މުޅި ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަ ވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓްއޮފީސް) އިންވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓް ނެރެފައިވަނި މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު ފަހު 13:30 އާއި ހަމައަށެވެ. މެޓް އޮފީހުން ބުނީ ، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، ހެނދުނު 9:00 އިން 13:00 އަށްވެސް މެޓުން ވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.
މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވެސް އިރުވައި މޫސުމުގެ ވިއްސާރަކުރަމުން އަންނައިރު، ކަނޑުތައް ވެސް ގަދައެވެ. ވިއްސާރައިގެ ސަބަބުން އައްޑުއާއި ފުވައްމުލައް ސިޓީގެ ބައެއް ގޭގެއަށް ވެސް ވަނީ ފެންވަދެ، އެކިވަރުގެ ގެއްލުންތައް ވެފައެވެ.
މި އަހަރު މޫސުން ރަނގަޅުނުވެ، ދިގުލައިގެން ގޮސްފައިވަނީ މި ސަރަހައްދުގެ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން މެޓު އޮފީހުން ވަނީ ބުނެފައެވެ.