ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ‘އީ-ފާސް’ ތަޢާރަފްކުރުމާއެކު މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށާއި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެ ކޮމިޝަނާމެދު ކުރަމުންދަނީ ޙަޤީޤަތާ ޚިލާފު ދޮގު ތުހުމަތުތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ޕީއެންއެފުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ތުހުމަތުކޮށް ޖިނާއީ ތަހުގީގެއް ހިންގައިދޭން ޕޮލިހަށް މައްސަލަ ހުށަހަޅާފަ އެވެ.
މި ތުހުމަތުތަކާ ގުޅިގެން އީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ ހުއްޓުމެއް ނެތި ޢާންމުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު ޝަކުވާއަކީ، މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވެއްދުމާއި ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ މައްސަލަ ކަމަށެވެ.
އެހެން ކަމުން މި މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށްޓަކައި، އެކި ދުވަސްވަރު މަތިން ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި އެކިއެކި އިދާރާތަކާ ގުޅިގެން މަޝްވަރާކުރެވި، އެއިރެއްގެ ހާލަތާ ގުޅޭގޮތުން ގިނަގުނަ އިސްލާހީ ބަދަލުތައް އެ ކޮމިޝަނުން ގެނެސްފައިވާ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ‘އީ-ފާސް’ ތަޢާރަފްކުރެވުމާއެކު، މި ނިޒާމު ވެގެން ގޮސްފައިވަނީ ޢާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށް ކަމަށް އީސީން ވަނީ ބުނެފައެވެ.
މިހާރު ގާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިޚްތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދެވިފައި ކަން ފާހަގަކޮށް އީސީން ބުނީ، އެހެންކަމުން، ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދުގައި ހިނގާ މުޢާމަލާތެއް ކަމަށެވެ.
އީސީން ބުނީ، މިއީ އިތުރު ފަރާތެއްގެ ބައިވެރިވުމެއްނެތް، ފަރުދީ މިނިވަންކަމާއި އިޚުތިޔާރުގެ ތެރެއިން ނިންމޭ ނިންމުމެއް ކަމަށާއި، މިފަދަ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިފައިވާއިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އެ ކޮމިޝަނަށް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން ކަމަށެވެ.
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށާ އަދި ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް ކޮމިޝަނުން ނަސޭހަތްތެރިވެ އިލްތިމާސްކުރާ ކަމަށްވެސް ބުނެފައިވެއެވެ.




