ހިޖުރައިގެ އަގުހުރި ނަތީޖާ

viber_image_2019-08-31_09-10-24.jpg

ނަބަވީ މިސްކިތް -މިއަދު ފެންނަ ގޮތް

 

އަލްމަރުހޫމް އަބްދުއްރަހީމް އަބްދުލް މަޖީދު

 

[ނޯޓް: ‘ހިޖުރައިގެ އަގުހުރި ނަތީޖާ،‘ މި މަޒުމޫނަކީ  އަޅުގަނޑުގެ ބައްޕަ،  އަލްމަރްހޫމު އަބްދުއްރަހީމު އަބްދުލް މަޖީދު، މީގެ ސާޅީހަކަށް އަހަރު ކުރިން ލިޔުއްވި މަޒުމޫނެކެވެ. ހިޖުރީ 15ވަނަ ގަރުނު ލައިގަތުމުގެ މުނާސަބަތުގައި، އެކަމުގެ އިހުތިފާލުކުރުމުގެ ގޮތުން، ރާއްޖޭގައި ކުރެވުނު އެކި އެކި ކަންތައްތަކުގެ ތެރޭގައި، މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވުނު މަޒުމޫނު މުބާރާތަކަށް، ލިޔުއްވި މަޒުމޫނެކެވެ. އެ މުބާރާތުން، މި މަޒުމޫނު އެއްވަނައަށް ހޮވި، މި މަޒުމޫނުވަނީ، އެ ދުވަސްވަރު ރާއްޖޭގައި ލިޔުންތެރިންކަމުގެ ސަފުގެ ކުރީގައި، ތިއްބެވި ބައެއް ލިޔުންތެރިންގެ ލިޔުންތައް ހިމަނާލައި އެކުލަވާލެވުނު ފޮތެއްގައި ޝާއިއު ކުރެވިފައެވެ. މި މަޒުމޫނަކީ އަދާއި ވެސް ގުޅުން ހުރި މަޒުމޫނަކަށްވާތީ އަދުގެ ކިޔުންތެރިންގެ ކުރިމައްޗަށް ހުށަހަޅާލަން ގަސްދުކުރީއެވެ. ލިޔުމުގެ އަސްލަށް ބަދަލު ގެނެވިފައި ނުވިޔަސް، ބައެއް ހަދީސްތަކާއި އަރަބި ލަފްޒުތަކުގެ މާނަ ހިމަނާލެވި، ތިކިޖެހި ތާނައިން ލިޔުން، މަދުކޮށް، އެޑިޓުކުރެވިފައިވާނެއެވެ. މާނަ ސާފުކޮށް ދިނުމުގެ ގޮތުން އިތުރުކުރެވިފައިވާ އިބާރާތްތައް ހުންނާނީ ހަތަރެސްކަން ބުރެކެޓުތެރޭގައި، ކަތިލިޔުމުން، []، މިހެންނެވެ. މަރުހޫމުގެ މައްޗަށް ހެޔޮ ރަހުމަތް ލައްވައި ސުވަރުގެ މިންވަރުކުރެއްވުމަށް ދުއާކުރަމުން، އަދި، މިދުއާގައި ކިޔުންތެރިންވެސް ބައިވެރިވެލައްވާނެކަމަށް އުއްމީދު ކުރަމުން، ‘ހިޖުރައިގެ އަގުހުރި ނަތީޖާ’، 1441ވަނަ ހިޖުރީ އާއަހަރަށް މަރުހަބާކިޔަމުން، ހުށަހަޅާލަމެވެ. އަބްދުލް ޣަފޫރު އަބްދުއްރަހީމު.]

އިސްލާމީ ކަލަންޑަރު، އެމަޝްހޫރު ތާރީޚީ ޙާދިސާއަކާ ގުޅާލެވިފައިވާ ހިޖުރައިގެ އަގުހުރި ނަތީޖާ، އަޅުގަނޑުމެންނަށް ފެނިގެންދަނީ ހަމައެކަނި މީގެ ސާދަސަތޭކަ އަހަރުގެ ކުރީގެ ތާރީޚަކުން ނޫނެވެ. ހިޖުރީ ތާރީޚުން މިއަދާ ހަމައަށް ވޭތުވެ ގޮސްފައިވާ އެއްހާސް ހަތަރު ސަތޭކަ އަހަރުގެ ދިގު ޒަމާންތަކާއި ދުވަސްތަކުގެ ތެރެއިންވެސް ހިޖުރައިގެ އަގުހުރި ނަތީޖާ އަޅުގަނޑުމެންނަށް ފާހަގަ ކޮށްލެވިދާނެއެވެ. އަދި މިދެންނެވި އަގުހުރި ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެންދަނީ އިސްލާމީ ތާރީޚުގެ ވަކި ޒަމާނެއްގައި ހިނގާދިޔަ އެންމެ ކަމަކުންވެސް ނޫނެވެ. އެކި ޒަމާންތަކުގައި ހިނގައިދިޔަ އެތައް ކަމަކުންނެވެ. އެކި ދުވަސްވަރު މެދުވެރިވި އެތައް ބާވަތެއްގެ ކަމަކުންނެވެ.

ކަން މިހެން ހުރުމާއެކުވެސް މިއަދު އަޅުގަނޑު ގަސްދުކުރަނީ އިސްލާމީ އުއްމަތުގެ ނަބިއްޔާ، ސައްޔިދުނާ މުހައްމަދު އަލައިހިއްސަލާމު، އެމާތް ރަސޫލާގެ ލޯބިފުޅުވާ ވަތަން، މައްކާ، ދޫކުރައްވައި މަދީނާއަށް ހިޖުރަ ކުރެއްވުމާ ގުޅިގެން ފެނިގެންދިޔަ އަގުހުރި ނަތީޖާއާ މެދު އެއްޗެއް ދަންނަވާށެވެ. މި މަގުސަދަށްޓަކައި އެންމެ ފުރަތަމަ އަޅުގަނޑު ރުޖޫއަވާންޖެހެނީ މީގެ ސާދަސަތޭކަ އަހަރުގެ ކުރީގެ ޒަމާނަކަށެވެ. އެދުވަސްވަރުގެ ހިޖާޒު ކަރައަށެވެ. ހިޖާޒު ކަރައިގެ މައްކާއާއި މަދީނާއަށެވެ. އަދި އެޒަމާނުގެ ދުނިޔެއަށެވެ.

ކީރިތި ރަސޫލާގެ ސީރަތު ބައްލަވައި މުތާލައާ ކުރައްވާ ބޭފުޅުންނާއި ސީރަތު އައްސަވާ ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، ހިޖާޒު ކަރައިގެ މައްކާއިން އިސްލާމީ ދައުވަތުގެ އިރުއެރީ މީލާދީން ހަތްވަނަ ގަރުނުގެ ތެރޭގައެވެ. ކާއިނާތުގެ ވެރި ޚާލިޤުވަންތަ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ ރުހިވޮޑިގެންވާ ތެދުމަގު އިންސާނުންނަށް ދެއްކެވުމަށްޓަކައި ދުނިޔެއަށް ފޮނުއްވި އިލާހީ ރިސާލަތުގެ އެންމެ ފަހުބޮޅު ފުރިހަމަ ކުރެއްވުމުގެ ގޮތުން، ނަބީކަމުގެ ޝަރަފުވެރި މަގާމާއި ރަސޫލުކަމުގެ ބުރަ މަސްއޫލިއްޔަތު، ހިޖާޒުކަރައިގެ މައްކާގެ އުއްމިއްޔަ ބޭކަލަކަށް ދެއްވައި، ދީނަށް ގޮވާލައްވާން އަމުރުކުރެއްވުމުންނެވެ. އިސްލާމީ އުއްމަތުގެ ނަބިއްޔާ ސައްޔިދުނާ މުހައްމަދު އަލައިހިއްސަލާމު، ރަސޫލު ކަމައިގެން ފޮނުއްވައި “ياأيها المدثر قم فأنذر…”  ގެ އިލާހީ ނިދާއިން އިސްލާމް ދީނަށް ގޮވައިލެއްވުމަށް އެންގެވުމުންނެވެ.

އާދޭހެވެ! އިސްލާމީ ދަޢުވަތުގެ ފެށުން ފެނިގެންދިޔައީ މިދެންނެވި ގޮތުގައެވެ. ސީރަތުގެ އެކިއެކި ބާބުތަކުން ދެން އަޅުގަނޑު މެންނަށް ފެނިގެންދަނީ ދައުވަތު ހިނގަމުންދިޔަ ގޮތްތަކެވެ. ކުރިއަރަމުންދިޔަ މިންވަރެވެ. ކަޑައްތުކުރަމުން ގެންދިޔަ ދައުރުތަކާއި މަރުހަލާތަކެވެ. މާތް ރަސޫލުﷲ صلى الله عليه وسلم އެ އުނދަގޫތަކާ ކުރިމަތިލެއްވި ގޮތްތަކެވެ. އެކަލޭގެފާނުންގެ ދައުވަތަށް އިޖާބަދީ އީމާންވީ މީސްތަކުންނަށް ކުރިމަތިކުރެވުނު ދުއްތުރާތަކާއި ދެވުނު އަނިޔާތަކަށް ކެތްތެރިވެ، އެކަންކަން ތަހައްމަލު ކުރައްވަމުން ގެންދެވި ގޮތްތަކެވެ.

ވާހަކަ ތަކުގެ ތަފްސީލުގެ ތެރެއަށް ދިޔުމަށްޓަކައި ކީރިތި ރަސޫލާގެ ސީރަތުގެ ފަސްލުތަކެއް މިތަނުގައި ނަކަލުކޮށްލާކަށް އަޅުގަނޑު ގަސްދެއް ނުކުރަމެވެ. ނަމަވެސް ހިޖުރައިގެ އަގުހުރި ނަތީޖާގެ މައްޗަށް ނަޒަރެއް ހިންގާލާއިރު، ހިޖުރައިގެ ކުރިން ވޭތުވެ ދިޔަ ދުވަސްތަކުގެ މައްޗަށް މަތިމަތީން ނަމަވެސް ކަޅިއެއް ހިންގާލުމަކީ އަޅުގަނޑުގެ މައުލޫއުން ބޭރުކަމެއް ކަމަކަށް ނުދެކެމެވެ. އަދި ކީއްތޯއެވެ؟ އަޅުގަނޑު ދެކޭ ގޮތުގައި އެއީ ކޮންމެހެން ބޭނުން ކަމެކެވެ.

ދީނަށް ގޮވައިލެއްވުމުގެ އަމުރުފުޅު އައުމާއެކު، ދައުވަތުގެ މަސައްކަތް ފެއްޓެވިއެވެ. އެންމެ ފުރަތަމަ ސިއްރު ވަންހަނާ ގޮތެއްގައެވެ. ދައުވަތުގައި، އެންމެ ފުރަތަމަ މުޚާތަބު ކުރައްވާ ބަޔަކީ އަހުލު ބައިތުންނާއި ގާތްތިމާގެ މީސްތަކުންކަމަށް ހައްދަވަމުންނެވެ. “وأىذر عشيرتك الأقربين”ގެ އެންގެވުމާއި އިރުޝާދަށް ތަބާވެ ވަޑައިގެންނެވުމުގެ ގޮތުންނެވެ. މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމުގައި ހެޔޮ ނަސޭހަތް ދެއްވުމާއި ހިކުމަތްތެރި ގޮތްތައް ބޭނުންކުރެއްވުމަށް އަންގަވާ އުސޫލާވެސް އެއްގޮތްވާ ގޮތުގެ މަތިންނެވެ. “ادع إلى سيبل ربك بالحكمة والموعظة الحسنة…” މި އާޔަތުގައި އަންގަވާފައިވާ ގޮތުގެ މަތިންނެވެ.

މިގޮތުގައި ތިންއަހަރު ދުވަސް ވާންދެން ދައުވަތުގެ މަސައްކަތް ކުރިޔަށް ގެންދެވިއެވެ. ކުރިމަތިވަމުންދިޔަ ހުރިހާ ދަތިތަކާއި އުނދަގޫތަކަށް ކެތްކުރައްވަމުންނެވެ. މައްކާގެ ޤުރައިޝް ވަންހައިގެ ބޮޑުންނާއި ކާފިރުންނާއި މުޝްރިކުން، ދެމުން ގެންދިޔަ ދުއްތުރައުތައް ތަހައްމަލު ކުރައްވަމުންނެވެ. މުއުމިނުންނަށްޓަކައި ހެޔޮދުއާތައް ކުރައްވައި ހިތްވަރާއި އުއްމީދު ދެއްވަމުންނެވެ. މިދެންނެވި އުނދަގޫތަކާއި ދުއްތުރައުތައް އޮތީ ކީރިތި ރަސޫލާއަށާއި އީމާންވަމުންދާ މީސްތަކުންނަށް މަލާމާތްކުރުމާއި ހަޖޫކިޔުމާއި ޖެއްސުންކުރުމާއި އަނިޔާތައްދިނުމުގެ އެކި ސިފަސިފައިގައެވެ. ކަންމިހެން ހުރުމާއިއެކުވެސް ދައުވަތަށް އިޖާބަދީ އީމާންވަމުން ދިޔަ މީހުންގެ އަދަދު ދިޔައީ މަޑުމަޑުން ނަމަވެސް އިތުރުވަމުންނެވެ. ދައުވަތުގެ މަސައްކަތް ސިއްރު ވަންހަނާ ގޮތުގައި ގެންދެވި ތިން އަހަރުގެ ތެރޭގައި އިސްލާމީ ދައުވަތަށް އިޖާބަދީ އީމާންވީ ހަމައެކަނި ތިރީސް މީހުންކަމަށް ސީރަތުގެ ބައެއް މުއައްރިޚުން ލިޔުއްވާފައި ވެއެވެ.

ފާޅުގައި އާއްމު ގޮތެއްގައި ދީނަށް ގޮވައިލައްވާން ފެއްޓެވީ ދައުވަތު ފެށުނުތާ ތިންއަހަރު ފާއިތުވެ ދިޔުމަށް ފަހުގައެވެ. “فاصدع بما تؤمر وأعرض عن المشركين” ގެ އިލާހީ އަމުރުފުޅު އައުމުންނެވެ. އާދޭހެވެ! އިސްލާމީ ދައުވަތް ކުރިޔަށް އެޅި ފިޔަވަޅެކެވެ. ނަމަވެސް މިފިޔަވަޅު އެޅުއްވުމުގެ ސަބަބުން އިތުރުވަމުން ދިޔައީ، ހަމައެކަނި އީމާންވާ މީސްތަކުންގެ އަދަދެއްނޫނެވެ. މައްކާގެ މުޝްރިކުންގެ އުނދަގޫތަކާއި ދުއްތުރައުތައްވެސް ދިޔައީ އިތުރުވަމުންވެ. ކީރިތި ރަސޫލާއާއި މުއުމިނުންގެ ކެތްތެރިކަމާއި ތަހައްމުލު ކުރެއްވުމުގެ ބާރުވެސް އިތުރުކުރައްވަމުން ގެންދެވިއެވެ.

އިސްލާމީ ދަޢުވަތުގެ މައްކީ ދައުރު ފެށިގެން ކުރިޔަށް ހިނގަމުން ދިޔައީ މިދެންނެވިފަދަ ގޮތެއްގައެވެ. އެގޮތުގައި ތޭރަ އަހަރު ދުވަސް ފާއިތުވެގެން ދިޔައެވެ. މި ދިގު މުއްދަތުގެ ތެރޭގައިވެސް ދައުވަތަށް އިޖާބަދެމުން އީމާންވަމުން ދިޔަ މީހުން މަޑުމަޑުން ނަމަވެސް ދިޔައީ އިތުރުވަމުންނެވެ. އަދި އަނެއްކޮޅުން ދައުވަތު ކުރިޔަށް ގެންދިޔުމުގެ މަގުގައި އެޅެމުންދިޔަ ހުރަސްތައް ވެސް ދިޔައީ ގިނަގުނަވަމުންނެވެ. ދެވެމުންދިޔަ އުނދަގޫތަކާއި ދަތިތަކާއި ދުއްތުރައުތައްވެސް ދިޔައީ އިތުރުވަމުންނެވެ. ހަމަ މިއާއިއެކު ކީރިތި ރަސޫލާއާއި މުއުމިނުން އަމަލު ކުރައްވަމުން ގެންދެވި އުސޫލު ވެސް ބަދަލުކުރެއްވުމެއް ނެތި ކުރިޔަށް ގެންދެވިއެވެ. އެ އުސޫލު ބިނާކުރެއްވީ އަފޫ ކުރެއްވުމާއި މާތް އަޚުލާގާއި ހެޔޮގޮތްތައް ނުދަންނަ ޖާހިލުން ކުރަމުން ގެންދާ ވިޔާނުދާ ނުބައި ކަންތައްތަކާމެދު އަޅާނުލައްވައި ދޫކޮށްލެއްވުމުގެ މައްޗަށެވެ. “خذ العفو وأمر بالعرف وأعرض عن الجاهلين” ގެ ގުރުއާނީ ހިދާޔަތުގެ މައްޗަށެވެ. އަދި ގުދުސިއްޔަ ހަދީސުގައި އަންގަވާ “أن تصل من قطعك وتعطي من حرمك وتعفو من ظلمك [އިބައާއި ގުޅުން ކަނޑާލި މީހާއާއި އިބަ ގުޅުން ކަނޑާނުލައި ގުޅުން ދަމަހައްޓާށެވެ، އިބައަށް އެއްޗެއް ދީ، އެހީވާން ދެކޮޅުހަދާ މީހާއަށް އިބަ އެއްޗެތި ދީ އެހީވާށެވެ. އަދި އިބައަށް އަނިޔާވެރިވި މީހާއަށް އިބަ އަފޫކޮށް މާފުކުރާށެވެ،] އެންގެވުމުގައި އެކުލެވިގެންވާ މާތް އަޚުލާގީ އިރުޝާދުތަކުގެ މައްޗަށެވެ.

ނަމަވެސް މައްކީ ދައުރުގެ ފަހުކޮޅަށް އައިއިރު، އާދެ! ނަބީކަމުގެ ބާރަ، ތޭރަވަނަ އަހަރާ ހަމައަށް ދުވަސްތައް ފާއިތުވެގެން ދިޔައިރު، ޤުރައިޝު ވަންހައިގެ މުޝްރިކުންގެ ކިބައިން ކީރިތި ރަސޫލާއަށާއި މުއުމިނުންނަށް ލިބެމުންދިޔަ އުނދަގޫތަކާއި ދުއްތުރައުތައް، ހާއްސަކޮށް ދެރަ ނިކަމެތި ޟައީފު މީސްތަކުންނަށް ލިބެމުންދިޔަ ރަހުމް ކުޑަ އަނިޔާތައްވަނީ އިންސާނުންނަށް ކެތްކުރެވޭ ހިސާބަށްވުރެ މައްޗަށް ގޮސްފައެވެ. އިސްލާމީ ދައުވަތު ކުރިޔަށް ދިޔުމުގެ މަގުވަނީ ގާތްގަނޑަކަށް މުޅީން ބަންދުވެފައެވެ. އަލުން އިތުރަށް މީހަކު އީމާންވާނެ ކަމުގެ އުއްމީދުވެސް ވަނީ ކުޑަވެފައެވެ. މިހަގީގަތްތައް އެންމެ ސާފުކޮށް އަޅުގަނޑުމެންނަށް ހާމަކޮށް ބަޔާންކޮށްދޭ، އަދި އެދުވަސްވަރުގެ ހާލަތު އޮތްގޮތް އެންމެ ރީތިކޮށް ސިފަކޮށްދޭ އިތުބާރުހުރި ތާރީހީ ހެތްކަކީ ޚުދު ކީރިތި ގުރްއާނުގެ އާޔަތްތަކެވެ. ޝިކާރަ ކޮށްލަން ތައްޔާރަށް އޮތް މިނިކާވަގެއް ފެނުމުން ވަލު ހިމާރަކަށް ވެގެންދާފަދަ ބިރުވެރި ނުރުހެވޭ ގޮތްތަކެއްވެގެން ދުރަށް ދުވެ ފިލާގޮތެއް އެދުވަސްވަރު، މީސްތަކުންނަށް އިސްލާމީ ދައުވަތުގެ ސަބަބުން އޮތީ މެދުވެރި ވެފައެވެ. “كأنهم حمر مستنفرة فرت من قسورة” ގެ ބަސްފުޅުން ސިފަކޮށްދެއްވަނީ އިސްލާމީ ދައުވަތުގެ ސަބަބުން ނުވަތަ އެދައުވަތާ މެދު މީސްތަކުންގެ ހިތްތަކަށް ވަދެފައިވާ ބިރުވެރިކަމާއި ނުރުހެވޭ ގޮތެވެ. ދައުވަތަށް އިޖާބަދީ ތަބާވެއްޖެ ބަޔަކަށް ކުރިމަތިނުވެ ނުދާނެކަމަށް ޔަގީންކުރެވޭ ނިކަމެތި ހާލު ބަޔާންކޮށްދެނީ އެމީސްތަކުންގެ ވާހަކަ އެއިރު ހުރިގޮތުންނެވެ. އެމީހުން ބުނަނީ، ކަލޭގެފާނުންގެ އަރިހުގައި ތެދުމަގަށް ތަބާވެގެން އަޅުގަނޑުމެން އުޅެން ގަސްތުކުރާ ނަމަ އަޅުގަނޑުމެންގެ ރަށުން ބޭރުކޮށް ފައްސާލެވިދާނެއެވެ. ކާޅު އައިނެއްގެ ތެރެއަށް ކުކުޅު ފިޔޮކެއް ނިކުތުމުން ޖަހައިގަނެވޭ މިސާލުގައި ޖަހައިގަނެވިދާނެއެވެ. “وقالوا إن نتتع الهدى معك نتخطف من أرضنا” މިއާޔަތުގައި ބަޔާންވެވޭ ފަދައިންނެވެ.

އާދޭހެވެ! ނަބީކަމުން ބާރަ، ތޭރަ ވަނަ އަހަރާއި ހަމައަށް އައިއިރު މުޝްރިކުންގެ ކިބައިން ކީރިތި ރަސޫލާއަށާއި މުއުމިނުންނަށް ލިބެމުންދިޔަ އުނދަގޫތަކާއި ދުއްތުރާތަކާއި އަނިޔާތައް ގިނަގުނަވެ، ޖާނާއި ފުރާނަތަކަށް ނުރައްކާތެރިކަން އޮތީ ކުރިމަތިވެފައެވެ. ރަށް ދޫކޮށް އެހެން ކޮންމެވެސް ތަނަކަށް ދިޔުން އޮތީ މަޖުބޫރުވެފައެވެ. އާދޭހެވެ! މަދީނާއަށް ހިޖުރަ ކުރެއްވުމަށް މަސްރަހު އޮތީ މުޅިން ތައްޔާރުވެފައެވެ. އަދި އެއިރު މަދީނާގެ އައުސް ވަންހައާއި، ޚަޒްރަޖް ވަންހައިގެ މީހުންގެ ތެރޭގައި އިސްލާމްދީންވަނީ ފެތުރޭންވެސް ފަށާފައެވެ. އެންމެ ފުރަތަމަ އިސްލާމް ދީނަށް ވެދެވަޑައިގަތީ 6 ބޭކަލުންނެވެ. ދެން 12 ބޭކަލުންނެވެ. އެއަށްފަހު 70 ބޭކަލުންނާއި 2 ބޭކަނބަލުންނެވެ.

މަދީނާއިން މައްކާއަށް 70 ބޭކަލުން ވަޑައިގެންނެވި އަހަރު ކީރިތި ރަސޫލާއަށް ބައިއަތު ހިއްޕެވިއެވެ. އަދި މަދީނާއަށް ހިޖުރަ ކުރެއްވުމާބެހޭ މަޝްވަރާތައް ކުރެއްވިއެވެ. ކީރިތި ރަސޫލާއާއި މައްކާގައި އީމާންވެގެން ތިބި މީސްތަކުން މަދީނާއަށް ހިޖްރަ ކުރެއްވުމުން، އެބޭކަލުންނަށް ނަސްރުދެއްވައި އެހީވެދެއްވުމަށް، މަދީނާގެ ބޭކަލުން އެއްބަސްވެވަޑައިގެން އަހުދުކުރެއްވިއެވެ. މިވާހަކަތައް ނިންމެވުމަށްފަހު ލަސްތަކެއްނުވެ މީސްތަކުން މައްކާ ދޫކޮށް މަދީނާއަށް ހިޖުރަކުރެއްވުމަށް އެންމެހައި މުއުމިނުންނަށް އިޒުނަދެއްވިއެވެ. އޭގެފަހުން ދާދި އަވަސް މުއްދަތެއްގެ ތެރޭގައި މުސްލިމުންގެ ތެރެއިން ގިނަ ބޭކަލުން ހިޖުރަކުރައްވައި މަދީނާއަށް ވަޑައިގަތެވެ. އަދި ހަމަ މިއާއިއެކު ސީރަތު ފޮތްތަކުގައި، އޭގެ ހުރިހާ ތަފްސީލުތައް ބަޔާން ކުރެވިފައިވާ ފަދައިން، ސަލާމައި ސަލަވާތް ލެއްވި ސައްޔިދުނާ މުހައްމަދުގެފާނު އާއި ސައްޔިދުނާ އަބޫބަކުރުއްސިއްދީގު މަދީނާއަށް ހިޖުރަ ކުރެއްވިއެވެ. މިދަތުރުފުޅަށް ނިކުމެވަޑައިގަތީ ކީރިތި ރަސޫލާ އަވަހާރަކޮށްލުމަށް ޤުރައިޝް ވަންހައިގެ މުޝްރިކުން ރާވައި އެކަން ހިންގުމަށް ނިންމާފައި އޮތް ރޭގައެވެ.

ސައުރު ފަރުބަދަ. :ހިޖުރަ ކުރެއްވި މަގުމަތީގައި މަޑުޖައްސާލެއްވި

ހިޖުރައިގެ ނަތީޖާތައް:

އިސްވެދިޔަ ސަފުހާތަކުގައި، އަޅުގަނޑު މަސައްކަތްކުރީ ހިޖުރައިގެކުރިން ވޭތުވެދިޔަ ދުވަސްތަކުގެ މައްޗަށް ނަޒަރެއް ހިންގާލެވޭތޯއެވެ. ހިޖުރައިގެ ސަބަބުތަކާއި ނަތީޖާ ސާފުވެ ފެނިގެން ދިޔުމަށްޓަކައެވެ. ކުރުކޮށް އެއްބަހަކުން ނުވަތަ ޖުމްލަކޮށް ވަކި އިބާރާތްތަކަކުން ދަންނަވާނަމަ ހިޖުރައިގެ އަގުހުރި ނަތީޖާއަކީ އިސްލާމީ ދައުވަތު ކުރިޔަށްދާނެ މޮޅު ފުރުސަތު ތަނަވަސް ވެގެންދިޔުމެވެ. އިސްލާމީ ދައުވަތު ކުރިޔަށް ދިޔުމުގެ ރޮނގުގައި އެޅެވުނު ހުރަސްތައް ނެތިކޮށްލެވޭނެ ގޮތް ފަހިވުމެވެ. މިކަންތައް ދުނިޔެއަށް ފެނިގެންދިޔައީ މުހާޖިރުންނާއި އަންސާރުން އެކުވެގެން މަދީނާގައި އުފެދިގެން ދިޔަ ފުރަތަމަ އިސްލާމީ މުޖުތަމައުގެ ސިފައިގައެވެ. އެ މުޖުތަމައުގެ ތެރޭގައި އިންސާނީ ހަޔާތަށްޓަކައި އިސްލާމްދީން ކަނޑައަޅާ ގޮތް، އިޖުތިމާއީ އުސޫލުތަކާއި، އިގުތިސާދީ އުސޫލުތަކާއި، ސިޔާސީ އުސޫލުތަކާއި، އަޚުލާގީ އުސޫލުތައް ހަގީގީ ދުނިޔެއަކަށް ގެނެވި، އަމަލީ ގޮތެއްގައި ހިންގާލެވުމުގެ ސިފައިގައެވެ. އަދި މުޖުތަމައުގެ އެތެރެއާއި ބޭރުގެ ހުރިހާކަމެއް ހިންގާ ބަލަހައްޓާނީ އިސްލާމީ ދައުލަތެއްގެ ސިފައިގައެވެ. އެހެން އިބާރަތަކުން ދަންނަވާނަމަ ހިޖުރައިގެ އަގުހުރި ނަތީޖާއަކީ މުހާޖިރުންނާއި އަންސާރުން އެކުވެގެން އުފެދުނު އިސްލާމީ މުޖުތަމައާއި މަދީނާގައި ދިރިއުޅޭ މުސްލިމުންނާއި ޔަހޫދީންނާއި މުޝްރިކުން، އެއް ގިޔާދަތަކަށް ތަބާވުން ލާޒިމުކުރެވޭ ގޮތުން އުފެދިގެންދިޔަ އިސްލާމީ ދައުލަތެއް ދުނިޔެއަށް ފެނިގެން ދިޔުމެވެ. އަދި ދައުލަތް ކުރިއަރާ އިސްލާމީ ދައުވަތުގެ ބަރަކާތްތެރިކަމާއި އިސްލާމީ ހިދާޔަތުގެ އިރުގެ ދޯދިތައް ހުރަސްތައް ކަޑައްތުކޮށް މުޅި އަރަބި ކަރަޔަށާއި ދުނިޔޭގެ ކަންކޮޅުތަކަށް ފޯރުވާލެވޭނެ މަގުފަހިވެ ތަނަވަސްވެގެން ދިޔުމެވެ. ތާރީހުގެ މިހުރިހައި ކަމެއް ބަޔާންކުރެވިފައި ވަނީ ހިޖުރައާއި ވިދިގެން ހިނގަމުން އައި ކަންތައްތަކާއި މެދުވެރިވަމުން ދިޔަ ހާދިސާތައް ބަޔާންކުރުމުގެ ގޮތުގައެވެ. އެކަންތައްތަކުގެ ތަފްސީލުގެ ތެރެއަށް ދިއުމަށް މިފުރުސަތުގައި އަޅުގަނޑަށް ލިބިފައިއޮތް ޖާގަ ކިތަންމެ ކުޑަނަމަވެސް، މުހިއްމު ބައިތަކުގެ މައްޗަށް ނަޒަރެއް ހިންގާލުމަކީ ކޮންމެހެން ބޭނުން ކަމެއްކަމަށް، އަޅުގަނޑު ދެކެމެވެ.

ކީރިތި ރަސޫލާ ،މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވި މަގު (ފެހިކުލައިގެ ރޮނގުގައި ފާހަގަކުރެވިފައި އެވަނީ އެމަގު )

ފުރަތަމަ މިސްކިތް:

ކީރިތި ރަސޫލާގެ ހިޖުރައިގެ ދަތުރުފުޅުގައި ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިންރޭ ތިންދުވާ މަޑުކުރެއްވުމަށްފަހު، މަދީނާއަށް ދަތުރުކުރައްވައި އެންމެ ފުރަތަމަ މަޑުކޮށްލެއްވީ ޤުބާގައެވެ. މިއީ މަދީނާއާއި ދެމޭލު ނުވަތަ ތިންމޭލު ހިސާބުގައިވާ ރަށެކެވެ. މިރަށުގައި ދެ ހަފްތާއެއްހާ ދުވަސް ވަންދެން ހުންނެވިއެވެ. މިހުންނެވި ދުވަސްވަރު މަޝްހޫރު ޤުބާ މިސްކިތް ބިނާކުރެއްވިއެވެ. މިއީ އިސްލާމީ ތާރީހުގައި އެޅުނު ފުރަތަމަ މިސްކިތެވެ. އަދި ތަގުވާގެ މައްޗަށް ބިނާކުރެވުނު މިސްކިތުގެ ނަމުން ކީރިތި ގުރުއާނުގައި ތައުރީފުގެ ބަސްފުޅު ވަހީކުރެވިގެންވާ މިސްކިތެވެ.

ފުރަތަމަ ހުކުރު:

ޤުބާގައި ހުންނެވުމަށްފަހު މަދީނާއަށް ވަޑައިގަތުމަށް ނުކުމެވަޑައިގަތީ ހުކުރު ދުވަހެއްގައެވެ. ބަނީ ސާލިމްގެ ގެތަކާ ހަމައަށް ވަޑައިގެންނެވުނުތަނާ ހުކުރުވަގުތު ޖެހުމުން މީސްތަކުންނާއިގެން ހުކުރު ނަމާދު ކުރެއްވިއެވެ. މިއީ އިސްލާމްދީނުގެ ފުރަތަމަ ހުކުރެވެ. އަދި ފުރަތަމަ ހުކުރު ޚުތުބާ ވިދާޅުވީވެސް މި ހުކުރުގައެވެ. އާދޭހެވެ! ހިޖުރައިގެ ދަތުރުފުޅު މުޅިން ނުނިމެނިސް އިސްލާމްދީނުގެ އިޖުތިމާއީ ހަޔާތުގެ ބައިތަކެއް ފުރިހަމަކުރައްވަން ފެއްޓެވީއެވެ. ކުރިން ނުވެވިފައިހުރި ކަންތައްތަކެއް ހިޖުރައިގެ އަގުހުރި ނަތީޖާގެ ގޮތުން ކުރެވޭނެގޮތް ފަހިވެ ތަނަވަސްވެގެން ދިޔައީއެވެ.

އިސްލާމީ ތާރީޚުގައި ބިނާކުރެވުނު ފުރަތަމަ މިސްކިތް -ގުބާ މިސްކިތް،މިއަދު

އަލްމަސްޖިދުއްނަބަވީ ބިނާކުރެއްވުން:

ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެން ހަމަޖެހިވަޑައިގަތުމާއެކު، އެންމެ ފުރަތަމަ ކުރެއްވި ކަމަކީ މަސްޖިދުއްނަބަވީ އިމާރާތް ކުރެއްވުމެވެ. މިސްކިތް ބިނާކުރެއްވުމަށް ބިން ހޯއްދަވައި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން އުޅުއްވިއެވެ. އިސްލާމީ މުޖުތައުގައި މަސައްކަތް ކުރުން އޮންނަންވީގޮތުގެ ރީތި ނަމޫނާއެއް ދެއްކެވިއެވެ. އަސްހާބު ބޭކަލުންގެ ތެރޭގައި އެބޭކަލުންނެކޭ އެފަދައިން މަސައްކަތް ކުރައްވަމުން “اللهم لا خير إلا خير الآخرة، فارحم الأنصار والمهاجرة [ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! އާޚިރަތް ދުވަހުގެ ހެޔޮކަން މެނުވީ (ހަގީގީ) ހެޔޮކަމެއް ނުވެއެވެ. އަންސާރުންނަށާއި މުހާޖިރުންނަށް ރަހުމަތްލައްވާނދޭވެއެވެ!] ވިދާޅުވަމުން ގެންދެވިއެވެ. މުސްލިމުންގެ ހުރިހާ ކަމެއްގައި އޮންނަންވީ ހަގީގީ މަގުސަދު ފާހަގަ ކޮށްދެއްވަމުން އަންސާރީ ބޭކަލުންނާއި މުހާޖިރީ ބޭކަލުން ކުރައްވަމުން ގެންދެވި މަސައްކަތަށް ތަރުހީބު ދެއްވަމުން ހެޔޮދުއާ ކުރައްވަމުން ގެންދެވިއެވެ.

މި މިސްކިތް ބިނާކުރެއްވުމުގައި އަހައްމިއްޔަތު ދެވޭ ކަމަކީ މިސްކިތުގެ ސާދާ ޢިމާރާތެއް ނޫނެވެ. ކަދުރު ރުކުގެ އޮއްޓާއި ފަނުން މިސްކިތުގެ ބިތްތަކާއި ތަނބުތަކާއި ފުރާޅު ނުހަނު އާދައިގެ ގޮތަކަށް ހެއްދެވި މި މިސްކިތަކީ ކޮންތަނެއްތޯއެވެ؟

އިސްލާމް ދީނުގައި މިސްކިތަކީ، ދީނާއި ދުނިޔޭގެ ފައިދާހުރި ހުރިހާ ބޭނުންތަކަކަށްޓަކައި ބޭނުންކުރެވޭ މަރުކަޒެކެވެ. މިބަހުގެ ހެއްކަކީ ކީރިތި ރަސޫލާގެ މަސްޖިދުއްނަބަވީއެވެ. އެމިސްކިތް ހިމެނިގެންދިޔައީ ހަމައެކަނި އަޅުކަން ކުރާ ތަނެއް ކަމަކަށް ނޫނެވެ. ޕާލަމެންޓް ހައުސް ނުވަތަ ރައްޔިތުންގެ މަޖްލިސް ކުރާ ތަނަކަށާއި ވެރިކަން ހިންގާ އޮފީހަކަށެވެ. އަދި އަސްކަރީ އަމުރުތައް ނެރުއްވާ މައި މަރުކަޒަކަށެވެ. ދީނަށް ގޮވާލެވޭ ގޮވާލެވުންތައް ނެރުއްވީ އެތަނުންވެ. ޝަރީއަތުގެ ހުކުމްތައް ރައްޔިތުންނަށް އިއުލާނުކުރެއްވީ ވެސް އެތަނުންނެވެ. ސިޔާސީ ހިންގުމާއި ބެހޭ ހުރިހާ އަމުރުތަކާއި އަސްކަރީ ހުރިހާ އަމުރުތައް ނެރުއްވީ ވެސް ހަމަ އެތަނުންނެވެ. ބޭރުގެ ވަފްދުތަކާއި ބައްދަލުކުރައްވާ ހެއްދެވީ ވެސް ހަމަ އެތާނގައެވެ. މީސްތަކުންނަށް އިލްމު އުނގަންނަވައިދެއްވާ އިސްކޫލެއްގެ ގޮތުގައި ބޭނުންކުރެއްވީ ވެސް ހަމަ އެ ތަނެވެ.

އެ މިސްކިތުގެ ބިނާގެ ސާދާކަމާއި ބޭނުންކުރެއްވި ތަކެތީގެ އާދައިގެ ދެރަކަމާއި ވައްތަރުތަކުގެ މަދުކަމާ އެކުވެސް ސަލާމާއި ސަލަވާތްލެއްވި ސައްޔިދިނާ މުޙައްމަދުގެފާނާއި އެކަލޭގެފާނުންގެ އަސްހާބު ބޭކަލުން ދިރިއުޅުއްވުމުގައި ބޭނުންކުރައްވާ ފަސޭހަ ސާދާގޮތް ނުހަނު ސާފުކޮށް ދެއްކެވިއެވެ. އެބޭކަލުން ކުރައްވާ ކަންތައްތަކުގައި އަހަންމިއްޔަތުކަން ދެއްވާ މައިގަނޑު ނުކުތާތައް ވެސް ފާހަގަކޮށްދެއްވިއެވެ. އެކަން ދާއިމީ ގޮތެއްގައި މީސްތަކުންނަށް ހަނދާންކޮށްދޭ ސިފައެއްގައެވެ. މިދެންނެވި މުހިއްމު މައިގަނޑު ކަމަކީ ކޮބައިތޯއެވެ؟ ބޮޑެތި އިސްލާހީ ބަދަލުތައް ގެނައުމާ، އެކަމުގައި ކާމިޔާބުވުން ވަނީ، ބޭރުފުށުގެ މަންޒަރުތަކާއި ވައްތަރުތަކުގައި ސާދާގޮތް ބޭނުން ކުރެއްވުމާއެކު އަހުލާގާއި އީމާންކަމުގެ ރޫހު ވަރުގަދަ ކުރުމަށް އަހައްމިއްޔަތުކަން ދެވުމުންނެވެ. ބޭރުފުށުގެ ޒީނަތްތަކަށް ހެއްލި، ބޭރަށް ދައްކާލާ ގޮތްތަކާއި މަންޒަރުތަކުގައި ކަންދައްކައި، ގޮތްދެއްކުމުގައި، ނޫންކަމެވެ. މިކުޑަކުޑަ މިސްކިތުގެ ސިފައިގައި އުފެދުނު އިސްލާމީ އިދާރާ މަޑުމަޑުން ބޮޑުވަމުންގޮސް އެތަނުގެ ނުފޫޒާއި އަސަރު މުޅި އަރަބި ކަރަޔަށް ފެތުރިގެން ދިޔައެވެ. އަދި ދާދި ކުރު މުއްދަތެއްގެ ތެރޭގައި އެއިރުގެ ދުނިޔޭގެ ބޮޑު ދެބާރުކަމަށް ހިމެނޭ ރޯމަނުންނާއި ފާރިސީން އިސްލާމީ ވެރިކަމުގެ ދަށަށް ގެނައެވެ. ވަގުތީ ސަބަބުތަކަކާއި ކުއްލިގޮތެއްގައި މެދުވެރިވި ހާލާތު ނިޔާކުރިގޮތުން ނުހަނު ސާދާ ގޮތެއްގައި ކަންތައްހުރި ނަމަވެސް، މިސްކިތުގެ ތެރޭގައި އެކިއެކި ކަންކަމާމެދު ކުރެވުނު ތަދުބީރުތަކާއި ރޭވުންތަކަކީ އެންމެ ފުޅާ ތަނަވަސް ދާއިރާއަކަށް ފެތުރިގެންދާ އަންބަރާޠޫރިއްޔަތެއްގެ ބިންގާ ކަމަށާއި އަދި އެންމެ މަތީ ދަރަޖައިގެ އިންސާނީ އިސްލާހުތަކެއްގެ މައިގަނޑު ގަވައިދުތަކެއް ކަމަށް ހިމެނިފައިވަނީ އެ ތަދުބީރުތަކުގައި އެކުލެވިގެންވާ ސިޔާސީ ހިކްމަތާއި މޮޅު ވިސްނުންތެރި ކަމަށްޓަކައެވެ. މިހަގީގަތް ދުނިޔެއަށް ފެނިގެންދިޔައީ  އެމިސްކިތުގެ ދަރިވަރުން ދުނިޔެ ތެރެއަށް ނިކުމެ އަދާކުރަމުން ގެންދިޔަ ސިޔާސީ އިސްލާހީ މަސައްކަތްތަކުންނެވެ.

އިސްލާމީ ދައުލަތް

މަދީނާއަކީ އެތަނުގައި ދިރިއުޅޭ ތަފާތު ދީންތަކެއްގެ އަހުލުވެރީން އެއްބަޔަކު އަނެއްބަޔަކާއި ކޯޅި އަރައިރުންވާ ރަށަކަށް ނުވެ، ތަނުގެ އަހުލުވެރީންގެ ވަތަނެއް ކަމަށް ވެގެންދިޔައީ ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެން ކުރައްވަން ފެއްޓެވި މަސައްކަތުންނެވެ. އެމާތް ސާހިބާގެ ތަދުބީރުތަކުގެ މޮޅުކަމާއި ހިކްމަތްތަކުގެ ސަބަބުން މަދީނާ ހިމެނިގެން ދިޔައީ އެތާނގައި ދިރިއުޅޭ މުސްލިމުންނާއި ޔަހޫދީންނާއި މުޝްރިކުންނާއި އަދި އަރަބީންގެ ކޮންމެ ގަބީލާއަކުން ވިޔަސް، އަޖަމީންގެ ކޮންމެ ގައުމަކުން ވިޔަސް، މަދީނާއަށް އައިސް ވަޒަންވެރިވެއުޅޭ އެންމެހައި މީސްތަކުންނަށް އަމާންކަން ލިބިގެންވާ ވަތަނަކަށެވެ. މީސްތަކުން ނިސްބަތްވެ، ބެހިފައިވާ އެބައިމީހުންގެ އަމިއްލަ ދީންތަކާއި އަގީދާތަކާއި ގަބީލާތަކާއި ނަސަބުތަކާއި ހަސަބުތަކަށް ބެލުމެއްނެތި، ވެރިކަމުގެ އެއްނިޒާމެއްގެ ދަށުގައި މީސްތަކުން ހަމަހަމަކުރެވީ މީސްތަކުންނަށް ލިބެންވާ ހައްގުތަކާއި، އެބައިމީހުން އަދާކުރަންވާ ވާޖިބުތަކާއި މަސްއޫލިއްޔަތު ކަނޑައެޅިގެންވާ އަމިއްލަ ވަތަނުގެ މާނައާއި އަމަލީ ސޫރަ ފެނިގެންދިޔައީ ކީރިތި ރަސޫލާގެ ހިޖުރައަށްފަހު މަދީނާއިންނެވެ. މިދެންނެވި ބަހުގެ ހެއްކެއްގެ ގޮތުން ސަލާމާއި ސަލަވާތްލެއްވި މާތް ރަސޫލުﷲ ކަނޑައެޅުއްވި އެންމެންގެ އައު ވަތަންގެ ޤާނޫނު އަސާސީއަށް ވިސްނަވާލައްވާށެވެ. ގާނޫނު އަސާސީ އޮތީ ތަފާތު ނަސްލުތަކާއި ދީންތަކުގެ އަހުލުވެރީންގެ މެދުގައި އެއްބަސްވެވުނު އެއްބަސްވުންތަކެއް ލިޔެފައިވާ ފަތެއްގެ ސިފައިގައެވެ. އެފަތުގެ ޒަރިއްޔާއިން ރަށުގައި ދިރިއުޅޭ އެންމެންނަކީ ބޭރުގެ ހަމަލާއެއް އަތުވެއްޖެ ނަމަ ވަތަން ދިފާއުކުރުމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރަންޖެހޭ މުވާތިނުންކަމުގައި ހެއްދެވިއެވެ. އަދި ހަނގުރާމައާއި އަމަންގެ ދުވަސްތަކުގައި ރަށުގެ ސުލްހަ މަސްލަހަތު ގާއިމުކުރުމުގައި އެއްބަޔަކު އަނެއްބަޔަކާ ވާގިވެރިވާންޖެހޭ ބައެއްކަމުގައި ހެއްދެވިއެވެ. މިވަތަނުގެ އަހުލުވެރީންގެ ތެރެއިން އެއްވެސް މީހަކު ވަތަނުގެ އަހުލުވެރީންނާއި ދެކޮޅުވެރިވާ ގޮތެއްގައި، އެމީހެއްގެ މައިންބަފައިންނާއި ދަރީންކަމުގައި ވިޔަސް، ގުޅުން ބަހައްޓާ ނަސްރުދީ އުޅުމަކީ ވެގެން ނުވާނެ ކަމެއްކަމުގައި ހަމަޖެއްސެވިއެވެ. ވަތަނުގެ އަހުލުވެރީންގެ ކޮންމެ މީހަކަށް އެމީހެއްގެ އަމިއްލަ ދީނުގައި އުޅުމަށް އަގީދާގެ މިނިވަންކަން ދެއްވިއެވެ. މީސްތަކުންގެ ފުރާނައާއި މުދަލާއި އަބުރަށް އަރައިގަތުމީ ވަތަނުގެ އަހުލުވެރީންގެ ތެރެއިން އެއްވެސް މީހަކު ނުވަތަ ބަޔަކު ކޮށްގެން ނުވާނެކަމެއް ކަމަށް ކަނޑައެޅުއްވިއެވެ.

މިފަތް، ނުވަތަ އެގުރިމެންޓުގެ ޒަރިއްޔާއިން، ސީދާ ގަސްދެއްނެތި ނަމަވެސް، މި އައު ވަތަނުގެ ވެރިކަން، އާދެ، މަދީނާގެ ވެރިކަން، ސަލާމާއި ސަލަވާތްލެއްވި މާތް ރަސޫލުﷲ އަށް ދެވުނެވެ. މިހެނީ ދެބަސްވެ، ހިލާފުވެވޭ ހިނދު،  މަސްއަލަތަކުގައި އެންމެ ފަހުގެ ހުކުމާއި ނިޔާ ކުރާ ފަރާތަކީ ކީރިތި ރަސޫލާކަމަށް ފަތުގައި އެއްބަސްވެ  ބަޔާންކުރެވިފައިވާ ކަމެވެ. އާދޭހެވެ! މިހިސާބުން، އަދި މިދެންނެވި ސިފައިގައި، އިސްލާމީ ދައުލަތުގެ ބިންގާ އެޅުނީއެވެ. ހިޖުރައިގެ އެންމެ އަގުހުރި ނަތީޖާ ފެނިގެން ދިޔައީއެވެ.

އިސްލާމީ ރައްވެހިކަމާއި އިމްބަރާޠޫރިއްޔަތުގެ ބިންގާ

ދެން އަޅުގަނޑު ބަލާލާނީ އަލަށް އުފެދުނު އިސްލާމީ ދައުލަތް ހިނގަމުންދިޔަ ގޮތްތަކާ މެދުގައެވެ. ކުރަމުން ގެންދިޔަ ކަންތައްތަކާ މެދުގައެވެ. އަދި ލިބެމުން ދިޔަ ކާމިޔާބީތަކުގެ މައްޗަށެވެ. ކީރިތި ރަސޫލާ މަދީނާގައި އެންމެ ފުރަތަމަ އިންތިޒާމު ކުރައްވައި ހަމަޖެއްސެވީ ތަނުގެ އަމަންއާއްމެވެ. ހަމައެއް އުސޫލެއްނެތި ގާނޫނެއް ގަވަޢިދެއްނެތި ބާރުގަދަ މީހާ ނުވަތަ ބާރުގަދަ ބަޔަކު ހިތަށްއެރިހާ ކަމެއް ބޭނުންގޮތަކަށް ކުރަމުން ގެންދެވޭ ފައުޟަވީ ގޮތް، [ހަމައެއް ލަމައެއް ނެތްގޮތް،] ނެއްތާލެއްވިއެވެ. އަރަބީންގެ ރަށްތަކުގައި މީސްމީހުންގެ އަމިއްލަ ގަބީލާތަކުގެ ހައްގަށްވުރެ އުއްމަތުގެ ހައްގަކީ މަތިވެރި އެއްޗެއް ކަމަށް ފުރަތަމަ ފަހަރު ހަދާލެވުނީ އެދުވަސްވަރު މަދީނާގައެވެ. އަދި ނިޔާތައް ކަނޑައެޅުމުގައި ރުޖޫއަ ވާންޖެހޭ ފަރާތަކީ މާތްﷲކަމަށް  ނުވަތަ މާތްރަސްކަލާނގެ ޝަރީއަތް ކަމަށާއި ޝަރީއަތް ހިންގެވުމުގެ ވެރިއެއްގެ ގޮތުގައި ހުންނެވި މުހައްމަދު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ކަމަށް ހިމެނިފައި އޮތީވެސް މިދުވަސްވަރުގައެވެ. އެދުވަސްވަރާއި ޖެހޭންދެން އެރަށުގައިވެސް އަދި އަރަބި ކަރައިގެ އެހެން ރަށްތަކުގައި ވެސް އަމަލީގޮތުން ހިންގާ ގާނޫނަކަށް އަދި ޝަރީއަތަކަށް ވެފައި އޮތީވެސް ހަމައެކަނި ބާރެވެ. ކުށްކުރާ މީހާއާއި ކުށެއްނެތް މީހާއާއި ވަކިކުރަން ނޭނގޭ ޢަޞަބިއްޔަތުގެ [ޕާރޓިސަންޝިޕްގެ] ބާރެވެ. ބާވަތް ބާވަތުގެ ނުފޫޒުތަކުގެ ބާރެވެ. ނަމަވެސް ސައްޔިދިނާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް މުހާޖިރެއްގެ ގޮތުގައި މަދީނާއަށް ވަޑައިގެން، ދުނިޔޭގައި އެވަގުތު އޮތް ހަމަޖީގޮތް [ހައިވާނީ، ސެވެޖުންގެ ގޮތް] އެންމެ ބޮޑު އެއް ޤައުމެއްގައި، [އާދެ، އަރަބިކަރައިގައި،] ރަށްވެހިކަމުގެ އޮށް އިންދަވައިދެއްވިއެވެ.  އެތަކެއް ސަތޭކަ އަހަރުވަންދެން މުޅި ދުނިޔެއަށް ވިދަވިދާއޮތް އެމްޕަޔަރއެއްގެ ބިންގާ އަޅުއްވާދެއްވިއެވެ. މިދެންނެވި އިސްލާމީ އިމްބަރާތޫރިއްޔަތަށްޓަކައި އަދިއަދާ ޖެހޭންދެން އިރުމަތީގެ ދުނިޔެ ފަހުރުވެރިވަމުން ދެއެވެ. ހުޅަނގުގެ ދުނިޔޭގައި އޭގެ ވާހަކަތައް ދެކެވެމުން ލިޔެވެމުން ދެއެވެ.

އާދޭހެވެ! އިސްލާމީ ރަށްވެހިކަމާއި، އިސްލާމީ އިމްބަރާތޫރިއްޔަތުގެ ބިންގާ އެޅުނީ މިދެންނެވި ސިފައިގައެވެ. އަލަށް އުފެދުނު އިސްލާމީ ދައުލަތުގެ ފަރާތުން އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅެއްގެ ގޮތުގައެވެ. ހިޖުރައިގެ އަގުހުރި ނަތީޖާއެއްގެ ގޮތުންނެވެ.

ސިފައިންގެ ލަޝްކަރު:

އެންމެ ފުރަތަމަ މަދީނާގައި، އަދި އެންމެފަހުން މުޅިދުނިޔޭގައި ހިންގަވައިލެއްވުމަށް ސައްޔިދިނާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އެދިވަޑައިގެން ގަސްދުކުރެއްވި އިސްލާމީ ނިޒާމު، އަމަލީ ސިފައެއްގައި ހިންގައިލުމަށްޓަކާ، ކަރުދާހުގައި ލިޔެވިގެންވާ ގާނޫނުތަކެއް ނުފުދޭނެކަން ވިސްނާވަޑައިގެންނެވިއެވެ. ހާއްސަކޮށް އަރަބީން ފަދަ ހަރުކަށި، އަސަބިއްޔަތުގެ އަހުލުވެރި، ފިތުނަވެރިކަން ބޮޑު ބައެއްގެ ތެރޭގައި، ހަމަޔާއި ގަވާއިދުތައް ހިފެހެއްޓުމުގައި މެދުވެރިނުވެ ނުދާނޭ ދަތިތަކާ އުނދަގޫތައް އިހުސާސް ކުރެއްވިއެވެ. ވީމާ، އިސްލާމީ ދައުވަތު ރައްކާތެރިކޮށް، ލިޔެވިފައިވާ ފަތުގެ ޒަރިއްޔާއިން ކަނޑައެޅި ގަބޫލުކުރެވިފައިވާ އުސޫލުތައް ހިމާޔަތްކޮށްދޭނެ ބާރަކަށް ބޭނުންވެ، ޒަރޫރަތްތެރިވެފައި ވަނީ އެންމެ އިސް އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ، އިސްލާމީ ޝަރީއަތް ނުވަތަ އިސްލާމީ ދައުވަތާއި އައު ވަތަން، މަދީނާގެ ގާނޫނު އަސާސީ ހިމާޔަތްކޮށް ބަލަހައްޓައިދޭނެ ސިފައިން ވަނީ ބޭނުންވެފައެވެ.

ނަމަވެސް މިކަމަށްޓަކައި އެންމެ އެކަށިގެންވާ ބޭނުން މީހުން ހޮވާނީ ކިހިނެއްތޯއެވެ؟ އައު ވަތަނުގެ އަހުލުވެރިންގެ ތެރެއިން މިކަމަށްޓަކައި އެންމެ އެކަށީގެންވާ ބަޔަކީ ކޮބައިތޯއެވެ؟ މަދީނާގެ އަހުލުވެރީންގެ ތެރެއިން އެއްބަޔަކު ކީރިތި ރަސޫލާއަށް ނަސްރުދިނީ، ތެދުވެރި ގޮތުގައި އެކަލޭގެފާނަށް އީމާންވެގެންނެވެ. ނަމަވެސް މަދީނާގެ މުޝްރިކުން އެކަލޭގެފާނާ އެއްބައިވީ މައްކާގެ މީހުންގެ މައްޗަށް ގަދަވެގަތުމާއި އިއްޒަތްތެރިކަން ހޯދައިގަތުމުގެ ދަހިވެތި އެދުމުގައެވެ. އަދި މައްކާގެ ވިޔަފާރި މަދީނާއަށް ބަދަލުކޮށްލުމުގެ ވެސް ބޭނުމުގައެވެ. ދެން މަދީނާގައި އެއިރު އުޅުނު ބަޔަކީ ޔަހޫދީންނެވެ. އެމީހުންނަކީ މާތް ﷲ މާތްކުރައްވާފައިވާ ޚާއްސަކުރައްވާފައިވާ އުއްމަތުގެ މީހުންކަމަށް އެމީހުން ޔަގީން ކުރެތެވެ. އަދި ނަބީކަމަކީ އެމީހުންނަށް ޚާއްސަވެފައި، އެމީހުންގެ ތެރެއިން މީހަކަށްނޫނީ ނުލިބޭނެ ކަމެއް ކަމަށްވެސް، ޔަގީންކޮށްގެން އުޅޭ ބަޔެކެވެ. ކީރިތި ރަސޫލާއާއި އެއްބައިވުމުގައި އެމީހުންގެ ވެސް އޮތީ އަމިއްލަ އެދުމެކެވެ. މުޙައްމަދުގެފާނު މެދުވެރިކޮށް އެމީހުންގެ ވާހަކަތަކަށް ތާއީދު ހޯދުމާ، އަރަބީންގެ މައްޗަށް ފަޚުރުވެރިވެގަތުމެވެ. ދެންތިބީ ފުރަތަމަ މަދީނާއަށް ވަޑައިގަތް ދުވަހުއްސުރެ  “މަދީނާގެ ހުން” ޖެހިފައިތިބި މުހާޖިރުންނެވެ. އަދި، މައްކާއަށް އެމީހުންގެ ހުރިހާ މުދައުތަކެއް ދޫކޮށްފައި އަންނާންޖެހުމުގެ ސަބަބުން ފަގީރު ހާލުޖެހިފައި ތިބި ބަޔެކެވެ.

އިސްލާމީ ދައުވަތާއި، ރަށުގެ ނިޒާމު ހިމާޔަތްކޮށްދިނުމަށްޓަކައި ސިފައިންގެ ގޮތުގައި ހޮވާލަން ބޭނުންވަނީ ހަގީގީ ތެދުވެރި، ވަފާތެރި، އީމާނާއި އުސޫލަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވާން ކެރޭމީހުންނެވެ. މިދަތި މައްސަލަ ހައްލުކުރެއްވުމުގައި، ކީރިތި ރަސޫލާގެ މޮޅު ސިޔާސަތާއި ހިންގުންތެރިކަމުގެ ހިކްމަތްތެރި ކަމާއި މޮޅުކަން ފެނިގެންދިޔައެވެ. ޝަރީއަތާއި ގާނޫނު ހިމާޔަތްކޮށްދޭ ބާރެއްގެގޮތުން، ސިފައިންގެ ގޮތުގައި ހޮއްވަވާލެއްވީ، ރަށުގެ ބާރާއި ނުފޫޒުގަދަ މީހުންނެއް ނޫނެވެ. ފައިސާއާއި މުދައުވެރި ޔަހޫދީންގެ ތެރެއިން ބައެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ؟ އިސްލާމީ ލަޝްކަރުގެ އެއްވަނަ ފައުޖަކަށް ހޮއްވަވާލެއްވީ މުހާޖިރުންނެވެ. ދީނަށްޓަކައި، އުސޫލަށްޓަކައި، އަމިއްލަ ރަށް ދޫކޮށް، ޙަބުޝް ކަރަޔަށާއި މަދީނާއަށް ހިޖުރަކޮށްފައި އައިސްތިބި މުހާޖިރުންނެވެ. އަމިއްލަ ގެދޮރާއި ދުނިޔޭގެ ހުރިހައި ފައިދާތަކެއް، ހަމައެކަނި ދީނަށްޓަކައި، ގުރުބާންކޮށްލި ހަގީގީ ތެދުވެރި، އަމިއްލަ އެދުންތަކާ ދުރުހެލި ބަޔެއްކަން، އަމަލީގޮތުން ސާބިތުކޮށްދެއްވި މުހާޖިރުންނެވެ. ލަޝްކަރުގެ ދެވަނަ ފައުޖަކަށް ހިޔާރު ކުރެއްވީ އަންސާރީ ބޭކަލުންނެވެ. އެބޭކަލުންގެ ފަގީރުކަމާއެކު ވެސް ނުހަނު ދީލަތިކަމާ، ހިތްހެޔޮކަމާއެކު އަމިއްލަ އެދުންތައް ގުރުބާންކޮށްލެއްވި އަންސާރީ ބޭކަލުންނެވެ. އެމީހުންގެ އީސާރަށްޓަކައި [ތިމާގެ އަމިއްލަ އެދުމާއި މަސްލަހަތުގެ މައްޗަށް އެހެން މީހުންގެ އެދުމާއި މަސްލަހަތު އިސްކުރުން] ކީރިތި ގުރުއާނުގައި ތައުރީފު ވަހީކުރެއްވި މަދީނާގެ ބޭކަލުންނެވެ. މުޅިދުނިޔެއަށް ނާދިރު، އަޚުވަންތަކަމުގެ މިސާލެއްދެއްކެވި ކީރިތި ރަސުލާގެ މަދީނާގެ ނަސްރުވެރިންނެވެ.

މުހާޖިރުންނާއި އަންސާރީ ބޭކަލުން އެއްކުރައްވައި މަސްހުނި ކުރައްވައި ތަރުބިއްޔަތާއި ތަމްރީނު ދެއްވައިގެން އެކަތިގަނޑަކަށް ހައްދަވައި މި އިސްލާމީ ލަޝްކަރުގެ ހަގީގީ މަގުސަދަކީ އިސްލާމީ ދައުލަތް ހިމާޔަތްކުރުމެވެ. އިސްލާމީ ދައުލަތަށް ނަސްރުދިނުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކާ ބޭނުންކުރައްވާ ވަސީލަތަކަށް ހެއްދެވީ، އޯޑަރަށް ކިޔަމަންތެރިވުމާ ނިޒާމަށް ބޯލެނބުމެވެ. މައުނަވީ ބާރު ލިބިގަންނަ ހަތިޔާރަކަށް ހެއްދެވީ ވަރުގަދަ ހަރުދަނާ އީމާންކަމެވެ.

މަދީނާގައި އުޅުއްވާ ކީރިތި ރަސޫލާގެ ތާބިއީންގެ ތެރެއިން ހޮއްވަވާލެއްވި ލަޝްކަރުގެ ތެރޭގައި، ގަބީލާތަކާއި ވަންހަތަކުގެ އަސަބިއްޔަތު، މަރުނުވެ، ދެމިއޮވެދާނެ ކަމަށްޓަކާ، އެންމެން މަސްހުނިވާ ގޮތެއްގައި އަޚު ކުރެއްވިއެވެ. ޤުރައިޝު ވަންހައިގެ މީހަކާއި އައުސް ވަންހައިގެ މީހެއް، ޚަޒްރަޖް ވަންހައިގެ މީހަކާއި ޤުރައިޝު ވަންހައިގެ މީހެއް އަޚު ކުރައްވައި ހުރިހާ ގަބީލާތަކާއި ހުރިހާ ވަންހަތައް އަޚުންކަމަށް ހައްދަވައިލެއްވިއެވެ. އަދި މިއަޚުކަމަކީ ލޭގެ އަޚުކަމަށްވުރެ މަތީމަގާމެއް ދެވުނު އަޚުކަމެއް ކަމަށްވިއެވެ. އެއީ އަގީދާގެ އަޚުކަމެވެ. މުދައު ވާރުތަވުމުގައި ވެސް މިއަޚުކަމަށް، ދަރިޔާ ބަފައިގެ ގާތްކަމަށް ވެސް ބެލުމެއް ނެތި، އިސްދަރަޖައެއް ދެވުނެވެ. މިއަޚުކަން ހިމެނިގެންދިޔައީ އިސްލާމީ އުއްމަތުގެ ބިންގާ ކަމަށެވެ. އަދި ހުރިހާ ތަނެއްގައި ލިބުނު ހުރިހާ ކާމިޔާބީއަކާއި ނަސްރެއްގެވެސް އަސްލެއްކަމަށް ހިމެނިގެން ދިޔައެވެ.

މަދީނާއަށް ކީރިތި ރަސޫލާ ހިޖުރަ ކުރެއްވިތާ 6 މަސް ދުވަހުގެ ތެރޭގައި މިލަޝްކަރު ތައްޔާރުކުރައްވައި ތަމްރީނު ކުރެއްވިއެވެ. ދެއަހަރުގެ ފަހުން މަޝްހޫރު ބަދުރު ހަނގުރާމައިގައި މީހުންގެ ޢަދަދުގެ ގޮތުން ތިންގުނަ އިތުރު، ހަތިޔާރުގެ ގޮތުންނާއި މަޝްހޫރު ހަނގުރާމަވެރިންގެ ގޮތުން އެތައް ގުނައެއް މޮޅު، މުޝްރިކުންގެ ލަޝްކަރާ މުގާބިލާ ކުރައްވައި، ޝިރުކުގެ ލަޝްކަރުގެ މައިކަށި މުގުރައިލެއްވިއެވެ. އޭގެފަހުން އަރަބިކަރައިގައި މުޝްރިކުންގެ ލަޝްކަރަށް ހިންދަމާލެވޭނެ ކުޅަދާނަކަމެއް ނުލިބުނެވެ. އަދި އޭގެފަހުން މި އިސްލާމީ ލަޝްކަރަށް ހުއްޓުމެއް އައީ، ހުޅަނަގުން ފަރަންސޭސި ވިލާތުގެ މެދަށް، އިރުމަތިން އިންޑިޔާގެ ތެރެއަށް ވަދެގަތުމަށްފަހުގައެވެ. އާދޭހެވެ! މިހުރިހާ ކަމަކީވެސް ހިޖުރައިގެ އަގުހުރި ނަތީޖާއެވެ.

ފުތޫހާތު

މަދީނާގައި އިސްލާމީ ދައުލަތް އުފެދި، އިސްލާމީ އުއްމަތް އުފެދި، އިސްލާމީ ދައުވަތަށް ފައިތިލަ ސާބިތުކޮށްލެވޭނެ ފުރުސަތު ލިބުމާއެކު، ހުރިހާކަމެއް ތަރައްގީވާން ފެށިއެވެ. ކުރިމަތިވަމުންދިޔަ ހުރިހާ ކަމެއް ތަރައްގީވާން ފެށިއެވެ. ކުރިމަތިވަމުންދިޔަ ހުރިހާ އައު ހުރަސްތައް ކަޑައްތު ކުރަމުންނެވެ. މަދަނީ ދައުރުގެ 10 އަހަރު ނިމިގެންދިޔައިރު މައްކާ ފަތަހަކުރެވި ބޭރުގެ ދުނިޔެއަށް އިސްލާމީ ރިސާލަތު ފޮނުވިއްޖެއެވެ. ރަސްރަސްކަލުންނަށް ފަތްކޮޅު ފޮނުއްވުމުގެ ސޫރައިގައެވެ.

ހިޖުރައިން އެއްވަނަ އަހަރު ހަނގުރާމަ ފެއްޓެވުމަށް އިޒުނަ ލިބިވަޑައިގަތުމާއެކު، ހަނގުރާމަތައް ފެއްޓެވިއެވެ. ހިޖުރައިން 8 ވަނައަހަރު ނިމިގެން ދިޔައިރު ބޮޑެތި ހަނގުރާމަތައް ނިމި މައްކާ ފަތަހަވެއްޖެއެވެ. އަރަބިކަރައިގެ މައްޗަށް އިސްލާމީވެރިކަން ގާއިމުވީއެވެ. އިސްލާމްދީނުގެ ތަޝްރީއުތައް ވެސް ފުރިހަމަވަމުން ގޮސް، 10 ވަނަ އަހަރުގެ ނިޔަލަށް، މުޅީން ފުރިހަމަވެ، ހައްޖަތުލްވަދާއުގެ ކޮންފަރެންސްގައި ދީން ފުރިހަމަވެއްޖެކަން އިއުލާނުވެވުނެވެ.

ހިޖުރައިން 6ވަނަ އަހަރުގެ ތެރޭގައި ބޭރުގެ ދުނިޔޭގެ ރަސްރަސްކަލުންނަށް ފަތްކޮޅުތައް ފޮނުއްވުމާ ގުޅިގެން އިސްލާމީ ފުތޫހާތުގެ އޮއިވަރު ބޭރުގެ ދުނިޔެއަށް މިސްރާބުޖެހިއެވެ. ހިޖުރައިން 11 ވަނަ އަހަރު ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ފަހުން ފެށުނު، ޚިލާފަތުއްރާޝިދާގެ ދެވަނަ ޚަލީފާ، ސައްޔިދުނާ ޢުމަރު އިބްނު އަލްޚައްޠާބުގެ ޚަލީފާކަން ނިމިގެން ދިޔައިރު، ޝާމްކަރައާއި އިރާގުކަރައާއި، މިސްރާއި ފާރިސްކަރަ އިސްލާމީ ދިދައިގެ ދަށަށް ގެނެވުނެވެ. 3 ވަނަ، 4 ވަނަ، ޚަލީފާގެ ދުވަސްވަރުގައި ދާޚިލީ ފިތުނަތައް ހިލިގެން ދިޔުމާއެކުވެސް، އިސްލާމީ ފުތޫހާތަށް ހުއްޓުމެއްނައިސް، އުތުރު އެފްރިކާއާއި ދުނިޔޭގެ އެކިއެކި ދިމާއަށް ފެތުރެމުން ދިޔައެވެ.

ޚިލާފަތު ރާޝިދާ ނިމުމަށް ފަހު، ދެން ފެށުނު އުމަވީ، ޢައްބާސީ، ޚަލީފާއިންގެ ޒަމާނުގައިވެސް އިސްލާމީ އެމްޕަޔަރ ދިޔައީ ބޮޑުވަމުން، ދާއިރާ ފުޅާވަމުންނެވެ. އުތުރު އެފްރިކާ ހުރަސްކޮށް ޔޫރަޕަށްއަރައި އިސްޕެއިންގައި އިސްލާމީ ވެރިކަން އުފެދުނެވެ. އިރުމަތީން އިންޑިޔާގެ ސިންދުވެސް އިސްލާމީ އެމްބަރާޠޫރިއްޔަތުގެ ބަޔަކަށް ހިމެނިގެން ދިޔައެވެ. އާދޭހެވެ! އިސްލާމީ ދައުލަތާއި އިސްލާމީ ދައުލަތު ކުރިއަރައި މުޅި ދުނިޔޭގެ އެއް ވަނަ ބާރަކަށް ހިމެނިގެން ދިޔައެވެ. އިލްމާއި ރަށްވެހި ކަމުގައި، އަދި އަސްކަރީ މައިދާނުގައާއި ސިޔާސަތުގައި، ދުނިޔޭގެ ލީޑަރޝިޕް ހޯދިއެވެ. މިހުރިހާ ކަމެއް ތާރީޚުގައި ފާހަގަވެގެންދިޔައީ ހިޖުރައިގެ އަގުހުރި ނަތީޖާއެއްގެ ގޮތުންނެވެ.

ހިޖްރީ ޤަރުނުތައް ފާހަގަކުރުން

ހިޖުރައިގެ އަގުހުރި ނަތީޖާގެ މައްޗަށް ފައުޅުކުރެވޭ ހިޔާލުތައް ނިންމާލާއިރު ހިޖުރީ ޤަރުނުތައް ފާހަގަ ކުރެވުމާ މެދު، އެއްޗެއް ދަންނަވައިލުމަކީވެސް ހިޖުރައިގެ އަގުހުރި ނަތީޖާއާއި ގުޅުމެއް ނެތް ކަމެއްކަމަށް  އަޅުގަނޑު ނުދެކެމެވެ. މިހެނީ ހިޖުރައިގެ އަގުހުރި ނަތީޖާ ބަޔާންކޮށްލެވޭ އެއް އިބާރާތަކީ އިސްލާމީ އިރުގެ އަލި އުޖާލާ ދޯދިތައް، ބަނަ ބޯވިލާތަކުގެ ތެރެއިން ފޫދިގެން، ދުނިޔެއަށް ފެތުރިގެން، ވެރިވެގެން، ދިޔުމެވެ. ހިޖުރީ ގަރުނުތައް ފާހަގަކުރެވެނީ ވެސް އިސްލާމީ ދައުވަތުގެ އައު ދިރުމެއް ރަމްޒުކުރެވޭ ގޮތެއްގައެވެ. ޒަމާންތަކާއި ދުވަސްތަކުގެ ބަނަ ބޯވިލާތަކުން އިސްލާމީ ހިދާޔަތުގެ ނޫރު ފުސްވެލާ ހިނދު އައު އުޖާލާކަމެއް ލިބުމުގެ އުއްމީދެއްގެ ގޮތުންނެވެ. މިކަން ބިނާވަނީ ޚުދް ކީރިތި ރަސޫލާގެ ‘ޕޭޝަންގޮއީ’ އެއް ނުވަތަ ޕްރޮފެސީއެއްގެ މައްޗަށެވެ. ސުނަނު އިބްނު ދާވޫދުގައި އަބޫ ހުރައިރާގެ ކިބައިން ރިވާކުރެވޭ ހަދީސެއްގައި ވެއެވެ. “إن الله يبعث لهذه الأمة على رأس كل مائة سنة من يجدد لها دينها” ކޮންމެ ސަތޭކަ އަހަރެއްގެ ކުރީކޮޅުގައި މިއުއްމަތަށް އެއުއްމަތުގެ ދީން ދިރުވައިދޭނޭ މީހަކު، މާތްﷲ ފޮނުއްވާނެތެވެ.

އިސްލާމީ ތާރީޚުން ވޭތުވެގެންދިޔަ 14 ޤަރްނުގެ ތެރޭގައި މި ހަދީސުގައި އަންގަވާފައިވާ ޕްރޮފެސީއާ އެއްގޮތްވާ ގޮތުގެމަތިން، ކަންހިނގާފައިވާ ކަމަށް އިސްލާމީ ތަޖުދީދުގެ ތާރީޚު ލިޔުއްވި އެކިއެކި ލިޔުންތެރިން ފަހަގަކުރައްވާފައި ވެއެވެ. ވީމާ، ހިޖުރީ ކޮންމެ ގަރުނެއްގެ ފެށުމަށް އިސްލާމީ އުއްމަތް އިންތިޒާރުކުރަނީ އިލާހީ ރަހުމަތެއްގެ އުއްމީދުގައެވެ. ގަރުނުތައް ފާހަގަކުރަމުން އަންނަނީ މިދެންނެވި ހެޔޮ އެދުންތަކާއި އުފާތަކާއެކުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top