އަދުލު އިންސާފުން ބޭރުން އަނިޔާވެރިކޮށް ކަންކަން ހިންގަމުން ދާނަމަ ރައްޔިތުން މަޑުން ނުތިބޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބޭރު ކޮށްލުމުން އުފެދުނު ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓްގެ މިއަދު އޮތް އަޑުއެހުމަށް ނުފެށި ލަސްވާ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި އެ ސަރަހައްދުގައި ހުންނަވައިގެން ރައީސް ވަހީދު ވިދާޅުވީ އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް “ބަންދު” ކޮށްފައި ބާއްވައިގެން ރައީސް ސޯލިހު ކެންޕެއިން ކުރެއްވުމަކީ އިންސާފެއް ނޫން ކަމަށެވެ.
”ރާއްޖޭގައި ހިނގަނީ ރަސްކަމެއް ނޫން. ވެރިމީހާ ބޭނުންހާ ގޮތެއް ހެދުމުގެ ފުރުސަތު ނޯންނާނެ. އަދުލު އިންސާފުން ބޭރުން އަނިޔާވެރިކޮށް މިތާނގައި ކަންކަން ނިންމަމުން ދާއިރުގައި ދިވެހި ރައްޔިތުން ބަލައިގެން ނުތިބޭނެ.“ ޑރ.ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ފެންނަނީ ވަރަށް ހިތި މަންޒަރެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓްގެ ގޭޓް ނުހުޅުވި އުޅެން ޖެހުމަކީ އިއްތިފާގެއް ނޫންކަމަށާއި ފަނޑިޔާރުންނަށް ބިރު ދައްކައިގެން ކަންކަން ކުރާން އުޅޭ ތަން ފެނިގެން ދާކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ މެންބަރުންނާއި ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން މާޔޫސްވެވަޑައިނުގަތުމަށްވެސް ރައީސް ވަހީދު އިލްތިމާސް ކުރެއްވި އެވެ. އޭގެފަހުގައި ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.
ރައީސް ވަހީދު ވަނީ ރައްޔިތުން ރުޅިނޭރުވުމަށްވެސް ސަރުކާރަށް ގޮވާލައްވާފަ އެވެ. އެހެންނޫނީ އަނިޔާވެރިިކަމާއި ބޭއިންސާފާ ދެކޮޅަށް ރައްޔިތުން ތެދުވާނެ ކަމުގައި ވިދާޅުވި އެވެ.