އޭދަފުށީގައި ހޯމް ސެންޓަރެއް އަޅަން ނިންމީ އާބާދީއާ، ހިދުމަތްތަކަށް ބަލާފައި – ޖެންޑާ މިނިސްޓްރީ

viber_image_2019-12-21_10-21-09.jpg

އޭދަފުށީ ގައި ހުރި ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރު. ފަހަތުން ފެންނަން އެހުރީ ހޯމް ސެންޓަރު ގާއިމްކުރުމަށް ކޮށްފައިވާ އިމްާރާތް / ފޮޓޯ: އޭދަފުށީ ވޮއިސް

ހޯމް ސެންޓަރެއް ގާއިމްކުރުމުގައި އޭދަފުށި ހިޔާރުކުރީ އާބާދީއާ، ވަސީލަތްތައް ގާއިމްވެފައި ހުރުމުން ކަމަށް މިނިސްޓްރީ އޮފް ޖެންޑަ، ފެމެލީ އެންޑް ސޯޝަލް ސާވިސް އިން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިހެން ބުނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އޭދަފުށީގައި ހޯމް ސެންޓަރެއް ގާއިމް ކުރުމަށް ހިމަނާފައިވާތީ އެކަމާބެހޭގޮތުން އޭދަފުށީ ވޮއިސްއަށް މައުލޫމާތު ދެއްވަމުންނެވެ. ޖެންޑާ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ އިބްރާހީމް މުހައްމަދު ވިދާޅުވީ ހޯމް ސެންޓަރުތައް ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކުރުމުގައި އިސްކަންދެނީ ހިދުމަތުގެ ގޮތުން ކުރިއަރާފައިވާ، ބޮޑެތި އާބާދީތަކަށް ކަމަށެވެ. އެގޮތުން ބަލާއިރު ތައުލީމާ، ސިއްހަތު އަދި އަދި އެހެނިހެން ދާއިރާތަކުން ބަލާއިރު އަންނަ އަހަރު ހޯމް ސެންޓަރު ގާއިމް ކުރާނީ އައްޑޫސިޓީގައާއި، އޭދަފުށީގައި ކަމަށެވެ.

“މިސާލަކަށް ތައުލީމަށް ބަލާއިރު ރަނގަޅު ޕްރީ ސްކޫލެއް އޭދަފުށީގައި އެބަހުރި، ދެން ސިއްހީ، އަދި އެހެނިހެން ހިދުމަތްތައްވެސް ގާއިމްވެފައި އޮތް ރަށެއް ދެއްތޯ އޭދަފުއްޓަކީ، އާބާދީ އަކީވެސް އަޅުގަނޑުމެން ބަލާކަމެއް. އެގޮތަށް ބަލާފަ އޭދަފުށީގައި އަންނަ އަހަރު ހޯމް ސެންޓަރެއް ގާއިމް ކުރަން މިނިސްޓްރީން ކަނޑައެޅީ” އިބްރާހީމް ވިދާޅުވިއެވެ.

އިބްރާހީމް ވިދާޅުވީ ހޯމް ސެންޓަރު ގާއިމް ކުރުމުގެ ކުރިން އޭދަފުށީގައި ގާއިމްކޮށްފައިވާ ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، އިދާރީ މުވައްޒަފުން ނެގުން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ފެމެލީ ސެންޓަރުގައި ގާއިމް ކޮށްފައިވާ ހޯމް ސެންޓަރުގައި ވިހި ކުދިން ގެންގުޅެވޭނޭ ޖާގަ އޮންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އިތުރު މުވައްޒަފުންވެސް ހޯދަންޖެހޭނެ އެހެންނޫންތޯ. ދެން އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާ އެކަމާގުޅޭ ކަންކަން ވަރަށް އަވަހަށް ފެށިގެންދާނެ”

2007 ވަނައަހަރުން ފެށިގެން ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގެ ނަމުގައި އޭދަފުށީގައި ސެންޓަރެއް ގާއިމްކޮށް ހިންގަމުން ގެންދާއިރު ފަހަކަށް އައިސް މަދުމަދުން ކުޑަކުދިންނަށް ހިމާޔަތްދީގެން އެތަނުގައި ބަލަހައްޓަމުން ގެންދާކަންވެސް ފާހަގަކުރެވެއެވެ.

ހޯމް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ އެކަމަޑޭޝަން ބްލޮކެއް ފެމެލީ ސެންޓަރުގެ ގޯތިތެރޭގައި ގާއިމްކޮށްފައި ހުންނަތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top