ލިޔުނީ: އަހްމަދު ނަދީމް
ޒުވާން ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ދެމަފިރިންނަކީ ޒަމާނީ ތަޢުލީމު ލިބިފައިވާ ހޭލުންތެރި ބައެކެވެ. ކުއްޖާގެ ބައްޕަ މަސައްކަތް ކުރަނީ ރަށާއި ގާތުގައި އޮންނަ ރިޒޯޓެއްގައެވެ. ކުއްޖާގެ ހުރިހާކަމެއްވެސް މައިންބަފައިން ވަރަށް ރަގަޅަށް ބަލަހައްޓަމުންދެއެވެ. ދަރިފުޅު ބެލެހެއްޓުމުގައި ފަންނީ މީހުންގެ ލަފާ ހޯދައެވެ. އެހެންކަމުން ހައަހަރުގެ އަންހެން ކުއްޖާއަކީ ސްކޫލުގައިވެސް ނަމޫނާ ކުއްޖެއްކަމުގައިވެފައިވެއެވެ.
އެއްދުވަހެއްގެ ހަވީރު މަންމައާއި ދަރިފުޅު ހިނގާލަން ދިޔައެވެ. ދަރިފުޅު ކުޅެން އުޅުމުގެ ތެރޭގައި އުސްކޮށް ޖަހާފައި ހުރި އެޅިގާތަކެއްގެ މައްޗަށް އެރިއެވެ. ނަމަވެސް މަންމަ އެކަން މަނާ ކޮށްފައެއް ނުވެއެވެ. މަނާ ކުރަންވީ ސަބަބެއްވެސް ނެތެވެ. ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ކުއްޖާގެ އުމުރާއި ގުޅޭގޮތުން ފަހިކޮށްދޭންޖެހެއެވެ. އިރުއޮށްސެން ކައިރިވުމުން މަންމަ ދަރިފުޅަށް ގޮވާލިއެވެ. އަދި ގެއަށް ދާން އައުމަށް ބުންޏެވެ. ދަރިފުޅުވެސް ލައްބަ މަންމާއޭ ބުންޏެވެ. ދަރިފުޅު ލައްބައޭ ބުނެފައި ނައުމުން މަންމަ އަނެއްކާވެސް ގޮވާލިއެވެ. ދަރިފުޅު ޖަވާބުގައި ލައްބައޭ ބުންޏެވެ. ތިންވަނަ ފަހަރުވެސް ގޮވާލުމުން ދަރިފުޅު ބުނީ ލައްބައެވެ. އެވަރުންވެސް ދަރިފުޅު ނައުމުން މަންމަ ދަރިފުޅު ގާތަށްގޮސް ނާންނަން ތިއުޅެނީ ކީއްވެގެންތޯ ސުވާލުކުރުމުން ދަރިފުޅު ބުނީ މި އުޅެނީ މިތަނުން ނުފޭބިގެންކަމަށެވެ. އެ ވާހަކަ މަންމަ ގާތު ނުބުނީ ކީއްވެތޯ ސުވާލުކުރުމުން ދަރިފުޅު ބުނީ މަންމަ އެކަމާއި ގުޅޭގޮތުން ސުވާލެއް ނުކުރައްވަމު ނޫންތޯއެވެ. މަންމަ އަބަދުވެސް ބުނުއްވަނީ :ލައްބަ: ކިޔައިގެން ވާހަކަ ދެއްކުމަކަށް ނޫންތޯއެވެ. ދަރިފުޅު އެހެން ބުނުމުން މަންމައަށް ހީލެވުނެވެ.
ވިސްނާލަމާ ހިނގާށެވެ. ދަރިފުޅަށް އެހެން މީހެއްގެ ފަރާތުން ގޯނާއެއް ލިބުމަށް މަގުފަހި ވެދާނެކަމަށް ގަބޫލުކުރެވޭތޯއެވެ. އެފަދަ ހާލަތެއްގައި ދަރިފުޅަށް “ލައްބަ” އޭ ބުނެވިއްޖެނަމަ ކަންވެގެންދާނެގޮތް ހިތަށް ސިފަވޭތޯއެވެ. މާތް ބަހުރުވައިން ކުދިންނަށް ވާހަކަ ދައްކަން ދަސްކޮށް ދޭން އުޅުމަކީ މައްސަލައެއް ނޫނެވެ. ނޫނެކޭ ބުނަން ޖެހޭ ހާލަތްތައްވެސް އަންނާނެކަން ދަރިފުޅަށް ބުނެދޭށެވެ. ތިމާގެ ހަށިގަނޑަކީ ހުރުމަތްތެރިވެގެންވާ މާތް ހަށިގަނޑެއްކަން ބުނެދޭން ވާނެއެވެ. ހަށިގަނޑަކީ ބަލަހައްޓަންޖެހޭ އަމާނާތެއްކަން ކުއްޖާއަށް އަބަދުވެސް ހަނދާންކޮށްދޭށެވެ.
ރަގަޅު އަތްލުމާއި ގޯސް އަތްލުން ދަރިފުޅަސް ރަގަޅަށް ކިޔައިދޭށެވެ. ރަގަޅު އަތްލުމެއްކަމަށް ބެލެވޭނީ އެ އަތްލުމަކުން އެކުއްޖެއްގެ ހިތަށް ނުތަނަވަސްކަން ގެނަސްނުދޭ އަތްލުންތަކެވެ. މިސާލަކަށް ސަލާމްކޮށްލުން، ޓީޗަރ ނޫނީ މައިންބަފައި ލޯބިން ބޮލުގައި ނޫނީ ބުރަކަށީގައި ފިރުމާލުން އެއީ ރަގަޅު އަތްލުމެއްކަމަށް ބެލެވިދާނެއެވެ. ގޯސް އަތްލުމަކީ އެއަތްލުމަކުން އެކުއްޖާގެ ހިތަށް ނުތަނަވަސްކަން ގެނެސްދޭ ކޮންމެ އަތްލުމެކެވެ. އެދަފަ ދަނޑިވަޅުތަކުގައި ނޫނެކޭ ބުނަންޖެހޭނެކަން ކުއްޖާއަށް ދަސްކޮށްދޭން ވާނެއެވެ. ކުއްޖާ ހިތްހަމަޖެހޭ ކަންކަމާއި ހިތްހަމަ ނުޖެހޭކަންކަންވެސް މަންމަ ނޫނީ ބައްޕައާ ހިއްސާ ކުރުމަށް ކުއްޖާ ގާތު ބުނަންވާނެއެވެ. ކުއްޖާއަށް ކަމެއް ދިމާވިނަމަވެސް މައިންބަފައިން މާބޮޑަށް ހާސްނުވެ އެވަގުތުގައި އަޅަންޖެހޭ ރަގަޅު ފިޔަވަޅު އަޅާށެވެ. ދިމާވި ކަންތައް ކަމާބެހޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކާއި ހިއްސާ ނުކުރާށެވެ. އެއީ އެކަމުން ކުއްޖާއަށް ނަފްސާނީގޮތުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.