ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ޒުވާން ފޯވަޑް، އޭދަފުށީ ހަމްޒާ މުހައްމަދު (ހަމްޕު) ކައިވެނިކޮށްފި އެވެ.
އުމުރުން 24 އަހަރުގެ ހަމްޕު ކައިވެނިކޮށްފައި ވަނީ 2014ވަނަ އަހަރުން ފެށިގެން ރައްޓެހިވެގެން އުޅުނު ހދ.މަކުނުދޫއަށް އުފަން އައިޝަތު ޝަހުމާ އާއެވެ.
ކައިވެނީގެ ހަފްލާ ތާޖުއްދީން ސްކޫލުގައި ރޭ ބާއްވާފައިވާ އިރު މި ހަފްލާއަށް ގިނަ ފުޓްބޯޅަ ކުޅުންތެރިން ދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ.
2014 ވަނަ އަހަރުން ފެށިގެން ނިއު ރޭޑިއަންޓްގައި މަސައްކަތް ކުރަމުން އައި ހަމްޒާ، އެ ކްލަބް ދޫކޮށް މިއަހަރުގެ މާޗް މަހުގައި އޭނާވަނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން އާ ގުޅިފައެވެ.
ހަމްޒާ އަކީ 2015 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމްގައި ބަރާބަރަށް ހިމެނެމުން އަންނަ ކުޅުންތެރިއެކެވެ. މީގެ އިތުރުން ހަމްޕު ވަނީ އޭދަފުށީ ޓީމާއެކ ޔޫތު މުބާރާތުގައިވެސް ވިދާލާފައެވެ.
ހަމްޒާއަކީ ފަހަކަށް އައިސް ގައުމީ ޓީމުގެ ސްކޮޑުގެ ފުރަތަމަ 11 އިން ޖާގަ ކަށަވަރު ކުރަމުން އަންނަ ރާއްޖޭގައި މިވަގުތު ތިބި ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ “ހަވީރު ސްޕޯޓްސް އެވޯޑްސް” ގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު 2016 ވަނަ އަހަރު ހާސިލްކޮށްފައެވެ.
އަންނަ މަހުގެ 13ގައި ފަށާ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެއިން ވާދަކުރާ 23 އަހަރުން ދަށުގެ ޓީމުގައި ވެސް ހަމްޕު ވަނީ ހިމަނާފަ އެވެ.