ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އޭދަފުށިން ހިއްކިބިމުގެ ވަށައިގެން ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ވެލިގަނޑު ގިރަމުންދާ މައްސަލައިގައި ކައުންސިލުން ކަންބޮޑުނުވާކަމަށް މިއަދު ބުނެފިއެވެ.
ކައުންސިލުން ބުނީ ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން މިމޫސުމުގައި ގިރާނެކަމަށާ، އެކަންވިޔަސް ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ މިޕްރޮޖެކްޓަކީ ސަރުކާރުން ކުރިޔަށްގެންދާ ޕްރޮޖެކްޓެއްކަމަށާ، ޕްރޮޖެކްޓްގެ މުއްދަތުގެ ތެރޭގައި ރިވެޓްމަންޓްޖަހާ ނިމޭއިރު ހިއްކަންޖެހޭ އަދަދަށް ބިންހަމަކޮށްދޭނެކަމުގެ ޔަގީންކަން ބޮސްކާލިސްއާ، ސަރުކާރުންވެސް ދީފައިވާކަމަށެވެ.
“އެހެންނޫނަސް އަޅުގަނޑުމެން މާބޮޑު ކަންބޮޑުވުމެއް އޮންނާކަށްނުޖެހޭ މިޕްރޮޖެކްޓަކީ ވަކިމުއްދަތަކަށް ނިންމަން ސަރުކާރުން ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް. އެތާރީހަށް ނިންމާއިރު މަސައްކަތް ފުރިހަމަވިތޯ ސަރުކާރުން ބަލާނެ. ކައުންސިލުންވެސް ބަލާނެ. މިހާރުވެސް މިދަނީ ބަލަމުން”
އަލީ ވަހީދު ވިދާޅުވީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފެށުން ލަސްވާމައްސަލައިގައި މަޝްވަރާކުރެވެމުންދާކަމަށާ، މިމަސް ނިމުމުގެ ކުރިން އެމަސައްކަތްކުރާ ޓީމް އޭދަފުއްޓަށް އަންނާނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށެވެ. އޭނާ ވިދާޅުވީ ރިވެޓްމަންޓްގެ މަސައްކަތް އަވަސްކުރުމަށްޓަކައި ކައުންސިލްގެ ޓީމެއް އަންނަ ހަފްތާތެރޭގައި މާލެދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އޭދަފުށިން 25.9 ހެކްޓަރު ބިންހިއްކުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ބުނެފައިވެއެވެ. ބިންހިއްކަން ފެށުމުގެ ކުރިން އޭދަފުށީގެ ބިމުގެ ސައިޒަކީ 31 ހެކްޓަރެވެ. އެހެންކަމުން ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމޭއިރު ރަށުގެ ބިން 56 ހެކްޓަރުވަރު ބޮޑުވާނެއެވެ.