ދެ ދައުވާއަށްވެސް ރައީސް ޔާމީން އިންކާރު!

yameen-mmm.jpg

ރައީސް، ޔާމީން އަބްދުލްގައްޔޫމް

ވ. އާރަށުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ.

އާރަށުގައި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

އާރަށުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން އިއްވި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި ވަނީ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަންހައި ބޭންކްގެ އެކައުންޓަށް ޔާމީން ޖަމާކުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އޮތް އެކައުންޓަކަށް ޖަމާކުރެއްވުމަށް ފަހު އެ އެކައުންޓްގައި ހުރި ފައިސާއާ އެކު އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޔާމީން ޖަމާކުރެއްވި ކަމަށް ވެސް އެ ދައުވާގައި ބުނެއެވެ.

ރައީސް ޔާމީނަށް ޖަވާބުދާރީ ވާން ދެއްވި ފުރުސަތުގައި ފުރަތަމަ ވިދާޅުވީ އެމަނިކުފާނަށް ދައުވާ ސާފުނުވާ ކަމަށެވެ. އަދި ދެ ދައުވާގައި ވެސް ކުށުގެ އަމަލާއި އަމަލު ކުރި ވަގުތާއި އަމަލު ހިންގި ގޮތާއި ދައުވާގައި ބަޔާން ކުރާ ނުފޫޒު ފޯރުވަން ކުރި އަމަލާއި އެ އަމަލުގެ ތަފްސީލް ނެތް ކަން ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ފާހަގަކުރައްވައި އެ ކަންކަން ސާފުކޮށްދެއްވަން ދައުލަތުގެ ކިބައިން އެދިވަޑައިގެންފައެވެ.

އެމަނިކުފާނުގެ ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒް ވަނީ ދެ ދައުވާއާއި ގުޅިގެން ދައުލަތާ ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން ދައުވާގެ ސީޣާއިން ދައުވާ އުފުލާފައިވާ އަމަލަކީ ކޮބައިކަމާއި، އަމަލު ހިންގި ތަނާއި، ވަގުތާއި، އަމަލު ހިންގި ގޮތް ސާފުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. ނުފޫޒު ފޯރުވައިގެން ފައިސާ ހޯދި ގޮތެއް ސާފުކޮށްދިނުމަށް ވެސް އެދިވަޑައިގަތެވެ.

ދައުލަތުން ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގަން ޖެހޭ މުއާމަލާތެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ކޮށްފައި އޮތުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށެވެ.

ދައުލަތުން ޖަވާބު ދެއްވުމުން ރައީސް ޔާމީންގެ ފަރާތްޕުޅުން އަނެއްކާވެސް ނުފޫޒު ފޯރުވަން ބުނި ސީދާ އިބާރާތަކީ ކޮބައިކަން އެއްސެވި އެވެ. އަދި މި ހާދިސާ އަކީ އެމްއެމްޕީއާރްސީއާ ގުޅޭ ހާދިސާއެއްތޯ ވެސް އެއްސެވި އެވެ. ޖަވާބުގައި ދައުލަތުން ބުނެފައި ވަނީ މިއީ އެ ހާދިސާ ކަމަށެވެ.

ރައީސް ޔާމީންގެ އިތުރު މައްސަލައެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top