ބ.އަތޮޅުގެ އެންމެ އާބާދީ ކުޑަ ދެސްކޫލް ކަމުގައިވާ ފެހެންދުއާއި ފުޅަދޫ ސެޓެލައިޓް ސްކޫލުން އޯލެވެލް ނިންމި ތިން ދަރިވަރަކު ފަސް މާއްދާއިން ފާސްވެ އެ ކާމިޔާބީ ތާރީޚުގައި ލިޔެލައިފިއެވެ.
ސެޓެލައިޓް ސްކޫލަކީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލު ނުހިންގޭ ރަށްރަށުގައި ކުރިއަށް ގެންދާ އޮންލައިން ސްކޫލިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ކިޔަވައިދޭ މައި މަރުކަޒަކީ ހުޅުމާލޭ ހުރަވީ ސުކޫލެވެ.
މި ސްކޫލުން ކިޔެވި ދަރިވަރުންގެ ތެރެއިން ފެހެންދޫން އެއް ދަރިވަރަކު މިއަހަރު އޯލެވެލް ހެދި އިރު، އެ ދަރިވަރު ވަނީ އަށް މާއްދާއިން ފާސްވެފައެވެ. އަދި ފުޅަދޫން އޯލެވެލް ހެދި ދެ ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފައެވެ. އެދެ ސްކޫލުން މިއަހަރު އޯލެވެލް ހެދި ހަތް ދަރިވަރުންގެ ތެރެއިން ތިން ދަރިވަރަކު ވަނީ ފަސް މާއްދާއިން ފާސްވެފަ އެވެ.
ފުޅަދޫ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު އަޝްރަފް ވިދާޅުވީ، އެރަށު ސްކޫލުން އޯލެވެލް ހެދި ދެ ދަރިވަރުން ފަސް މާއްދާއިން ފާސްވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ސްކޫލުގައި ގޮންޖެހުންތައް ހުރި ނަމަވެސް، ދަރިވަރުންގެ ނަތީޖާ ރަނގަޅުވުމުން އުފާކުރާ ކަމަށެވެ.
”މިވަގުތު އަޅުގަނޑުމެންނަށް ކްލާސްރޫމުގެ ދަތިކަން ވަނީ ކުރިމަތި ވެފައި. އިތުރު ކްލާސް ރޫމަކަށް ޕާޓިޝަންއެއް ޖަހައިގެން މި ބޭނުން ކުރަނީ،“ އޭނަ ވިދާޅުވިއެވެ.
ރާއްޖޭގެ ހަ ރަށެއްގައި ވަނީ ސެޓެލައިޓު ސްކޫލު ގާއިމްކޮށްފައިވެ އެވެ.
ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ކުރީ ސަރުކާރުން 2022 ވަނަ އަހަރުގެ ޖެނުއަރީ 17ވަނަ ދުވަހުއެވެ.