ބ. ކަމަދުއަށް މިވަގުތު ކުރިމަތިވެފައިވާ އެއްމެބޮޑު މައްސަލައަކީ އެރަށު ބަނދަރުގެ ނެރުގެ މައްސަލަކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ދެހާހުގެ އަހަރުތަކުގެތެރޭގައި ކަމަދޫ ބަނދަރު ހަދާފައިވަނީ ރާއްޖޭގެ މަހުޖަނު ގާސިމް އިބްރާހީމްގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު، އެރަށުގެ ރައްޔިތުންނެވެ. އޭރުވެސް އެރަށުގެ ބަނދަރުގެ ނެރަކީ އިރުވައި މޫސުމުގައި އާދަޔާހިލާފަށް ގަދަވާ ނެރެއް ކަމަށް އެރަށު މީހުން ބުނެއެވެ.
ކަމަދޫގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން އިއްޔެ އީވީއަށް އިންޓަވިއުދެއްވި އެރަށު ކައުންސިލަރ އަހްމަދު ސަމީރު އެންމެ ފުރަތަމަވެސް ފާހަގަކުރެއްވި މައްސަލައަކީ މިދެންނެވި ނެރުގެ މައްސަލައެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އެންމެބޮޑަށް ނެރަށް އަމާޒުވެފައިވަނީ ޚާއްސަގޮތެއްގައި އިރުވައި މޫސުމުގައި ބަނދަރަށް ވަދެވޭނެ އިތުރުގޮތެއް ނެތުމުންކަމަށެވެ.
“މިހާރު ނެތް ފައިކައްޓެއް އެކަށީގެންވާ ގޮތަކަށް ލެވިފައެއް. ގިނަމީހުން ބުނަނީ ނެރުގެ ފައިކަށި ރަނގަޅަށް ލަައިފިނަމަ ނެރުގެ ރާޅު މަޑުވާނެކަމަށް. އަނެއްބަޔަކު ނެރުގެ މިސްރާބު ބަދަލުކުރުމަށްވެސް ލަފާދޭ. ކޮންމެއަކަސް މިދުވަސްކޮޅު ނެރުގައި ރާޅު ހުންނަގޮތުން ބަނދަރަށް ވަނުމަކީ ކުރަން ހެޔޮވާވަރުކަމެއްނޫން” ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ މިމައްސަލަ ފާހަގަކުރެވެން ފެށީއްސުރެވެސް ނެރުން ވަނުމުގެ ތެރޭގައި ހިތާމަވެރި ބޮޑެތި ހާދިސާތައް ހިނގާފައިވާކަމަށާ، މިލިޔަނުން ގެއްލުން ވެފައިވާ ފަހަރުތައްވެސް އެބަހުރިކަމަށެވެ.
“މިދިޔަ އަހަރު ދޯންޏެއް އަޑިޔަށްދިޔަ ނެރުން ވަންނަނިކޮށް ތޮށިމައްޗަށް ލަށްވެގެން ވަރަށްބޮޑު ގެއްލުމެއް ވި. މިއަހަރުވެސް ލޯންޗަކަށް ވަރަށްބޮޑަށް ގެއްލުންވެއްޖެ. އަދި ތެޔޮބޯޓެއް ވަރަށްފަހުން ސަލާމަތްވީ ކިރިޔާ” ނެރުގެ ނުރައްކާކަން ސަމީރު ސިފަކޮށްދެއްވިއެވެ.

ކަމަދޫ ބަނދަރަށް ވަންނަނިކޮށް ނެރުމައްޗަށް އަޑިޔަށްދިޔަ ދޯންޏެއް މިދިޔަ އަހަރު ފެނުން މައްޗަށް ނަގަނީ. ނެރުން ވަނުމުގެ ތެރޭގައި ގިނަ އުޅަނދުތަކަކަށް މިދިޔަ އަހަރުތަކުގައި ބޮޑެތި ގެއްލުން ލިބިފައިވާކަމަށް ކަމަދޫ ކައުންސިލުން ބުނޭ / ފޮޓޯ: ސަން އޮންލައިން
މިމައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ އިސްބޭފުޅުންނާ ކަމަދޫ ކައުންސިލުން މަޝްވަރާކުރެވިފައި ވާނެކަމަށް ކައުންސިލަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން މިހާތަނަށް އެއްވެސް އިޖާބައެއް ނުލިބޭކަމަށާ، މިހާރު ވިސްނުންހުރީ ރައްޔިތުންނާ، ކައިރި ރިސޯޓްތަކުގެ އެހީގައި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުންކަމަށެވެ.
“ބައެއް ރިސޯޓްތަކާއެކު މަޝްވަރާތައް ވަނީ ބޭއްވިފައި. ޕޮޒިޓިވް ޖަވާބު ލިބިފައިހުރީވެސް. ދެން ކައުންސިލްގެ އާ ދައުރު ފެށުނީމާ، އެކަންކަން ކުރިޔަށް ގެންދެވޭނެކަމަށް މިބަލަނީ”
ހަސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކަމަދޫގެ ބަދަރަކީ 450 ފޫޓް ދިގު 250 ފޫޓް ފުޅާ ބަދަރެއް އޮންނަ ރަށެކެވެ. ރަށު ކައުންސިލުން ބުނީ ކަމަދޫއަކީ ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ ރަށެއްކަމަށްވާތީ، ނެރުގެ މައްސަލަ އަވަހަށް ހައްލުވުމަކީ ކޮންމެހެން ބޭނުންވާކަމެއްކަމަށެވެ.