ދޮންފަނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާމެދު ސަރުކާރާއި ރައްޔިތުންގެ ޚިޔާލު ދެކަފިވެފައި

6d2bb573-d059-4d8f-932e-4eb16aa5ac2e.jpeg

ބ. ދޮންފަނު ގޮޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއު، ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ނުގެންދާތީވެ ސަރުކާރާއި ރައްޔިތުންގެ ޚިޔާލު ދެކަފިވެ އެންމެފަހުން އިއްޔެ، އެކަން ކުށްވެރިކޮށް ކައުންސިލުގެ ހަތަރު މެންބަރުން ސޮއިކޮށް ބަޔާނެއް ނެރެފި އެވެ.

މި މައްސަލައިގާ ރަށުގެ ރައްޔިތުން ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ސަރަހައްދަށް ނުކުމެ މިދިޔަ ހަފްތާގައި މުޒާހަރާވެސް ކޮށްފައެވެ.

ދޮންފަނު ކައުންސިލުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ ލާމަރުކަޒީ ނިޒާމު ބައްޓަން ކުރަން ޖެހޭނީ އެރަށެއްގެ ޖިއޮގްރަފިކަލް ސިފަތަކާއި އިޖްތިމާއީ ވެއްޓަށް ބެލުމަށްފަހުގައި ކަމަށް ކައުންސިލުން ގަބޫލު ކުރާހިނދު ދޮންފަނުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ހިސާބު ގެ ވަކި ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާގޮތަކީ ދޮންފަނަށް އެންމެ ފައިދާ ހުރި ގޮތަކަމަށް ނުދެކޭ ކަމަށެވެ.

“މިކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން ކެނޑިނޭޅި ކައުންސިލަށް ލިބެމުން ދާއިރު ރައްޔިތުން ބޭނުންވާ ގޮތް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރު ގައި އެތައް ފަހަރަކު ދެންނެވުމުން ވެސް އެކަމަށް އިޖާބަ ދިނުމެއްނެތި ޕްރެޖެކްޓް ކުރިއަށް ގެންދާތީ އެކަން ކައުންސިލުން ކުށްވެރި ކުރަމެވެ.” ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދޮންފަނު ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ނުވެގެން އުޅޭ މައިގަނޑު ސަބަބަކީ ފަސްގަނޑުގެ ބޭރުން ރިވެޓްމަންޓު ބޭރަށް ޖައްސައިގެން މަސައްކަތް ކުރިއަށް ގެންދިއުމަކީ ރަށުގެ މާހައުލަށް ބަލާ މި ފަދަ މަސައްކަތެއް ކުރުމަށް ޓެކްނިކަލް ގޮތުން ރަނގަޅު ގޮތް ނޫންކަމަށް ދެކޭތީ ކަމަށާ އެކަން މިރަށަށް ވަޑައިގެންނެވި އެ މިނިސްޓްރީގެ ޓީމަށް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވާނޭ ކަމަށެވެ.

”ވީމާ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން އޮތް އަދި އެންމެހައި ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި މިފަދަ ކަމެއް ނިމިގެން ދާން ވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް މިކައުންސިލުން ދެކޭތީ ރައްޔިތުން އެދޭ ގޮތަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލަމެވެ.” ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

މިކަމުގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހުށަހެޅުމަށް ކައުންސިލުން އެދޭތީވެ، އެކަމަށްޓަކައި އެޕޮއިންޓްމެންޓެއް ހޯދުމަށް ކައުންސިލުން އެދިފައިވާނެ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top