ޕްލޭން ބީ އަކީ ޕީޕީއެމްގެ ކެނޑިޑޭޓެއް، މުއިއްޒަކީ ޕްލޭން ސީ: ޝިޔާމް

large_16910628916b9Lg.jpeg

ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު-ސަން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި، ދެން ނުކުންނާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމަށާއި ޕީއެންސީގެ ކެނޑިޑޭޓަކީ ޕްލޭން ސީ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަންނަން ވަނީ ނިންމައިފައެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

އެމައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ގޮތެއްގެ ސަބަބުން އެ މަނިކުފާނަށް ކެންޑިޑެސީ ހުށަނޭޅޭނެ ހާލަތެއް ދިމާވެއްޖެ ނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ހުށަހެޅުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

އެގޮތަށް އެދުނު އިރު، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަނީ ބަދަލު ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފައެވެ. ޕީޕީއެމްގެ ނައިބު ރައީސްކަމުގައި ހުންނެވި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމުން ވަކިވެވަޑައިގެންފައިވާތީ، އެ ޕާޓީގެ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތެއް މުއިއްޒަށް މިހާރު ވަނީ ގެއްލިފައެވެ.

ސުޕްރީމް ކޯޓް ސަރަހައްދުގައި ހުންނަވައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވީ ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި، ޕީޕީއެމް ކެނޑިޑޭޓަކަށް ފުރުސަތު ދިނުމަކީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކުރިންވެސް ނިންމާފައިވާ ގޮތް ކަމަށެވެ.

”އެއީ ރައްޔިތުން މަގުމަތި ނުވާނެ ގޮތަކަށް ޕްލޭން އޭ އަކީ ރައީސް ޔާމީން. ޕްލޭން ބީ އަކީ އެމަނިކުފާނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ޕީޕީއެމްގެ ކެނޑިޑޭޓެއް ވާދަކުރުން. ޕްލޭން ސީއަކީ އަޅުގަނޑުމެން ކޯލިޝަނެއްގައި އެއްކޮން މަސައްކަތް ކުރާއިރު ޕީއެންސީގެ ކެނޑިޑޭޓެއް ހުރުން،“ ޝިޔާމް ވިދާޅުވިއެވެ.

ޔާމީންގެ ޕްލޭން ސީގެ ދަށުން މުއިއްޒު ކެންޑިޑެންސީ ހޯއްދަވާފައިވާއިރު ޕްލޭން ބީ އަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރުންކަން މުއިއްޒަށް ވެސް ކުރިން ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް، މުއިއްޒު ބޭނުންވީ ޕްލޭން ސީގެ ދަށުން ޕީއެންސީގެ ޓިކެޓަށް ވާދަކޮށް އެ ފުރުސަތު ހޯއްދަވަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

“މުއިއްޒު ހިސާބު ޖައްސަވާފައި އެކަމަށް އެ ކުރިމަތިލެއްވީ، މިއީ އަލަށް ނެރެގެން މުއިއްޒަށް އެނގިވަޑައިނުގެން ގެންގުޅޭ އެއްޗެއް ނޫނޭ، މުއިއްޒު ބޭނުންފުޅުވީ ޕްލޭން ސީއަށް ވާދަކުރަން،” ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު އެ ޕާޓީ ދޫކުރައްވައި ޕީއެންސީއަށް މުއިއްޒު ސޮއިކުރެއްވީ ޓިކެޓަށް ހުޅުވާލި ދުވަހު އެވެ. މުއިއްޒަށް އެ ފުރުސަތު ފަހިކުރުމަށް އެ ޕާޓީގެ އަސާސީ ގަވައިދަށް ވެސް ބަދަލު ގެނަ އެވެ.

ޕްލޭން ސީގެ ބަދަލުގައި ޕްލޭން ބީގެ ދަށުން ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭ ނަމަ، އަނެއްކާވެސް ޕާޓީ ބަދަލުކޮށް އެ ޓިކެޓް ވާދަކުރުމުގެ މުއިއްޒަށް އޮންނާނެކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

”ކޮންމެ ގޮތެއް ވިޔަސް ޕްލޭން ބީ މި އަންނަނީ ސުޕްރީމް ކޯޓަށް ފަހުތާ. އެހެންކަމުން ސުޕްރީމް ކޯޓްގެ ނިންމުމަށްފަހު ޕްލޭން އޭ (ފުރުސަތު ރައީސް ޔާމީނަށް) ލިބުން އެއީ އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންގެ ދުއާ އަކީ. ދެން ރައީސް ބޭނުންވީ ޕްލޭން ބީ އޮންވޭތޯ އެހެންވެ ޕްލޭން ބީއަށް އެދިފައި އެވަނީ،“ ޝިޔާމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓްގައި ރޭގައި އޮތް އަޑުއެހުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޔާމީންގެ އިސް ވަކީލު އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި، އެހެން ކެންޑިޑޭޓެއް ނެރެން ފުރުސަތު ލިބިއްޖެ ނަމަ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވިދާޅުވެފައެވެ.

”އަލްޓަނޭޓިވް ޕްލޭނެއް އަތުވެއްޖެއްޔާ ވެސް އަންނާނީ ޕީޕީއެމް އަލްޓަނޭޓިވް ޕްލޭނަށް. ޕީއެންސީ އަންނާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވޯސްޓް ކޭސް ސިނާރިއޯ އަށް،” ޖަމީލު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top