ގްރީން ޓެކްސްގެ އާމްދަނީގެ ގޮތުގައި ބ.އަތޮޅުން ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ

DSCN8141.jpg

ބ.މާޅޮހު މަޑިފިނޮޅު ގެސްޓްހައުސް -އިވީ ފޮޓޯ

ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ނަގާ ޓެކްސް އިން ބ.އަތޮޅުން 7.87 ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މާލެ އަތޮޅު ނެގުމަށް ފަހު ދެން އެންމެ ގިނައިން ގްރީންޓެކުހުގެ އާމްދަނީ ލިބެނީ ބ.އަތޮޅާއި އދ އަދި  އއ އަތޮޅުން ނެވެ.

ފިނޭންސް މިނިސްޓްރީއިން މަހަކު އެއްފަހަރު އާންމު ކުރަމުން އަންނަ ގްރީން ޓެކުހުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެޕްރީލް މަސް ނިމުނު އިރު ގްރީން ފަންޑްގައި ހުރީ 235.93 މިލިއަން ރުފިޔާ އެވެ. އަދި އެ ފަންޑަށް މިއަހަރުގެ މިހާތަނަށް 324.76 މިލިއަން ރުފިޔާ ޖަމާކުރި އިރު އެޕްރީލްގެ ނިޔަލަށް އެ ފަންޑުން ހަރަދުކޮށްފައި ވަނީ، 88.83 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަ އެވެ.

ގްރީންޓެކްސްގެ އާމްދަނީ ޖަމާކޮށްގެން އުފައްދާފައިވާ އެ ފަންޑުން ހަރަދުކުރަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގެ މަޝްރޫއުތަކަށެވެ.

މިވަގުތު ގްރީންފަންޑުން ހިންގާ މަޝްރޫއުތަކުގެ ޖުމްލަ އަގު 40.96 މިލިއަން ރުފިޔާއަށް އަރަ އެވެ. ޖުމްލަ 23 މަޝްރޫއަކަށް މިވަގުތު އެ ފަންޑުން ހަރަދުކުރާއިރު، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއުތަކެވެ. ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ 17 މަޝްރޫއަކަށް ހަރަދުކުރާއިރު އެ ފަންޑުން މިހާރު ހިންގާ އެންމެ އަގުބޮޑު މަޝްރޫއަކީ ކ. ކާށިދޫގެ ނަރުދަމާގެ ނިޒާމުގެ މަޝްރޫއެވެ. އެ މަޝްރޫއަށް އެކަނި ގްރީން ފަންޑުން 11.32 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.

ދެން އެ ފަންޑުން ހަރަދު ކުރަނީ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކާއި ކުނި ނައްތާލުމާއި ފެން ހިންދުމުގެ ނިޒާމުތައް ގާއިމް ކުރުން އަދި ފެން ލޮނުވެފައިވާ ރަށްރަށުގައި ސާފު ބޯފެން ލިބޭނެ ނިޒާމުތައް ގާއިމް ކުރުމަށެވެ.

ހޫނު މޫސުމުގައި ރަށްރަށަށް ފެން ފޯރުކޮށް ދިނުމަށް ހަރަދު ކުރަނީ ވެސް މިހާރު މި ފަންޑުންނެވެ. އެކަމަށް 678،542 ރުފިޔާ އެ ފަންޑުން ވަނީ ހަރަދުކޮށްފަ އެވެ.

ގްރީންޓެކްސްގެ އާމްދަނީގެ ގޮތުގައި މިއަހަރުގެ މޭ މަހުގެ ނިޔަލަށް ޖުމްލަ، 402.43 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ. އެއީ ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ 4.8 ޕަސެންޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top