ރާއްޖޭގެ ގައުމީ އެއާލައިން އާއި ދުނިޔޭގެ މަޝްހޫރު އެއާލައިން އެމިރޭޓްސް އެއާލައިން ގުޅިގެން ބައެއް ހިދުމަތްތައް ދިނުމާ ބެހޭ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަނުން ނެރުނު ނޫސް ބަޔާނުގައި ބުނީ މި އެއްބަސްވުމުގެ ދަށުން ދެ އެއާލައިނުން ވެސް ގުޅިގެން ހިދުމަތް ދިނުމުގެ މަގު ފަހި ވެގެންދާނެ ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ޓިކެޓު ޑިވިޝަން “މޯލްޑިވިއަން ހޮލިޑޭސް” މެދުވެރިކޮށް ޕެކޭޖު ހަދައިގެން ޓިކެޓު ވިއްކުމުގެ މަގު ފަހި ވެގެންދާނެ ކަމަށާއި ކާގޯ ގެނައުމުގެ ވިޔަފާރި ފުޅާ ކުރަންވެސް ފުރުސަތު ފަހިވާނެ ކަމުގައެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ ޔޫއޭއީ- ރާއްޖޭގެ ގުޅުން ވެސް އިތުރަށް ބަދަހި ވެގެންދާނެ ކަަމަށެވެ.
އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީއީއޯ) އަދްނާން ހާޒިމް ވިދާޅުވި ގޮތުގައި ރާއްޖެފަދަ ދުނިޔޭގެ މަގުބޫލު މަންޒިލެއްގެ އެއާލައިންއަކާއެކު ކޯޑްޝެއާ ކުރުމަކީ އެ އެއާލައިނަށް ވެސް ލިބުނު އުފަލެކެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ފައިދާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެމިރޭޓްސްއާއެކު ކޯޑްޝެއާ އެއްބަސްވުމަކަށް މޯލްޑިވިއަން އިން އައިސްފައިވާއިރު، ސަރުކާރުން ކުރިން ބުނީ މެދުއިރުމަތީގެ ބޮޑު އެއާލައިންއަކާއެކު ޖޭވީއެއް ހަދަން މަޝްވަރާ ކުރަމުންދާ ކަމަށެވެ. މިކަން ހާމަ ކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓުމަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ވުމެއްގައި ރައީސް ސޯލިހު އެވެ.