ކޯލިޝަންގެ ކެނޑިޑޭޓަކަށް ނޫނީ ދާއިރާ ތަރައްޤީއެއް ނުކުރެވޭނެ – ސަލީމް

ހުކުރު ދުވަހުގެރޭ އިރުމަތީ ޖަގަހައިގައި ބޭއްވި އެއްވުމުގައި ސަލީމް ވާހަކަދައްކަވަނީ. ކޯލިޝަން ކެނޑިޑޭޓަކަށް ނޫނީ ދާއިރާ ތަރައްޤީ ނުކުރެވޭނެކަމަށް ސަލީމް ވިދާޅުވި / އީވީ ފޮޓޯ: ފާރިހް

ހުކުރު ދުވަހުގެރޭ އިރުމަތީ ޖަގަހައިގައި ބޭއްވި އެއްވުމުގައި ސަލީމް ވާހަކަދައްކަވަނީ. ކޯލިޝަން ކެނޑިޑޭޓަކަށް ނޫނީ ދާއިރާ ތަރައްޤީ ނުކުރެވޭނެކަމަށް ސަލީމް ވިދާޅުވި / އީވީ ފޮޓޯ: ފާރިހް

ސަރުކާރު ހިއްސާވާ ކޯލިޝަނުން މަޖިލީހަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓަކަށް ނޫނީ އޭދަފުށީ ދާއިރާ ތަރައްޤީ ނުކުރެވޭނެކަމަށް އެދާއިރާއަށް ކުރިމަތިލައްވާފައިވާ ޕީޕއެމް ކޯލިޝަންގެ ކެންޑިޑޭޓް އަހްމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ އޭދަފުށީ އިރުމަތީ ޖަގައިގައި ރޭ ބޭއްވި ކެންޕޭން އެއްވުމެއްގައި ވާހަކަދައްކަވަމުންނެވެ. ސަލީމް ވިދާޅުވީ އަމިއްލައަށް މެނިފެސްޓޯއެއްނެރެ، އޭގައި ހިތަށްއެރިހާ ވާހަކަތަކެއް ލިޔެގެން ހުސް ވައުދުތަކެއް ނުވާނެ ކަމަށާ، ކޮންމެ ކަމެއްވެސް ކުރެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ކަމަށެވެ.

“އެއްވެސް ކަމެއް ސަރުކާރާ ނުގުޅި ކިހިނެއްތޯ ކުރާނީ. އަޑަށް ބާރުލާފައި ކުރެވޭނޭ ބުންޏަސް އެކަމެއް ނުވާނެ. އެހެންވީމާ، އަޅުގަނޑަށް ވޯޓްދޭން ޖެހެނީ. އެހެންވީމާ، ސަރުކާރު ކޯލިޝަން ކެނޑިޑޭޓަށް ވޯޓް ދޭން ޖެހެނީ.” ސަލީމް ވިދާޅުވި އެވެ.

އޭދަފުށީގެ ތަރައްގީއަށް ކުރިއަށް ރޭވިފައިހުރި މަޝްރޫއުތަކަށް އަލިއަޅުވާލައި ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ އޭދަފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކޮށްދެއްވާ ފަރާތުން އެކަމަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި މިހާރު އޯޑަރުދީފައިވާ ކަމަށެވެ. އަދި މާގިނަ ދުވަސްތަކެއްނުވެ، ދަނޑުގެ އަމަލީ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ބިންހިއްކުމުގެ މަޝްރޫއާބެހޭގޮތުން ސަލީމް ވިދާޅުވީ އެކަމަޑޭޝަން ބޯޓް މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި ހިއްކާ ބޯޓް މިހަފްތާތެރޭ ރާއްޖެ އަންނާނެ ކަމަށެވެ.

“ފުރަތަމަ ބޯޓު ދާނީ މީދޫއަށް. ހައެއްކަ ދުވަހުގެ ތެރޭ މީދޫ ހިއްކުމަށްފަހު ބޯޓް ދެން އަންނާނީ އޭދަފުއްޓަށް، އޭގެ ކުރިންވެސް ކަމާބެހޭ ތަކެތި އޭދަފުއްޓަށް އަންނާނެ. ހިއްކުމާ ދޭތެރޭ އެއްވެސް ޝައްކެން ނެތް.” ސަލީމު ވިދާޅުވި އެވެ.  ”ހިއްކާ ނިމޭއިރަށް ސަރުކާރުން ވިހި މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް މިހާރުވެސް އޮތީ ކަނޑައެޅިފައި. ހިއްކާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިރަށުގެ މަގުތައް ހަދަން ފެށޭނެ،” މިހާރުވެސް އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުންގެންދަވާ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އޭދަފުށީ ފެނުގެ ނިޒާމުގެ މަސައްކަތްވެސް މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތްވެސް ކުރިއަށްއޮތް ދެތިން ހަތަރު މަސްތެރޭ ފެށިގެންދާނެ ކަމަށެވެ.

ސަލީމަށް ތާއީދުކުރައްވާ ގިނަބަޔަކު ބައިވެރިވި ރޭގެ އެއްވުމަށްފަހު، ބައިވެރިންނަށް އިރުމަތީ ޖަގަހައިގައި ކެއުމެއްވެސް ބޭއްވިއެވެ. ސަލީމްގެ ކެންޕޭން ވަރުގަދަ ކުރުމުގެ ގޮތުން ހޮނިހިރު ދުވަހު މާޅޮހުގައި ޖަގަހައެއް ހުޅުވައި، އެއްވުމެއްވެސް ބާއްވާފައިވެއެވެ. އަދި ހިތާދޫގައިވެސް ދޮރުން ދޮރަށް ހިނގާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top