ވޯޓު ހޯދަން ފަސް އަހަރުން ފަސް އަހަރުން އަންނަ މާތް ކަމަނާފާނާއި ސަލާންކޮށް މަރުހަބާ ކިޔާށެވެ!

205935_3_36dc53dd13ad755764abce48f56a0d24a296d0ab_medium.jpg

ލިއުނީ: ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ގ.މަންޒިލް

މިއީ ފިލްމު އާންދީ (ތޫފާން) ގެ ސަލާމް ކީޖިޔޭ (ސަލާންކޮށް މަރުހަބާ ކިޔާށެވެ!) މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. ލަވައިގެ މައްޗަށް ނަޒަރު ހިންގާލުމުގެ ކުރިން، ފިލްމުގެ މައްޗަށް އަވަސް ކަޅިއެއް އެއްލަން ގަސްދުކުރަމެވެ.

ފިލްމު އާންދީގެ ވާހަކަ ބިނާވެފައިވަނީ ފިލްމުގެ ބަތަލު ޖޭކޭ އާއި ބަތަލާ އާރްތީ ދޭވީގެ ލޯބީގެ ގުޅުމާއި އާރްތީގެ ސިޔާސީ ހަޔާތުގެ ސަބަބުން އެ ގުޅުމަށް އަންނަ ބަދަލުގެ މައްޗަށެވެ. އާރްތީ ދޭވީއަކީ ސިޔާސީ ވެރިއެއްގެ ދަރިއެކެވެ. ޖޭކޭއަކީ ހޮޓަލެއްގެ މެނޭޖަރެކެވެ. އެއްދުވަހަކު އާރްތީ މަސްތުވެގެން ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވަނިކޮށް ޖޭކޭއަށް ފެނިގެން، އާރްތީ ސަލާމަތްކުރެއެވެ. އެއަށްފަހު، ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދި ދެމީހުން ކައިވެނި ކުރެއެވެ. ނަމަވެސް، އާރްތީގެ ހަޔާތުގެ އަމާޒަކަށްވީ، ޒަވާޖީ ހަޔާތެއް ބިނާކުރުމަށްވުރެ ބޮޑަށް، ސިޔާސީ ދާއިރާގައި މަސައްކަތްކޮށް މިހަނީ ގޮތުން ކުރިއަށް ދިޔުމެވެ. އެހެންވެ، ޖޭކޭ އާއި އާރްތީގެ ޒަވާޖީ ގުޅުމަށް ހީނަރުކަން އައެވެ. އަދި، އެންމެ ފަހުން އެ ދެމީހުންގެ ގުޅުން ކެނޑި، އެކަކު އަނެކަކާއި ވަކިވެ، ދުރަށް ދިއުމަށް ނިންމިއެވެ.

ދެން ދުވަސްތަކަކަށް ފަހު، އެ ދެމީހުން އަނެއްކާވެސް ބައްދަލުވެއެވެ. އޭރު އާރްތީވަނީ ސިޔާސީ ދަނޑުގައި ފައިތިލަ ހަރުކޮށްލާފައިވާ ކާމިޔާބު ސިޔާސީ ވެރިއަކަށް ވެފައެވެ. އެހެންކަމަށް ވިޔަސް، އެ ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުމުގެ އިހުސާސުތައް، އަދިވެސް، ނެތި ނުގޮސް އޮތްކަން ދެމީހުންނަށް ވެސް އެ ބައްދަލުވުމުގައި ފާހަގަ ކުރެވުނެވެ. މިކަން އެންމެ ރަނގަޅަށް ފެނިގެންދަނީ ފިލްމުގެ އެހެން ލަވަޔަކުންނެވެ. ‘ތޭރޭ ބިނާ ޒިންދަގީ ސޭ ކޮއީ’ (ކަލާއާއި ނުލައި ހަޔާތް ވޭތުކޮށްލުން)، މިލަވައިންނެވެ. (މި ލަވަ އެހެން ފަހަރަކުން ހުށަހާޅާލެވޭތޯ ބަލާނަމެވެ.) ކޮންމެއަކަސް، އެ ދެމީހުން އެކަކު އަނެކަކު ދެކެ އަދިވެސް ލޯބިވާކަން އިހުސާސު ކުރެވުނުކަމުގައި ވިޔަސް، އެ ލޯބި އާލާކޮށް އަލުން ދިރުވާކަށް އާރްތީ ބޭނުމެއް ނުވިއެވެ. އާރްތީ ޚިޔާރުކުރީ އޭނާގެ ސިޔާސީ ހަޔާތާއިގެން ކުރިއަށްދާށެވެ. އާދެ، ސިޔާސީގޮތުން ކުރިއަށް ދިޔުމަށްޓަކައި ލޯބީގެ ހަޔާތް ގުރުބާން ކޮށްލާށެވެ.

ފިލްމުގައި މައިގަނޑު ގޮތެއްގައި ބަލާލެވެނީ ‘ސިޔާސީ މަންފައަތުގެ’ (ޕޮލިޓިކަލް އޮޕޯޗުނިސިމްގެ) މައުލޫއުގެ މައްޗަށެވެ. އާދެ، ސިޔާސީވެރިންގެ، ސިޔާސީ މަސައްކަތަކީ އެމީހުންގެ އަމިއްލަ ޒާތީ ފައިދާއަށް އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމުގެ މައުލޫއުގެ މައްޗަށެވެ. އަދި، އެ ގޮތުގެ މަތިން ކަންތައްތައް ކުރަމުން ދާއިރު، ދީނީ ނުވަތަ އަޚުލާގީ އެއްވެސް މިންގަނޑަކަށް އެވެރިންނަކަށް ނުބެލެއެވެ. ސިޔާސީވެރިންނަށް އާންމު މީސްތަކުންގެ މަތިން ހަނދާންވަނީ ފަސް އަހަރުން އެއް ފަހަރުއެވެ. އިންތިޚާބުގެ ދުވަސްވަރު އައުމުން ވޯޓުހޯދަން އުޅެން ޖެހޭ ދުވަސްވަރުއެވެ.

މި ފިލްމު، 1975ގައި ނިކުތުމުން، އެންމެ ފުރަތަމަ މަނާކުރެވުނެވެ. ފިލްމުގައި، އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު، އިންދިރާ ގާނދީގެ ހަޔާތަށް ފާޑުކިޔާފައިވާ ކަމަށް ބެލެވިގެންނެވެ. ނަމަވެސް، ފަހުން، ފިލްމު ދެއްކުމުގެ ހުއްދަ ދެވި، އާންމުންގެ ތެރެއަށް ނެރެވި، ފިލްމަށް ބޮޑު ތަރުހީބެއް ލިބުނެވެ. ޚާއްސަކޮށް ފިލްމުގެ ‘ތޭރާ ބިނާ ޒިންދަގީ…’ ފަދަ ބައެއް ލަވަތައް ހިމެނިގެން ދިޔައީ 1970 ގެތެރޭގައި އެންމެ މަގުބޫލުވި ލަވަތައް ކަމުގައެވެ. މީގެ އިތުރުން ފިލްމުފެއަރގެ އެތައް ވަނަތަކަކަށް ފިލްމު އާނދީ ހުށަހެޅުނެވެ. އަދި، ފިލްމުގެ ބަތަލު ސަންޖީވު ކުމާރާއި ފިލްމުގެ ޑިރެކްޓަރު އަދި ފިލްމުގެ ލަވަތައް ލިޔުނު ޝާއިރު، ގުލްޒާރަށް، ފިލްމު ފެއާރގެ ބައެއް ވަނަތައް ލިބުނެވެ.

‘ސަލާމް ކީޖިޔޭ’ މި ލަވައިގައި ފިލްމުގެ މިނަންގަތް މައިގަނޑު މައުޟޫއު، އާދެ، ސިޔާސީ މަންފައަތުގެ މައްޗަށް ބަލާލެވިފައިވެއެވެ. ލަވަ ފެށެނީ އާރްތީ ދޭވީ ކިޔަވާ ކުއްޖަކާއި އެއްގޮތް ކުރަމުންނެވެ. އިސްކޫލުގެ ޓާމު ނިމުމުންވެސް، އެ ކުއްޖާ ދަބަހަށް އެއްޗެހި އަޅައި ބަންދުކޮށް ގެއަށް ދާކަށް ނޫޅޭކަން ފާހަގަ ކުރަމުންނެވެ. މި ތަނުން އިޝާރަތް ކުރެވެނީ އާރްތީގެ ސިޔާސީ ދައުރު ނިމުމުން ވެސް މަޖުލިހުގެ ގޮނޑި ދޫކޮށްލާފައި ދާން އަދިވެސް ނޫޅޭކަމެވެ. އެ ގޮނޑިއާއި އެތައް މާއްދީ ފައިދާތައް ގުޅިފައިވުމުން އެ ގޮނޑި އަދިވެސް ހޯދަން މަސައްކަތް ކުރެވެނީއެވެ.

ދެން ލަވައިގެ ރާވީ، އާންމުންނާއި މުޚާތަބުކޮށް، މަލާމާތުގެ ރާގެއްގައި، އާރްތީއާއި ސަލާންކޮށް އެކަމަނާއަށް މަރުހަބާ ކިޔަން ބުނެއެވެ. ގައުމުގެ ސިޔާސީ ހަޔާތުގައި އާންމުންގެ ދައުރަކީ ފަސް އަހަރުން ފަސް އަހަރުން ސިޔާސީ ވެރިންނަށް މަރުހަބާކިޔުން ކަހަލައެވެ. އަދި، މިކަމުގެ ސަބަބު ވެސް ރާވީ ބަޔާން ކޮށްދިނެވެ. ސިޔާސީވެރިންނަކީ، އެމީހުން ހިތުން، ގައުމުގެ، ރަށުގެ މިލްކުވެރިންނެވެ. ރަށުގެ ފާރަވެރިންނެވެ. ރަށުގެ ކަންތައްތައް ބަލަހައްޓައި ރަށް ރައްކާކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކަމަށް ދައުވާކުރާ މީހުންނެވެ. ފަސް އަހަރުން ފަސް އަހަރުން އެ ވެރިން އާންމުންގެ ކުރިމައްޗަށް އައިސް އެމީހުން ކަންތައްތައް ކުރި ގޮތުގެ ހިސާބުކިތާބު ދައްކަން އުޅޭގޮތް ދައްކާ ކަހަލައެވެ. އަދި މިކުޅިގަނޑު ބަލަން އާންމުންގެ އެތައް ބަޔަކު އައިސް އުޅެއެވެ. އާންމުންނަށް އޮތީ ސިޔާސީވެރިންނަށް ސަޖިދަ ޖަހައި ބޯލަނބައި ކިޔަމަންގަތުމެވެ. އެވެރިންނަށް ދޭންވާނީ ހަމަ އެކަނި ވޯޓެއްވެސް ނޫނެވެ. އެވެރިންނަށްޓަކައި އާންމުންގެ ފުރާނަވެސް ގުރުބާން ކޮށްލަންވާނެއެވެ. މަލާމާތުގެ ރާގެއްގައި ލަވައިގެ ރާވީ ބުނެއެވެ. ‘ބަސް އޭކް ވޯޓް ނަހީ ހައި، ޔޭ ޖާން ހާޒިރް ހައި، ހާނ’!

އެވެރިންނަށްޓަކައި ޖާނުން ފިދާ ނުވާންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާވެސް، މަލާމާތުގެ ރާގެއްގައި ލަވައިގައި މިކަމުގެ ސަބަބުވެސް ބަޔާންކޮށްދެއެވެ. އާންމުންގެ އަތުން ވޯޓު ގަތުމަށްޓަކައި ބަނޑުފުރާނަ މުއްތިކޮށްލާނޭ ވަރުގެ ކާޑުކޮޅެއް، އާންމުންނަށް، އެވެރިން ދިއްކޮށްލައެވެ. އަދި އުނު އޮރިޔާން ނިވާކޮށްލާނޭ ފޮތިކޮޅެއްވެސް ދެއެވެ. އަދި، ވޯޓު ހޯދަން ވީމާ، އާންމުންގެ ގާތަށް އައިސް، އެމީހުންގެ ހާލު އަހައި އޮޅުން ފިލުވައެވެ. އެތަކެއް ވައުދުތަކެއްވެސް ވެއެވެ. ނަމަވެސް، މިއިން އެއްވެސް ވައުދެއް ފުއްދޭނީ ކިހިނެއްކަމެއް ކިޔައެއް ނުދެއެވެ. އާންމުންގެ ތަޖުރިބާއަކީ މިއީ ހުސް ހޮޅި ވާހަކަތަކެއްކަމެވެ. އެހެންވެ، ސިޔާސީވެރިންގެ ވައުދުތަކުގެ މައްޗަށް ވިސްނާލާއިރު، އެވެރިން ސިފަވަނީ ޖާދޫގަރުންގެ ގޮތުގައެވެ. ފުށްޓަތްކެއް ޖަހާލައި މަޝްރޫއުތައް ނިންމާލާ ބައެއްގެ ގޮތުގައެވެ. ޔޭ ޖާދޫގަރް ހައި، ޔޭ ޗުޓްކީ މޭ ކާމް ކަރްތޭ ހައި (މިއީ ޖާދޫގަރެކެވެ. ފުށްޓައްކަކުން ކަންތައްތައް ކޮށް ނިންމާލައެވެ!) ނޫނީ ހުސް ވާހަކަތަކުން އާންމުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުހޯދައިދޭ ބައެއްގެ ގޮތުގައެވެ. ‘ޔޭ ބޫހގް-ޕޔާސޯ، ބާތޯނ ސޭ ރާމް ކަރްތޭ ހައި’ (ބަނޑުހައި ހޫނުކަމާއި ކަރުހިއްކައިގަތުން ހުސްވާހަކައިން ފިލުވާލައެވެ). އާދެ، ސިޔާސީ ވެރިން ވައުދުތައް ވާއިރު، އެ ވައުދުތައް ފުއްދާނީ ކިހިނެތްކަން ބަޔާންކޮށްދިނުމުގެ ބޭނުމެއްއޮތްކަމަކަށް ނުދެކޭތީއެވެ!

ދެން، ލަވައިގައި، ރާވީ ކިޔައިދެނީ ސިޔާސީވެރިންނަށް އާންމުން ރައްދު ދޭންވާނޭ ގޮތެވެ. އިންތިޚާބުގެ ދުވަހުގައި ރަނގަޅަށް ވިސްނާފައި، ގައުމީ މަސްލަހަތު އިސްކޮށް ވޯޓުދިނުމެވެ. ތިމަން މެންނަކީ ފަގީރު ނިކަމެތިން ކަމުގައި ވިޔަސް، ވޯޓަކީ ގަނެވިއްކޭ އެއްޗަކަށް ނުހެދުމެވެ. އަދި، ސިޔާސީވެރިން ފަދައިން، ތިމަން މެންގެ އަބުރާއި އިއްޒަތް ވިއްކާލައި، ކުށް ފާފަތައް ކުރާ މުޖުރިމުންގެ ބަޔަކަށް ނުވުމެވެ.

އާދެ، ފިލްމުގައާއި ލަވައިގައި ބަލާލެވެނީ ވެރިކަމުގެ ނިޒާމު ސޫރީގޮތެއްގައި (ބޭރުފުށުން) ވަކިގޮތަކަށް ހަމަޖެހިފައި އޮތުމުން، ގައުމަށްވެސް އަދި އާންމުންގެ ހަޔާތަށްވެސް، ހެޔޮ، އިސްލާހީ ބަދަލުތައް ނުގެނެވޭނޭކަމެވެ. ޑިމޮކުރަސީއެއް ސޫރީ ސިފައެއްގައި އޮތަސް، އެ ނިޒާމުން ލިބިގަންނަން އެދެވޭ ހަގީގީ މަގުސަދުތަކެއް ހާސިލު ނުކުރެވޭނޭކަމެވެ. ޑިމޮކްރަސީއަކީ ހަމަ އެކަނި ފަސް އަހަރުން ފަސް އަހަރުން އޮންނަ ވޯޓުލުމަކަށްވެފައި، ސިޔާސީވެރިންނާއި އާންމު ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ފެންނަނީ ހަމަ އެކަނި ވޯޓުލާ ދުވަސްވަރު ކަމަށް ވެއްޖެނަމަ، ޑިމޮކުރަސީ އެކޭ އިސްތިބުދާދެކޭ (ޑިކްޓޭޓަރޝިޕް) މާ ބޮޑު ތަފާތެއް ނެތެވެ. ވޯޓުލުން ވެގެންދާނީ ސިޔާސީ ވެރިން އެމީހުންގެ ގޮނޑިތައް ހޯދުމަށް ބޭނުން ކުރާ ވަސީލަތަކަށެވެ. ގައުމަށް ހެޔޮބަދަލުތަކެއް ގެނެސް، އިގުތިސާދީގޮތުން އާންމުންގެ ދިރިއުޅުން އިސްލާހު ކުރުމުގެ ބޭނުމުގައި ހިންގޭ ކަމެއްގެ ގޮތުގައެއް ނޫނެވެ. ޑިމޮކުރަސީއެއް ކާމިޔާބު ކުރުމަށްޓަކައި ސިޔާސީވެރިންނާއި އާންމު ރައްޔިތުންގެ ދައުރެއްވެސް ވެއެވެ. ސިޔާސީވެރިން އެވެރިންގެ ގައުމީ މަޝްރޫއުއަކީ ކޮބައިކަން، ސާފުގޮތެއްގައި ބަޔާންކޮށްދީ، އެވެރިންގެ މައިގަނޑު ސިޔާސަތުތައް – ތައުލީމީ، އިގުތިސާދީ، ސިއްހީ، އަދި، ދާޚިލީ، ޚާރިޖީ ސިޔާސަތުތައް – ބުނެދިނުމެވެ. އާންމުން ވާންޖެހޭނީ މިފަދަ ސިޔާސަތުތަކުގެ ވާހަކަތައް ކަނުލައި އަޑުއަހައި، އެވާހަކަތަކުގެ ހަގީގަތް ދެނެގަނެވޭނޭފަދަ ވިސްނުންތެރި ކަމެއް ލިބިފައިވާ ބަޔަކު ކަމުގައިވުމެވެ. އަދި، ސިޔާސީ ވެރިންގެ މޫނަށް ނުބަލައި، އެމީހުންގެ އަގު، އެމީހުން ހާމަކުރާ ސިޔާސަތު ތަކުގެ މައްޗަށް ބިނާކޮށް، ކަނޑައަޅައި މަސްއޫލު ވެރިކަމާއިއެކު ވޯޓުދިނުމެވެ. އަދި ސިޔާސީ ވެރިންނާއި އާންމުންގެ ގުޅުމަކީ ފަސް އަހަރުން އެއް ފަހަރު ވަކި ދުވަސްވަރަކަށް ގާއިމުވާ ގުޅުމަކަށް ނުވުމެވެ. ސިޔާސީވެރިން، ގައުމީ އަދި އަޚުލާގީ އަގުތަކަށް ރައްކާތެރިވެ ތިބެ، އާންމު މަސްލަހަތު އިސްކޮށް، އާންމުންގެ ފައިދާއަށްޓަކައި މަސައްކަތްކުރުން މަތީ ދެމި ތިބެން ޖެހެއެވެ. ހީވާގޮތުގައި، އެމީހުންގެ މަސްއޫލިއްޔަތު އަދާކުރެވުނު ކަމަށް ވާނީ މިގޮތުގައި ތިބެވިގެންނެވެ. އާންމު ރައްޔިތުން، ސިޔާސީ ވެރިންގެ މަސައްކަތްތައް ފާރަވެރިކަމާއިއެކު ބަލަން ތިބެ، ޒާތީގޮތުންނާއި ޕާޓީ ތައައްސުބުން (ބަޔަސްވުމުން) އެއްކިބާވެ، އެ ވެރިންގެ މަސައްކަތް ތަކަށް ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުން މަތީ ތިބެންޖެހެއެވެ. ހީވާގޮތުގައި، އާންމުނަށް، މި ވާޖިބު އަދާކުރެވޭނީ އެމީހުންނަކީ ތައުލީމުޔާފްތާ ބަޔަކަށްވެ، އަމިއްލަ ވިސްނުމާއި ފިކުރުކުރުން ތަރައްގީވެ، ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ އާންމު ރައްޔިތަކަށް ވެވިގެންނެވެ.

އާދެ، ދެން ލަވައިގެ ތަރުޖަމާ ހުށަހަޅާލަމެވެ.

އާރްތީ މަން މާންތީ، ކަހެނާ ކިޔޫނ ނެހީ މާންތި                                        އާރުތީ (ކިޔަވާ ކުއްޖެއްހެން) ރުޅިހަދައި ބޮޑާހާކައިފިއެވެ! އޭނަ ބަސްނާހައި ގަދަހަދަނީ ކީއްވެ ހެއްޔެވެ؟

ޕަތުޝަލޭ ޗުހއްޓި ހޯ ގައީ، ބަސްތާ ކިޔޫނ ނެހީ ބާނދްހތީ                                  (އިސްކޫލު ބަންދުވެއްޖެކަމުގެ) ރަނގަބީލުވެސް ޖަހައިފިއެވެ. އޭނާގެ އިސްކޫލު ދަބަސް އަދިވެސް ބަންދުނުކޮށް މިއުޅެނީ ކީއްވެ ހެއްޔެވެ؟

އާ އާ އާ އާ، ސަލާމް ކީޖިޔޭ އާއީ ހައި، އާ އާ އާ އާ                                      (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ!

ސަލާމް ކީޖިޔޭ އާއީ ހައި، ހާން! އާރާތީ ދޭޥީ                                           (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! އޭނާ ވަޑައިގެންފިއެވެ! (މާތް) އާރްތީ ދޭވީ ކަމަނާފާނެވެ!

އާ އާ އާ އާ، ޔޭ ޓޭހކޭދާރް ހައި، ބާހރަތީ ދޭވީ                                          ރައްކާތެރިކަމާއިއެކު ބަލަހައްޓަވާ މި ކަމަނާފާނެވެ! ރައްކާތެރިކަމާއިއެކު، މި ރާއްޖެ ބަލަހައްޓަވާ ދޭވީ ކަމަނާފާނެވެ!

ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި                                              (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި                                           ފަސް އަހަރުން ފަސް އަހަރުން ދައްކަވަންޖެހޭ ހިސާބު ދެއްކެވުމަށް ވަޑައިގެންފިއެވެ!

ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި                                                 (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

އާ އާ އާ އާ، ސަލާމް ކީޖިޔޭ، އޯ ސަލާމް ކީޖިޔޭ                                          (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ!

ޖޯ އިން ޚުދާއޯ ކޯ ސަޖްދާ ކަރޭ ނާ ކާފިރު ހައި                                          ކަލެއް(ފަދައިން މި އުޅޭ ކަމަނާފާނަށް) ސަޖިދަކޮށް (ކިޔަމަންވާ) މީހުންނަކީ ކާފަރުންނަކަށް ހަމަ ނުވާނެއެވެ!

ބަސް އޭކް ވޯޓް ނަހީ ހައި، ޔޭ ޖާން ހާޒިރް ހައި، ހާނ                                         މި (ސިޔާސީ)ވެރިންނަށް ދޭންވާނީ ހަމަ އެކަނި ވޯޓެއްވެސް ނޫނެވެ. މީގެ އިތުރުން (ތިމާމެންގެ) ފުރާނަވެސް އެ ވެރިންގެ ކުރިމައްޗަށް ގެނެސް (އެވެރިންނަށްޓަކައި ގުރުބާންކޮށްލަންޖެހޭނެއެވެ)

ބޮހޮތު ލަގާޔޭ-އުޓާރޭ ހައި ނާމް ކޭ ލޭބަލް                                                 އެ ވެރިންގެ ނަންތައް ޖަހައި ގިނަގިނައިން  ޕޯސްޓަރު ހަދައި ނަގައި އެތަންމިތާނގައި ތަތްކުރަންވީއެވެ

ޗަލާއި ކުރްސިޔާނ ހަމްނޭ ޖަމާޔޭ ހައި ޓޭބަލް                                             އަދި (ޖަލްސާ ބޭއްވުމަށްޓަކައި) ގޮނޑިތަކާއި މޭޒުތައް ގެނެސް އަތުރަންވީއެވެ

އާ އާ އާ އާ ހިސާބު ދީޖިޔޭ                                                       ހިސާބު ދެއްކެވުމަށްޓަކައެވެ

ހިސާބު ދީޖިޔޭ ހަމް ބޭހިސާބު އާޔޭ ހައި                                                ހިސާބުދެއްކެވުމަށްޓަކައެވެ! (އެ ހިސާބުގެ ވާހަކަ އަޑުއަހަން) އަހަރުމެން މިތިބީ  އަދަދުވެސް ނުކުރެވޭހާ މީހުންނައިގެން މިތަނަށް އައިހެވެ

ތުމް މިލްކަރް                                                              ކަލޭ އަޅެ ނިކަން (އެކަމަނާފާނާއި) ބައްދަލުކޮށްލަބަލާށެވެ!

ސަލާމް ކީޖިޔޭ އާލީ ޖަނާބު އާއީ ހައި                                               (އަދި އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ!

ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި                                            ފަސް އަހަރުން ފަސް އަހަރުން ދައްކަންޖެހޭ އެ ހިސާބު ދެއްކެވުމަށް ވަޑައިގެންފިއެވެ!

ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި                                               ސަލާންކޮށް މަރުހަބާ ކިޔާށެވެ!

ހަމާރޭ ވޯޓް ޚަރީދޭގޭ، ހަމް ކޯ އާން ދޭ ކަރް                                              އަހަރުމެންގެ ވޯޓު ގަތުމަށްޓަކައި އަހަރުމެން ބަނޑުފުރާނަމުއްތިކޮށްލާނޭފަދަ ކާއެތިކޮޅެއް ދޭނެއެވެ!

ޔޭ ނާގޭ ޖިސްމް ޗުހޕާ ދޭތޭ ހައި، ކަފަން ދޭކާރް، އާ އާ އާ އާ …                               އަހަރުމެންގެ އުނުއޮރިޔާން ނިވާކޮށްލުމަށްޓަކައި ކަފުން ފޮތިކޮޅެއްވެސް ދޭނެއެވެ!

ޔޭ ޖާދޫގަރް ހައި، ޔޭ ޗުޓްކީ މޭ ކާމް ކަރްތޭ ހައި                                         މިއީ ޖާދޫގަރެކެވެ! ފުއްޓަތްކެއް ޖަހާލާފައި، އޭނާ ވައުދުތައް ފުއްދާލާނެއެވެ!

ޔޭ ބޫހގް-ޕޔާސޯ، ބާތޯނ ސޭ ރާމް ކަރްތޭ ހައި                                           އަދި ބަނޑުހައިހޫނުކަންވެސް، ހުސް ވާހަކައިން ފިލުވާލަދީ ނެތިކޮށްލާނެއެވެ.

އާ އާ އާ އާ ….، ހަމާރޭ ހާލް ޕޭ                                                 އަހަރުމެންގެ ހާލުގެ މައްޗަށެވެ.

ހަމާރޭ ހާލް ޕޭ ލިހކްނޭ ކިތާބް އާއި ހައި                                             އަހަރުމެންގެ ހާލު (ބަލައި، އޭގެ) މައްޗަށް ފޮތެއް ލިޔުއްވުމަށްޓަކައި އެ ކަމަނާފާނު އެހުންނެވީ ވަޑައިގެންނެވެ!

އަރޭ ބާހއީ އިސްލިޔޭ                                                         އޭ އަޚާއެވެ! އެހެންވެއޭ އަހަރެން މިބުނަނީ

ސަލާމް ކީޖިޔޭ، އާލީ ޖަނާބް އާޔޭ ހައި                                               (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި                                          ފަސް އަހަރުން ފަސް އަހަރުން ދައްކަންޖެހޭ އެ ހިސާބު ދެއްކެވުމަށްޓަކައި ވަޑައިގެންފިއެވެ!

ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި                                              (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

ހަމާރޭ ޒިންދަގީ އަޕްނީ ހައި، އާޕްކީ ތޯ ނެހީ                                            އަހަރުމެންގެ ހަޔާތަކީ އަހަރުމެންގެ އެއްޗެކެވެ! ކަމަނާފާނުގެ މިލްކެއް ނޫނެވެ!

ޔޭ ޒިންދަގީ ކީ ޣަރީބީ ކީ ހައި، ޕާޕްކީ ތޯ ނަހީ، އާ އާ އާ އާ …                              އަހަރުމެންގެ މި ހަޔާތަކީ ފަގީރުންގެ ނިކަމެތި ހަޔާތަކަށް ވެދާނެއެވެ! ނަމަވެސް އެއީ ކުށްފާފަކޮށް ޖަރީމާތަކަށް އަރައިގަންނަ މީހުންގެ ހަޔާތެއް ނޫނެވެ!

ޔޭ ވޯޓް ދޭގޭ މަގަރް، އަބް އޭ އުން ނެހީ ދޭގޭ، އާ އާ އާ އާ …                               ޝައްކެތް ނެތެވެ! އަހަރުމެން ވޯޓު ދޭނަމަވެ. ނަމަވެސް އަހަރުމެން ވޯޓު ދޭނީ (ހަމަ ރަނގަޅަށް ވިސްނާފައި) ތިޔަ ހީކުރާ ގޮތަކަށް ނޫނެވެ.

ޗުނާވް އާނޭ ދޯ، ހަމް އާޕް ސޭ ނިޕަޓް ލޭގޭ، ހާނ                                        އިންތިޚާބު(ގެ ދުވަސް) އައުމުން، ކަލޭމެން ސިޔާސީވެރިންނާއި އަހަރުމެން މުއާމަލާތްކުރާނޭގޮތް އެނގި ފާޅުވާނެއެވެ!

ކޭ ޕަހެލޭ ދޭކްހ ލޭ                                                        އެންމެ ފުރަތަމައިން އަހަރުމެން ބަލަން ބޭނުމެވެ.

ޔޭ ޕަހެލެ ދޭކްހ ލޭ ކިޔާ އިންގިލާބް ލާޔޭ ހައި                                          އެންމެ ފުރަތަމައިން އަހަރުމެން ބަލަން ބޭނުމެވެ. ކަލޭމެން ގެންނަން ތިޔައުޅެނީ ކޮންކަހަލަ އިންގިލާބީ ބަދަލެއް ތޯއެވެ!

ޔޭ އިންގިލާބް ލާޔޭ ހައި، އާ އާ އާ އާ …                                            ކަލޭމެން ތިޔައުޅެނީ ހަމަ ހެޔޮ އިންގިލާބީ ބަދަލެއް ގެންނަންދޯއެވެ!

ސަލާމް ކީޖިޔޭ، އާލީ ޖަނާބް އާޔޭ ހައި                                               (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި                                           ފަސް އަހަރުން ފަސް އަހަރުން ދައްކަންޖެހޭ އެ ހިސާބު ދެއްކެވުމަށް ވަޑައިގެންފިއެވެ!

ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި                                               (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top