އާއްމުކޮށް ދިވެހީން މަރުވާ ބޮޑެތި ބަލިތަކަށް މަގުފަހިކުރުވާ ވޭޕުން ނަގާ ކަސްޓަމްސް ޑިއުޓީ 200 އިންސައްތައަށް ބޮޑުކޮށް، ސިނގިރޭޓަކުން 5ރ. ގެ ޑިއުޓީއެއް ނެގުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅައިފިއެވެ.
ވޭޕްގެ ބާވަތްތަކުން މިހާރު ނަގަމުން އަންނަނީ 25 ޕަސެންޓްގެ ޑިއުޓީއެކެވެ. ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަނީ 3ރ. އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މިދިޔަ ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގައި ބުނެފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ނުރައްކާތެރި އެ ދެ ބާވަތުން ޑިއުޓީ ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. ރާއްޖޭގައި މިހާރު ވޭޕްކުރުން ވަރަށް ބޮޑަށް އާންމުވެފައިވާ އިރު، އެ ވިޔަފާރި ފުޅާވަމުންދާކަން ވެސް ފާހަގަ ކުރެވެ އެވެ.
މިހާރު ސިނގިރޭޓް ފޮއްޓެއް 105 ރުފިޔާއަށް ވިއްކަމުން އަންނައިރު މި ބަދަލާ އެކު އެ އަގު ބޮޑުވާނެއެވެ. އަދި، ރާއްޖެ އެތެރެކުރުން އިންތިހާއަށް އިތުރުވެފައިވާ ސިއްހަތަށް ނުރައްކާތެރި ބާވަތެއް ކަމަށްވާ ވޭޕްގެ އަގުތައް މިހާރަށް ވުރެ 175 ޕަސެންޓް އުފުލިގެން ދާނެއެވެ.
ފާއިތުވި ތިން އަހަރު ރާއްޖެއަށް ވޭޕް އެތެރެ ކޮށްފައިވަނީ އަމިއްލަ މީހުންނާއި ކުންފުނިތައް ހިމެނޭގޮތަށް 74 ފަރާތެއް މެދުވެރިކޮށެވެ.
ރާއްޖެ އަށް މިހާރު އަހަރެއްގެ މައްޗަށް 1.8 ބިލިއަން ރުފިޔާގެ ނުވަތަ 400 މިލިއަން ޑޮލަރުގެ ސިނގިރޭޓު އެތެރެކުރެ އެވެ.