ރަހުމާނުގެ ހަޔާތުގެ ދިގު ދަތުރު. އެންމެ ގާތް އެހީތެރިއަކީ ސަކީނާ.

މއެިން-2.jpg

ރަހުމނާއި ސަކީނާ ، ކައިވެންޏަށް 60 އަހަރު.

އަހަރެންގެ ގެއަށް އައިސް ގޮސްވާ މަގުގައި ހުންނަ ގެއެއްގެ ދޮރުމަތީގައި އާދައިގެ ގޮނޑިއެއްގައި އިށީދެލައިގެން އިންނަ އެމީހާ ފެންނަ ކޮންމެ ފަހަރަކު ހަނދާންތައް ފަހަތަށް ގޮސް އޮބާލައެވެ. ފަރުވާތެރިކަމާއެކު ބަލާލެވެއެވެ. މަޑުމަޑުން މެރެމުންދާ ދެލޮލާއި ވަރުބަލިވެފައިވާ މޫނު ފެނުމުން އޭނާގެ 88 އަހަރުވީ ހަޔާތުގެ ބައްތީގެ ހުޅުކޮޅު ނިވެން އުޅޭހެން ހީވެއެވެ.

ހާލާތުގެ މަޖްބޫރީއާއެކު އެގޮނޑީގައި މިއަދު އިންނަން ޖެހިފައިވިޔަސް އޭނާގެ ދުވަހުގައި އެއީ އޭދަފުށީގެ ހީރޯއެކެވެ. ރަށުގެ އިޖްތިމާއީ ހަރަކާތްތަކުގައި ކުރީސަފުން ފެނުނު ޒުވާނުންގެ ނަމޫނާ އެކެވެ. ޒުވާނުންގެ ޗެމްޕިއަންގެ ގޮތުގައި ލޭބަލް ކުރެވުނު މި އިންސާނާގެ މޫނުން މިހާރު މި ކިޔައިދެނީ ތަފާތު ވާހަކައެކެވެ. ކޮންމެ އިންސާނަކަށްވެސް ދުނިޔޭގެ ގާނޫނު ހިނގާނެކަމެވެ. އިއްޔެއާއި މިއަދާއި މާދަމާއަކީ އިންސާނީ ހަޔާތުގައި ކުރިމަތި ލާން ޖެހޭނެ ތަފާތު ތިން ދަންފަޅިކަމުގެ ޝައްކެއްނެތް ޔަގީން ކަމެވެ. ވިސްނައިފި މީހަކަށް މިއީ އިބުރަތްތެރި ފިލާވަޅެކެވެ.

ހަނދާނުގެ ރާޅުބާނިތައް މާދުރުން ފަށައިގެން މިއަދާ އަރާ ހަމަކުރާއިރު އެއީ ހާދަހާ ގިނަ ވާހަކަ ތަކެކެވެ.  88 އަހަރުވީ މި އިންސާނާގެ ހަޔާތުގެ ދިގުދަތުރު ފޮތެއްގެ ސިފައިގާ ނިއުޅާލާއިރު މި ދަތުރުނާމާ އިން އެނގިގެންދާނެ ގިނަ ކަންތައްތަކެއްވެސް ހުންނާނެއެވެ.

އަހަރެންގެ މާޒީގެ ފޮތުގައި މި ފަހަރު ބުކްމާކް މި ކޮށްލަނީ އޭދަފުށީ ޕޭންޓްލޭންޑް އަބްދުއްރަހުމާން ހަސަންއެވެ.

އަބްދުއްރަހުމާން ހަސަން، ނުވަތަ ނައިބު ހަސަން ރަހުމާނު އުފަންވީ އޭދަފުށީގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ އުނގަށެވެ. ރަހުމާންގެ ބައްޕަ ހަސަން އަހުމަދު، ނުވަތަ ނައިބު ހަސަނަކީ އޭދަފުށީގައި އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ބާރެވެ. އެއީ އޭދަފުށީގެ ނައިބެވެ. ވެރިކަމުގެ ފަރާތުން މި ބާރަކަށް އަމުރެއް ނުފޯރުވައެވެ. އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކީ ވަރި ކައިވެންޏެވެ. އާކަމަކަށް ފާހަގަ ކުރެވެނީ ނަމާދު ނުކުރާ މީހުން ހޯދައި ދުއްރައިން ތެޅުމެވެ.

“މިސްކިތުގެ ފާރުގައި އެލުވާފައި ހުންނާނެ ރައްޔިތުންގެ ނަންތައް ލިޔެފައި ހުންނަ ފިލައެއް. އެ ބަލައިގެން ނަމާދު ނުކުރާ މީހުން ހޯދަނީ.” ރަހުމާނު ސާފު ކޮށްދިނެވެ. “ޚާއްސަކޮށް ހުކުރު ދުވަހު ހަވީރު ބައްޕަ ނުކުންނާނެ އެދުވަހު ހުކުރަށް ނުދާ މީހުން ހޯދަން. އެމީހުން ހޯދައި ދުއްރައިން ތަޅާނެ. ބައްޕަގެ އެންގުމަށް އެކަން ކުރަނީ އޭދަފުށީ ފެންވިލާގޭ މުހަމަދު ހަސަން ( ބޮޑުދޮންބެ މޮހޮނދު ) އެވެ.

ނައިބު ހަސަނަކީ ވަރަށް ގިނަ ދުވަހު ވިޔަފާރި ކުރި މީހެކެވެ. ވިއްކައި އުޅުނީ ދުންފަތުގެ ބާވަތްތަކާއި ފޯކާއި ސުއްޓާ ފަދަ ޒުވާނުން ދެވި ހިފާ އެއްޗިއްސެވެ. އަދި އަބަދުވެސް ދޮންކެޔޮ ވިއްކާކަމަށް ރަހުމާނު ބުންޏެވެ.

އަހަރެމެންގެ ހަޔާތުގައި ނައިބު ހަސަން ފެނިފައިވަނީ މުސްކުޅިވެ މަސައްކަތުން އެކަހެރިވެ ހުންނަވަނިކޮށެވެ. އޭރުވެސް ކުޑަކޮށް ވިޔަފާރި ކުރައްވައެވެ. ވަރަށް ގިނަ ވަގުތު މިސްކިތުގައި ހޭދަކުރައްވައެވެ. ލިބިފައިވާ ތަނަވަސްކަމުން ހޭދަކުރެއްވުމުގައި ނަމޫނާ ދެއްކެވި އެވެ. ކިޔަވާ ކުދިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އިނާމު ދެއްވުމާއި ސަދަގާތް ކުރުމުގައި އެއަށްވުރެ ކުރިއަރާފައި ހުރި މީހަކު އޭރަކު އޭދަފުއްޓަކުން ނުފެނެއެވެ.

ރަހުމާނު ހޭލައިގަތްއިރު އޭދަފުއްޓަކީ މީހުން އުޅޭ ސަރަހައްދަށް ވުރެ ވާ ބޮޑު ގަސްގިނަ ރަށެކެވެ. މަދަރުސާ ހުއްޓެވެ. އެކަމަކު އެދުރު ދައިތައިންނާއި އެދުރުބޭގެ ގެއަށް ގޮސް ގުރުއާން ކިޔެވުމާ ތާނަ ދަސްކުރުން ފަދަ އިބްތިދާއީ ތައުލީމުދީ އުޅުނީ މި ގޭގޭގެ އަށި ތަކުގައެވެ. ފޮތާއި ފަންސުރުގެ ބަދަލުގައި ބޭނުން ކުރަނީ ވޮށުފިލާ އާއި ކުދިންނަށް ގެންގުޅެވޭ ވަރަށް އޭފޯ ސައިޒް ގަނޑަކާ އެއްވަރަށް ލަކުޑި ފިލާ ކޮޅަކުން ހަދާފައިވާ ބޯޑެކެވެ. އެއަށް ކިޔަނީ ފިލައެވެ. މަދަރުސާ އަށް ވައްދަނީ ހަތެއް ނޫނީ އަށް އަހަރުގައެވެ. އޭރު ކުއްޖާ ހުންނާނީ އަރަބި އަކުރާ ތާނަ އަކުރު، ފިލިތަކާއެކު ދަސްކޮށް އައްމާފޮތުންވެސް  މިންވަރެއް ދަސްކޮށްފައެވެ.

އޭދަފުށި މީހުން ދިރިއުޅުމަށް ކޮށްއުޅުނީ މަސްވެރި ކަމެވެ. އަންހެނުން ބޮނބި ތަޅައިގެން ރޯނު ވަށައެވެ. ތިން ހަތަރު ރައިވެރިން ރަށުގައި ރާ އަރާތީ ދިވެހިހަކުރު އޮންނަނީ ތިޔާގި އެއްޗަކަށް ވެފައެވެ. ކުނާ ސާންތި ވިޔާ މީހުން މަދު މަދުން އުޅެއެވެ. ގޯތީގައި ކުޑަކުޑަ ގެއެއް އަޅާފައި ބޮޑުބައި ބޭނުން ކުރަނީ ގަސް ހެއްދުމަށެވެ. ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް ބަނބުކެޔޮ ގަހެއް ހުންނާނެއެވެ. ފަސޭހައިން ހެއްދޭ ތަރުކާރީ އާއި މޭވާގެ އިތުރުން ފަތްކޭލެވެ. ކާބޯތަކެތި ދަތި ދުވަސްވަރު ކައިރި ފަޅު ރަށްރަށުގައި ބިންބިއާއި ޒުވާރި އަދި ދޮނަޅަ ފަދަ ގޮވާން ހައްދައިގެން ކައިބޮއި އުޅުމަކީ އޭރު ފޯރީގައި ކުރަމުން އައި ކަންކަމެވެ.

މަދަރުސާއިން ނިމިގެން އެހެން ޒުވާނުންނެކޭ އެއްފަދައިން ރަހުމާނު ދިޔައީ މަހަށެވެ. އެކަމަކު މިކަމުގައި އޭނާއަށް ކެތްކޮށްލެވުނީ ކުޑަ ދުވަސް ކޮޅަކުއެވެ. މިއީ އަސްލު ދިރިއުޅުން ނޫންކަމާއި ކޮންމެވެސް މަޖްބޫރީއެއް މިކަމުގައި ވާކަމަށް ގަބޫލު ކުރެވުނީއެވެ. ނޫކަށި ފުރައިގެ ހިތްވަރު ހުރިނަމަވެސް ކުރާ ހިތް ނުވާ ކަމެއް ނުކުރެވޭނެތާއެވެ.

“ދުވާލު ހަތަރުދަމު ކަނޑުމަތިގައި ރޯއަވީގައި ބޮޑުފައިން ދިޔަ ހިއްކަން ޖެހެނީ. ހާއްސަކޮށް ވައިމަޑު ދުވަސްވަރު އަރާމަކަށް ހުއްޓާލޭނެ ވަގުތު ކޮޅެއްވެސް ނުލިބި އެންދަމައިގެން ނުކުތީއްސުރެ މަސް ބާނައިގެން ނޫނީ މަސްނުބޭނި ރަށަށް އައުމަށް މިސްރާބު ޖަހަންދެން އިންނަން ޖެހެނީ ދިޔަ ހިއްކާލަ ހިއްކާލާ. “މަސްވެރިކަން ދޫކޮށްލި ގޮތް ރަހުމާނު ކިޔައިދިނެވެ.

ދިރިއުޅުމާމެދު ރަނގަޅަށް ވިސްނުމަށް ފަހު އޭނާ ނިންމީ ކިޔަވަން މާލެ ދާށެވެ. މޮޅު މީހަކަށްވުމަކީ ކުރިންވެސް ދެކޭ ހުވަފެނެކެވެ. ބައްޕަވެސް ބޭނުންވާ ގޮތެވެ.

އެއީ އަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު ރާއްޖޭގެ ވެރިކަމަށް ބަސްކިޔަމުން ދިޔަ ދުވަސް ވަރެވެ. ކިޔަވަން މާލެ ގޮސް ރަހުމާނަށް ކާމީނީ ގޭގައި ހުރެވޭގޮތް ވުމަކީ އޭނާގެ ނަސީބެވެ. ރައީސް މައުމޫނާއި އަލްމަރުހޫމް އަބްދުﷲ ހަމީދު އާއެކު މަޖީދިއްޔާއަށް ވަނުމުގެ ފުރުސަތު ލިބުނީ އެހެންވެގެންނެވެ. މަޖީދިއްޔާ ސްކޫލަށް ވަނީ މައުމޫނާއި ހަމީދުއާއިއެކު ތިން މީހުން އެއް ކްލާހަށެވެ. އެކަމަކު މި ލިބުނު ރަނުގެ ފުރުސަތު ނަގާލީއެވެ. ރަށް ހަނދާން ވާވަރުން ކިޔަވަން ދާހިތެއް ނުވިއެވެ..

“ރޭގަޑު ދަންވަރުވެސް ރަށް ހިތަށް އަރާފައި ހަމަރޮވެނީ. ރަށުގެ މީހަކުވެސް ރާއްޖެ ތެރޭގެ މީހަކުވެސް މާއްޑޫ ކަތީބު އަލްމަރްހޫމް ހުސެން އަލީ ނޫނީ ނުފެނޭ. ވަރަށްތަފާތު ދިރިއުޅުމެއް. އެހެންވީމާ މާލޭގައި ހުންނަ ހިތް ނުވީ.” ކިޔެވުން ދޫކޮށްލައި އެނބުރި ރަށަށް އައިގޮތް ރަހުމާނު ކިޔައިދިނެވެ.

މިހެދުނި ގޯހެއްކަމާއި ރަނުގެ ފުރުސަތެއް ނަގާލެވުނު ކަމުގެ އިހުސާސް ކުރެވުނީ ރަށަށް އައި ފަހުންނެވެ.  އަނެއްކާވެސް އަލުން މާލެއަށް އެނބުރި ދާން ބޭނުންވިއެވެ.

ހިތްހަމަ ނުޖެހިފައި ހުރި ބައްޕަގާތު އެވާހަކަ ބުނުމުން އުފަލުން ގޮތެއް ނެތެވެ.

ދެންވެސް ރަހުމާނަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އޭރުގެ ވުޒާރަތުލް މައާރިފް(ތައުލީމާ ބެހޭ ވުޒާރާ) ގެ ފަރާތުން ހުޅުވާލި ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތެވެ.

މި ފަހަރު އޭނާ ރޭދުވާ އެއްކޮށްލީ ކިޔެވުމަށެވެ. ނަތީޖާވެސް ރަނގަޅެވެ. މާލޫދު ފަށާ ހުއްޓުމުގެ ސަނަދުން ފެށިގެން ވެރިކަމުގެ ސަނަދާއި ނައިބުކަމުގެ ސަނަދު ހޯދުމަކީ އެޒަމާނުގައި ވަރަށް ބޮޑު ވަރެކެވެ. ރަހުމާނު ރަށަށް އައީ އެކަން ފުރިހަމަ ކޮށްފަ އެވެ.

އެބުރި ރަށަށް އައިއިރު އަތޮޅުގައި ވާރުކަން ކުރަނީ ދަރަވަންދޫގައެވެ. އަތޮޅުވެރިއަކީ މަނާގޭ ސައީދު އެވެ.

ސައީދު އޭނާއަށް ފުރަތަމަ ދިނީ މާޅޮހުގެ ނައިބު ކަމެވެ. ވަޒީފާ އަދާ ކުރަމުން އައީ އޭދަފުށީގައި ހުރެގެންނެވެ. މާޅޮހަށް ދަނީ އެރަށުގައި ކައިވެންޏެއް ނުވަތަ ހުކުރެއް ކުރަން އެމީހުން ބަލާ އައުމުންނެވެ.

ނައިބު ކަލޭގެ ކުރާނެ އެހެން ކަމެއް ދެން ނޯންނަނީ ހެއްޔެވެ؟

“އާނ. ވަރަށް ނުހުރޭ. ފާހަގަ ކުރެވޭ އިތުރު ކަމަކަށް އޮންނަނީ ވަލު ތެރޭގައި ހުންނަ ރުއް ރުކުގައި ނަން އަޅައިގެން އެކަކު އަނެކަކަށް ވަގަށް ގޮވުމާއި އެކަކު އަނެކަކަށް އައުގުރާނަ ގޮވުން ކަހަލަ ކަންތައް.”

އެވަޒީފާގައި ދެއަހަރާ ބައި ހޭދަކުރިތަނާ މަލަން ދޮހުއްތު އަތޮޅު ވެރިކަމުގައި ރަހުމާނު ބަދަލު ކުރެއްވީ ގޮއިފުޅަ ފެހެންދޫގެ ނައިބުކަމަށެވެ. މިއީ އާދައިގެ ތިން ރަށެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ކުށްވެރިން އަރުވާލަން ހަމަޖެހިފައިވާ ތިން ރަށެވެ. ސިޔާސީ ކުށްވެރިން ގޮއިދުއަށެވެ. ޒިނޭއާއި ބަދު އަޚްލާގީ އަމަލު ހިންގާ މީހުން ފެހެންދުއަށެވެ. ފުޅަދުއަކީ މަރާއި މާރާމާރީގެ މައްސަލަތަކުގައި މީހުން އަރުވާލާ ރަށެވެ. ކުށްވެރިންނާ ބެހޭ ކަންކަން ހިންގެވުމަށް އޭރު ސަރުކާރުން ގޮއިދޫގައި ގާއިމު ކޮށްފައި ހުންނަ “އަރުވާލި، ފޮނުވާލި މީހުން ބަލަހައްޓާ ވެރިޔާގެ އޮފީސް” (އބވ އޮފީސް)ހިންގަވަމުން ގެންދެވީ ތުއްތީދި ދޮންމަނިކެވެ.

އެއީ 1962 ވަނަ އަހަރެވެ. ނައިބު ކަމުގެ މުސާރައަކީ މަހަކު 60ރުފިޔާ އެވެ. އޭރަށް ބެލި ނަމަވެސް އާއިލާއެއް ގޮވައިގެން އުޅެވޭ ވަރުގެ އާމްދަނީއެއް ނޫނެވެ. ދަރިންގެ ހައްގުގައި އެހެން ގޮތެއް ހޯދަން މަޖްބޫރު ކުރުވީ އަނބިމީހާ ސަކީނާ އެވެ. ސަކީނާ އަކީ ދިރިއުޅުމުގެ ކޮންމެ ހިނދެއްގައި އޭނާއަށް މަގު ދައްކައިދިން އާރުކާޓީއެވެ.

ރަހުމާނުގެ އުމުރުން 28 އަހަރުގައި އޭދަފުށީގައި އޭރު ރީތިކަމަށް އެންމެ އަޑު ކިޔާފައި ހުރި ސަކީނާ އާއި ކައިވެނި ކުރިއިރު ސަކީނާގެ އުމުރަކީ އެންމެ 15 އަހަރެވެ.

ދިރިއުޅުމަށް އެހެން މަގެއް ހޯދުމަށް ސަކީނާ ރަހުމާނު އަތުގައި ހިފައިގެން ކޮޅަށް ނެގޭތޯ މަސައްކަތް ފެށީ އެހިސާބުންނެވެ. ފުރަތަމަ ދިނީ ވިޔަފާރިއެއް ފެށުމުގެ ޚިޔާލެވެ.

ގޮއިދޫ މީހަކު އަތުން ބައްޕަ ގަނެފައިވާ އީގަލް ބައްތެލި އޭރު އޮތީ ދަތުރުތައް ފަށަން ތައްޔާރު ވެފައެވެ. އެބައްތެލީގެ ނެތްވަކީ ރަހުމާނެވެ. މާލީމީއަކީ އޭދަފުށީ ލައިނޫފަރުމާގޭ ކުޑަހޮއްކޮ އެވެ. އެއީ ފޭލި ވިއުމަށް މަޝްހޫރު އޭދަފުށީގައި އެސިނާއަތް ދިރުވޭތޯ މަސައްކަތް ކުރި ފަހުމީހާ އެވެ.

މާލެއާ އޭދަފުއްޓާ ދެމެދު ދަތުރު ކުރާ މި ބައްތެލިން މުދާ ގެނައުން ރަހުމާނަށް އުނދަގުލެއް ނުވާނެއެވެ. އެހެންވެ 1968 ގައި މައިބަފާގެ، ކަންމަތީގޭ ފެންޑާގައި ވިޔަފާރި ފެށި އެވެ. ވިޔަފާރި ކުރަމުން ދިޔައީ ފައިސާއަށް ވުރެ ބޮޑަށް ބާޓާ ސިސްޓަމަށެވެ. މުދަލަށް މުދާ ދޭ ގޮތަށެވެ. މައިގަނޑު މުދަލަކަށް ވިއްކަނީ ކާޑުގެ ބާވަތްތަކެވެ. ރައްޔިތުންނަށް ކޮންމެހެން ބޭނުންވާނެ މުދާވެސް ހިމަނައިގެންނެވެ. ވިއްކަމުންގެންދިޔައީ ކާޑުގެ ކޮންމެ ބާވަތެއް ވިޔަސްމަސް ރާތަލަކަށް 3 ރާތާ މަގުންނެވެ. (1ރާތާ =455 ގްރާމް)

ބައްޕަގެ އާގެ، ‘ޕޭންޓްލޭންޑް’ އަށް ބަދަލު ވިއިރުވެސް ރަނގަޅު ނަފާއާއެކު ވިޔަފާރި ކުރިއަށް ދެއެވެ.  ހިންގަނީ ސަކީނާއެވެ. ރަހުމާނުގެ ޑިއުޓީއަކީ ސަކީނާ ބޭނުންވާ މުދާ މާލެއިން ގެނެސްދިނުމެވެ.

އަހަންނަށް ރަހުމާނުއާ ފުރަތަމަ ބައްދަލުވީ އުމުރުން ވަރަށް ކުޑައިރު އޭނާގެ ގެއިންނެވެ. އާއްމުކޮށް ރޭޑިއޯ ނުގެންގުޅޭ އެޒަމާނުގައި ރައްޓެހިން ކޮޅަކާއެކު އެގެއަށް ގޮސްއުޅެނީ ރޭގަނޑު 7ޖަހާއިރު ރޭޑިއޯ މޯލްޑިވްސް އިން ފޮނުވާ ދިވެހި ލަވައިގެ ޕްރޮގްރާމް އަޑުއަހައިގެން އެލަވަތައް ލިޔާށެވެ. އެއީ މަސްއޮޑި އާއިލާ ގެ އިތުރުން މާލޭ އޯކިޑްކްލަބާއި ރާނީ ކްލަބްގެ ލަވަތަކުގެ ރަން ޒަމާނެވެ. ވަރަށް ގިނަ ފަހަރު އަހަރެމެން ގާތަށް އައިސް ސަމާސާކޮށް މި ލަވަތައް ކިޔާ މީހުންގެ އަމިއްލަ ދިރިއުޅުމާ ބެހޭ މައުލޫމާތު ހިއްސާ ކުރާނެއެވެ. މިހާރުވެސް އޭނާ ފެންނަ އިރު އެ ހަނދާންތައް އާވެއެވެ.

ސަކީނާގެ ލަފައާއި އެއްގޮތަށް ރަހުމާނު ދެން ހޯދީ މަސް ދޯންޏެކެވެ. އޭދަފުށީގެ އެންމެ ބޮޑު އެއް އާއިލާ، ކާށިދޫ އާއިލާއަކީ ސަކީނާގެ އާއިލާ ކަމަށް ވެފައި އެއާއިލާގައި ސަކީނައްތަ ކިޔާ ހުރިހާ ނޯޖަވާނުން ތިބީ ސަކީނާގެ ކޮންމެ އިޝާރާތަކަށް ނަށަނަށައެވެ.

އެގޮތުން ރ.އަތޮޅު މީދޫން ގަތް 19 ރިޔަނުގެ މަސްދޯނީގައި މަސް ކަނޑަށް ނުކުތީ އާއިލާގެ ޒުވާނުންނެވެ. އާމްދަނީ ލިބޭ އިތުރު ދޮރެއް ހުޅުވުމުން ރަހުމާނުގެ ތަނަވަސްކަން ވެސް އިތުރު ވަމުން ދިޔައެވެ. އެދޯނި އަހަރެއްހައި ދުވަހު ދުއްވާފައި ވިއްކާލީ އާ ދޯންޏެއް ބަނދެފައެވެ. އޭގެ ފަހުންވެސް ދެ ދޯނި ބަނދެ ދޯނިފަހަރު ވިއްކުމުގެ ވިޔަފާރި ވެސް ކުރިއެވެ.

އަސްލު ”ނައިބު ހަސަން ރަހުމާނު” މީހުންނަށް ފެނުނީ އޭގެ ފަހުންނެވެ. މަސްވެރިކަމުން ލިބުނު ތަނަވަސްކަމާއެކު ގެއަށް ލިބިފައިވާ ދިރުމުންނެވެ. ނާލު ބައްތެއްޔަކާ ފަޅުރަށަކާ އަމިއްލަ ވިޔަފާރިއާ މަސްދޯންޏެއްގެ އިތުރުން ވެސް އާމްދަނި ލިބޭ އެހެން ވަސީލަތްތައް ހުރުމުން ގޭތެރޭގެ ކާރޫބާރޫ ބޮޑުވެ ރަށުގެ މުއްސަދިންގެ ތެރޭގައި ގުނެވިގެން ދިޔައެވެ. މި ހިސާބުން ނިމުނީއެއް ނޫނެވެ. ސަރުކާރަށްވެސް ރަހުމާނު ފެނުނީއެވެ. އޭދަފުށީ ކުޑަކަތީބުކަމުގެ މަގާމު ރަހުމާނަށް ހުށައެޅުނީއެވެ.

އެކަމަށް އާނއެކޭ ބުނީ ސަކީނާގެ ގަބޫލަކު ނޫނެވެ. އެހެންނަމަވެސް ބަދަލަކަށްވެސް ބޭނުންވެގެންނެވެ. އެކަމަކު މި ބަދަލު ކަމަކު ނުދިޔައެވެ. ތަނަވަސް ކަމަށް އަސަރު ކުރަން ފެށީއެވެ.  ސަކީނާ އާއި ރަހުމާނުގެ ދިރި އުޅުމުގެ އެންމެ ބޮޑު މަގްސަދަކީ ދަރިންނަށް ރާއްޖެއިން ލިބެން ހުރި އެންމެ މަތީ ތައުލީމު ދިނުން ކަމަށްވެފައި އެހިސާބަށް ދެވެން އޮތީ މާލެ ފޮނުވައިގެންނެވެ. އެކަމަށް ބޭނުންވނީ ބައިވަރު ފައިސާއެވެ. އެހެންވީމާ އެމީހުންގެ ތަނަވަސް ދިރިއުޅުން އަސުރުން ލަނބާލުމަކީ ވެގެންވާނެ ގޮތެއް ނޫނެވެ.

ވެރިކަމުގެ ބާރު ދޫކޮށްލީ އެހެން ވެގެންނެވެ.

އެދެމަފިރިންގެ ހަ ފިރިހެން ދަރިންނާ ހަ އަންހެން ދަރިންނަށް ކިޔަވައިދިނުމަށް ރަހުމާނު ވަރަށް ބޮޑު ގުރުބާނީއެއް ވިއެވެ. ބުރަ އުދަނގޫ އަހަރުތަކެއް ވޭތު ކުރިއެވެ. މީހަކަށް ނާންގައެވެ. މީހެއްގެ ގާތުގައި ނުބުނެއެވެ. މާލެ ފޮނުވައިގެން އެކިކުދިން އެކި ގޭގައި ބައިތިއްބައިގެން ކިޔަވައި ދިނުމުގައި ދިމާ ވާނެ ހުރަސް ތަކާ ބޮލަށް ކުރާނެ ބާރު އެނގޭނީ އެކަން ތަޖުރިބާ ކުރި މީހަކަށެވެ. އެއީ ގިލަންވެރި ވާހަކަތަކެކެވެ. ބައެއް ފަހަރު ކަރުނައަޅާ ރޯން ޖެހުނެވެ. ހަނދާނެ ގޮތް ހުސްވާ ހިސާބަށް ދިޔައެވެ.  ތަފްސީލަށް ދާކަށް އޭނާ ބޭނުމެއް ނޫނެވެ….. މާޒީގެ އެކަޅު ސަފްހާތައް ނިއުޅައިގެން ހިތަށް ތަދުވުން ނޫން އެހެންކަމެއް ނުވާނެ ވިއްޔާއެވެ.

އެކަމުގައި ބައްޕަ ހޭދަކުރި އުނދަގޫދުވަސް ވަރުގެ ވާހަކައިން ކުޑަތަންކޮޅެއް ވެސް ދަރިންނަށް ކިޔައެއް ނުދެއެވެ. އެހިތާމަތަކުގައި ދަރިން ބައިވެރިކުރަން ބޭނުން ނުވާތީއެވެ. އެކަމަކު ހުރިހާ ކުދިންނަށް ކިޔަވައިދީ ނިންމާލިއެވެ. އޭނާގެ ހިތުގައި އޮތްގޮތަށް ގިނަ ކުދިންނަށް މާލޭގެ ނަންހިނގާ ސްކޫލްތަކުން ރާއްޖެއިން ލިބެން ހުރި އެންމެ މަތީ ތައުލީމު ދީފައެވެ.

ނިންމާލުމުގެ ކުރިން ރަހުމާނު އަދިވެސް އެއްފަހަރު އޭނާގެ ދިރިއުޅުމަށް ސަކީނާ ގެނެސްދިން ހިތްފަސޭހަ ކަން ހަނދާން ކުރިއެވެ. “ކޮންމެ ދިރިއުޅުމެއްގައިވެސް މައްސަލަ ތައް ހުންނާނެ. އެގޮތުން މައްސލައެއް ނުޖެހެއޭ ނުބުނާނަން. އެކަމަކު އަނތްބެއްގެ ގޮތުން ބެލިޔަސް އެއީ ހަމަ ލާމަސީލު. މަންމައެއްގެ ގޮތުން ބެލިޔަސް އޭގެ ދެވަނަ އެއް ނުހުންނާނެ. 12 ދަރިން ގެންގުޅެ ތަރުބިއްޔަތާ ތައުލީމު ދިނުމުގައި ސަކީނާގެ އަތް އަހަރެންގެ އަތަށް ވުރެ މާ ދިގުވާނެ.” ސަކީނާއަށް ތައުރީފުގެ ބަސް ތައް އޮއްސަމުން ރަހުމާނު ބުނެލިއެވެ.

ރަހުމާނުގެ ގިނަ ކުދިން މިހާރުވެސް ތިބީ ގައުމީ ޚިދުމަތުގައެވެ. ތައުލީމީ ދާއިރާތަކުގައެވެ. ގައުމުގެ ދިފާއީ ބާރުގައެވެ. މައިންބަފައިންގެ ފަރާތުން ލިބުނު ތަރުބިއްޔަތުގެ ބޭނުން ކޮށްގެން އަޚުލާގު ރަނގަޅު އާއިލާއެއް އުފައްދަމުންނެވެ. އުފަލަކީ މިއެއް ނޫންތޯއެވެ.

މިއަދު އެގޮނޑީގައި އިށީދެލައިގެން އިން ރަހުމާނުގެ މޫނުން ފެންނަ ވަރުބަލި ކަމާއި މަޑުމަޑުން މެރެމުން ދާ ދެލޮލުން ސިފަ ކުރެވެނީ ވަރުގަދަ ހަނގުރާމައަކުން ފަތަހަ ހޯދައިގެން އައިސް އިން ފާތިހެއްގެ ގޮތުގައެވެ. ދުނިޔެއިން ބޭނުންވާ ހުރިހާކަމެއް ފުރިހަމަ ކުރުމަށް ފަހު އާޚިރަތުގެ ދަތުރަށް ތައްޔާރުވެގެން އިން ދަތުރުވެރިއެއްގެ ގޮތުގައެވެ.

އަހަރެން އަހާލީމެވެ. “ދަރިންގެ ފަރާތުން ރަހުމާނު އިތުރަށް ބޭނުން ވަނީ ކޮންކަމެއް ހެއްޔެވެ؟

ޖަވާބުގައި އޭނާ އަހަންނާ ކޮށްލީ ސުވާލެކެވެ.” އިތުރަށް ދެން ބޭނުން ވާން އޮތީ ކޮންކަމެއް؟ އެހުރިހާ ކުދިން އެތިބީ ބަސް އަހައިގެން ކިޔަވައިގެން. މަންމައާއި ބައްޕަދެކެ ލޯބިވޭ. މައިންބަފައިންގެ ހިތުގައި ޖެހޭ ކަމެއް ނުކުރޭ ދުވަހަކުވެސް.”

އެކަމަކު ދަރިންގެ ފަރާތުން މާކުރިން އެދޭ އެދުމެއް ފުރިހަމަ ނުކުރެވި އަދި އެބައޮތެވެ. އެވާހަކަ ބުނީ ރަހުމާނެއް ނޫނެވެ.ސަކީނާއެއްވެސް ނޫނެވެ. މަންމައަށް ރޯދަ މަހު އެހީވާން ގޮސް އިން ދަރިފުޅު ސާއިލާއެވެ.

“ދަރިން ބޮޑެތިވެ މީހުންނާ އިނދެގެން ވަކި އާއިލާއެއްގެ ގޮތުގައި އެކިކުދިން އެކި ދިމާއަށް ދާނެ ދުވަހެއް އަންނާނެ ވާހަކަ ދައްކަވަމުން ބައްޕަ ބުނުއްވާނެ، ބައްޕަގެ ގޭގައި ހުރިހާކުދިން އެކުގައި ދިރިއުޅޭތަން ފެންނާނެނަމަ ބައްޕަ ވަރަށް އުފާ ވާނެއޭ. ”

އެދަރިން އެއަޑު އަހައިފިއެވެ. ބައްޕައަށް މިއެދުން ފުރިހަމަ ކޮށްދޭން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ހުރިހާ ކުދިން ބައިވެރިވެގެން ބައްޕައަށް “ޕޭންޓް ލޭންޑް “އިން ލިބުނު ގޯތީގައި 7 ބުރި އިމާރާތެއް އަޅާފައި އެހެރީ ބައްޕަގެ އެންމެ ފަހުގެ އެދުން ފުރިހަމަ ކޮށްދިނުމަށެވެ. ބައްޕައާއި މަންމައާއެކު 12 ދަރިންގެ 12 އާއިލާ ދިރިއުޅެވޭ ގޮތަށް އޭދަފުށީގެ މަލަމަތީން ފެންނަ އެންމެ އުސްއިމާރާތަކީ އެއީއެވެ.

“އެއިމާރާތުގެ ތިރީބައި އެހެރީ މުޅިން ނިމިފަ. ބައްޕަ ބޭނުންވި ރޯދައަށް ތިރީބައި ނިންމާފައިއެ ގެއަށް ބަދަލުވާން. އެކަމަކު ޓީވީ ކޭބަލް ނުވެއްދޭތީވެ ބަދަލު ނުވީ.” ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ސާއިލާ އޮޅުން ފިލުވައިދިނެވެ.

 

 

 

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު