްޓަކައި އޮކްޓޯބަރ 5 ވާ ބުރާސްފަތިދުވަހު މަސައްކަތް ފަށާނެކަމަށެވެ. އަދި މިކަމުގައި އޭދަފުށީގެ އަންހެނުންނާއި، ފިރިހެނުންގެ އެކުވެރި ކަމާއި އެއްބައެއް ވަންތަކަން ދެއްކުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް ސަމަދު ބުންޏެވެ.
ފަހަކަށް އައިސް ބ. އަތޮޅުގައި އުވެމުންދާ ، ލައިވް މިއުޒިކާއި، ލައިވް ބަނޑިޔާ ޖެހުމުގައި ކުޑަރިކިލު ޒުވާނުންގެ ޖަމްއިއްޔާ ގެ ވިދުން ބ.އަތޮޅުގައި ދަނީ ގަދަވާން ފަށާފައެވެ. އެގޮތުން އެބޭންޑްގެ ޝޯތައް މިދިޔަ އަޟްހާއީދުގައި ކެންދޫގައާއި، ތުޅާދޫގައިވެސް އޮތެވެ. އަދި ވަރަށް ފަހުން އޭދަފުށީ ވެލާ ސިޓީ ގްރޫޕުންވެސް މިބޭންޑް އޭދަފުއްޓަށް ގެނައެވެ.