ބ.އޭދަފުށީގައި މިއަހަރުގެ އަޟްހާ އީދުކުޅިވަރު ތައް މިރޭ ފަށައިފި އެވެ.
އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން ފުރަތަމަ އޮތީ އީދު ބަޑި ރޯކުރުމެވެ. ވަފާ ޖަމިއްޔާގެ ފަރާތުން ގެނެސްދިން މި ހަރަކާތް އޮތީ ވަފާ ޖަމިއްޔާ ސަރަހައްދުގައެވެ.
އީދުގެ މުނާސަބަތުގައި ބާއްވާ ވެޓަރަންސް ފުޓްބޯޅަ މުބާރާތް ފެށުންވެސް މިރޭ އޮންނާނެއެވެ. ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ދެ މެޗު މިރޭ ކުޅޭނެ އެވެ.
މިރޭ 22:00 ގައި އޭދަފުށީ ރާޅުގަނޑު ސަރަހައްދުގައި ލެންޓާން ފެސްޓިވަލެއްވެސް އޮންނާނެއެވެ.
އީދު ފާހަގަކުރުމުގެ ގޮތުން ކޮންމެ ދުވަހަކަުވެސް ތަފާތު ކުޅިވަރުތައް ކުޅުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ފައިގަތަޅާ މުބާރާތަކާއި، ކިޑްސް ކަލާ ފެސްޓިވަލް، ދެލި މާލި ކޮޑި ކުޅުމާއި މާލި ޕެރޭޑް، ސަގާފީ ނެށުން، ވާދެމުމާއި ބާބަކިއު އަދި ކަނބަލުންގެ މަސްރޭސް ހިމެނެއެވެ.
މިއަހަރުގެ އީދު ފާހަގަކުރުމަށް އޭދަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ވަނީ ނިންމައިފަ އެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ ރަށުގެ ބައެއް ކްލަބް ޖަމިއްޔާތަކަށް ފައިސާގެ ދީލަތި އެހީތެރިކަން ދީގެން ކަން ފާހަގކުރެވެއެވެ.
.