100ޑޮލަރުގެ ވަގު ނޫޓު ތަކެއް ދައުރުވަމުން އެބަ ދާކަމަށާއި އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެދިއްޖެއެވެ.
އެމްއެމްއޭއިން ބުނީ ދައުރުވަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ވަގު ނޫޓުތަކީ 1996 އިން ފެށިގެން 2016 ވަނަ އަހަރާ ދެމެދުގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓުތަކެއް ކަމަށެވެ.
ވަގު ނޫޓުތަކުގައި ފާހަގަ ކުރެވޭ ކަންކަން:
- ސައްހަ ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން
- ނޫޓު އައްޔަށް ދިއްކުރުމުން ކަނާއަތް ފަރާތުގައި ހުންނަ ވޯޓާ މާކް ސައްހަ ނޫޓާ ތަފާތުވުން
- ނޫޓު އައްޔަށް ދިއްކުރުމުން ވައަތް ފަރާތުގައި ހުންނަ ސަލާމަތީ ރޮދި ފަށް ނޫޓުގެ ދެފަރާތުން ފެންނަން ނެތުން
- އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓްގައި ދިއްލިފައި ހުންނަން ޖެހޭ ރޮދި ފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ފެންނަން ނެތުން
- އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓްގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަން ޖެހޭ ސެކިއުރިޓީ ފައިބާ ނެތުން
- ނޫޓްގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު، ނޫޓް އަރިކުރުމުން ކުލަ ބަދަލު ނުވުން
އެމްއެމްއޭ އިން ބުނީ 100 ޔޫއެސް ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށެވެ. އަދި ބަލައިގަނެވޭ ނޫޓުގެ ސައްހަކަމާ މެދު ޝައްކު ކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ އެ ނޫޓެއް އެ އޮތޯރިޓީއަށް ގެންގޮސް ނޫޓުގެ ސައްހަކަން ޔަގީން ކުރުމަށް ވެސް އެމްއެމްއޭ އިން ވަނީ އެދިފަ އެވެ.