އީދުގެ ހަނދާންތައް: އޭދަފުށީގެ ހިތުން ނުފިލާނެ ޕޫޗޯ ޕޫޗޯ !

DSCN6230.jpg

އަބްދުލްކަރީމް ހުސެން--އީވީ ފައިލް ފޮޓޯ

(ގައްޔޫމް -ނަސީރު)

އޭދަފުށީގެ ބޮޑުއީދު، ބޮޑުއީދެއްގެ ގޮތުގައި ފުރިހަމަވަނީ މަޝްހޫރު ”ޕޫޗޯ ޕޫޗޯ“ ޝޯ އާ އެކުގައި ކަމީ އެންމެންވެސް ދައްކާ ވާހަކަ އެކެވެ.

ކޮންމެ އަހަރަކު އެތައް ސަތޭކަ ބަޔަކު އީދަށް ޖަމާވާ އޭދަފުށީގެ އެންމެ އުފާވެރި ހަނދާނަކަށް ވެސް ވާނީ މި ޝޯއެވެ. މި ޝޯ އެހާ ޚާއްސަ ވެގެންދަނީ އޭދަފުށީގައި މިއުޒިކް ދިރުވުގައި ވަރަށް ބޮޑު ހިއްސާއެއް އޮތް ”ޖަމިއްޔަތުލްވަފާ“ގެ މަޝްހޫރު ވެޓެރަންސް ލަވަކިއުންތެރިޔާ އަބްދުލް ކަރީމް އެ ޝޯގައި ހުށައަޅައިދޭ ލަވަތަކުންނެވެ. އިހުގެ ރީތި ހިންދީ ލަވަތަކެވެ. ރަފީއުގެ ހިޓް ލަވަތަކުގެ ތެރެއިން ކަރީމްގެ އަމިއްލަ ހޮވުން ތަކެވެ. އެލަވަތަކުގެ ތެރެއިން ފުރޭނިގެން އައި ”ޕޫޗޯޕޫޗޯ“އެވެ. އެހެންވެ ޝޯ މަޝްހޫރު ވެފައިވަނީ ޕޫޗޯޕޫޗޯގެ ނަމުންނެވެ. މިލަވައިގެ އަސްލަކީ ހިންދީ ފިލްމް ދިލް ދޭކޭ ދޭކޯގެ ލަވަތަކުގެ ތެރޭގައި ހިމެނޭ ދިލްދޭކޭ ދޭކޯ އެވެ.

ޝޯގެ ނަން މިލަވައަށް ލިބި ކަރީމްވެސް މި ލަވައާއެކު އުދުހިގެން ދިޔައެވެ. ގިނަ އަހަރުތަކެއް ވަންދެން އީދު ޗާޓުގެ އެއްވަނައިގާ މިލަވަ އޮތުމުގެ އިތުރުން އެއްޝޯގައި ތަކުރާރުކޮށް އެތައް ފަހަރަކު ހުށައަޅައިގެން އޯޑިއަންސް މޮޔަކޮށްލީ ކަރީމްގެ ކޮންފަދަ ޖާދުވީ ބާރެއް ނޫނީ ކަރީމްގެ އަޑުގައި އެހެން ނޫނީ ކަރީމްގެ ހުށައަޅައި ދިނުމުގައި ހުރެގެން ބާއެވެ.

“އެއީ ކަރީމްގެ އެލަވަ ކިއުމުގެ ހުނަރާއި ލަވައަށް އޭނާ ގެނެސްފައިވާ ރީމޭކް ގެ ސަބަބުން. އެހެން ގޮތަކަށް ބުނާނަމަ އޭނާގެ އަމިއްލަ އެ ކެރެކްޓާ މީހުންނަށް މާބޮޑަށް ކަމުދިޔައީ.” ކަރީމް އާއެކު ސްޓޭޖްގައި ލަވަކިޔައި އުޅުނު ރިޒާ ބުނަނީ މިހެންނެވެ. އޭނާ ބުނި ގޮތުން އީދު ޝޯ މިހާރު އޮތްކަމަށްވިޔަސް ކުރިން އޯޑިއަންސް ކައްކާލި ގޮތަށް މިހާރު އެފޯރި ނުހުންނަނީ ޝޯގައި ކަރީމްގެ ލަވަ ނުކިޔާތީ އެވެ.

ކަރީމްގެ ލަވަތަކަށް ހަމަގައިމުވެސް އެޝޯ ބަަލަންދާ ގިނަ ބަޔަކު އޮބިނޯންނަ ވަރަށް ތަރުހީބު އޮހެމުން ދެއެވެ. އޭނާގެ އަމިއްލަ ސްޓައިލަށް ފައިހިއްލާލާ ގޮތާ މޫނަށް އެ ގެންނަ ހަރަކާތްތަކާ ނެށުންތެރިންނާ އޮންނަ ގުޅުން މާބޮޑަށް ކަމުދިޔައީއެވެ. ކޮންމެ އައިޓަމެއް ނިމުމާއެކު ”ވީ ވޯންޓް ކަރީމް. ކަރީމް ކޮބާ. ބޭނުމީ ޕޫޗޯގެ އަޑު، އަދި އެއްފަހަރު ޕޫޗޯ ޕޫޗޯ“ މިއީ އެންމެ ބާރަށް އިވޭ އަޑުއަޑަށްވަނީ މިހެންވީމަ އެވެ.

ޝޯގައި ކަރީމް ހުށައަޅައިދޭ ލަވަތަކަށް ގިނަ ބަޔަކު ތަރުހީބު ދިންކަމަށް ވިޔަސް މަދު ބަޔަކު ޖޯކުވެސް ޖަހައެވެ. އެހެންނަމަވެސް ކަރީމްގެ ދިފާއުގައި ނުކުތް މީހުންގެ އަދަދު މާބޑަށްވެސް ގިނައެވެ. އެކަން އެނގިގެން ދިޔައީ އީވީ އިން މިކަމާބެހޭ ގޮތުން ޚިޔާލު ހޯދި މީސްމީހުންގެ ކޮމެންޓް ތަކުންނެވެ.

”އެއީ ހިންދީ ލަވަތަކެއް. ކޮންމެ ގޮތަކަށް ކިޔަސް ކޮބާ މައްސަލަ އަކީ. އަހަރެމެންގެ ބަހެއް ނޫން. އޭގެ މާނަ އެނގޭނީވެސް މަދު ބަޔަކަށް. ހަގީގަތުގައި މި ޒަމާނުގެ ރިމޭކްސް  އަހަރެމެންގެ ތެރެއަށް ތައާރަފްވުމުގެ ކުރިން ކަރީމް ވަނީ މިކަން ތައާރަފް ކޮށްދީފަ. އެހެންވީމާ ކަރީމްގެ އެ އުފެއްދުންތެރި ކަމަށް އަހަރެމެން ސާބަހެއް ނޫންތަ ދޭންވީ؟“ ބޮޑު އީދަށް ވަރަށް ގިނަ ފަހަރު އޭދަފުއްޓަށް އައިސް ކަރީމްގެ ޝޯ ބަލަން ގަވާއިދުން ދިޔަ މީހެއްގެ ޚިޔާލަކީ މިއެވެ.

ދެން އޮތީ ރާގު ނުބައިކޮށް ކިޔާ މައްސަލައެވެ. އެއީ ވެސް މައްސަލައެއް ކަމަކަށް ނުދެކެއެވެ. ހަމަސީދާ ރަފީއު އެކިޔާ ރާގަށް ކިޔަން ޖެހޭ ހެއްޔެވެ. އޭރުން އެވަނީ އެހެން މީހެއް ކޮޕީ ކުރަނީ ކަމަކަށް ނޫން ހެއްޔެވެ. އެއާ ޚިލާފަށް ކަރީމްގެ އަމިއްލަ ސްޓައިލްގަ ކިޔާލާ އަޑު އަހާލަން މާބޮޑަށް ވެސް ހިތްގައިމެވެ.

މި ހުރިހާ ފާޑުކިއުމަކަށް ކަރީމް ވަނީ ރައްދު ދީފައެވެ.

”އަހަރެން ރަފީއުގެ ލަވަކިޔަނީ އެއަޑު އަހައިގެން. އެއީ ވަރަށް ރީތި އަޑެއް. އަހަރެންގެވެސް ފޭވަރިޓް. އެކަމަކު އެއަށް ބަދަލު ގެނައުމަކީ މައްސަލަ އެއް ނޫން. މިސާލަކަށް، މިހާރުގެ ލަވަކިއުންތެރިން، ކުރީގެ ލަވަތައް ރިމޭކްސް ހަދައިގެން މުޅިން ބަދަލު ކޮށްގެންވެސް އެބަކިޔާ. އެއީ ރީތި ބަދަލަކަށް ވެސް ވެއްޖެ. އެކަނި ހިންދީ ލަވަތަކެއް ނޫން. ކުރީގެ އެހެރަ ރީތި ދިވެހި ލަވަތައް ވެސް މިހާރުގެ ލަވަކިއުންތެރިން އެކިޔަނީ އެމީހުން ބޭނުން ގޮތަކަށް ކޮށާ މަށައި ބަދަލުކޮށްގެން ސީދާ އެރާގުވެސް ގެއްލޭ ގޮތަށް. ބައެއް ލަވަތައް ބަދަލު ކުރިކުރީނުންގޮސް އަޑުއަހަން އުނދަގޫ ވަރަށް ހަޑިވެެފައި ވެސް އެބަހުރި.” ކަރީމް ބުންޏެވެ.

ކަރީމް، ލަވަތައް އަނބުރާލާ ގޮތާ ރާގަށް އެގެންނަ ހިތްގައިމު ބަދަލުތަކަކީ ރަނގަޅު ބަދަލެއްކަމަށް ބާރު ލިބޭ ހެއްކަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ލަވަކިއުންތެރިޔާ އަދި ގަރުނު ގެ މޮޅު ލަކިއުންތެރިޔާގެ މަގާމް ހޯދާފައިވާ މަރުހޫމް ނައިފަރު ދޮހޮއްކޮ ބުނެފައިވާ މި ވާހަކަ ކޮޅެވެ. ދޮހޮއްކޮ ބުނެފައި ވަނީ މިހެންނެވެ.

“އަހަރެން ކިިޔާ ކޮންމެ ލަވައެއް ވެސް ހުންނާނީ އަހަރެންގެ އަމިއްލަ ސްޓައިލަށް. އެހެޔޮ ފުރައްދެ ލަވައެއް ކަމަށް ވިޔަސް އަހަންނަށް ފެންނަ ބަދަލެއް ގެނެސްގެން ކިޔާފައި ހުންނާނީ.”

ދޮހޮއްކޮގެ ލަވަތައް ހުންނަނީ އެގޮތަށެވެ. އެގޮތް ދިވެހިން ބަލައިގެންފިއެވެ. އެއީ ރީތި ބަދަލެއް ކަމަށް އެންމެން ގަބޫލު ކޮށްފި އެވެ. އޭނާ ހިންދީ ލަވައެއް ކިޔަސް އަދި އެންމެ މުސްކުޅި ގާއްވާލީ ރާގުތަކުގައި އެހުންނަ މަޖާ ދަމާލުން ތަކުގައި އެހުންނަ ”ސުރް “އެއީ އޭނާގެ އަމިއްލަ ގޮތެވެ.

ދޮހޮއްކޮއާ އެއްވަރަށް އެއް ހަމައެއްގައި ކަރީމަށް ލަވަ ނުކިއުނު ނަމަވެސް އަމިއްލަ ސްޓައިލަށް ބަދަލުކޮށް ކިއުމުގައި ކަރީމް ވަނީ ދޮހޮއްކޮ ނަމޫނާއަކަށް ބަލާފައެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. ކަރީމް ސްޓޭޖްތަކުން ގެއްލުނީ ހެއްޔެވެ. ދެން އެއަޑު ނީވޭނެ ހެއްޔެވެ. ޕޫޗޯ ޕޫޗޯގެ ޖާދުވީ އަޑު އީދު ސްޓޭޖުން ކެނޑުނީ ހެއްޔެވެ؟

“އުމުރާއެކު ހާލަތާ ވަގުތަށް ވެސް ބަދަލު ތަކެއް އަތުވެއްޖެ. ހީވަނީ ދެން ސްޓޭޖަކުން ފެނުމުގެ ފުރުސަތު ކުޑަހެން.”

މިވާހަކައިން ފުއްދާލިޔަސް މިއީ ހަމަ ވަރަށް ވާހަކައެވެ. އެހެންނަމަވެސް ކަރީމްގެ ސަޕޯޓަރުންނަށް ހަމަގައިމުވެސް މިއީ އުފާވެރި ޚަބަރަކަށް ނުވާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top