އޭދަފުށީގެ ތަރައްގީއަށް ސަލްސާ އާމިރުގެ ފޯކަސް

28279172_10155028121967583_499670199470482870_n-1.jpg

އިބްރާހީމް އާމިރު

ސަލްސާ އާމިރު ނުވަތަ މއ.ފްރީޕާކް އިބްރާހީމް އާމިރަކީ އޭދަފުއްޓާ ދުރު މީހެއް ނޫނެވެ. އާއިލީގޮތުން ވަނީ އޭދަފުއްޓާ ގުޅިފައެވެ. ކުޑައިރުގެ އެންމެ ރީތި ހަނދާންތައް އޮތީ އޭދަފުށީގަ އެވެ. ބޮޑުދައިތައިންނާއި ބޮޑުބޭބެއިން ދިރިއުޅޭ އޭދަފުއްޓަކީ އާމިރުގެ ދެވަނަ ގެއެވެ.

އާމިރަކީ ކާމިޔާބު ވިޔަފާރި ވެރިއެކެވެ. ސަލްސާ ގެ ނަމުން މަޝްހޫރު ރެސްޓޯރެންޓް ތަކުގެ ބާނީއަކީ އެއީއެވެ. މާލޭގެ ކަނޑުއޮޅިން ނުކުމެ އެ ޗޭނު މިހާރުވަނީ އަތޮޅުތެރެއަށް ވެސް އައިސްފައެވެ. އޭދަފުށީގެ ތަރައްގީގެ ބައިވެރިއަކަށް ވުމަށް ނުވަތަ އާމިރުގެ ފޯކަސް އޭދަފުށީގެ ތަރައްގީއަށް ޓާގެޓް ކުރެވުނީ މިހިސާބުންނެވެ.

އެކަމަކު އެއަށްވުރެ ކުރިން އޭދަފުށިގައި ހުރީ އަސާސީ ވަސީލަތްތައް ފުރިހަމަވެފައެވެ. މިހާރު ބޭނުންވަނީ މިކަންކަން އާމަރުހަލާއަކަށް ގެންދިއުމެވެ. އާމިރަށް ނޯޓު ކުރެވުނީ އޭދަފުށީގެ ވަށައިގެން ހުރި ލަގްޒަރީ ރިސޯޓުތައް ތަރައްގީގެ ފާލަމަކުން ގުޅުވާލުމެވެ. އެތަންތަނުން އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކު ޒިޔާރަތް ކުރާ ދޭސީންނާއި ފަރުދޭސީންނަށާ މާލެއިން ޒިޔާރަތްކުރާ ވީއައިޕީންނަށް ޚިދުމަތްދެވޭ ފެންވަރުގެ ރެސްޓޯރެންޓެއް ގާއިމު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އޭދަފުށީގެ ތަރައްގީގެ ޗާޓުން ފެންނަން އޮތް މި ހުސްގޮޅި ފުރާލުމަށް އޭނާ ބޭނުން ކުރީ އޭދަފުށިގެ ބަނދަރުމަތީގައި ފެންނަން އެހެރަ ސަލްސާ ސިލްސިލާގެ، ‘ސަލްސާ ރިޓްރީޓް’ އެވެ.

ސަލްސާ ރީޓްރީޓް –ފޮޓޯ :ސަލްސާ ރިޓްރީޓް،އެފްބީ

ރެސްޓޯރެންޓް ވިޔަފާރީގައި ސަލްސާ އާމިރަކީ ބްރޭންޑެކެވެ. އެހެންނަމަވެސް އޭނާގެ ޕްރޮފެޝަނަކީ ކުޅިވަރެވެ. ކުޅިވަރުގެ ދަނޑުތަކުން ފާހަގަ ކުރެވިފައިވާ ކުޅުންތެރިންއަކަށް ނުވިޔަސް ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބުގައި އޭނާގެ ހިއްސާ ކުޑައެއް ނޫނެވެ. މި ދައްކަނީ ރާއްޖެއަށް ފުޓްބޯޅާއިގާ ރަން މެޑެލް ލިބުނު 2008ވަނަ އަހަރުގެ ވާހަކައެވެ. އޭރު އާމިރަކީ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމް ގެ އިންޓަރިންގ ކޮމިޓީގެ މެންބަރެއްގެ ގޮތުން މި މުބާރާތް ރާވައި ހިންގުމުގައި އިސްވެ ހުންނެވި މެންބަރެކެވެ.

އެ ތަޖްރިބާތަކާއެކު މިހާރު ބޭނުންވަނީ އެފެންވަރުގެ ޓީމަކާ ވާދަކުރެވޭ ވަރުގެ ފެންވަރު ހުރި މޮޅު ޓީމެކެވެ. ލޭގެ ގުޅުމާއި ގާތް އެކުވެރިންގެ ގޮތުގައި އުޅޭ ބައްޕަގެ އުފަން ރަށުގެ ޒުވާނުންގެ ތެރެއިން މޮޅު ކުޅުންތެރިންތަކެއް އުފައްދައިގެންނެވެ. ގައުމީ ޓީމުގެ ސުޕަރ މެޖޯރިޓީއަކީ އޭދަފުށީ ކުޅުންތެރިންނަށް ހަދައިގެންނެވެ.

އޭދަފުއްޓަކީ ފުޓުބޯޅައިގެ ނަމެކެވެ. ފުޓުބޯޅައިގެ ރަށެކެވެ. އޭދަފުށިން ފުޓުބޯޅައިގެ ވަހެއް ދުވަހަކުވެސް ނުފިލައެވެ. އޭދަފުށީގައި މިހާރުވެސް ފުޓުބޯޅައިގެ ބޮޑު އާބާދީއެއް އެބައޮތެވެ. ގައުމީ ޓީމުގެ ފޯވާޑް ލައިންގައި އުދުހެމުން އެދަނީ އޭދަފުށީގެ ކުޅުންތެރިންނެވެ. ބޮޑެތި ކްލަބްތަކުގައި ވެސް އޭދަފުށީ ކުޅުންތެރިންގެ ވިދުވަރު ފަނޑެއް ނޫނެވެ. އެހެންވީމާ މިއީ އޭދަފުށީގެ ކުޅުންތެރިންނަށް ނުދެވޭނެ ހިސާބެއް ނޫނެވެ.

އޭދަފުށީ  ބސމދ. ޖަމިއްޔާ، މާލޭގެ ދަނޑުތަކުގައި މަޝްހޫރުވެގެން ދިޔަ ދުވަސްވަރަކީ ދުރު ހަނދާންތަކުގެ ފެށުންކަމަށް ވިޔަސް އެޖަމިއްޔާގެ ބަނޑުން އުފަންވި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ފުޓުބޯޅައިގާ ނަގާކިޔަން ހުންނެވީ ބސމދ ޖަމިއްޔާގައިވެސް ޕޮލިސީ ރޭވުމުގައި އިސްކޮށް ހުންނެވި ބައްޕަ އަބްދުލް ޣަނީއެވެ. އޭރު އާމިރަކީ އެއާއިލާގެ އެންމެންގެ ތުއްތު ހޮއްކޮއެވެ. ޓީމުގެ ހުރިހާކުޅުންތެރިންނާއި އޮފިޝަލުންގެވެސް ތުއްތު ހޮއްކޮއެވެ. މިހާރުވެސް އެއީ އަހަރެމެން އެންމެންގެ ތުއްތު ހޮއްކޮއެވެ. ޒަމާންތަކެއް ފާއިތުވިޔަސް މި ލޯތްބާއި ގާތްކަމަށް ދުރުކަމެއް ނައެވެ. އެގުޅުން މިހާރުވެސް ޒުވާނެވެ.

ބަދަލުވެގެން ދިޔައީ ކުޅުންތެރިންނެވެ. އޭރުގެ ފުޓްބޯޅަ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ގަލޮޅު ދަނޑުގައި ދެއްކި ޖާދޫ މިއަދު ދައްކަމުން އެގެންދަނީ އޭދަފުށީގެ މި ޒަމާން އުފެއްދި ކުޅުންތެރިންނެވެ. އެކަމަކު ވަކިވަކި ކުޅުންތެރިންގެ ގޮތުގައެވެ. އާމިރު ބޭނުން ވަނީ ބައްޕަ އެދެއްކި ނަމޫނާއާއި ބައްޕަގެ ޓީމް ރީބްރޭންޑްކޮށް އަލުން އެކުލަވާލުމެވެ. އެމަސައްކަތް މިހާރުވަނީ ފަށާފައެވެ.

“އަބަދުވެސް ކިޔަމުން މި އަންނަނީ ފުޓްބޯޅައިގެ އެންމެ ޓޮޕް ލެވެލްގައި އޭދަފުށި ކުޅުންތެރިންނޭ ތިބެންވާނީ. އޭދަފުށީ ކުޅުންތެރިންނޭ ނެޝަނަލް ޓީމްގަވެސް ތިބެންވާނީ. މިރަށުގަ އެބަތިބި ވަރަށް ބައިވަރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން. އޭތި ޑިވެލޮޕްކޮށްގެން ނެރެވޭނެކަމުގެ ޔަގީންކަން އޮތީމާ މި މަސައްކަތަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައި މިހިރީ..” މަސައްކަތަށް އާމިރު ނުކުންނެވި ގޮތް ކިޔައިދެއްވިއެވެ.

ޗެލެންޖިންގ މަސައްކަތެކެވެ. އެކަމަކު ހުރިހާ ޗެލެންޖަކާއެކުވެސް ފުޓްބޯޅަ ޓްރޭނިންގ ކްލަބެއް ހިންގުމުގެ މަސައްކަތް ފަށައިފިއެވެ.

ފުރަތަމަ ފިޔަވަޅަކީ މުޅި ރަށް ޝާމިލްވާ ގޮތަށް ކްލަބެއް އުފެއްދުމެވެ. ކައުންސިލްގެ ޚިޔާލު ހުންނަނީ ކޮންމެ މުބާރާތެއް ކަމަށް ވިޔަސް ރަށުގެ ކޮންމެވެސް ކްލަބަކާ ހަވާލު ކޮށްގެން ކުރާ ގޮތަށެވެ.

“އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. މިހެން މިބުނީ އަވަށު ވާދަވެރިކަން ނުވަތަ ކްލަބް ވާދަވެރިކަން ބޮޑުކަމުން މިސާލަކަށް މެދުއަވަށު ޓީމަކަށް ލިބިދާނެ އެޗާންސް. ލިބިއްޖެނަމަ އަނެއް ދެއަވަށު ކުދިން ބާކީވެދާނެ. ނޫނީ މެދު އަވަށުގެ ޓީމުގެ ނުފޫޒު ގަދަ ކުއްޖަކު ޓމަށް އަރަން ބޭނުން ވެދާނެ. އެހެންވީމާ މުޅި ރަށް ޝާމިލްވާ ގޮތަށް ކައުންސިލުން ކްލަބެއް ހެދޭތޯ ބެލީ.”

”ކްލަބް އޭދަފުށި” އުފެދުނީ މި ޚިޔާލު ހަގީގަތަށް ވެގެންނެވެ. ރަށު ކައުންސިލްގެ ރިކްރިއޭޝަން ކްލަބެއްގެ ގޮތުގައި އުފެދުނު ”ކްލަބް އޭދަފުށި” ގެ މަގްސަދަކި ބިޒިނަސް މޮޑެލެއްގެ ގޮތަށް ބައްޓަންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ފުޓުބޯޅައިގެ މޮޅު ކުޅުންތެރިން ތަކެއް އުފެއްދުމެވެ. އެ ވިސްނުން ގެންގުޅެން ޖެހެނީ މާލޭގެ ކްލަބްތަކުގެ ތަޖްރިބާގެ އަލީގައެވެ. “މިސާލަކަށް މާލޭގެ ވިކްޓަރީ، ވެލެންސިއާ ފަދަ ކްލަބްތައް މިހިސާބަށް އައިއިރު އަމިއްލަ ސައިކަލެއް ހާ ހިސާބުވެސް ނެތް. ބުނަން މިއުޅެނީ ނެތޭ އެއްވެސް އެއްޗެއް އެމީހުން އަތުގަ. ކާމިޔާބީތަކުގެ ތަށިތަކަކާ މެޑެލް ތަކެއް އެކަނި ހުރީ. އެހެންވީމާ އެތަޖްރިބާއަށް ބަލައިގެން އެންމެ ކުޑަމިނުން އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރު ވާންޖެހޭނެ. ކޮންމެވެސް ބިމެއް އޮންނަންވާނެ. ހަދައިގެން ކުއްޔަށް ދީގެން ވިޔަސް ލާރި ލިބެން ވާނެ. ނުވަތަ ދެމެހެއްޓެނިވި ގޮތަކަށް ކްލަބަށް ފައިސާލިބޭނެ އިތުރު ގޮތްތަކެއް އޮންނަން ޖެހޭނެ.” އާމިރު ތަފްސީލު ކޮށްދެއްވިއެވެ.

‘ކްލަބް އޭދަފުށި’ އުފެދުމާއެކު ބައިވެރިވި ފުރަތަމަ މުބާރާތުގެ ތަށި ލިބުނެވެ. އޭގެ ފަހުން ބައިވެރިވި ބެޑްމިންޓަން ދެ މުބާރާތްވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ކްލަބްގެ މިހާ ޅަފަތުގައި ލިބުނު ކާމިޔާބު ތައް މަދެއް ނޫނެވެ. ދެން އޮތީ މިކާމިޔާބުތައް ދަމަހައްޓަން ކުރަންޖެހޭ މަސައްކަތެވެ. އެއީމާ ބޮޑު މަސައްކަތެކެވެ. އެއްޗެއް ހޯދުމަށްވުރެ ހޯދުމަށް ވުރެ އޭތި ހިފެހެއްޓުމަކުރަންޖެހޭ މަސައްކަތް ބުރަވެފައި މުހިއްމުވާނެ ކަން އާމިރު ހަނދާން ކޮށްދެއްވިއެވެ.

ހަމަ އެއާއެކު އަދިވެސް އެންމެ އެދެވޭގޮތަށް ކްލަބް ނުހިނގާ ކަން އާމިރު ފާހަގަ ކުރެއްވިއެވެ.

“ސީދާ ސަބަބެއް ބުނާކަށް ނޭގެ. އެކަމަކު ހީވަނީ އަދިވެސް އެފޯޑްތަކެއް ލާން އެބަޖެހޭހެން ބޯޑު މެންބަރުންނާ ފުޓްބޯޅައަށް ހެޔޮ އެދޭ ފަރާތްތަކުން .” އާމިރު ބުނެލީ މިވަރަށެވެ. އެކަމަކު މިއީ ވަރަށް ވާހަކައެވެ

އޭނާގެ ވާހަކަ ދެން ބަދަލު ކޮށްލެއްވީ އެހެން ދިމާއަކަށެވެ. ތަރައްގީ ބޭނުންނަމަ ދާންވީ މިސްރާބު ސާފުކޮށްދެއްވީ މިގޮތަށެވެ.

ކުޅިވަރުކަމަށް ވިޔަސް އަދި ރަށުގެ ތަރައްގީގެ ކޮންމެ ފަރާތަކަށް ބެލި ކަމުގައިވިޔަސް އެހުރިހާ ކަމެއް ހުއްޓިފައިވަނީ ރަށުގެ އާބާދީއަށެވެ. ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް މި ކަންބޮޑުވުން އޮތް ކަމުގެ ސާފު ހެއްކަކީ ބިދޭސީން ގިނަވުމެވެ. އެއިން ނުކުމެދާނެ ނުބައި ނަތީޖާއަށްވުރެ ބޮޑަށް ބަލަންޖެހޭނީ އިގްތިސާދި ގޮތުން އަންނަ ލޮޅުންތަކަށެވެ. އެކަމުން ދިފާއުވުމަށް އޮތް އެންމެ މޮޅު ފަރުވާއަކީ ބޮޑު އާބާދީއެކެވެ. ސަރުކާރުގައި ދަންނަވައިގެން ނުވަތަ އޭދަފުށީގެ ބޮޑެތި ވިޔަފާރިންވެރިންނާ ވާހަކަ ދައްކައިގެން ވިޔަސް ،އޭދަފުށީގައި ފްލެޓް ތަކެއް އަޅައިގެން އެހެން ރަށްރަށުން މީހުން ހިޖުރަ ކުރުވައިގެން އާބާދީ އިތުރު ކުރުމަކީ ހަމަ މިހާރުވެސް ކުރަންޖެހިފައިވާ ކަމެކެވެ. އެއީ މުއްސަނދި އޭދަފުއްޓެއް އުފެއްދިދާނެ އެންމެ ކުރު މަގުކަމުގައި އާމިރު ވިދާޅުވެއެވެ.

“ހިއްކި ބިމުގައި ފްލެޓް އަޅައިގެން ހެޔޮ އަގެއްގައި ދިގު މުއްދަތަކަށް އަގު އަދާކުރާ ގޮތަށް އަތޮޅުގެ ބައި މަދު ރަށްރަށަށް ދައުވަތު ދީގެން ގެންނަންވީ. މި ގޮތަށް ދައުވަތު ދީފިނަމަ ތައުލީމާ ސިއްހަތު އަދި އެހެން ވަސީލަތްތައްވެސް ފުރިހަމަވެފައިވާ މި ރަށަށް މީހުން ހިޖުރަ ކުރުމުގައި ފަހެއް ނުޖެހޭނެ. އޭރުން ވަރަށް ގިނަ ކަންތައްތަކެއް ފަހިވެގެން ދާނެ. “އާމިރު ވިދާޅުވު އެވެ.

އާބާދީ އިތުރުވެގެން ނޫންގޮތަކަށް އޭދަފުއްޓަށް އިގްތިސާދީ ކުރިއެރުމެއް، ކުޅިވަރު ޑިވެލޮޕްމަންޓެއް އިތުރެއް ނުވާނެއެވެ. “ސްކޫލްގެ ހިސާބު ކިތާބު ބަލައިލިއިރު އަސްލުގަ ކުދިންގެ ގްރޯތު ރޭޓު ހުރީ ބޭނުންވާ ލެވެލް އެއްގައެއް ނޫން. ވަރަށް ދަށްކޮށް. މާނައަކީ ހެދިބޮޑުވާ ފިރިހެން ކުދިން ނޫނި ބޯޅަ ކުޅޭކުދިން ގިނަވާން އަހަރެން ބޭނުން ވާނީ. އެ އާބާދީއެއް އެންމެ އެކަށީގެންވާ އަދަދަކަށް މިރަށަކު ނެތް. ވީމާ މިހާރު މި ރަށުގެ އާބާދީ އެބަޖެހޭ ތިންގުނަ އިތުރުވާން. އެވަރަށް އިތުރުވެގެން ނޫންގޮތަކަށް ތަރައްގީ އޭގެ ފުރިހަމަ ގޮތުގައި ހާސިލެއް ނުކުރެވޭނެ.”

އެ ޑިވެލޮޕްމަންޓް ބޭނުން ވާކަމަށް ވާނަމަ މި ރަށުގައި ހައުސިންގ ޔުނިޓުތަކެއް އަޅަން ޖެހެއެވެ. މިރަށުގެ އާބާދީ މަދުވެގެން 8000 ނޫނީ 9000 އަށް ބަދަލު ކުރަންޖެހެއެވެ. އެނޫން ގޮތެއް ދެން އޭދަފުއްޓަކަށް އޮތްހެން ހިއެއް ނުވެއެވެ.

“ހުނަރު އެބަހުރި. ބިން މިހާރު އެއޮތީ ބޮޑުވެފަ. ހައުސިންޔުނިޓްތައް އެޅޭނެ ޖާގަ އެބައޮތް. އަނެއްކާ ޓާފް ދަނޑެއް އެޅިއްޖެ. ވެލި ދަނޑެއް އެބައޮތް. އެދަނޑުގައިވެސް ޓާފް އެޅޭނެ. ވަސީލަތް ތައް އެބަހުރި. މަދުވަނީ ހަމައެކަނި އާބާދީ. އޭދަފުށި ކައުންސިލާ ރައްޔިތުން، ސަރުކާރުގައި އެދެންވީ، އެހެން ގޮތަކުން ބުނާނަމަ އާދޭސް ދަންނަވަންވީ މިރަށުގައި އާބާދީ އިތުރު ކޮށްދެއްވާށޭ. ހަމަގައިމުވެސް މާލޭގައި ވަރަށް ބައިވަރު ފްލެޓްތަކެއް އެއްފަހަރާ އެބައެޅޭ. “އާމިރުގެ އުދާސްތައް ބޭރު ކޮށްލެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަތޮޅުގަ ރިސޯޓްތައް ގިނަވި ކަމަށް ވިޔަސް އާބާދީ އިތުރެއް ނުވެއެވެ. އެހެންވީމާ އާބާދީ ބޮޑުކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ސީރިއަސްކޮށް ވިސްނަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. ދަރިން ހޯދުން އިތުރުކުރުމާ ކޮންޓްރޯލް ކޮށްފަ އޮތް އޮތުން ދޫކޮށްލަންވެސް އެބަ ޖެހެއެވެ.

“މާލޭގައި ތިބި އޭދަފުށީ މީހުންގެ ތެރެއިން އެނބުރި ރަށަށް އަންނަން ބޭނުންވާ މީހުންނަށް މިތަނަށް އާދެވޭނެ ގޮތް ހަދައިގެން ގެންނަންވީ. ވަޒީފާތައް މިތަނާ މިތަނުގެ ކައިރީގައި ބައިވަރު އެބައޮތް، ގޮއިދޫ ފަޅުތެރޭގައި އާ ރިސޯޓެއް އެބަ ތަރައްގީވޭ. ބައިވަރު ރިސޯޓުތައް މިއޮތީ. ބައިވަރު ވަޒީފާތައް އެތަންތަނުގަ އެބައޮތް .”

އަނެއްކަމަކީ ރަނގަޅު ފެރީ ނިޒާމެއް ގާއިމު ކުރުމެވެ. އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ރިސޯޓަކަށް ނުވަތަ ރިސޯޓުތައް ގުޅިގެންނެވެ. މިސާލަކަށް ސޮނެވާއިން ރޯޔަލުންވެސް، ދުސިތު ތާނީ ވައްކަރުންވެސް ކޮންމެ ދުވަކުވެސް ފެރީއެއް މިރަށަށް ބާއްވަންވީއެވެ. ހެނދުނު ވަޒީފާއަށް ގޮސް، އިރު އޮއްސުނީމާ ވަޒިފާއިން އެނބުރި އާދެވޭ ގޮތަށެވެ. އެކަހަލަ ސެޓަޕެއް މިތާ ކައިރީގައި މި އޮތް ރަށްރަށުން ގާއިމު ކޮށްދޭން ޖެހެއެވެ. މިއީވެސް އާބާދީ އިތުރުވާނެ އެއްގޮތެވެ. އާބާދީ އިތުރުވީމާ ބައިވަރު ކަންތައްތަކެއް ތަރައްގީ ވަމުން އަންނާނެއެވެ. ވިޔަފާރިތައް ފުޅާވެ ބޯޅަކުޅޭ ކުދިންވެސް ގިނަ ވާނެއެވެ. ފެސިލިޓީސްތައް ވެސް ރަނގަޅުވެގެން ދާނެއެވެ.

މިއީ ނުކުރެވޭނެ ކަންތައް ތަކެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ ކަމެއް ކުރެވޭނީވެސް ކޮންމެވެސް ބަޔަކު އިސް ނަގައިގެންނެވެ. އެކަމަކު އެއީ ކޮން ބައެއް ހެއްޔެވެ. އެންމެ އެކަށީގެންވާ އެންމެ މުނާސަބު ބަޔަކީ ރަށު ކައުންސިލެވެ. އެކަމަކު އެއީ ހަމައެކަނި ނަމެކެވެ. މިބާވަތުގެ ކަމެއް ކުރެވޭވަރުގެ ހަކަތަ ހުރި ބައެއް ކަމަށް ވޭތުވެ ދިޔަ ތަނުގައި ސާބިތު ކޮށްދެވިފައިވާކަމަށް ރައްޔިތުން ގަބޫލެއް ނުކުރެ އެވެ. އެހެން ނޫންނަމަ ރަށު ކައުންސިލް އިސް ނަގައިގެން އޭދަފުށީގެ މުއްސަނދި ވިޔަފާރިވެރިންނާ ވަށައިގެން މިހިރަ ރިސޯޓުތަކާ ސަރުކާރުވެސް ގުޅިގެން މި ޚިޔާލަށް އަމަލީ ސިފައެއް ގެނައުމަކީ ފަސޭހަ ކަމެކެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top