އިސްލާމީ ޝަރީއަތުގެ ވާހަކަ ދައްކާއިރު ސާފުވެފައި އޮންނަންޖެހޭ ބައެއް މުހިއްމު މަފްހޫމުތަކުގެ މައްޗަށް ނަޒަރު ހިންގައިލުމެއް:

18163661-800x491-800x491-1.jpg

1. ‘ދީން’ މިމަފްހޫމުގެ މާނައިގެ މައްޗަށް ބަލައިލުން

އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ.މަންޒިލް

(22 މާރިޗް އާ ގުޅޭ)

އިތުރު ވާހަކައެއް

މިހިސާބުން މައުލޫއިން ބޭރު، އެހެންނަމަވެސް މުހިއްމުކަމެއްގެ ވާހަކައެއް، ލިޔެލަން ގަސްދުކުރަމެވެ. ހުކުރު ޚުތުބާގައި ކިޔާ ދެ އާޔަތެއްގެ ވާހަކައެކެވެ. ފުރަތަމަ އާޔަތަކީ ކުރިން ނަންގަނެވުނު އަލްޢަންކަބޫތު ސޫރަތުގެ 29 ވަނަ އާޔަތެވެ. އަދި އެއްފަހަރު އެއާޔަތް ލިޔެލާނަމެވެ. “… وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر….” “…އަދި، ކަލޭގެފާނު ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، ފާހިޝްކަންކަމުންނާއި (އެބަހީ ޒިނޭކުރުންފަދަ ހަޑިހުތުރުކަންބޮޑެތި ކަންތައްތަކުންނާއި)، މުންކަރާތްތަކުން (މީހުންމެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތައް) ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް އެހީވެދޭ) ކަމެކެވެ. އަދި (މާތް)ﷲ މަތީން ހަނދުމަކުރުން (މިކަންކަމަށްވުރެވެސް) މާބޮޑެވެ….” ދެވަނަ އާޔަތަކީ އައްނަޙުލު ސޫރަތުގެ 90 ވަނަ އާޔަތެވެ. إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون. “ހަމަކަށަވަރުން (ކަލޭމެން މުސްލިމުނަށް މާތް) ﷲ އަންގަވަނީ އަދުލުވެރި ވުމަށާއި (އެހެން މީސްމީހުނަށް) އިހުސާންތެރި ވުމަށާއި، ގާތްތިމާގެ މީހުންނަށް އެހީތެރިކަން ފޯރުކުރުމަށެވެ. އަދި އެކަލާނގެ (ކަލޭމެންނަށް) މަނާކުރައްވަނީ ފާޙިޝްކަންތައްތަކާއި (އެބަހީ ޒިނޭކުރުންފަދަ ހަޑިހުތުރުކަން ބޮޑެތި ކަންތައްތަކުންނާއި)، މުންކަރާތުތަކާއި (މީހުންމެރުމާއި ވައްކަން ކުރުމާއި، ފޭރުންފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތައް) އަދި(އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް) އަނިޔާވެރިވެ ދެކޮޅުވެރިވުމަށެވެ. ތިޔަބައި މީހުންނަށް (މާތް)ﷲ ތިޔަބައި މީހުންނަށް ނަސޭހަތްތެރިވެ ބާރުއަޅުއްވަނީ (މިކަންކަން) ތަޔަބައިމީހުންގެ ހިތްތަކުގައި ހަރުކޮށްލުމަށްޓަކައެވެ.” މި ދެއާޔަތަކީ މުސްލިމުން އުޅޭ ކޮންމެ ތަނެއްގައި، އެންމެ އިހުއްސުރެން، ކޮންމެ ހުކުރުދުވަހު ޚުތުބާގައި ކިޔޭ ދެއާޔަތެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިދެއާޔަތް މިގޮތަށް ކިޔެވެމުން އަންނަކަން، ހުކުރަށްދާ އެއްވެސްމީހަކަށް ވަންހަނާވެގެންނުވާނެއެވެ.

މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ، ކޮންމެ ހުކުރު ޚުތުބާއެއްގައި މިދެއާޔަތް ކިޔެވެނީ ކީއްވެގެންތޯއެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު މުސްލިމުންނަށް މިދެއާޔަތް ހަނދާންކޮށްދެވެނީ ކީއްވެތޯއެވެ. މީގެ ޖަވާބުގައި ދެންނެވޭނީ، ޤުރުއާނުގެ ރިސާލަތު، އިސްލާމީ ތައުލީމާތުގެ މައިގަނޑު މެސެޖު މިދެއާޔަތުގައި ޚުލާސާ ކުރެވިފައި ވާތީއެވެ. ކީރިތި ޤުރުއާން މަސައްކަތް ކުރަނީ މުސްލިމުންނަކީ ހެޔޮލަފާ ބަޔަކަށް ހަދައި މުޖުތަމައުގައި އަދުލުއިންސާގު ގާއިމުކުރަން މަސައްކަތް ކުރާ ބަޔަކަށް ހެދުމަށެވެ. ކީރިތި ޤުރުއާނުގައިވާ އެހެން ހުރިހާ އުނގަންނައި ދިނުމެއްގެ މަގުސަދު ގުޅެނީ މިދެކަމާއެވެ. މިސަބަބަށްޓަކައި މިދެއާޔަތް ކޮންމެ ހުކުރު ދުވަހަކުމެ މުސްލިމުންނަށް ހަނދާންކޮށްދެވެއެވެ. މިހަނދާން ކޮށްދިނުމުން ފައިދާއެއްކުރޭތޯއެވެ.

ދީން މާތްﷲއަށް ބޯލަނބައި ކިޔަމަންގަނެ އެކަލާނގެއަށް އަޅުކަންކުރުމާއި ގުޅޭ އަމަލުތަކާއި ގުޅުވާލައިގެން ބޭނުންކުރުން

އާދެ، އަނެއްކާވެސް މައުލޫއުއަށް އެނބުރި ރުޖޫއަވަމާތޯއެވެ. ދީނުގެ މާނަ ކީރިތި ޤުރުއާނުގައި އުފެދި ބިނާވަމުން އައިގޮތުގެ ވާހަކަ ކުރިއަށް ގެންދިއުމަށެވެ. އަޅުކަމުގެ މާނައިގެ ދީން ބޭނުން ކުރެވިފައިވާ ދެ މަރުހަލާގެ މައްޗަށް މިހާރު ބަލައިލެވިއްޖެއެވެ. މާތްﷲއަށް އަޅުކަން ކުރުމާއި މިއަޅުކަން ކުރަންޖެހޭނީ އިޚުލާސްތެރިކަމާއި އެކުގައިކަމެވެ. ވަކިކަހަލަ އަގުތަކެއް އަޅުވެރިޔާގެ ކިބައިގައި އަށަގަންނަވާލުމުގެ ބޭނުމުގައެވެ. ހެޔޮކަންތައް ކުރުމާއި، ނުބައިކަންތައްތަކުން ދުރުހެލިވުމާއި، ހަމަހަމަ ކަމާއި އަދުއިންސާފަށް ލޯބިކުރުން ފަދަ އަގުތަކެވެ. ދެން ބަލާލަން ގަސްދުކުރަނީ ދީން ކީރިތި ޤުރުއާނުގައި އަޅުކަމުގެ މާނައިގައި ބޭނުންކުރެވިފައިވާ ތިންވަނަ މަރުހަލާއަށެވެ. މިމަރުހަލާގައި ކީރިތި ޤުރުއާނުގައި ދީން ބޭނުން ކުރެވިފައިވަނީ އެކިއެކި އަމަލުތަކާއި ގުޅުވައިގެންނެވެ. ހިތާއި އަދި ގުނަވަންތަކުގެ އަމަލުތަކާއި ގުޅުވައިގެންނެވެ. މިގޮތުން ދީނުގެ މާނައަށް ހިއްސީ ސިފައެއްގެނެސް (ކޮންކޮރީޓް ފޯރމް) ދެވެއެވެ. މާތްﷲއަށް އަޅުކަން ކޮށް އެކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރަންޖެހެނީ ކޮންކޮންކަމެއްތޯ ބަޔާން ކޮށްދީގެންނެވެ.

އެންމެ ފުރަތަމަ ހިތުގެ އަމަލުތަކަށް ބަލާލަމާތޯއެވެ. ހިތުގެ އަމަލުތަކޭ މިދެންނެވީ އިއުތިގާދީ ކަންކަމަށެވެ. ހިތުގެ އަޑީން ގަބޫލުކުރާ ކުރުންތަކަށެވެ. އެކަމަކީ ހިތުން އަދާކުރެވޭ ކަމަކަށްވާތީވެ ހިތުގެ އަމަލެކޭ ކިޔުނީއެވެ. މިފަދަ އިއުތިގާދީ ކަމެއްގެ މިސާލެއްގެ ގޮތުން އާލު ޢިމްރާނުގެ ތޭވީސް ވަނަ އާޔަތާއި ސައްވީސްވަނަ އާޔަތް ލިޔެލާނަމެވެ. ألم تر إلى الذين أوتوا نصيبا من الكتاب يدعون إلى كتاب الله ليحكم بينهم ثم يتولى فريق منهم وهم معرضون. ذلك بأنهم قالوا لن تمسنا النار إلا أيام معدودات وغرهم في دينهم ما كانوا يفترون. “ކަލޭގެފާނަށް (މުހައްމަދުގެފާނަށް) އެނގިވަޑައިގެން ނުވޭތޯއެވެ؟ (ބާވާލެއްވުނު) ފޮތްތަކުން އެއްޗެއް (ފޮތެއް) އެމީހުންނަށް ދެވުނު މީހުން (އެފޮތާއިމެދު ކަންތައްކުރި ގޮތެވެ). މީސްތަކުންގެ މެދުގައި، މާތްﷲ (ބާވާލެއްވުނު) ފޮތުގައިވާ ގޮތުގެ މަތީން ހުކުމް ކުރުމަށްޓަކައި، (މާތް)ﷲގެ (އެ)ފޮތުގެ މަގަށް އައުމަށް، އެމީހުންނަށް ގޮވާލެވުމުން، އެމީހުންގެ ތެރެއިން ބަޔަކު ފުރަގަސްދީ ދެކޮޅު ހެދީއެވެ. އެއީ އެމީހުން ބުނަމުން ގެންދާތީއެވެ: ‘އަހަރުމެންގެ ގަޔަކު، ގުނާ އަދަދުކޮށްލެވޭހާ (މަދު) ދުވަސްކޮޅަކަށް މެނުވީ (ނަރަކައިގެ) އަލިފާނެއް ނުޖެހޭނެއެވެ.’ އެމީހުންގެ ދީނުގައި އެމީހުން (އަމިއްލައަށް) އުފައްދައިގަތް ކަންތައްތައް އެމީހުން ހައްލުވައި (އެމީހުންނަށް ސައްހަގޮތް) އޮޅުވައިލީއެވެ.” މިއާޔަތުގައި އިޝާރާތް ކުރެވެނީ މަދީނާގައި ދިރިއުޅުނު ޔަހޫދީންގެ ބަޔަކަށެވެ. މިއާޔަތުން ދޭހަވާގޮތުގައި، އެމީހުން، ޔަހޫދީންނަށް ވީތީވެ، އެމީހުންނަށް މާތްﷲގެ އަޒާބުން ސަލާމަތްކަންލިބި، ސުވަރުގެ ދެވުމުގެ ޔަގީންކަން އޮތްކަމަށް ބެލީއެވެ. ‘ދިން’ މިއާޔަތުގައި ގުޅެނީ އެމީހުންގެ މި ގަބޫލުކުރުމަށެވެ. އާދެ، އެމީހުންގެ ހިތުގެ މިއަމަލަށެވެ.

މީގެ އިތުރުން، ހިތުގެ އަމަލަކަށް ނިސްބަތްކޮށް އައްނިސާ ސޫރަތުގެ ސަތޭކަ ހަތްދިހަ އެއްވަނަ އާޔަތުގައްޔާއި އަދި އަލްމާއިދާ ސޫރަތުގެ ހަތްދިހަ ހަތްވަނަ އާޔަތުގައި ވެސް ދީން ބޭނުންކުރެވިފައިވެއެވެ. މި ދެއާޔަތުގައިވެސް ބަޔާންކުރެވިފައި ވަނީ ނަޞާރާއިންގެ އިއުތިގާދީ މައްސަލައެކެވެ. އީސާގެފާނަކީ އިލާހެއްކަމަށް، އެމީހުން ގަބޫލުކުރާ ކުރުމެވެ. މިކަމަށް އިންކާރުކޮށް، ކީރިތި ޤުރުއާނުގައި މިކަން ސިފަ ކޮށްދެވިފައިވަނީ މިއީ ‘ދީނުގައި ހައްދުފަހަނައަޅައި ދިޔުމެއްކަމުގައެވެ. (الغلو في الدين.) އަދި ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ގޮތުން މިފަދަ ގޮތަކަށް ފަހަރެއްގައިވެސް އީސާގެފާނު އެކަލޭގެފާނަކީ އިލާހެއްކަމަކަށް ދައުވާއެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނަށް އަޅުކަން ކުރުމަކަށް، އެމީހުންނަކަށް އިރުޝާދެއް ނުދެއްވައެވެ. (އަލްމާއިދާ ސޫރަތުގެ 116ވަނަ އާޔަތް ބައްލަވާލައްވާ!)

ގުނަވަނުގެ އަމަލުތަކާ ގުޅުވައިގެން، ކުރިންވެސް ނަންގަނެވުނު އަލްބައްޔިނާ ސޫރަތުގެ ފަސްވަނަ އާޔަތުގައި، ‘ދީން’ ބޭނުންކުރެވިފައި ވެއެވެ. وما أمروا إلا ليأمروا الله مخلصين له الدين حنفاء ويقيموا الصلاة وذلك دين القيمة މިއާޔަތުގައެވެ. “އެހެން ހުރިހާ އެއްޗިއްސަށް އަޅުކަންކުރުން ދޫކޮށް، އިހުލާސްތެރިކަމާއެކު (މާތް)ﷲއަށް، އަޅުކަން ކުރުމަށާއި ނަމާދު ގާއިމު ކުރުމަށާއި ޒަކާތް ދިނުމަށް މެނުވީ އެމީހުނަށް – އަހުލު ކިތާބީންނާއި މުޝްރިކުންނަކަށް – އެންގި އަމުރުކުރެވިފައެއް ނުވެއެވެ. ހައްގު ދީނަކީ މިއެވެ.” އާދެ، ނަމާދު ކުރުމާއި ޒަކާތް ދިނުމަކީވެސް މާތްﷲއަށް އަޅުކަންކޮށް އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމެއްކަން މިއާޔަތުން ވަރަށް ސާފުކޮށް އެނގެއެވެ.

އެކިއެކި އަމަލުތަކާ ގުޅުވާލައި ‘ދީން’ ކީރިތި ރަސޫލާގެ ހަދީސްގައިވެސް ބޭނުންކުރެވިފައިވެއެވެ. މިގޮތުން އެންމެ މަޝްހޫރު ހަދީސްކަމުގައި މިނަންގަންނަ ހަދީސް ހިމަނާލެވިދާނެއެވެ. އިސްލާން ދީން އެކަންކަމުގެ މައްޗަށް ބިނާވެފައިވާ ރުކުންތައް ބަޔާންކޮށް ދެވިފައިވާ ހަދީސް އެވެ.  بني الإسلام على خمس: شهادة ألا إله إلا الله وأن محمدا رسول الله وإقام الصلاة إيتاء الزكاة وصوم رمضان وحج البيت من استطاع إليه سبيلا. މާނައަކީ “އިސްލާމް ދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ އެއީ މާތް ﷲ މެނުވީ އިލާހަކު ނުވާކަމަށާއި މުހައްމަދުގެފާނަކީ މާތްﷲގެ ރަސޫލާކަމަށް ހެކިވުމަށާއި ނަމާދު ގާއިމުކުރުމަށާއި ޒަކާތްދިނުމަށާއި ރަމަޟާންމަހު ރޯދަހިފުމަށާއި އަދި ކެރި ކުޅަދާނަވެގެންވާމީހާ ގެފުޅަށްގޮސް ހައްޖު ވުމެވެ.” އިސްލާމީ ފިގުހުގައި މިކަންތައްތައް ހިމެނާލާފައިވަނީ އަޅުކަމުގެ އަމަލުތަކުގެތެރޭގައެވެ. މާތްﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތަކެއްގެ ގޮތުގައެވެ. އާދެ، ދީނުގެ އަސާސީ ކަންތައްތައްކަމުގައެވެ.

މީގެ އިތުރުން އައްނޫރު ސޫރަތުގެ ދެވަނަ އާޔަތުގައި، ޒިނޭގެ ކުށް ސާބިތުވެއްޖެ މީހެއްގެ ގައިގައި ހައްދު ޖެހުމަކީވެސް މާތްﷲގެ ދީނުގައި ހިމެނޭކަމެއްކަމުގައި ބަޔާން ކުރެވިފައިވެއެވެ. އަދި މީގެ އިތުރުން އަލްމާއިދާ ސޫރަތުގެ ތިންވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ މުޅަތަކެއްޗާއި އޫރުމަހާއި އަދި މީގެ އިތުރުންވެސް ބައެއް އެހެންއެއްޗެތި ކެއުމާއި ބުއިމުގެ ހުކުމަކީވެސް ދީނުގައި ހިމެނޭ ކަމެއް ކަމުގައި ބަޔާން ކުރެވިފައިވެއެވެ. މިއާޔަތްތަކުން ދޭހަވަނީ މާތްﷲއަށް އަޅުކަން ކޮށް އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ހިތުންނާއި ގުނަވަންތަކުން ކުރެވޭ އަމަލުތަކެވެ. ކަންކަމެވެ. މިފަދަ ހުރިހާ ކަމެއް ޝާމިލުވާގޮތަށް އަލްހައްޖު ސޫރަތުގެ ހަތްދިހަ އަށްވަނަ އާޔަތުގައި ‘ދީން’ ބޭނުންކުރެވިފައިވެއެވެ …ما جعل الله عليكم في الدين من حرج…. މިއާޔަތުގައެވެ. މިއާޔަތުން ދޭހަވަނީ މީސްތަކުންނަށް ދަތި އުނދަގޫވާނޭ ކަންތައްތަކެއް ‘ދީނުގައި، އެބަހީ މާތްﷲ އަށް އަޅުކަންކޮށް އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގައި، އެކަލާނގެ ލައްވައިފައިނުވާކަމެވެ.

އަޅުކަން ކުރުމާއި މާތްﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރަންއޮތް ކަންތައް ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައިވާފަދައިން މިކަންކަމުގެ މަގުސަދަކީ ކޮބައިކަންވެސް ބަޔާންކޮށް ސާފުކޮށްދެވިފައި ވެއެވެ. މިގޮތުން އަލްބަޤަރާ ސޫރަތުގެ ދުއިސައްތަ ފަންސާސް އަށްވަނަ އާޔަތުގައި ދީނުގެ މަގުސަދަކީ ހެވައި ނުބައި ވަކިކޮށް ސާފުކޮށްދިނުން ކަމުގައި އިޝާރާތް ކުރެވިފައިވެއެވެ. لا إكراه في الدين قد تبين الرشد من الغي، “ދީނުގައި (އެބަހީ ދީން ގަބޫލުކުރުމުއި ނުކުރުމުގައި، މާތްﷲއަށް އީމާންގެ އެކަލާނގެއަށް ބޯލަނބައި ކިޔަމަންގަތުމުގައި) މަޖުބޫރުކަމެއް އޮވެގެންނުވާނެއެވެ. ހަމަކަށަވަރުން ރަގަޅުގޮތާއި ނުރަގަޅުގޮތް ސާފުވެއްޖެއެވެ”، މިއާޔަތުންނެވެ. އަދި މީގެ އިތުރުން އަޅުކަމުގެ ވަކިވަކި އާޔަތްތަކަށް ބަލާލާއިރުވެސް އެކަންކަމުގެ މަގުސަދަކީ އަމިއްލަ ނަފްސު އިސްލާހުކޮށް ހެޔޮލަފާ އިންސާނަކަށް މުއުމިނާ ހެދުންކަމުގައި ބަޔާންކުރެވިފައި ވެއެވެ. އަޅުކަމުގެ އެންމެ އިސްކަންތައް ކަމުގައި ހިމެނޭ ނަމާދުގެ މަގުސަދު، ކުރިން ނަންގަނެވިދިޔަ އަލްޢަންކަބޫތު ސޫރަތުގެ 29 ވަނައާޔަތުގައި ބަޔާންކުރެވިފައިވެއެވެ. “… وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر والله يعلم ما تصنعون.” “…އަދި ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، ފާހިޝްކަންކަމުންނާއި (އެބަހީ ޒިނޭކުރުންފަދަ ހަޑިހުތުރުކަންބޮޑެތި ކަންތައްތަކުންނާއި)، މުންކަރާތްތަކުން (މީހުންމެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތައް) ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް އެހީވެދޭ) ކަމެކެވެ. އަދި (މާތް)ﷲ މަތީން ހަނދުމަކުރުން (މިކަންކަމަށްވުރެވެސް) މާބޮޑެވެ. ކަލޭމެން ކުރާ ހުރިހާ ކަމެއްވެސް (މާތް) ދެނެވޮޑިގެންވެއެވެ.” ހަމައެހެންމެ، އަލްބަޤަރާ ސޫރަތުގެ ސަތޭކަ އަށްޑިހަ ތިންވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ފަދައިން، ރޯދަ ހިފުމުގެ މަގުސަދަކީ ތަގުވާވެރިވެ މާތްﷲ އެންގެވިގޮތުގެ މަތީން، ހެޔޮކަންތައްކޮށް އަދި ނުބައިކަންތައްތަކުން ދުރުހެލިވުމެވެ. ޒަކާތް ދިނުމުގެ މަގުސަދުގެ ތެރޭގައި ދަހިވެތިކަމާއި އަމިއްލަ އެދުމުގައި ހައްދުފަހަނައަޅައި ދިޔުންފަދަ ނުރަގަޅު ސިފަތަކުން އަމިއްލަ ނަފްސު ތާހިރުކުރުން ހިމެނެއެވެ. ތައުބާ ސޫރަތުގެ ސަތޭކަ ތިންވަނަ އާޔަތުގައި ބަޔާންކޮށްދީފައިވާފަދައިންނެވެ.

މާތްﷲއަށް އަޅުކަންކޮށް އެކަލާނގެއަށް ކިޔަމަންތެރިވުމުގެ ބޭނުމަކީ މިދެންނެވި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަން ޢަޞްރު ސޫރަތުން ދޭހަވެއެވެ. والعصر إن الإنسان لفي خسر إلا الذين آمنوا وعملوا الصاحات وتواصوا بالحق وتواصوا بالصبر. “ޒަމާން ގަންދެއްވައި (ތިމަންރަސްކަލާނގެ ވަހީކުރައްވަމުއެވެ). ހަމަކަށަވަރުން އިންސާނާ ވަނީ ގެއްލުމުގެ ތެރޭގައެވެ. (މާތްﷲއަށް) އީމާންވެ، ހެޔޮއަމަލުކޮށް، އެކަކު އަނެކަކަށް ހައްގުގޮތުގައި ތިބުމަށް ބާރުއަޅައި އަދި އެކަކުއަނެކަކަށް (ހެޔޮގޮތުގައި ތިބުމަށް) ކެތްތެރިވުމަށް ބާރުއަޅާ މީހުން ފިޔަވައެވެ.” އާދެ، އާޚިރަތްދުވަހު ސަލާމަތްކަން ލިބިގެންވަނީ މާތްﷲއަށް އީމާންވެ، ހެޔޮކަންތައްތައްކޮށް، ކެތްތެރިކަމާއެކު އެގޮތުގައި ދެމިތިބޭ މީހުންނަށެވެ. އަދި މިކަން އަލްއަންޢާމު ސޫރަތުގެ ސަތޭކަ ފަންސާސް އަށްވަނަ އާޔަތުންވެސް އެނގެއެވެ. يوم يأتي بعض آيات ربك لا ينفعا نفسا إيمانها لم تكن آمنت من قبل أو كسبت في إيمانها خيرا… “ކަލޭގެފާނު (ހައްދަވައި ބޮޑުކުރެއްވި) ސާހިބުވަންތައް ރަސްކަލާނގެ ބައެއް ހެކިތައް އައިސް (އެންމެނަށް ފެންނަ) ދުވަހު، އޭގެކުރިން އީމާންވެފައި ނުވާނަމަ، ނުވަތަ އީމާންވެފައިމެ އެއީމާންކަންމަތީ އެއްވެސް ހެޔޮއަމަލެއް ލިބިގެންފައިނުވާނަމަ (އެބަހީ އީމަންވެހުރެމެ، އެއްވެސް ހެޔޮކަމެއް ކޮށްފައިނުވާނަމަ) އެއްވެސް ނަފްސަކަށް އެނަފްސެއްގެ އީމާން ކަމަކުން ކުރާނޭ ފައިދާއެއްނެތެވެ…” މިއާޔަތުން ހެޔޮކަންތައް ކުރުމުގެ މުހިއްމުކަން ވަރަށްރަގަޅަށް ފާހަގެވެގެންދެއެވެ. އެހެނީ ތިމަންނާއަކީ މާތްﷲއަށް އީމާންވެ އެކަލާނގެއަށް އަޅުކަން ކުރާމީހެކޭ ބުނުމަކުން އެއްވެސް ފައިދާއެއްނެތްކަން މިއާޔަތުން އެނގެއެވެ. އެ އީމާންކަންމަތީ ހުރެ ހެޔޮއަމަލު ނުކުރާނަމައެވެ. އެހެންވެ، ނަމާދު ކުރުމާއި ރޯދަހިފުންފަދަ އަޅުކަންކަމުގެ ހަގީގީ މަންފާ ގުޅިފައިވަނީ އެކަމުގެ މަގުދަސު ހާސިލުކޮށް ހެޔޮއަމަލުކުރުމާއިކަން މިއާޔަތުން ދޭހަވެއެވެ.

ދީނުގެ ހުރިހާވެސް ބޭނުމަކީ ހެޔޮއަމަލުކޮށް އިންސާނާ ހެޔްމީހަކަށް ހަދާލުންކަން ކީރިތި ރަސޫލާގެ ހަދީސުންވެސް އެނގެއެވެ. މިސާލެއްގެގޮގުތުން الدين النصيحة މިހަދީސްފުޅަށް ބަލައިލަމާތޯއެވެ. މާނައަކީ ދިނަކީ، އެބަހީ މާތްﷲއަށް ކިޔަމަންތެރިކަން އަދާކުރެވެނީ (ހިތް) ހެޔޮކުރެވިގެންނެވެ. (އަރަބި ބަހުގައި ނަޞީޙާ މިލަފުޒުގެ މާނައަކީ އަނެކުންނަށް ހެޔޮގޮތް އެދުމެވެ.)  ހިތްހެޔޮކުރަންވީ ކޮންބަޔަކާ ދޭތެރޭތޯ ކީރިތި ރަސޫލާއަށް ދެންނެވުމުން އެކަން އިތުރަށް ތަފްސީލުކޮށްދެއްވައި ވިދާޅުވިއެވެ. لله ورسوله ولأئمة المسلمين وعامتهم. “މާތްﷲއަށާއި އަދި އެކަލާނގެ ރަސޫލާއަށެވެ. އަދި މުސްލިމުންގެ ވެރީންނަށާއި އަދި އެމީހުންގެ އާންމު މީސްތަކުންނަށެވެ.” މާތްﷲއާދޭތެރޭ ހިތްހެޔޮކުރުމަކީ އެކަލާނގެ އަށް އިހުލާސްތެރިކަމާއި އެކު އަޅުކަން ކުރުމެވެ. އެކަލާނގެ އަމުރުފުޅުތަކަށް ތަބާވެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ. ކީރިތި ރަސޫލާއާމެދު ހިތްހެޔޮކުރެވެނީ އެކަލޭގެފާނަށް ލޯބިކޮށް އެކެލޭގެފާނުން ދެއްކެވި ހިދާޔަތުގައި ހިފެހެއްޓިގެންނެވެ. ވެރިންނާދޭތެރޭ ހިތްހެޔޮކުރެވެނީ ވެރީންގެ އަމުރުތަކަށް ކިޔަމަންތެރިވެވިގެންނެވެ. އާންމު މީހުންނާދޭތެރޭ ހިތްހެޔޮކުރެވެނީ އަމިއްލަ ނަފްސަށް ހެޔޮއެދޭފަދައިން އެމީހުންނަށްވެސް ހެޔޮއެދެވިގެންނެވެ.

އަދިވެސް އެހެން ހަދީސްއެކެވެ. ރަގަޅުކަންތައް ކުރުމުގެ މާނައިގައި ދީން ބޭނުންކުރެވިފައިވާ ހަދީސެކެވެ. ކައިވެނީގެ ގޮތުން ގުޅެން އެންމެރަގަޅީ ކޮންކަހަލަ މީހަކާތޯ އިރުޝާދުދެއްވަމުން ކީރިތި ރަސޫލާ ހަދީސްފުޅު ކުރެއްވިކަމަށްވެއެވެ. فاظفر بذات الدين “ދީންވެރިޔަކު ލިބޭތޯބަލާށެވެ” އިބްނު ޙަޖަރު ޝަރަޙަކުރައްވާގޮތުގައި، މިހަދީސްގައި ދީންވެރިޔެކޭ ވިދާޅުވެފައިއޮތްބަހުގެ މުރާދަކީ، ‘ޞަލާޙު’ގެ އަހުލުވެރިޔެކެވެ. އާދެ ހެޔޮލަފާ މާތް އަޚުލާގެއްގެ ވެރިއެކެވެ. އާދެ، މިދެހަދީސުންވެސް ‘ދީނާއި’ -މާތްﷲއަށް ކިޔަމަންގަތުމާއި- ހެޔޮއަމަލު ކުރުމާއިއޮތް ވަރުގަދަ ގުޅުން ފެނެއެވެ.

 

ކީރިތި ޤުރުއާނުގައި ‘ދީން’ އެންމެ ފަހުން ބޭނުންކުރެވިފައިވާ އާޔަތްތަކުގެ ތެރޭގައި އާލު ޢިމްރާނު ސޫރަތުގެ ނަވާރަވަނައާޔަތާއި އަށްޑިހަ ފަސްވަނަ އާޔަތް ހިމެނެއެވެ. އިބްނު ކަޘީރު ފަދަ ބައެއް މުފައްސިރުން ދެކިލައްވާގޮތުގައި އާލު ޢިމްރާނުސޫރަތުގެ މިބައި ބާވާލެއްވިފައިވަނީ ހިޖުރައިން ނުވަވަނަ އަހަރުގެ ފަހުންނެވެ. (އަބުލް ޢަލާ އަލް މައުދޫދީ ގެ ތަފްހީމުލް ޤުރްއާނުގައި އާލު ޢިމްރާނު ސޫރަތުގެ މިދެއާޔަތް ހިމަނުއްވަނީ  މަދަނީ ދައުރުގެ ކުރީ ނުވަތަ މެދު އަހަރުތަކުގެތެރޭގައި ބާވާލެއްވުނު ދެއާޔަތްކަމުގައެވެ.) މިދެއާޔަތުގައިވެސް ބަޔާންކުރެވިފައިވަނީ މާތްﷲގެ ‘ދީން’ އަކީ ‘އަލް އިސްލާމް’ ކަމެވެ. މީގެ ތެރެއިން ފުރަތަމަ އާޔަތުގައި ވަނީ إن الدين عند الله الإسلام މިފަދައިންނެވެ. “މާތްﷲގެ ހަޟްރަތުގައި އެކަލާނގެއަށް ކިޔަމަތްތެރިކަން އަދާކުރެވެނީ (އެކަލާނގެ ކިބަފުޅަށް ތިމާގެ އަމިއްލަ ނަފްސު ދީލާލައި) އަމާންދެވިގެންނެވެ. ދެވަނަ އާޔަތުގައިވަނީ ومن يبتغ غير الإسلام دينا فلين يقبل منه މިހެންނެވެ.  “(މާތް ﷲއަށް) ކިޔަމަންތެރިކަން އަދާ ކުރުމުގެގޮތުން، (ތިމާގެ އަމިއްލަ ނަފްސު މާތްﷲއަށް ދީލާލައި) އަމާންދިނުންނޫން އެހެންގޮތެއް އެދޭމީހާ، އެމީހެއްގެ ކިބައަކުން (އެގޮތެއް) ބަލައެއް ނުގެނެވޭނެއެވެ.” މިދެ އާޔަތުގައިވެސް ދީން ބޭނުންކުރެވިފައިވަނީ މާތްﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މާނާއިގައެވެ. އެކަލާނގެއަށް އިޚުލާސްތެރިކަމާއިއެކު އަޅުކަންކޮށް އެއަޅުކަމާއި ގުޅިފައިވާ މަގުސަދު ހާސިލުކުރުމަށް މަސައްކަތް ކުރުމުގެ މާނައިގައެވެ. މިފަދަ ކިޔަމަންތެރިކަމެއް އަދާކުރެވެނީ ތިމާގެ އަމިއްލަ ނަފްސު މާތްﷲ ކިބަފުޅަށް ތަސްލީމުކޮށް އަމާންދެވިގެންނެވެ. މީގެ މާނައަކީ އަމިއްލަ ނަފްސު ހަވާނަފްސުގެ އެދުންތަކުގެ ފަހަތުން ދިޔަނުދީ، މާތްﷲ އަންގަވާފައިވާ ރަގަޅާއި ނުބައިގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތީން އެނަފްސު ތާހިރުގޮތުގައި ދެމެހެއްޓުމެވެ. އައްޝަމްސު ސޫރަތުގެ ނުވަވަނަ އާޔަތް، قد أفلح من زكاها (ހަމަކަށަވަރުން، އެނަފްސު ތާހިރުކޮށް ބެލެހެއްޓި މީހާ، އޭނާއަށް ކާމިޔާބު ލިބިއްޖެއެވެ) މިއާޔަތުގައިވާ ފަދައިންނެވެ. ކުރުކޮށް، ސީދާގޮތެއްގައި، ބުނާނަމަ، ބުނެވޭނީ، ތިމާގެ ނަފްސު ތާހިރު ގޮތެއްގައި ބަލަހައްޓައި ދެމެހެއްޓުން ގުޅެނީ ދެ ކަމަކާއެވެ. ފުރަތަމަކީ މާތްﷲއަށް އީމާންވުމެވެ. ދެވަނަ ކަމަކީ ރަނގަޅާއި ނުރަގަޅު، ވަކިކޮށް ރަގަޅުގޮތުގައި ހިފަހައްޓައިގެންހުރެ ހެޔޮލަފާމީހަކަށްވުމެވެ. އަލް އިސްލާމް މިލަފުޒުގެ މައްޗަށް ތަފްސީލީގޮތެއްގައި ދެން އަންނަ ބައިގައި ބަލާލެވޭނެއެވެ.

ކީރިތި ޤުރުއާނުގައި ދީން ބޭނުން ކުރެވިފައިވާގޮތުގެ ކުރު ޚުލާސާއެއް

މިބައި ނިންމާލުމުގެ ގޮތުން، ކީރިތި ޤުރުއާނުގައި ‘ދީން’ ބޭނުންކުރެވިފައިވާ ގޮތާބެހޭގޮތުން މަތީގައި ބަޔާންކުރެވުނު ވާހަކަތަކުގެ ކުރުޚުލާސާއެއްލިޔެލާނަމެވެ. ކީރިތި ޤުރުއާނުގައި އެއްމެފުރަތަމަ ‘ދީން’ ބޭނުންކުރެވިފައި ވަނީ ‘ޖަޒާދިނުން’ މިމާނައިގައެވެ. އާޚިރަތް ދުވަހެއް އަންނާނޭ ކަމާއި އެދުވަހަކީ ޖަޒާދިނުމުގެ ދުވަސްކަން ބަޔާން ކޮށްދެމުންނެވެ. އަދި އެދުވަހުގައި ހުރިހާ އާރަކާއި ބާރެއް ލިބިވޮޑިގެންވަނީ މާތްﷲ އަށް ކަންވެސް ބަޔާންކޮށްދެވިފައިވެއެވެ. މިއިން އިސްތިންބާތު ކުރެވެނީ އެދުވަހުން ހެޔޮޖަޒާލިބުން އޮތީ މާތްﷲއަށް ކިޔަމަންތެރިވެ ހެޔޮގޮތުގައި އެމީހުންގެ ދުނިޔަވީ ހަޔާތް ވޭތުކުރިބަޔަކަށެވެ.

މިއަށްފަހު، ދެން ‘ދީން’ ބޭނުންކުރެވުނީ މާތްﷲއަށް އަޅުކަންކުރުން، އާދެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މާނާއިގައެވެ. ދެން ފެނިގެން ދިޔައީ މިކަމުގެ އިތުރު ތަފްސީލެވެ. މިގޮތުން އެންމެ ފުރަތަމަ، ބަޔާން ކުރެވުނީ، ދީން، އަޅުކަންކުރުން، އެއީ މާތްﷲ އަށް ޚާލިސްކުރަން ޖެހޭކަމެއްކަމެވެ. ދެން، މިމާނާއިގައި ‘ދީން’ ބޭނުން ކުރެވުނީ ހައްގު ގޮތުގައި ކުރެވޭ އަޅުކަމުގެ މާނައިގައެވެ. އެފަދަ އަޅުކަމަކީ އެކަމާއި އީޖާބީ އަގުތަކާއި ރިވެރި އުސޫލަތައް އަޅުވެރިޔާގެ ކިބައިގައި އުފައްދާ އަޅުކަންކަމެވެ. ދެން ދީން ބޭނުން ކުރެވުނީ އަޅުކަމާއި ގުޅޭ އަމަލުތައް ބަޔާންކޮށްދިނުމަށެވެ.

މިހިސާބުން ކީރިތި ޤުރުއާނުގައި ދީނުގެ މަފްހޫމަކީ ކޮބައިކަން ފާހަގަކޮށްލެވެއެވެ. އެއީ ހަމައެކަނި މާތްﷲއަށް އަޅުކަންކޮށް، އެކަލާނގެއަށް ކިޔަމަންގަތުމެވެ. މިކަން، ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައިވާ ގޮތުން، އިންސާނާ އުފެއްދެވުމުގެ މަގުސަދާ ގުޅެއެވެ. وما خلقت الجن والإنس إلا ليعبدون. (އައްޛާރިޔާތު ސޫރަތުގެ 56ވަނައާޔަތް) “ތިމަންރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރަންމެނުވީ ޖިންނީނާއި އިންސީން، ތިމަންރަސްކަލާނގެ ނުއުފައްދަވަމުއެވެ.” އިސްވެދިޔަ ފޮޅުވަތްތަކުގައި ބަޔާންކުރެވިފައިވާ ފަދައިން، މިއަޅުކަމުގެ ބޭނުމަކީ އަޅުކަންކުރާ މީހާގެ އަމިއްލަ ނަފްސު އިސްލާހުކުރުމެވެ. އަޚުލާގީ މާތްސިފަތަކުން، އަމިއްލަ ނަފްސު ޒީނަތްތެރިކޮށް، ތެދުވެރިކަމާ ހަމަހަމަކަމާއި އަދުލުވެރިކަމާއެކު އެހެންމީހުންނާ މުއާމަލާތު ކުރުމުގެ މާތް އުސޫލުތައް ލިބިގަތުމެވެ. ކުރުކޮށްދަންނަވާނަމަ، ހެޔޮލަފާ، އަދި ހެޔޮއަމަލު ކުރާ، މީހަކަށްވުމެވެ.(ނިމުނީ )

 

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top