އީދު ކުޅިވަރަށް ފަރިތަ، ކުޅަދާނަ، ބ. ކަމަދޫ، މިއަހަރުގެ ބޮޑު އީދަށް ވެސް ތައްޔާރުވެއްޖެ އެވެ.
ކަމަދޫގެ އީދު ކުޅިވަރަކީ މުޅިރާއްޖެ އިންވެސް ހޮވާލެވޭ، ގުނާލެވޭ، ޝައުގުވެރިކުރުވަނިވި ނަލަ އަދި ދިވެހި ސަގާފީ ކުޅިވަރުތަކުގެ ނަލަކަމާ މޮޅުކަން ދައްކުވައިދޭ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގެ ޖާދޫގައި ރާއްޖޭގެ ވަކި ދިމާލެއްނެތި އައީ ޖެހެމުންނެވެ. މިދިޔަ ބޮޑު އީދުގައިވެސް ކަމަދޫ ފުރި ބާރުވެގެން ދިޔައީ އެހެންވެގެންނެވެ. ކުޅިވަރުތައް ބެލުމަށްފަހު އެރަށުން ނިދާނެ ތަންކޮޅެއް ނުލިބި ނިދަން ދިޔައީ ކައިރި ރަށްރަށަށެވެ.
”މިއަހަރުވެސް ކަމަދުއަށް މިހާރު މީހުން އަރަން ފަށައިފި. އަދަދުން ބުނާނަމަ މިހާރުވެސް 300 ޕްލަސް ވާނެ. “ އީދު ކުޅިވަރުތައް އިންތިޒާމު ކުރުމުގެ ހަރަކާތްތަކުގައި އިސްވެ އުޅުއްވާ މުހައްމަދު ޝަމީމު ވިދާޅުވި އެވެ.
ޝަމީމަކީ ކަމަދޫ އީދު ކުޅިވަރުތަކުގެ ފުރާނަ އެވެ. އެހުރިހާ ކުޅިވަރު ތަކެއްގައި ކިޔާފައި އެހުންނަނީ އޭނާގެ ލަވައެވެ. ޝަމީމުގެ އުފެއްދުމެވެ. ހުރިހާ އިވެންތްތަކެއް ހޯސްޓް ކޮށްދެނީ އޭނާ އެވެ. ބައެއް ކުޅިވަރުތަކުގެ ކްރިއޯގްރާފަރަކީ ވެސް އޭނާއެވެ. އީދު ފެށެން މަހެއްހައި ދުވަސް ކުރިން ރަށު ކައުންސިލާއި ރައްޔިތުންގުޅިގެން ބޮޑުއީދަށް ތައްޔާރުވުމުގައިި ޝަމީމުހުންނެވީ އެންމެ ކުރީގައެވެ.
މިދިޔަ އަހަރުގެ އީދު ކުޅިވަރުން ވިދާލީ މަޝްހޫރު ކުއްޖަކު މީހަކާ ކައިވެނިކޮށްގެން ދިއުމުން މިއަހަރު އެހާ ފޯރިގަދަ ނުވާނެ ކަމަށް މީސްމީޑިޔާގައި ފާޅުކުރަމުން އަންނަ ޝުއޫރުތަކަށް އޭނާ ރައްދު ދެއްވި އެވެ.
”ހުސް ފަތްމިނިންް. ކޮންމެ ކުއްޖަކީވެސް ޒާރާއެއް. އެއީ ވަކީ އޭނައަށް ނިސްބަތް ކުރެވޭނެ ނަމެއް ނޫން. ހުނަރުންވެސް ފުރިފަ. އެކަން އެނގިގެން ދާނެ މިއހަރުގެ އީދުން.“
ޝަމީމު ވިދާޅުވި ގޮތުގައި މިއަހަރުގެ އީދު ކުޅިވަރުތައް ފެށުމުގެ ރަސްމިއްޔާތުވެސް އޮންނާނީ އެހެން އަހަރުތަކެކޭ އެއްފަދައިން އީދު ވިލޭރޭ ނުވަތަ ހައްޖުދުވަހުގެ ރެ އެވެ.
”އާއްމު އުސޫލުގެ މަތިން ހައްޖުދުވަހުގެ ރޭ ނުވަތަ އީދު ވިލޭރޭ އޮންނާނީ ސްޓޭޖް އޯޕަނިންގ. އެއީ ވަރަށް އޮފިޝަލް އިވެންޓެއް. އެ ޚާއްސަވާ މައިގަނޑު ދެކަމެއް ވޭ، އެއްކަމަކީ ކަމަދުއަށް ޚިދުމަތް ކޮށްފައި ތިބި މީހުންގެ ތެރެއިން ހޮވާލެވޭ އެއް ފަރާތަށް ރަށު ކައުންސިލުން ދޭ ޚިދުމަތްުގެ ރަމްޒީ ހަނދާނީ ފިލާ. އަނެއް ކަމަކީ މެހްމާނުންނަށް މަރުހަބާ ދެންނެވުމަށް ކަމަދޫ ރައްޔިތުންގެ ތެރެއިން 150 މީހުން ބައިވެރިވާ އިވެންޓެއް. މިކަން ކުރިއަށް ދާނީ ހަދިޔާ ބަދަލުކުރުމުގެ ރަމްޒީ އިވެންޓަކާވެސް ބައެއް ލަވަތަކާވެސް އެކު. ކަމަދުއާ ބެހޭ ޚާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ފެނިގެންދާނެ.“
ޝަމީމު ވިދާލޫވި ގޮތުގައި އީދުގެ ކޮންމެ ދުވަހެއްވެސް ފުރިފައި އޮންނާނީ ދިވެހިންގެ ސަގާފީ ކުޅިވަރުތަކުންނެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ލަގިރި، ކަމަދޫގެ ޚާއްސަ ކޯޑިޖެހުން، ފަތްމާލި، ދެލިމާލި، އަންހެނުންގެ ބަނޑިޔާ، ފރިހެނުންގެ ބޮޑުބެރުގެ އިތުރުން މިކްސްކޮށް މަރުހަބާ ލަވައިގާ ފަންސާހަކަސް ކުދިން ބައިވެރިވާ އައިޓަމެއް ހިމެނެއެވެ. މިހިސާބުން ނިމުނީއެއް ނޫނެވެ. މިއީ ބައެއް ކުޅިވަރުތަކެވެ. ކުޅިވަރުތައް ބަލައިލުމަށް އީދު ކައިރިވަމުން އަންނަ ވަރަކަށް މީހުން ދަނީ އިތުރު ވަމުންނެވެ.
ރަށުގެ 15 ގެސްޓް ހައުސް އާއި އަމިއްލަ މީސްމީހުންގެ ކޮޓަރިތައް ވެސް މިހާރު އޮތީ ފުރިފައެވެ.
ރާއްޖޭގެ އެހެން ރަށްރަށާ ޚިލާފަށް ކަމަދުއަށް މިހާ ބާރު ބޮޑުވަނީ ކީއްވެގެން ބާއެވެ. ޝަމީމުވިދާޅުވަނީ މިހެންނެވެ.
”ކަމަދޫގެ އީދުކުޅިވަރަކީ ބޭރުން ގްރޫޕްތައް ގެނެސްގެން ކުޅޭ ކުޅިވަރުތަކަކަށް ނުވޭ. އެހެނީ ހުރިހާ ކުޅިވަރުތަކެއް ބިނާވެގެން މިއަންނަނީ ކަމަދޫ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށް ވާތީ. މިއަދުގެ ފަޚްރަކީ މުޅިރާއްޖެއަށް ކަމަދޫ މަޝްހޫރުވެ އީދަށް ކަމަދުއަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވުން. ނަތީޖާއަކީ އިތުރަށް ކަމަދޫ މަޝްހޫރުވެ އިގްތިސާދީ ގޮތުން ލިބޭ ވަށާޖެހޭ ނަފާ ބޮޑުތަނުން އިތުރުވުން. މިހާތަނަށް ބަލާއިރު ކަމަދޫގެ 15 ގެސްޓް ހައުސްގެ ހުރިހާ ރޫމެއް ފުލްވެ އަދި އާއްމުންގެ ގެތަކާއެކު ގާތްގަނޑަަށް 350 ބެޑް މިހާރު މިވަނީ ވިކިފަ“