ތެދުބަހުން ވާހަކަ ދެއްކުމަށާއި ވައުދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހައްޖު ހުތުބާގައި ހުރިހާ މުސްލިމުންނަށް ގޮވާލައްވައިފި އެވެ.
ނަމިރާ މިސްކިތުގައި ހައްޖު ޚުތުބާ ދެއްވީ މަސްޖިދުލް ހަރަމްގެ އިމާމް ޝައިޚް ޑރ. ސާލިހް ބިން އަބްދުﷲ ބިން ހުމައިދު އެވެ.
ހައްޖު ޚުތުބާ ދެއްވަމުން ޝައިޚް ވަނީ މައިންބަފައިންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި އަދި އަވައްޓެރިންނަށް އޯގާތެރިވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ވަޢުދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ތެދުބަސް ބުނުމަށާއި، އަދި ޢިއްފަތްތެރިކަން ދެމެހެއްޓުމަށް މުސްލިމުންނަށް ހަނދާން ކޮށްދެއްވި އެވެ.
ޝައިހް ވިދާޅުވީ، އިސްލާމް ކަމުގެ ދަރަޖަތަކުގެ ތެރެއިން އެންމެ މާތް މަތީ ދަރަޖައަކީ އިހުސާންތެރިވުން ކަމަށާއި އިހުލާސްތެރިންނަށް މަތިވެރިވެގެންވާ ސަވާބާއި ދަރުމަ ލިބިގެންދާނެ ކަމަށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި، ތެދުބަސް ބުނުމަށާއި، ދޫ ރައްކާތެރިކުރުމަށާއި، މާތް ﷲ އަށް ޝިރުކު ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ.
”ތިޔަބައިމީހުންގެ ޢަހުދުތަކާއި ވަޢުދުތައް ފުރިހަމަކުރާށެވެ. ތިޔަބައިމީހުން ވާހަކަދައްކާ ކޮންމެ ހިނދެއްގައިވެސް ރަނގަޅަށް ވާހަކަދައްކާށެވެ. ކެތްތެރިވާ މީހުންނަށް ﷲ ފުރިހަމައަށް ޖަޒާ ދެއްވާނެއެވެ. ﷲގެ ޝުކުރުވެރި އަޅުތަކުންނަށް އެބައިމީހުން ޝުކުރުވެރިވާ މިންވަރަކުން އިތުރު ނިޢުމަތްތަކުން ދަރުމަ ދެއްވާނެކަމަށް ﷲ ވަޢުދުވެވޮޑިގެންވެއެވެ،“ ޝައިޚް ވިދާޅުވި އެވެ.
މިކަންކަމަކީ އީމާންކަމުގެ މުހިންމު ބައިތަކެއްކަން ފާހަގަކުރައްވަމުން ޝައިޚް ވަނީ ހެޔޮކަމާއި ނުބައިކަން އެއްވަރުނުވާ ކަމަށާއި، ނުބައިކަމަށް ހެޔޮކަމުން ޖަވާބުދިނުމުން ޢަދާވާތްތެރިން ގާތް ރަޙްމަތްތެރިންނަށް ބަދަލުވެދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ހެޔޮކަންތައް ކުރުމަށާއި ނުބައި ކަންތަކުން ދުރުހެލިވުމަށް މާތްﷲ އަމުރުކުރައްވާފައިވާ ކަމަށާއި ޢަދުއްވާއަށް މަޢާފުކުރުމަކީވެސް ހެޔޮ ސިފައެއް ކަމަށް ވިދާޅުވި އެވެ. ހެޔޮ ޢަމަލުތަކުން ނުބައި ޢަމަލުތައް ފޮހެވޭ ކަމަށާއި އެހެންކަމުން، ވީހާވެސް ގިނައިން ހެޔޮ ޢަމަލުތައް ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
އެގޮތުން ނަމާދު ޤާއިމުކުރުމަށާއި އެއީ މާތްﷲ އާއި އަޅާއާ ދެމެދު އޮންނަ އެންމެ ރަނގަޅު ގުޅުންކަން ޝައިހް ފާހަގަކުރެއްވި އެވެ.