ވަގުތީ މަސްމާރުކޭޓް މިމަހުތެރޭގައި ހަދަން ފެށޭނެ – އޭދަފުށި ކައުންސިލް

fgh-800x450-800x450.jpg

ބ. އޭދަފުށީ ބަނދަރު ސަރަހައްދަުގައި ވަގުތީ މަސްމާރުކޭޓެއް ހެދުމުގެ މަސައްކަތް އަންނަ ހަފްތާތެރޭގައި ފެށޭވަރުވާނޭކަމަށް އޭދަފުށި ކައުންސިލުން ބުނެފިއެވެ.

ވަގުތީ މަސްމާރުކޭޓެއް ހެދުމަށް ކައުންސިލުން ނިންމީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުން ހުށައެޅި ޝަކުވާތަކަށްފަހު އޯގަސްޓްމަހު 2 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ އާންމު ބައްދަލުވުމުގައެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ ވަގުތީ މާރުކޭޓް އެޅުމަށްޓަކައި ކްލަބް ދަ ބިގިނާސްއާއެކު އިއްޔެ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށާ، އެމަސައްކަތް ހިލޭސާބަހަށް ކޮށްދިނުމަށް ބިގިނާސްއިން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިމަސައްކަތުގެ ދަށުން އިރުމަތީ ހުރަސްވާޓަރުގެ އުތުރުކޮޅުގައި ސާޅީސްފޫޓް ދިގު، ފަނަރަފޫޓް ފުޅާ މަސްބާލާ ތަޅުންގަނޑެއް ހަދައި މަސްކެނޑޭނޭ އިންތިޒާމް ހަމަޖެއްސޭނެކަމަށެވެ.

“މަސްބާލާ ސަރަހައްދެއްގެ އިތުރުން މަސްކަނޑާ ހަޓެއްވެސް ހެދޭނެ މިފިޔަވަހީގައި. ބިގިނާސް އިން ހުރިހާ މަސައްކަތެއް ހިލޭ ސާބަހަށް ކޮށްދޭން ވަނީ އެއްބަސްވުމަކަށް އާދެވިފައި.” ތޮލާލް ވިދާޅުވިއެވެ.

އޭދަފުށީ ބަދަރު މަތީގައި އޮތް ދޯންޏަކުން މަސްވިއްކުމުގެ މަސައްކަތް ކުރަނީ. ވަގުތީ މަސްމާރުކޭޓެއް އެޅުމަށް އޭދަފުށި ކައުންސިލުން ދަނީ މަސައްކަތް ކުރަމުން / ފޮޓޯ: އޭދަފުށީ ވޮއިސް

ތޮލާލް ވިދާޅުވީ މިމަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލް އިން ފޯރުކޮށްދޭނެކަމަށާ، ތަކެތި ހޯދުމަށް އަމިއްލަ ވިޔަފާރިވެރިންނާ މިހަފްތާތެރޭގައި މަޝްވަރާ ކުރެވޭނެކަމަށެވެ.

ކްލަބް ދަ ބިގިނާސްއިން ބުނީ ވަގުތީ މަސްމާރުކޭޓްގެ މަސައްކަތް އެކްލަބުން ކުރަން ނިންމީ މިކަމަކީ އޭދަފުށީ ރައްޔިތުންނަށް މިހާރުން މިހާރަށްވެސް ބޭނުންވެފައިވާ ކަމެއްކަމަށް ދެކޭތީ ކަމަށެވެ. އެކްލަބްގެ ރައީސް އަލީ ޝަފީޤް ވިދާޅުވީ ވަގުތީ މާރުކޭޓްގެ މަސައްކަތް ކުރި ނަމަވެސް މުސްތަގްބަލްގައި ދާއިމީ މަސްމާރުކޭޓެއް އެޖަމްއިއްޔާއިން ހެދުމާމެދު ވިސްނަމުންދާކަމަށެވެ.

އޭދަފުށީ ކައުންސިލުން ކުރިން ބުނެފައިވަނީ ވާޓަރުމައްޗަށް މަސް ބޭލުމާ، މަސް ކެނޑުން ނުހުއްޓުވިވަނީ، މަސްބާލައި، މަސްކަނޑާނެ ސަރަހައްދެއް ނުވަތަ މަސްމާރުކޭޓެއް ކައުންސިލުން ގާއިމްކޮށްދެވިފައި ނެތުމުގެ ސަބަބުންކަމަށެވެ.

ގާނޫނީ ގޮތުން ބާރުލިބިފައިވާ އޭދަފުށީ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ “ހ” ގައިވަނީ “އެއްވެސް އުޅަނދަކުން ނުވަތަ ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި، ބަނދަރު ސަރަހައްދަށް ކުނިފަދަ ތަކެތި އެޅުމާއި، ޑަސްބިން ދޮވުމާއި، މަހުގެ އުކާލެވޭ ބައިތަކާއި، ކަރުގޮހޮރުފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަދަރާއި، ބަނދަރު ސަރަހައްދަށް ޤަޟާޙާޖާތް ކުރުމަކީ މަނާކަމެކެވެ”

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top