ރިޔާސީ އިންތިޚާބާއި ދިމާކޮށް ކުރީ ސަރުކާރުން 2500އަށްވުރެ ގިނަ ކޮންޓެކްޓް މުވައްޒަފުން ވެއްދި ކަމަށާއި އޭގެ ތެރެއިން 1800 އަށްވުރެ ގިނަ މުވައްޒަފުންގެ ކޮންޓްރެކްޓް މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވެފައިވާކަމަށް، ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފެނަކައިން މުވައްޒަފުން ވަކިކުރާކަމުގެ ޝަކުވާ އެމްޑީޕީން އަންނަނީ ކުރަމުންނެވެ. އެގޮތުން އެކަން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ކުއްލި މައްސަލައެއްވެސް ހުށައަޅާފައެވެ.
އެކަމާއި ގުޅޭގޮތުން ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން މުއާޒް ވިދާޅުވީ، އެކުންފުނީގެ ކެޕޭސިޓީއަށްވުރެ މާބޮޑަށް އިތުރަށް ކުރީ ސަރުކާރުން މުވައްޒަފުން ނަގާފައިވާކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ބޭނުމަށް އެއްވެސް ލިޔެކިޔުމެއް އަދި ކޮލިފިކޭޝަނެއް ނެތި ގިނަ އަދަދެއްގެ ކޮންޓްރެކްޓް މުވައްޒަފުން ވައްދާފައިވާކަން މުއާޒް ފާހަގަކުރެއްވިއެވެ.
މުޢާޒް ވިދާޅުވީ ކޮންޓްރެކްޓު މުވައްޒަފުންގެ ތެރެއިން 1868 މުވައްޒަފުންގެ ކޮންޓްރެކްޓް މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވުމާއެކު އެ ކޮންޓްރެކްޓްތައް އާނުކުރުމަކީ ގަވާއިދާ ޚިލާފަށް މުވައްޒަފުން ވަކިކުރުން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
8000 އަށްވުރެ ގިނަ މުވައްޒަފުންގެ ތެރޭގައި އެބަތިބި 2500 ކޮންޓްރެކްޓް ސްޓާފުން. މީގެތެރޭގައި 6 މަހަށް އަދި 3 މަހަށް ހަދާފައިވާ ކޮންޓްރެކްޓް އެބަހުރި. އަޅުގަނޑަކަށް ނޭނގެ މިހާ ގިނަ މުވައްޒަފުން ލައިގެން ކުރަން އުޅެނީ ކޮންމަކެއްކަމެއް– މުއާޒް ވިދާޅުވިއެވެ.
މުޢާޒް ވިދާޅުވީ، މިހާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ތެރެއިން އެ މުވައްޒަފުން ކުރަނީ ކޮން މަސައްކަތެއްވެސް ނޭނގޭކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް ބައެއް މެންބަރުން ވަނީ އެއީ ކުރީ ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެއީ އާ ސަރުކާރަށް ޖެއްސުންކުރުމުގެ ނިޔަތުގައި ކުރިކަމެއްކަމަށްވެސް މެންބަރުން ވިދާޅުވެފައިވެއެވެ.
މުއާޒް ވިދާޅުވީ، އެކުންފުނީގެ ދަރަނިވެސް އިންތިހާއަށް ބޮޑުވެފައިވާއިރު އެކުންފުނީގެ ދަރަނި 4 ބިލިއަނަށް އަރާކަމަށެވެ.