ދިވެހި ފިލްމީ ދުނިޔޭގައި މަޝްހޫރު، އައިޝަތު ރިޝްމީއާއި ރަވީ ފާރޫގް ގެ 2 އަހަރުވީ ކައިވެނި ރޫޅި ދެމީހުން ވަރިވެއްޖެ އެވެ.
ކުރިން ދިވެހި ފިލްމީ ދުނިޔޭގައި ފިޔަ ޖަހަމުން ދިޔަ އަލިގަދަ “ޔާރާ” އާއިލާއަށް އުފަން ރިޝްމީ އާއި މަޝްހޫރު ނެށުންތެރިޔާ ރަވީ ކައިވެނިކުރީ މާޗް 25، 2019ގަ އެވެ. ކައިވެންޏަށް ތިން އަހަރު ނުވަނީސް ވަރިވިކަން ހާމަކުރީ ރިޝްމީ ކުރި އިންސްޓަގުރާމް ޕޯސްޓެއްގަ އެވެ.
ރިޝްމީ ބުނީ، 2019 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު އެެދެމީހުން ކައިވެނި ކުރިއިރު، ދެމީހުންވެސް ހީކުރީ އެހާ ހިސާބުން ދެން ވަކިވުމެއް ނޯންނާނެ ކަމަށެވެ.
އެހެން ގުޅުންތަކެކޭ އެއްގޮތަށް އެދެމީހުންގެ ދިރިއުޅުމުގެ ދަތުރުވެސް އަޑިގަޑާއި އުސްގަޑުގައިވެސް ވަރަށް ރީތި ކަމަށާއި، ފުރާނައަށް ނުރައްކާވި ދެ ހާދިސާއަކާއި ދިމާވެ، އެކަމުން ދެމީހުން އެކީގައި އަރައިވެސް ގަނެވުނު ކަމަށެވެ.
ނަމަވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި އެތައް ކަމަކާ ކުރިމަތިވެ، އެހެން މީހުންނެކޭ އެއްގޮތަށް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރަވީއާ ދެމީހުންނަށް ބޮޑެތި ބަދަލުތަކެއް އައިސް، އެމީހުންގެ ހިޔާލާއި އިސްކަންދޭ ކަންކަމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ރިޝްމީ ބުންޏެވެ.
އެހެންކަމުން ދެމީހުން ދުރުވާން ނިންމީ ކަމަށާއި، އެއީ ދެމީހުންނަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް އުންމީދު ކުރާ ކަަމަށެވެ. އަދި މިދަނޑިވަޅުގައި އެދެމީހުންނަށް އެޑްޖެސްޓްވާން ވަގުތުދީ ޕްރައިވެސީ އަށް އިހްތިރާމު ކުރުމަށްވެސް އޭނާ ވަނީ އެދިފައެވެ.
ރިޝްމީ މީގެކުރިން ފިލްމީ ތަރި އަހުމަދު އަޒްމީލާ ކައިވެނިކުރި އެވެ. އެ ކައިވެނި ރޫޅުނުއިރު ފިރިހެން ދަރިއަކު ހުއްޓެވެ.
ރަވީ ވަނީ މީގެ ކުރިން ލަވަކިޔުންތެރިޔާ ލަހުފާ ފާއިޒާ ކައިވެނިކޮށްފަ އެވެ. އަދި އެ ކައިވެނި ރޫޅުމަށްފަހުވެސް ރަވީ އިތުރު ކައިވެންޏެއް ކުރި އެވެ. އެ ކައިވެންޏަށް ރަވީއަށް ވެސް ދަރިއަކު ލިބިފައިވެ އެވެ.