އެޑެކްސެލްއިން ވަކިގޮތެއް އަންގަންދެން އިމްތިހާން ކުރިއަށްދާނެ

big_owJQkYmzojNybwTDjxAvKrKVJ.jpg

އެޑިއުކޭޝަން މިނިސްޓަރު ،ޑރ.އައިޝަތު އަލީ

އޭލެވެލް އިމްތިހާނުގެ ޕޭޕަރުތަކެއް ލީކުވި ނަމަވެސް އެޑެކްސެލްއިން ވަކި ގޮތެއް އަންގަންދެން ރާއްޖޭގައި އިމްތިހާނު ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އޭލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތަކެއް ލީކުވެފައިވާއިރު، އެ މައްސަލަ މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކު ބަލަހައްޓަމުން އަންނަކަމަށެވެ. އަދި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އަޅާފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިވާ އުސޫލްތަކާއެއްގޮތަށް ކުރިއަށްދާކަމަށެވެ. އަދި އޭލެވެލްގެ ސުވާލު ކަރުދާހެއް ރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ލީކުވެފައިވާ ޕޭޕަރުތަކުގެ ތެރޭގައި ބަޔޮލޮޖީ، ފިޒިކްސް، މެކޭނިކްސް، ސްޓެޓިސްޓިކްސް، ބިޒްނަސް، އަދި ކެމިސްޓްރީ ޕޭޕަރުތަކެއް ހިމެނެ އެވެ. ލީކުވެފައިވާ ބައެއް ޕޭޕަރުތަކުގެ ސްކޭން ކޮޕީތަކާއި ދަރިވަރުން މަޝްވަރާ ކުރާ ގްރޫޕެއްގެ ސްކްރީންޝޮޓްތައް ވެސް މީޑިއާއަށް ވަނީ ލިބިފަ އެވެ.

އޭލެވެލް އިމްތިހާނުގެ ބައެއް ސުވާލު ކަރުދާސްތައް ރާއްޖެއިން ބޭރުގެ ބައެއް އޮންލައިން ޕްލެޓްފޯމްތަކުން ލީކު ކުރަމުންދާ މައްސަލަ އެޑެކްސަލްއިން ބަލަމުން އަންނަކަމަށް މިނިސްޓްރީން ބުނެއެވެ. . އަދި އެޑެކްސަލްއިން އެހެންގޮތަކަށް އަމަލުކުރުމަށް އަންގަންދެން މިހާރު ތާވަލްކޮށްފައިވާ ގޮތަށް ރާއްޖޭގައި އިމްތިހާނު ކުރިއަށްދާނެކަަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

2000 ދަރިވަރުންނާއެކު މިއަހަރުގެ އޭލެވެލް އިމްތިހާނު ފަށާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ މެއި ޖޫންގައި ބޭއްވުމަށް ހަމަޖެއްސި އޭލެވެލް އިމްތިހާނު އަވަސްކޮށްފައިވަނީ އޭ ލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާނުތަކުގެ ތާވަލަށް އެޑެކްސެލްއިން ބަދަލު ގެނެސްފައިވާތީއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top