ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑާޝިޕް ވަރުގަދަ ކުރުމުގެ ގޮތުން، އެ ޕާޓީގެ އިސް ސަފަށް އިތުރު 10 ބޭފުޅަކު ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މި ބޭފުޅުން ލީޑާޝިޕަށް ހަމަޖައްސަވާފައިވަނީ ޕީއެންސީގެ އަސާސީ ގަވާއިދުން ޕާޓީގެ ރައީސަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. އަލަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންގެ
ފެންވަރުގެ އިސް ވެރިންގެ އިތުރުން ސަފީރަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތިން މެނޭޖިންގ ޑިރެކްޓަރުން ހިމެނިވަޑައިގަންނަވައެވެ.
ވަޒީރުންގެ މަޖިލީހުން ޕީއެންސީގެ ލީޑާޝިޕަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:
މިނިސްޓަރު މުހައްމަދު އަމީން އާއި މިނިސްޓަރު ގީލާ އަލީ އާއި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.
މީގެއިތުރުން ވަޒީރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މި މަގާމުތަކަށް ހަމަޖެއްސެވީ:
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އަދި މިނިސްޓަރު ފެންވަރުގެ ބޭފުޅެއް ކަމަށްވާ މުހައްމަދު ތޮލާލެވެ
ޑިޕްލޮމެޓިކް ދާއިރާގައި ސަފީރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅުންގެ ތެރެއިން ލީޑާޝިޕަށް އައްޔަންކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރިން ވެސް އެ ޕާޓީގެ ނައިބު ލީޑަރުކަން ކުރެއްވި އާދަމް ޝަރީފް އުމަރެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ ތެރެއިން ޕާޓީގެ ލީޑާޝިޕަށް ހަމަޖެއްސެވި ބޭފުޅުންނަކީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް އާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރުގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލެވެ.
ޕީއެންސީގެ ލީޑާޝިޕަށް އަލަށް އައްޔަންކުރެއްވި މި ހުރިހާ ބޭފުޅުން ވެސް ވަނީ މިއަދު އެ މަގާމުތަކުގެ އިގުރާރުގައި ސޮއިކުރައްވައި، ރަސްމީކޮށް ހުވާކުރައްވާފައެވެ.





