ރައީސްގެ ގަރާރަކުން ހިޔާލުފާޅުކުރުން ނުހުއްޓުވޭނެ: އެމްޕީ. އަލީ ހުސައިން

big_MDb6MwvMm9xvUa5OW2eWY3rGH.jpg

ކެންދޫ ދާއިރާގެ މެންބަރު ،އަލީ ހުސެން

ރައީސްގެ ގަރާރަކުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު، އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އެމްޕީ އަލީ އެހެން ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގަރާރެއް ނެރުއްވުމާ ގުޅިގެންނެވެ. އިންޑިއާ އާއި ވަރަށް ބޮޑު ގުޅުމެއް އޮތް މި ސަރުކާރުން މިފަދަ ގަރާރެއް ނެރެފައިވަނީ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ކަނޑައެޅުމަށް ފަހު ކަމަށެވެ.

”ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހަނިކުރެވޭނެ އަދި ހުއްޓުވޭނެ ކަންކަމެއް ނޫން- އެމްޕީ. އަލީ“

ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި އޮންނަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމާއި އެ ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.

އެކަން ފާހަގަކުރައްވައި އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސް ނެރުއްވާ ގަރާރަކުން ހަނިކުރެވޭނެ އަދި ހުއްޓުވޭނެ ކަންކަން ނޫން ކަމަށެވެ.

ރައީސް ނެރުއްވި ގަރާރުގައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ. އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

އެ ގަރާރު ނެރުއްވިއިރު، ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން އަނބުރާ ދިއުމަށް ގޮވާލައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ވަރުގަދަ ކެމްޕެއިނެއް ފައްޓަވައިފަ އެވެ. މާލެ އާއި އެކި ރަށްރަށުގައި އިންޑިއާއާ ދެކޮޅު މުޒާހަރާތަކާއި އެއްވުންތައް މިހާތަނަށް އިދިކޮޅުން އަންނަނީ ބާއްވަމުންނެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން ފުލުހުން ނިކުމެ ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ “އިންޑިއާ އައުޓް” ބޮޑު ބެނާ ވަނީ ނަގާފައެވެ. އަދި ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ބެނާވެސް ވަނީ މިހާރު ނަގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top