ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމިނަށް ވާދަނުކުރެއްވޭ ހާލަތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރަން ނިންމާފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަވައިފި އެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނިންމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސައި، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އޭނާގެ ޒިންމާ އެއްކަމުގައި ދެކޭ ހިނދު، ރަނިންމޭޓްގެ ގޮތުގައި (ސެންބެ) ހަމަޖައްސަން ނިންމަވާފައިވާ ކަމަށެވެ.
“އެމަނިކުފާނަކީ، ޒުވާން، ތައުލީމީ، ގާބިލު ޚިދުމަތްތެރިއެއް،” މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ރަނިންމޭޓަކަށް ބޭފުޅަކު ހަމަޖެއްސެވި ނަމަވެސް އަދިވެސް އުއްމީދުކުރައްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވާދަކުރެވޭނެ ކަމަށް ކަމަށެވެ.
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ޕީޕީއެމްއިން ވަނީ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމާ ނަމަ، އެހެން ކެންޑިޑޭޓަކު ނެރެން އެ ޕާޓީއަށް ފުރުސަތު ދޭން އެދިފަ އެވެ.
އެހެންކަމުން މުއިއްޒަކީ މިހާރު “ޕްލޭން ސީ” ކަމަށް ޕީޕީއެމުން ވަނީ އިއްޔެ ސުޕްރީމް ކޯޓުގައި ބުނެފަ އެވެ. ޕްލޭން އޭ އަކީ ޔާމީން ކަމަށްވާއިރު، އެމަނިކުފާނުގެ ޕްލޭން ބީ އަކީ ސުޕްރީމް ކޯޓުން ހޯދާ ފުރުސަތުގައި ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރުމެވެ.
އެކަމަކު މުއިއްޒުގެ ޓްވީޓުގައި ވިދާޅުވީ އޭނާއަކީ “ބެކްއަޕް” ކެންޑިޑޭޓު ކަމަށާއި އުއްމީދު ކުރައްވަނީ މި “ބެކްއަޕް” އެޕްލިކޭޝަން ލާންނުޖެހޭނެ ކަމަށެވެ.